އިސްލާމޯފޯބިއާ: ހަލާލު ކާނާ ނުވިއްކާ ކަމަށް ބުނެ އިޝްހިހާރު ކުރި މީހާ ހައްޔަރުކޮށްފި

ލަންޑަންގެ ހެމަސްމިތުގައި ހިންގަމުން އައި "ރަންގްރޭޒް" ރެސްޓޯރެންޓުގެ ބޭރުގައި "ނޯ ހަލާލް" ނުވަތަ ހަލާލު ކާނާ ނުލިބޭނެކަން އަންގައިދޭ ބޯޑެއް ހަރުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ މުސްލިމުން ބުނަނީ އެއީ އެމީހުންނަށް ފޔރައްސާރަ ކުރުމެއް ކަމަށެވެ. ސިކު ދަރިކޮޅުގެ މީހާ މި ރެސްޓޯރެންޓް ހިންގާތާ 16 އަހަރުވެފައިވެއެވެ. ހަރްމަން ސިންގް ކަޕޫރް ނިންމާފައިވަނީ އޭނާގެ ރެސްޓޯރެންޓްގައި ހަމައެކަނި ސިކުންގެ ދީނީ އުސޫލު "ޖަޓްކާ" އަށް ކަތިލާފައިވާ މަސް ބޭނުންކުރުމަށެވެ.

އިސްލާމޯފޯބިއާގެ އަމަލެއްގެ ގޮތުގައި ސިފަކުރުން

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި މުސްލިމުން ބުނާ ގޮތުގައި، ހަމައެކަނި ވަކި ކަހަލަ މަހެއް ސާވް ކުރުމުގެ ބަދަލުގައި، ފާޅުކަން ބޮޑު ގޮތެއްގައި "ނޯ ހަލާލް" ޖަހާފައިވާ ބޯޑެއް ހަރުކުރުމަކީ މުސްލިމުންނަށް އަމާޒުކޮށް ހިންގި އިހާނެތި އަމަލެކެވެ. މިއީ މުސްލިމުން ބާކީކޮށް، އެމީހުންނާ މެދު ނަފުރަތު އުފެއްދުމަށް ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. "މިއީ ހަމައެކަނި ކާނާގެ ވައްތަރެއްގެ އިޚްތިޔާރެއްގެ ވާހަކައެއް ނޫން، މިއީ މުސްލިމުންގެ ޝުއޫރަށް ދިން އާތިފީ ހަމަލާއެއް،" އާންމުންގެ މީހަކު ބުންޏެވެ.

މި މައްސަލަ ހޫނުވެ، ރެސްޓޯރެންޓް ކުރިމައްޗަށް ގިނަ ބަޔަކު އެއްވެ މުޒާހަރާކުރަން ފެށުމުން އެކަން ބޮޑު ކުރިމަތިލުމަކަށް ވަނީ ބަދަލުވެފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ކަޕޫރް ވަނީ ސިކުންގެ ސަގާފީ ވަޅިއެއް ކަމަށްވާ "ކިރްޕާން" ހިފައިގެން ހުއްޓާ ފެނުމުން، ލަންޑަންގެ މެޓްރޯޕޮލިޓަން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ކަޕޫރް ބުނި ގޮތުގައި އޭނާ ވަޅި ގެންގުޅުނީ އަމިއްލަ ރައްކާތެރިކަމަށެވެ.

ކިރްޕަން އަކީ ސިކުން ގެންގުޅޭ ސަގާފީ 5 އައިޓަމްގެ ތެރެއިން އެކައްޗެވެ. އެ ފަސް އައިޓަމަކީ:

  • (ކެސް) ނުބާލައި ހުންނަ ތުނބުޅިއާއި ބޮލުގެ އިސްތަށި
  • (ކާރާ) ދަނގަނޑުން ހަދާފައިވާ އުޅާ
  • (ކަންގާ) ދަނގަނޑު ފުނާ
  • (ކަޗޭރާ) ޖަނގިޔާ
  • (ކިރްޕަން) ޖަންބިޔާއެއް ގޮތަށް ހަދާފައިވާ ވަޅި

ރެސްޓޯރެންޓް ބަންދުކުރުން

މި ހާދިސާއާ ގުޅިގެން އޮންލައިންކޮށް ލިބެމުންދިޔަ ނެގަޓިވް ރިވިއުތަކާއި، މުސްލިމުންނާއި ސަޕޯޓަރުންގެ މުޒާހަރާތަކުގެ ސަބަބުން ކުރިމަތިވި ފިއްތުންތަކަށް ކެތްނުކުރެވިގެން ކަޕޫރް މިހާރު ވަނީ ރެސްޓޯރެންޓް ބަންދުކުރަން ނިންމާފައެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ފުލުހުންގެ ފަރާތުން އޭނާއަށް އެކަށީގެންވާ ރައްކާތެރިކަމެއް ލިބިފައެއް ނުވެއެވެ.

ލަންޑަން ފަދަ ތަފާތު ދީންތަކާއި ސަގާފަތްތައް އުޅޭ ސަރަހައްދެއްގައި، އެއް ބައެއްގެ ދީނީ އުސޫލުތަކަށް އިހުތިރާމް ކުޑަވާ ގޮތަށް މިފަދަ ބޯޑުތައް ހަރުކުރުމަކީ މުޖުތަމައުގެ އެއްބައިވަންތަކަމަށް އެޅޭ ހުރަހެއް ކަމަށް މުސްލިމް މުޖުތަމައުން ގަބޫލުކުރެއެވެ. މުސްލިމުން ބުނާ ގޮތުގައި އެމީހުން ބޭނުންވަނީ އަވަށްޓެރިންނާއެކު ސުލްހަވެރިކަމާއެކު ދިރިއުޅުމަށެވެ. ނަމަވެސް މިފަދަ އަމަލުތަކުގެ ސަބަބުން ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިގެންދެއެވެ.

މުސްލިމުން ދެކެ ލަންޑަން މީހުން ބިރުގަންނަވަމުން މުސްލިމަކު މޭޔަރުކަމަށް ކެމްޕޭން ފަށައިފި

 

ހިއްސާ ކުރައްވާ!