ހުކުރު ދުވަހުގެ ސޫރަތުލް ކަހްފް: ކީރިތި ޤުރުއާނުގެ މެދުގައިވާ ކަލިމަ «وَلْيَتَلَطَّفْ»

ހުކުރު ދުވަހަކީ ނޫރާއި ބަރަކާތް ލެއްވި ދުވަހެއް ކަމުގައި ލައްވައި، އަދި ސޫރަތުލް ކަހްފު ކިޔެވުމަކީ ފިތުނަތަކުން ރައްކާތެރިވުމުގެ ސަބަބެއް ކަމުގައި ލެއްވި اللّٰه އަށް ޙަމްދު ހުއްޓެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ:

«من قرأ سورة الكهف يوم الجمعة أضاء له من النور ما بين الجمعتين»
(رواه الحاكم).
ހުކުރު ދުވަހު ސޫރަތުލް ކަހްފު ކިޔަވައިފި މީހަކަށް، ދެ ހުކުރު ދެމެދުގައިވާހާ ހިނދަކު ނޫރުން އަލިކޮށްދެއްވާނެތެވެ.
(ރިވާކުރެއްވީ އަލްޙާކިމް،).

ސޫރަތުލް ކަހްފު ކިޔެވުމަކީ ފިތުނަތަކާއި އެއިން ސަލާމަތްވުމަށް އޮތް މަގެކެވެ.
މަދާރިޖުއް ސާލިކީން ފޮތުގައި އިމާމް އިބްނުލް ޤައްޔިމް ވިދާޅުވިއެވެ:
ސޫރަތުލް ކަހްފަކީ ފިތުނަތަކުގެ ކުރިމަތީގައި ސާބިތުވެ ހުރުމަށް ހިތް ތަރުބިއްޔަތުކޮށްދޭ ސޫރަތެކެވެ.

وَلْيَتَلَطَّفْ… ޤުރުއާނުގެ މެދުގައިވާ ކަލިމަ

'އަލްއިތްޤާން ފީ ޢުލޫމިލް ޤުރުއާން' ގައި އިމާމް އައްސުޔޫޠީ ފަދަ ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި ގޮތުގައި، ކީރިތި ޤުރުއާނުގެ އަކުރުތަކުގެ ގޮތުން ބަލާއިރު މުޅި ޤުރުއާނުގެ އެންމެ މެދުގައި ވާ ކަލިއަމައަކީ، وَلْيَتَلَطَّفْ… މި ކަލިމައެވެ.

وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ۚ قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَابْعَثُوا أَحَدَكُم بِوَرِقِكُمْ هَٰذِهِ إِلَى الْمَدِينَةِ فَلْيَنظُرْ أَيُّهَا أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا ﴿19﴾
އެފަދައިން ތިމަންރަސްކަލާނގެ އެއުރެން (ނިދިން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެންގެ އެކަކު އަނެކަކާ ސުއާލު ކުރުމަށެވެ. އެއުރެންކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ. އެމީހުން ބުނޫއެވެ. ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ! އެމީހަކު އެންމެރަނގަޅު، ޙަލާލު ކާނާއެއް ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ! އަދި އެމީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ ޚަބަރު އެނގުނަދީގެން ނުވާނެއެވެ.

«وَلْيَتَلَطَّفْ» (.. މަޑުމައިތިރިވެ އުޅޭހުށިކަމެވެ!).

ޖަލާުއްދީން އައްސުޔޫޠީ ވިދާޅުވިއެވެ:
"اللّٰه އެކަލާނގެ ފޮތުގެ މެދުގައި އޯގާތެރިކަމަށް ދަލާލަތުކކޮށްދޭ ކަލިމައެއް ލެއްވީ، ހަރުކަށިކަމާއި މާބޮޑަށް ދޫދިނުމާ ދެމެދުގައިވާ މެދު މިންވަރަކީ އޯގާތެރިކަން ކަމުގައި ވުމަށެވެ." (الإتقان في علوم القرآن)

ޢިލްމުވެރިންގެ އަރިހުގައި މި ކަލިމައިގެ މާނަ

ފަޙުގެ މުފައްސިރުންގެ ތެރެއިން އިބްނު ޢާޝޫރު ވިދާޅުވިއެވެ:
"ލުޠުފަކީ (އޯގާތެރިކަމަކީ) ޙިކުމަތާއެކުވާ މަޑުމައިތިރިކަމެވެ. އެއީ މަޑުމަތިރި ކަން އިޚުތިޔާރު ކުރަންވީ ތަންތަން ދަންނަ ބުއްދިވެރިޔާގެ އަމަލެވެ." (التحرير والتنوير)

އަދި އައްރާޣިބުލް އަޞްފަހާނީ ވިދާޅުވިއެވެ:
"ލުޠުފަކީ: އަނެކާއަށް ނޭނގޭ ގޮތަށް އޭނާއަށް ހެޔޮކަން ފޯރުކޮށްދިނުމެވެ." (المفردات).

ﷲ އިންސާނުންނަށް އިޝާދު ދެއްވާފައިން: ޤުރުއާނުގެ ހިތަކީ… އޯގާތެރިކަމެވެ. އަދި ދީނުގެ ހިތަކީ… ރަޙުމަތެވެ!

ޤުރުއާނުގެ މެދުގެ ކުރިން އަންނަ ط އަކުރާއި އޭގެ ފަހުން އަންނަ ط އަކުރުތައް

ބައެއް ޢިލްމުވެރިން އިޝާރާތްކުރައްވާ ގޮތުގައި 'ޠާ' (طاء) އަކުރު ޤުރުއާނުގެ މެދުގެ ކުރިންނާއި ފަހުން ތަކުރާރުވެއެވެ. އަދި وَلْيَتَلَطَّفْ މި ކަލިމަގެ ط ގެ ކުރިއަށް އަންނަ ހުރިހައި ط އަކާއި ފަހަތަށް އަންނަ ހުރިހައި ط އެއްވެސް އަދަދުގެ އެއްވަރު ވެއެވެ.

މި ވާހަކައާއެކު، އިބްނުލް ޤައްޔިމް ވިދާޅުވިއެވެ:
"މުޅި ދީން އޮތީ ދެކޮޅެއްގެ ދެމެދުގައެވެ: އެއީ ހަރުކަށިކަމެއް ނެތް ވަރުގަދަކަމާއި، ބަލިކަށިކަމެއް ނެތް މަޑުމައިތިރިކަމެވެ." (مدارج السالكين).

އަދި 'ލުޠުފު’ގެ މާނައާ މެދު ދަންނަބޭކަލުން ވިދާޅުވަނީ އެއީ: އަނިޔާވެރިކަމެއް ނެތް ބާރުވެރިކަމެވެ. އަދި އުޞޫލުތައް ދޫކޮށްލުމެއް ނެތް އޯގާތެރިކަމެވެ،

މެދުމިނުގެ އޯގާތެރި ދީން

وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا ۗ ﴿143﴾
އަދި ހަމަ އެފަދައިން، މެދުމިން އުއްމަތެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ޤިޔާމަތް ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ރަސޫލާ ވެވަޑައިގަތުމަށްޓަކައެވެ.

އިމާމް އައްޠަބަރީ ވިދާޅުވިއެވެ:
މެދުމިން (وسطًا): އެއީ ޢަދުލުވެރި، ހެޔޮލަފާ މީހުންނެވެ. (تفسير الطبري).

އަދި އިބްނު ކަޘީރު ވިދާޅުވިއެވެ:
މެދުމިން އުންމަތަކީ ޙައްޤަށް ހެކިދޭ އަދި މީސްތަކުންގެ މެދުގައި ޢަދުލުވެރިވާ އުންމަތެވެ. (تفسير ابن كثير).

އަދި އިމާމް އައްޝަޢުރާވީ ވިދާޅުވިއެވެ:
މެދުމިންކަމަކީ ބަލިކަށިކަމެއް ނޫނެވެ. އެކަމަކު އެއީ ހަމަހަމަ ބާރުވެރިކަމެކެވެ. އޭގައި ހައްދުފަހަނަޅައިދިއުމެއްވެސް އަދި ފަރުވާކުޑަކުރުމެއްވެސް ނުވާކަމެކެވެ.
މެދުމިންކަމަކީ ޖިއޮގްރަފީގެ ސަރަޙައްދެއް ނޫނެވެ. އެއީ އިންސާނާއަށް އަޚްލާޤީ އަދި ރޫޙާނީ މަޤާމެކެވެ.

ކޮންމެ ހުކުރު ދުވަހަކު ސޫރަތުލް ކަހްފު ކިޔަވަނީ ކީއްވެ؟

އިބްނު ޙަޖަރު އަލްއަސްޤަލާނީ ވިދާޅުވިއެވެ:
ކޮންމެ ހުކުރަކު ކަހްފް ކިޔަވާ ސަބަބަކީ އެ ސޫރަތަކީ އާޚިރަތް ހަނދާންކޮށްދޭ، ފިތުނަތައް ބޭޒާރުކޮށްދޭ، އަދި އަޅާއަށް އެ މފިތުނައިން ސަލާމަތްވާނެ ގޮތް ދަސްކޮށްދޭ ސޫރަތަކަށް ވާތީއެވެ. (فتح الباري).

ހުކުރު ދުވަހަކީ ނޫރުގެ ދުވަހެކެވެ. އެ ދުވަހު އެ ސޫރަތުގެ ނޫރާއި ދުވަހުގެ ނޫރު ބައްދަލުވެ، ހިތުގެ ފެނުމާއި ބަޞީރަތް އިތުރުވެގެންދެއެވެ.

ޤުރުއާނުގެ ހިތަކީ «وَلْيَتَلَطَّفْ» (އޯގާތެރިވުން) ކަމުގައި ވާނަމަ، އަދި އުންމަތުގެ ސިފައަކީ «وَسَطًا» (މެދުމިންކަން) ކަމުގައި ވާނަމަ، މުއުމިނާގެ ކިބައިގައި މި ސިފަތައް ހުރުން ޙައްޤުވެގެންވެއެވެ:

އޭނާގެ މާނައަކީ އައްތަޙިއްޔާތު ނިންމުމަށް ފަހު ދެފަރާތަށް ސަލާންދީ، ތިމާގެ ކިބައިން އަނެކާއަށް އަމާންކަން ލިބިގެންވާ ކަން އިއުލާން ކުރާ މީހާގެ:

  • • ބުނާ ބަހުގައި އޯގާތެރިވުން
  • • ކުރާ ޢަމަލުގައި ޙިކުމަތްތެރިވުން
  • • ޙައްޤު ގޮތުގައި ސާބިތުވެ ހުރުން
  • • މަޚްލޫޤުންނަށް ރަޙުމް ކޮށް ތިމާގެ އަމަލުތަކުން ރައްކާތެރިކަން ދިނުމެެވެ.
ހިއްސާ ކުރައްވާ!