ރޫމޭނިއާގެ އިރުމަތީގައި އޮންނަ ގަލާޓްސް ސިޓީގެ މީހުން ދިރިއުޅޭ އިމާރާތަކަށް ޑްރޯނެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ނޭޓޯއިން ވަނީ އެ ސަރަހައްދުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފައިޓަރު ޖެޓްތައް ހަރަކާތްތެރިކުރުވާފައެވެ.
ރޫމޭނިއާގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ޑްރޯން އިމާރާތުގައި ޖެހުމާއެކު ބާރުގަދަ ގޮވުމެއް ގޮވައި، އިމާރާތުގެ 10 ވަނަ ފަންގިފިލާގައި ވަނީ އަލިފާން ރޯވެފައެވެ. މި ހާދިސާގައި ޒަޚަމްވި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަލިފާން ރޯވި އެޕާޓްމަންޓުގައި ތިބި ދެ މީހުންނަށް އަމިއްލައަށް އެތަނުން ނުކުމެވުނު ނަމަވެސް، އެކަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަދި 14 އަހަރުގެ ކުއްޖަކަށް މި ހާދިސާގެ ސަބަބުން ލިބުނު ސިހުމުގައި ފަރުވާދޭން ޖެހުނެވެ.
ހާދިސާ ހިނގުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އިމާރާތުން 70 އެއްހާ މީހުން ރައްކާތެރިކަމާއެކު ބޭރަށް ނެރެފައެވެ. ރޫމޭނިއާގެ އިންޓެލިޖެންސް ސާވިސްއާއި ސިފައިން އަދި ފުލުހުން ގުޅިގެން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ. ކަމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި ޑްރޯންގައި ހުރި ގޮވާތަކެތި ވަނީ އެއްކޮށް ގޮވާފައެވެ.
މީގެ އިތުރުން، ރޫމޭނިއާގެ އުތުރުގައި އޮންނަ ބަސޭސްޓީ ސަރަހައްދަށް ވެސް އިތުރު ޑްރޯނެއް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ސަރަހައްދުގެ މޭޔަރު ވިދާޅުވި ގޮތުގައި އެއީ ގާތްގަނޑަކަށް 3 މީޓަރުގެ ބޮޑު ޑްރޯނެކެވެ. މި ދެ ޑްރޯނަކީ ކޮން ގައުމަކުން ނުވަތަ ކޮން ބަޔަކު ފޮނުވާލި އެއްޗެއްކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން ވަނީ މިފަދަ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. ރޫމޭނިއާގެ ސަލާމަތީ ބާރުތަކުން ދަނީ މި ޑްރޯންތައް އައިސްފައިވާ މިސްރާބު ދެނެގަތުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.







