އިނގިރޭސިވިލާތަށް ހޫނު މޫސުމުގެ ދަތިތަކެއް: ބައެއް ހިސާބުތައް ފެނަށް ޖެހިއްޖެ

މި ހަފްތާގައި އިނގިރޭސިވިލާތުގެ އިރުދެކުނުގެ ސަރަހައްދުތަކަށް ކުރިމަތިވި އާދަޔާޚިލާފު ހޫނު ދުވަސްވަރާ ގުޅިގެން، އެތައް ހާސް އާއިލާއަކަށް ފެނުގެ ޚިދުމަތް ކެނޑި، އަދި ބައެއް އާއިލާތަކަށް ފެން ލިބޭ ޕްރެޝަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ހަނަފަސް ބަހާރު މޫސުމަކަށްފަހު ފެނަށް އޮތް ޑިމާންޑު ކުއްލިއަކަށް ބޮޑުވުމުގެ ސަބަބުން، އިނގިރޭސިވިލާތުގެ ބާވެފައިވާ އުމްރާނީ ވަސީލަތްތަކުގެ މައްސަލަތައް ވަނީ ހާމަވެފައެވެ.

"ސައުތު އީސްޓް ވޯޓަރ" ގެ އިންސިޑެންޓް މެނޭޖްމަންޓް ޑިރެކްޓަރު މެތިއު ޑީން ވިދާޅުވީ، ފެން ކެނޑުމުގެ މައްސަލަ އެންމެ ގޯސްވި ވަގުތު 20,000 އަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރުކުރި ކަމަށެވެ. މީގެ ތެރޭގައި އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ވިޓްސްޓަބަލްއިން ފެނުގެ ޚިދުމަތް ކެނޑުނު 8,000 މީހުން ހިމެނެއެވެ. އެމަޖެންސީ ފެން ހޯދުމަށް ހުކުރު ދުވަހު މީހުން ވަނީ ދިގު ކިއުތަކެއް ހަދާފައެވެ.

އެންވަޔަރަންމަންޓް އޭޖެންސީން ބުނި ގޮތުގައި، ޔޫރަޕްގެ ގިނަ ގައުމުތަކެކޭ އެއްފަދައިން އިނގިރޭސިވިލާތަށް ވެސް މިދިޔަ ހަފްތާގައި އާދަޔާ ޚިލާފް ހޫނުކަމެއް ކުރިމަތިވެ ފެނަށް އޮތް ޑިމާންޑު ވަނީ އިތުރުވެފައެވެ. އަދި މާޗު މަހާއި އޭޕްރީލް މަހު ވާރޭވެހުނު މިންވަރު އެވްރެޖަށްވުރެ ދަށްވުމުގެ ސަބަބުން ބައެއް ރިޒާވުތަކުގައި ފެނުގެ ލެވެލް ވަނީ ދަށްވެފައެވެ. އަމިއްލަ ފެން ކުންފުނިތަކުން ފެން ވިއުގަތަކަށް އިންވެސްޓު ނުކުރުމުގެ ސަބަބުން ފެން ލީކުވުމުގެ މައްސަލަތައް ތަކުރާރުވަމުންދާތީ، ފާއިތުވި އަހަރުތަކުގައި އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ސްކޫލް ބަންދާ ދިމާވުމުން އަހަރުގެ އެންމެ ބާރުބޮޑު އެއް ހަފްތާގައި، ވިޓްސްޓަބަލްގެ ގިނަ ވިޔަފާރިތަކެއް ބަންދުކުރަން ވަނީ މަޖުބޫރުވެފައެވެ.

"ސައުތު އީސްޓް ވޯޓަރ" އިން ވަނީ މިހާރު ދިމާވެފައިވާ މައްސަލަތަކަށް މައާފަށް އެދިފައެވެ. އެ ކުންފުނިން ބުނީ ޑިމާންޑު ކުއްލިއަކަށް އިތުރުވީ އާދަޔާޚިލާފަށް ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ކަމަށެވެ. އަދި ހޫނުގަދަވާނެ ކަމަށް ލަފާކޮށް ކުރިއާލައި ރާވާފައިވީ ނަމަވެސް، "ޚިދުމަތްދޭ ހުރިހާ ސަރަހައްދެއްގައި ފެނުގެ ސްޓޮކް ދަށްވުމުގެ" މައްސަލަ ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގާތްގަނޑަކަށް 2.3 މިލިއަން ކަސްޓަމަރުންނަށް ބޯފެން ފޯރުކޮށްދޭ އެ ކުންފުނިން ބުނި ގޮތުގައި، ބުދަ ދުވަހު 628 މިލިއަން ލީޓަރުގެ ފެން ވަނީ ޕަމްޕުކޮށްފައެވެ. މިއީ މޫސުމީ އެވްރެޖަށްވުރެ ގާތްގަނޑަކަށް 100 މިލިއަން ލީޓަރު އިތުރު އަދަދެކެވެ. މިއީ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން އައި ބަދަލެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާއެކު، ހަނަފަސް ދުވަސްވަރުތަކަކަށްފަހު ކުރު މުއްދަތަކަށް އާދަޔާޚިލާފަށް ހޫނުގަދަވުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ފެން ކުންފުނިތަކަށް ސަޕްލައިއާއި ޑިމާންޑް ބެލެންސް ކުރުމަށް އިތުރު ދަތިތަކާ ކުރިމަތިވެއެވެ.

ފެނާ ބެހޭ ވަޒީރު ހުކުރު ދުވަހު ވިދާޅުވީ، އާދަޔާޚިލާފަށް ހޫނުގަދަވާ މުއްދަތުތައް ގިނަގިނައިން އަންނާނެ ކަމަށް ކުންފުނިތަކުން ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ މިނިވަން ކްލައިމެޓް ޗޭންޖް ކޮމިޓީން ވަނީ، ކުރިއަށް އޮތް ތަނުގައި އިނގިރޭސިވިލާތަށް މިއަށްވުރެ ހޫނުގަދަ އަދި ހަނަފަސް ހިކި ހޫނު މޫސުމްތަކާ ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މިކަމަށް ހޭނުމަށްޓަކައި އަހަރަކު ގާތްގަނޑަކަށް 11 ބިލިއަން ޕައުންޑް (14.76 ބިލިއަން ޑޮލަރު) ގެ އިންވެސްޓްމަންޓް ބޭނުންވާނެކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!