ކުށްފާފަތަކުގެ ސަބަބުން ތައުބާވުމުގެ ޙައްޤު ގެއްލިއްޖެކަމަށް ހީނުކުރާށެވެ!

އުޚުތާއެވެ! އަޚާއާއެވެ! ފާފަތަކުގެ ބުރަކަމުން، މާތް ﷲގެ ރަޙްމަތުގެ ދޮރުކޮޅު ތިބާއަށް ބަންދުވެއްޖެކަމަށް ހީވާ މީހާއެވެ! ދަންނާށެވެ! ޝައިޠާނާގެ އަތުގައިވާ އެންމެ ނުރައްކާތެރި ހަތިޔާރަކީ، ތިބާއީ މާތް ﷲގެ ހަޟްރަތަށް އެނބުރި ދިއުމަށް ލާއިޤުވެގެންވާ މީހެއް ނޫންކަމާއި، ފާފަތަކުގެ ސަބަބުން ތިބާއާއި ތިބާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އެއްކޮށް ކެނޑިއްޖެކަމަށް ވިސްނައިދީ، ތިބާ މާޔޫސްކޮށްލުމެވެ.

  • ފާޙިޝް ކަންކަމުން ދުރުނުވެވޭތީ، ނަމާދު ކުރުން ހުއްޓާލާ މީހުން އެބައުޅެއެވެ.
  • މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވުމުގެ ސަބަބުން، އަހަރުތަކެއް ވަންދެން ދުޢާކުރުން ހުއްޓާލާފައިވާ މީހުން އެބައުޅެއެވެ.
  • ތައުބާވުމަކީ ކުށެއް ނުކުރާ މަލާއިކަތަކަށް ވުންކަމަށް ހީކޮށް، ތައުބާވުން އެއްކޮށް ހުއްޓާލާ މީހުންވެސް އެބައުޅެއެވެ.

މިއީ ހައްތަހާވެސް ޝައިޠާނާގެ މަޅިތަކެވެ. އޭނާ އިންސާނާގެ ސިކުނޑީގައި ޚިޔާލީ "ފުރިހަމަ" ސިފައެއް ކުރަހައިދިނުމަށްފަހު ބުނެއެވެ: "ތިބާއަށް އެފަދަ މީހަކަށް ނުވެވޭނަމަ، ތައުބާވުމުގެ ބޭނުމެއް ނެތެވެ."

ޙަޤީޤަތަކީ ކޮބައި ހެއްޔެވެ؟

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅަށް ވިސްނާލާށެވެ!

وَخُلِقَ الْإِنسَانُ ضَعِيفًا  [النساء: 28]
އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.

އެހެންކަމުން ބަލިކަށިކަމަކީ ތިބާގެ ތަބީޢަތުގެ ބައެކެވެ. އެއީ ތިބާގެ ކިބައިގައިވާ އުނިކަމެއް ނޫނެވެ. އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލަށެވެ؛
މޮބައިލް ފޯނެއް ހަލާކުވުމުން، އެ މަރާމާތުކުރަން ކާރު ހަދާ ގަރާޖަކަށް ގެންދިއުން ބުއްދިވެރި ހެއްޔެވެ؟
އެހެންވީއިރު، ތިބާ ހައްދަވައި، ސިފަޖެއްސަވައި، ރިޒުޤުދެއްވާ މާތް ﷲއަށްވުރެ ބޮޑަށް ތިބާ ދަންނާނެ އެހެން ފަރާތެއް ވާނެ ހެއްޔެވެ؟

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

 أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ [الملك: 14]
(ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މީގެ އިތުރުން، ކީރިތި ރަސޫލާ ﷺ ގެ ސަޙީޙު ޙަދީޘްފުޅެއްގައި ބަޔާންކުރައްވާފައިވެއެވެ:

والذي نَفسي بيَدِه، لو لم تُذنِبوا لَذَهَبَ اللهُ بكُم، ولَجاءَ بقَومٍ يُذنِبونَ، فيَستَغفِرونَ اللهَ، فيَغفِرُ لهم.
"ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުން ފާފަނުކުރާނަމަ، މާތް ﷲ ތިޔަބައިމީހުން ނައްތާލައްވައި، ފާފަކޮށް، އެއަށްފަހު މާތް ﷲގެ ހަޟްރަތުގައި ފާފަފުއްސެވުމަށް އެދޭނެ އެހެން ގައުމެއްގެ ބަޔަކު ގެންނަވައި، އެމީހުންގެ ފާފަ ފުއްސަވައިދެއްވީހެވެ." (ރަވާހު މުސްލިމް)

ވިސްނާލުން ހުއްޓެވެ!

ފާފައަކީ ތިބާގެ ދިރިއުޅުމަށް ދިމާވި އާދަޔާޚިލާފު ހާދިސާއެއް ނޫނެވެ. އަދި އެއީ މަގުމަތިން ދިމާވި ކުއްލި ހުރަހެއްވެސް ނޫނެވެ. އެއީ ދިރިއުޅުމުގެ ދަތުރުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިންސާނާގެ އަގު ވަޒަންކުރެވެނީ އޭނާއަކީ ކުށެއް ނުކުރާ މީހަކަށް ވުމަކުން ނޫނެވެ. އެހެނެއްކަމަކު، އޭނާއަކީ ކުށް ކުރެވުމުންވެސް އެނބުރި ﷲގެ ހަޟްރަތަށް ރުޖޫޢަވާ މަޚުލޫޤެއް ކަމުގައި ވުމުންނެވެ.

މާތް ﷲ ތިބާ މަލާއިކަތުންނަށްވުރެ މާތްކުރެއްވީ އެ ސަބަބަށްޓަކައެވެ. މަލާއިކަތުންނަކީ އުރެދުމެއް ނުވާ ބޭކަލުންނެވެ. ނަމަވެސް ތިބާއަށް ކުށަށް އަރައި ގަނެ، އެއަށްފަހު ތައުބާވުމުން، މާތް ﷲގެ "الغَفَّار" (ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ) އަދި "التَّوَّاب" (ތައުބާ ގަބޫލުކުރައްވާ ރަސްކަލާނގެ) ކަމުގެ ސިފަފުޅުތައް ހާމަވެގެންދެއެވެ.

ކުށެއް ކުރެވުމަކީ ތިބާގެ އީމާންކަމުގައިވީ ރޫޅުމެއް ނުވަތަ ﷲއާއި އެކަލާނގެ ރަސޫލާ ﷺ ދެކެވާ ލޯތްބަށް އައި އުނިކަމެއް ކަމަށް ހީނުކުރާށެވެ. ތިބާއާއި ތިމަންމެންނަށްވުރެ މާ މާތް ބޭކަލުންނަށްވެސް ބޮޑެތި ކުށްތައް ކުރެވިފައިވެއެވެ. ނަމަވެސް އެބޭކަލުންގެ ކުރިމަތީގައިވެސް ދޮރުތަކެއް ބަންދެއް ނުވެއެވެ.

ޞަޙީޙުލް ބުޚާރީގައި އައިސްފައިވެއެވެ:

جاء في الصحيح أنَّ رَجُلًا على عَهدِ النَّبيِّ صلَّى اللهُ عليه وسلَّم كان اسمُه عَبدَ اللهِ، وكان يُلَقَّبُ حِمارًا، وكان يُضحِكُ رَسولَ اللهِ صلَّى اللهُ عليه وسلَّم، وكان النَّبيُّ صلَّى اللهُ عليه وسلَّم قد جَلَدَه في الشَّرابِ، فأُتيَ به يَومًا فأمَرَ به فجُلِدَ، فقال رَجُلٌ مِنَ القَومِ: اللهُمَّ العَنْه، ما أكثَرَ ما يُؤتى بهِ! فقال النَّبيُّ صلَّى اللهُ عليه وسلَّم: لا تَلعَنوه، فواللهِ ما عَلِمتُ إنَّه يُحِبُّ اللهَ ورَسولَه.  (صحيح البخاري)

ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގައި "ޢަބްދުﷲ" ކިޔުނު ބޭކަލަކު އުޅުއްވިއެވެ. އޭނާއަށް "ޙިމާރު" ގެ ނަމުން ލަޤަބުދެވިފައިވެއެވެ. އޭނާއަކީ ރަސޫލާ ﷺ ހެއްވާލާ ބޭފުޅެކެވެ. އަދި ރާބުއިމުގެ ސަބަބުން ރަސޫލާ ﷺ އޭނާގެ ގައިގައި ޙައްދު ޖައްސަވާފައިވެއެވެ. ދެން އެހެން ދުވަހަކުވެސް އޭނާ (އެފަދަ މައްސަލައެއްގައި) ގެނެވި، ޙައްދު ޖެހުނު ވަގުތު، އެތަނުގައި ތިބި މީހުންގެ ތެރެއިން މީހަކު ބުންޏެވެ: "އޭނާއަށް ﷲ ލަޢުނަތް ލައްވާށިއެވެ! އޭނާ ގެނެވޭލެއް ކިތަންމެހައިވެސް ގިނައެވެ!"
އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އޭނާއަށް ލަޢުނަތް ނުލާށެވެ! ﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފައިވާ ގޮތުގައި، އޭނާއަކީ ﷲއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވާ މީހެކެވެ."

އަޖައިބެއް ފަދައެވެ! ކުށް ކުރެވެއެވެ، ޙައްދު ޖެހެއެވެ، އަދި އަނބުރާ އާދެވެއެވެ… އެހެން ނަމަވެސް، އޭނާއަކީ ﷲއާއި އެކަލާނގެ ރަސޫލާ ދެކެ ލޯބިވާ މީހެއް ކަމަށް ރަސޫލާ ﷺ ހެކިވެވަޑައިގަންނަވައެވެ.

ނަމަވެސް ސަމާލުވާށެވެ!

މީގެ މާނައަކީ އަލުން ފާފައަށް އެނބުރި ދިއުމުގެ ނިޔަތް ހިތުގައި ބާއްވައިގެން ތައުބާވުމެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

 يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ [غافر: 19]
ލޮލުގެ ޚިޔާނަތްތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.

އެހެންނަމަވެސް، އިސްލާމްދީނަކީ ކުށްކުރާ މީހުން ނިކަމެތިކޮށްލާ ދީނެއް ނޫނެވެ.
އެހެނެއްކަމަކު، އެއީ، އެމީހުން އަލުން ތެދުވުމަށް ހިތްވަރުދޭ ދީނެކެވެ. އަހަރެމެންގެ ދީނަކީ އެއްކޮށް މީހާ އަޑިއަށް ގަންބާލައި މާޔޫސްކޮށްލާ ދީނެއް ނޫނެވެ. އެއީ އެނބުރި އައުމުގެ ދީނެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا [الفرقان: 70]
ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލުކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.

ވިސްނާލަބަލަށެވެ! ހަމައެކަނި ފާފަ ފުއްސަވައިދެއްވަނީކީ ނޫނެވެ. އެ ނުބައިކަންތައްތައް ހެޔޮކަންތަކަށް ބަދަލުވެސް ކޮށްދެއްވަނީއެވެ.
ޝައިޠާނާ ބޭނުންވަނީ ތިބާ މާޔޫސްކޮށްލާށެވެ. ކުށެއް ކުރެވުމުން ތިބާއަކީ ނުބައި މީހެއްކަމަށް ވިސްނައިދޭށެވެ.
ނަމަވެސް ޙަޤީޤަތަކީ، ތިބާއަށް ކުށެއް ކުރެވޭ ހިނދު… ތިބާއަކީ ހަމައެކަނި "އިންސާނެއް" ކަމެވެ.

اللَّهُمَّ أَنْتَ رَبِّي، لاَ إِلَهَ إِلاَّ أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ. 

ހިއްސާ ކުރައްވާ!