އިންސާނިއްޔަތު މިއަދު މިވަނީ ޙަޤީޤީ ދިރިއުޅުމާއި ޑިޖިޓަލް ދުނިޔެ ގުޅިލާމެހިފައިވާ އައު ޒަމާނަކަށް ވަދެފައެވެ. މުޅި ދުނިޔެއަށް ހުޅުވިފައިވާ ކުޑަދޮރަކަށް މޯބައިލް ފޯނުތައް މިވަނީ ވެފައެވެ. މި ވަސީލަތްތަކުގައި ޢިލްމު އުނގެނުމަށާއި ހެޔޮކަންކަން ކުރުމަށް ގިނަގުނަ ފުރުޞަތުތަކެއް ވީނަމަވެސް، މުސްލިމުންނަށް ސަމާލުކަން ނުދެވޭ ފަދަ ފޮރުވިފައިވާ ރޫޙާނީ ނުރައްކާތަކެއްވެސް މީގައި އެކުލެވިގެންވެއެވެ. ސަބަބަކީ މިކަންކަން ހިނގަނީ ބާޒާރުމަތީގައި ނުވަތަ މަގުމަތީގައި ކަމަށް ނުވެފައި، އެކަހެރިވެ އިންނަ ވަގުތުތަކުގައާއި، ސްކްރީންތަކުގެ ފަހަތުގައާއި، ޣާފިލުކަމުގެ ވަގުތުތަކުގައި ކަމަށް ވާތީއެވެ.
ފުރަތަ ކަމަކީ: ޓެކްނޮލޮޖީގެ ޒަމާނުގައި ސިއްރު ފާފަތަކުގެ ޠަބީޢަތް
ސިއްރު ފާފަތަކަކީ މީސްތަކުންގެ ލޯތަކާ ދުރުގައި ކުރެވޭ ފާފަތަކެވެ. ނުވަތަ ފަރުވާކުޑަކަމާއެކު ކުރެވޭ ފާފަތަކެވެ. ނުވަތަ އެއީ އެއްވެސް ބުރަދަނެއް ނެތް ކުޑަ ކަމެއްކަމަށް ހީކޮށް ކުރެވޭ ފާފަތަކެވެ. ނަމަވެސް މާތް ﷲ ގެ ޙަޟްރަތުގައި އެއީ ބޮޑުވެގެންވާ ކަންކަމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ [غافر: 19]
ލޮލުގެ ޚިޔާނަތްތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.
މިފަދަ ފާފަތަކުން ހިތަށް ކުރާ އަސަރާމެދު ނަބިއްޔާ ﷺ ވަނީ އިންޒާރުދެއްވާފައެވެ. ޙަދީޘްކުރެއްވިއެވެ:
إنَّ المؤمنَ إذا أذنب ذنبًا كانت نُكتةٌ سوداءُ في قلبِه ، فإن تاب ، ونزع ، واستغفر صقَل منها ، وإن زاد زادت حتَّى يُغلَّفَ بها قلبُه ، فذلك الرَّانُ الَّذي ذكر اللهُ في كتابِه : كَلَّا بَلْ رَانَ عَلَى قُلُوبِهِمْ . رواه الترمذي
"މުއުމިނު އަޅަކު ފާފައެއް ކޮށްފިނަމަ އޭނާގެ ހިތުގައި ކަޅު ކުލައިގެ ތިއްކެއް ޖެހެއެވެ. ފަހެ އޭނާ ތައުބާވެ، އެފާފަ ދޫކޮށް، ފާފަފުއްސެވުމަށް އެދިއްޖެނަމަ އެ ހިތް ސާފުވެދެއެވެ. ނަމަވެސް އޭނާ ފާފަކުރުން އިތުރުކޮށްފިނަމަ، އެ ކަޅުކަން އިތުރުވެ މުޅި ހިތް ފޮރުވިދެއެވެ. މާތް ﷲ ފޮތުގައި ﴿كَلَّا بَلْ رَانَ عَلَى قُلُوبِهِمْ : އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.﴾ އިން ބަޔާންކުރައްވާފައިވާ 'ރާން' އަކީ އެއީއެވެ." (ތިރްމިޛީ)
ފާފަ ތަކުރާރުކުރެވޭ ވަރަކަށް ހިތް އަނދިރިވެ، ހެޔޮކަމަކީ ކޮބައިކަން ނޭނގޭ އަދި ނުބައިކަމަކަށް މަނާނުކުރާ ހިތަކަށް ބަދަލުވެއެވެ.
ޑިޖިޓަލް ޒަމާނުގައި މި ފާފަތަކުގެ ނުރައްކާތެރިކަން ދެގުނަވެގެންދެއެވެ. ސަބަބަކީ:
- ފަސޭހައިން ކުށަށް އަރައިގަތުމަށް ވާސިލުވުން
- ސިއްރުގައި ކުރެވުން
- އިޙުސާސަކާ ނުލައި ތަކުރާރުކުރެވުން
- ހުސް ވަގުތުތަކުގައި ކުރެވުން
- ހިތުގައި ކަޅުކަން އަށަގަނެ، ފާފަކުރުމުގެ ނުބައި އިޙުސާސް މަރުވުން
މީގެ ސަބަބުން ފާޅުވެގެންވާ ގިނަ ފާފަތަކަށްވުރެ މި ފާފަތަކުގެ ނުރައްކާ ބޮޑުވެގެންދެއެވެ.
ދެވަނަ ކަމަކީ: ޑިޖިޓަލް ވަސީލަތްތަކުގެ ޒަރީޢާއިން އެންމެ އާންމުވެފައިވާ ސިއްރު ފާފަތައް
1. ޙަރާމް ކުރައްވާފައިވާ ތަކެއްޗަށް ބެލުން
މިއަދު އޮތް އެންމެ ބޮޑު އެއް ފިތުނައަކީ ޙަރާމް ކުރައްވާފައިވާ މަންޒަރުތަކަށް ފަސޭހައިން ވާސިލުވެވޭ ގޮތް އޮތުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ [النور: 30]
މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠާހިރު ކަން ބޮޑެވެ. ހަމަކަށަވަރުން، ﷲއީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
މިއަދު ބެލުން ތިރިކުރުމުގެ ތެރޭގައި ޝަހުވަތްތެރިކަން އުފައްދާ ފޮޓޯތަކާއި، ވީޑިއޯތަކާއި، އިޝްތިހާރުތަކާއި އަދި މެސެޖުތަކަށް ނުބެލުން ހިމެނެއެވެ. ފަހެ ޙަރާމް ތަކެއްޗކީ އިބިލީހުގެ ވިހަ ލާފައިވާ ތީރުތަކުގެ ތެރެއިން ތީރެކެވެ.
2. ކޮމެންޓްތަކާއި ގްރޫޕްތަކުގައި ޣީބަބުނުމާއި މަލާމާތްކުރުން
ރުޅިއަންނަ ވަގުތު ލިޔެލެވޭ ކިތައްކިތައް ބަސް، ދެމިގެންވާ ފާފައަކަށް ވެފައިވޭ ހެއްޔެވެ! މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ [الحجرات: 12]
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.
މިއަދު ޣީބަ ބުނުމަކީ ހަމައެކަނި މަޖިލިސްތަކާއި މީހުން އެއްވެ އުޅޭ ތަންތާނގައި ކުރެވޭ ކަމެއް ނޫނެވެ. ކޮމެންޓްތަކާއި، ޓްވީޓްތަކާއި، މީހުންނަށް މަލާމާތްކޮށް ހަދާފައި ހުންނަ ވީޑިއޯތަކާއި، އަދި ޕްރައިވެޓް މެސެޖުތަކުގައިވެސް އެކަން ދަނީ ހިނގަމުންނެވެ.
3. އޮންލައިންކޮށް ދެއްކުންތެރިވުން
އަޅުކަންތަކާއި ކުރާ ހެޔޮ ޢަމަލުތައް މީސްމީޑިއާގައި އިޝްތިހާރުކޮށް ހާމަކުރުމަކީ މީހުންގެ ތައުރީފާއި މަޤުބޫލުކަން ހޯދުމަށް ކުރެވޭ ކަމަކަށް ވެދާނެއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
إنَّ أخْوَفَ ما أخافُ عليكم الشِّركُ الأصْغَرُ، قالوا: وما الشِّركُ الأصْغَرُ يا رسولَ اللهِ؟ قال: الرِّياءُ؛ يقولُ اللهُ عزَّ وجلَّ لهم يومَ القِيامةِ إذا جُزِيَ الناسُ بأعمالِهم: اذْهَبوا إلى الذين كنتُم تُراؤون في الدُّنيا، فانظُروا هل تَجِدون عِندَهُم جزاءً؟! رواه أحمد
"ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުވެތިވެވަޑައިގަންނަވާ ކަމަކީ ކުޑަ ޝިރުކެވެ." ޞަޙާބީން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކުޑަ ޝިރުކަކީ ކޮބައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "(އެއީ) ދެއްކުންތެރިކަމެވެ. ޤިޔާމަތް ދުވަހުން މީސްތަކުންނަށް އެމީހުންގެ ޢަމަލުތަކުގެ ޖަޒާ ދެއްވާ ހިނދު މާތް ﷲ އެބައިމީހުންނަށް ވަޙީކުރައްވާނެއެވެ: ދުނިޔެމަތީގައި ތިޔަބައިމީހުން ކަން ދައްކަން އުޅުނު މީހުންގެ ގާތަށް ދާށެވެ. ފަހެ އެމީހުންގެ ފަރާތުން ތިޔަބައިމީހުންނަށް އެއްވެސް ޖަޒާއެއް ލިބޭތޯ ބަލާށެވެ!" (އަޙްމަދު)
ފަހެ ޞަދަޤާތް ދިނުމާއި، ނަމާދުކުރުމާއި، ޛިކުރުކުރުން މީސްމީޑިއާގައި ހާމަކުރުމަކީ ﷲ ގެ ރުހިވޮޑިގަތުން އެދުމުގެ ބަދަލުގައި، މީހުންގެ ތަޢުރީފު ހޯދުމަށް ކުރެވޭ ކަމަކަށް ބަދަލުވެދާނެއެވެ.
4. ވަގުތު ބޭކާރުކުރުން
މިއަދު ފޯނަކީ، އޭގެ ވެރިމީހާއަށް އިޙުސާސެއްވެސް ނުވާހާ ގޮތަށް އެތައް ގަޑިއިރެއް އޭނާގެ އަގުހުރި ވަގުތުން ވަގަށް ނަގާ އެއްޗެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
نعمتانِ مغبونٌ فيهما كثيرٌ منَ النَّاسِ الصِّحَّةُ والفراغُ رواه البخاري
"މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެ ދެނިޢުމަތަކާމެދު ޣާފިލުވެ، ގެއްލެނިވެފައިވާ ދެ ނިޢުމަތެއްވެއެވެ. އެއީ ސިއްޙަތާއި ހުސްވަގުތެވެ." (ބުޚާރީ).
ވަގުތަކީ މުސްލިމުންގެ ރައުސްމާލެވެ. އެ ގެއްލިއްޖެނަމަ، އަޅުކަމާއި ކާމިޔާބީތައްވެސް އެއާއެކު ގެއްލިގެންދެއެވެ.
5. ނުބައި އަޑުތައް އެހުން
މީހާއަށް އިވޭ އަޑުތަކުން އޭނާގެ ހިތަށް އަސަރުކުރެއެވެ. ފާޙިޝް ލަވަތަކާއި، ދަށުދަރަޖައިގެ ވީޑިއޯތަކާއި، ހުތުރު ބަސްތަކަކީ ލަދުވެތިކަން މަރާލައި އީމާންކަން ބަލިކަށިކޮށްލާ ކަންކަމެވެ.
6. ކާކުކަން ނޭނގޭ އެކައުންޓްތަކުން ސިއްރުން ކުރާ ފާފަތައް
ކާކުކަން ނޭނގޭ ގޮތަށް ހަދާފައިވާ ފޭކް އެކައުންޓަކުން އޭނާ ސަލާމަތްކޮށްދޭނެކަމަށް ބައެއް މީހުންނަށް ހީވެދާނެއެވެ. ނަމަވެސް މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
إِنَّ رَبَّكَ لَبِالْمِرْصَادِ [الفجر: 14]
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.
ފާޅުގައި ހެޔޮކަން ދައްކައި ސިއްރުގައި އެއާ ޚިލާފުވާ މީހުންނާމެދު ނަބިއްޔާ ﷺ ވަނީ އިންޒާރުދެއްވާފައެވެ.
7. ދޮގު ޚަބަރުތަކާއި ޔަޤީންނުވާ މަޢުލޫމާތު ފެތުރުން
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ [الحجرات: 6]
އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.
މިއަދު ދޮގު ޙަދީޘްތަކާއި، އަމިއްލައަށް ހަދާފައިވާ ވާހަކަތަކާއި، ނުބައި ފަތުވާތަކާއި، އަދި ޔަޤީންނުވާ ޚަބަރުތައް ދަނީ ފެތުރެމުންނެވެ. މިފަދަ ތަކެތި ފަތުރާ ކޮންމެ މީހަކު، އެކަން ޤަބޫލުކުރާ ނުވަތަ އެ ހިއްސާކުރާ މީހުންގެ ފާފައިގެ ޒިންމާ އުފުލަންޖެހޭނެއެވެ.
ތިންވަނަ ކަމަކީ: މި ފާފަތަކުގެ ސަބަބުން ރޫޙާނީގޮތުން ކުރާ އަސަރުތައް
މި ފާފަތަކަކީ ލޮލަށް ފެންނަން ހުންނަ ކަންކަމަށް ނުވިނަމަވެސް، މީގެ ސަބަބުން ނަފްސަށް ވަރަށް ފުން އަސަރުތަކެއް ކުރެއެވެ. އޭގެ ތެރޭގައި:
- އީމާންކަން ބަލިކަށިވުން
- ހިތް ހިލަވުން
- އަޅުކަމުގެ މީރުކަން ގެއްލުން
- މޭ ނުތަނަވަސްވެ ހިތްދަތިވުން
- ބަރަކާތް ކެނޑުން
- ޤުރުއާނާ ދުރުވުން
- ހާސްކަމާއި ނަފްސާނީ މައްސަލަތައް ގިނަވުން
މީގެ އެންމެ ނުރައްކާތެރި އެއް ޢަލާމާތަކީ، ފާފަކުރުމަކީ އާދައިގެ ކަމަކަށްވެ، އެކަމާ ލަދުވެތި ނުވުމެވެ.
ހަތަރު ވަނަކަމަކީ: ޑިޖިޓަލް ޒަމާނުގައި ހިތް ރައްކާތެރިކުރުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތައް
- ޤުރުއާނާ އޮންނަ ގުޅުން ބަދަހިކުރުން
ޤުރުއާނަކީ ޝަހުވަތްތަކާއި ޝުބުހާތްތަކުގެ އަނދިރިކަން ފިލުވައިދޭ ނޫރެކެވެ. - އިސްކިރީނުން ބަލާ ތަކެއްޗަށް ފާރަވެރިވުން
އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ: މިއީ އަހަރެން ﷲ އާ ކުއްތަންކޮށްދޭ އެއްޗެއް ހެއްޔެވެ؟ ނުވަތަ ﷲ އާ ދުރުކޮށްދޭ އެއްޗެއް ހެއްޔެވެ؟ - ޑިޖިޓަލް ތަޤްވާވެރިކަން އިސްކުރުން
ތަޤްވާވެރިކަން އޮންނަންވީ ހަމައެކަނި މިސްކިތްތަކުގައެއް ނޫނެވެ. އެކަހެރިވެ އިންނަ ވަގުތުތަކުގައާއި، އިންޓަނެޓް ބޭނުންކުރާ ވަގުތުތަކުގައާއި، ޕްރައިވެޓް މެސެޖުތަކުގައިވެސް ތަޤްވާވެރިވާން ޖެހޭނެއެވެ. - ގިނަގިނައިން ތައުބާވުން
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެކެވެ. އަދި ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑު މީހަކީ ތައުބާވާ މީހާއެވެ." (ތިރްމިޛީ) - ނުބައި ތަކެތީގެ ބަދަލުގައި ފައިދާހުރި ތަކެތި ބަލައި އަޑުއެހުން
ޤުރުއާން އަޑުއަހާށެވެ. ޢިލްމު އުނގެނޭށެވެ. އަދި ހެޔޮމަގު ދައްކައިދޭ ޢިލްމުވެރިންނަށް ތަބާވާށެވެ.
ޑިޖިޓަލް ދުނިޔެއަކީ ފަނާވެދާނެ އެއްޗެކެވެ. ނަމަވެސް އަހަރެމެންގެ ޢަމަލުތަކުގެ ފަތް ދެމިއޮންނާނެއެވެ. ކްލިކް ކުރާ ކޮންމެ ކްލިކަކާއި، ކޮންމެ ބެލުމަކާއި، ކޮންމެ ބަހަކާއި، އަދި ކޮންމެ ނިޔަތެއް ލިޔެވިގެންވެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
يَوْمَ تُبْلَى السَّرَائِرُ [الطارق: 9]
ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިޙާނު ކުރައްވާ ދުވަހެވެ.
އޭ ﷲ! އަޅަމެންގެ ހިތްތައް ޠާހިރުކުރައްވައިފާނދޭވެ! އަދި އަޅަމެންގެ ލޯތަކާއި ކަންފަތްތައް ރައްކާތެރިކުރައްވައިފާނދޭވެ! އަދި ފާޅުވެގެންވާ ފިތުނަތަކާއި ސިއްރުވެގެންވާ ފިތުނަތަކުން އަޅަމެން ސަލާމަތްކުރައްވައިފާނދޭވެ! އަދި ޓެކްނޮލޮޖީއަކީ އިބަރަސްކަލާނގެއަށް އުރެދުމަށް އޮތް މަގަކަށް ނުލައްވައި، ކިޔަމަންތެރިވުމަށް އޮތް ސަބަބެއް ކަމުގައި ލައްވައިފާނދޭވެ! އާމީން.
اللهم طهّر قلوبنا، واحفظ أبصارنا وأسماعنا، ونجّنا من الفتن ما ظهر منها وما بطن، واجعل التكنولوجيا سبباً في طاعتك لا في معصيتك. آمين.







