އިސްލާމްދީނާ ދެކޮޅަށް ހުޅަނގުގެ މީޑިއާ ފަތުރަމުންދާ ނޭދެވޭ ޕްރޮޕަގަންޑާތަކާއި، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ އުދުވާންތަކުގެ ތެރެއިންވެސް، މާތް ﷲ ދަނީ އެކަލާނގެ ދީނުގެ ނޫރު ފާޅުކުރައްވަމުންނެވެ.
މި ވާހަކައަކީ، އެމެރިކާގެ ފްލޮރިޑާގެ ބޯކާ ރަޓޯންގެ ޔުނިވަރސިޓީއެއްގައި މަސައްކަތް ކުރި ޔަހޫދީ ފުލުހެއް ކަމަށްވާ މައިކަލް (އޮފިސަރ މައިކް)، އިސްލާމްދީނުގެ ހިދާޔަތް ހޯދި އަސަރުގަދަ ވާހަކައެވެ. އޭނާގެ މި ދަތުރަކީ ފަލްސަފާވެރި ބަހުސްތަކަކުން ފެށުނު ދަތުރެއް ނޫނެވެ. އެއީ މުސްލިމުންގެ ކިބައިން ފެނުނު މަތިވެރި އަޚްލާޤާއި، ކެތްތެރިކަމުގެ ސަބަބުން ހިތް ބަދަލުވެ، ދޫކޮށްލި ވަޒީފާއާއި ޤުރުބާން ކުރި ދިރިއުޅުމުގެ ވާހަކައެވެ.
ހިދާޔަތުގެ އޮށް އިންދުން
މައިކަލް ބޮޑުވީ ޔަހޫދީ މަޔަކާއި ކްރިސްޓިއަން ބަފައެއްގެ ހިޔަލުގައެވެ. ދީނީ ކަންކަމާ ދުރު، އަދި ކޮލެޖް ދުވަސްވަރު ކަލަކު ވޮޑިގެންވާކަމާ މެދުވެސް ޝައްކު ކުރި ޒުވާނެކެވެ. އުމުރުން 18 އަހަރުގައި، ޔަހޫދީ ޒުވާނުން ވައުވެއްދުމަށް ބާއްވާ ދަތުރެއްގައި އޭނާ އިސްރާއީލަށް ދިޔައެވެ. އެތަނުން އޭނާގެ ބޮލަށް ވައްދައި ދިނީ ޒަޔަނިސްޓް ފިކުރެވެ. ނަމަވެސް އެ ދަތުރުގައި ދިމާވި ކުޑަކުޑަ ހާދިސާއަކުން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ.
ބާޒާރުގެ ފިހާރައެއްގައި ހުރި ފަލަސްޠީނުގެ މުސްލިމް ވިޔަފާރިވެރިއަކު، އިސްރާއީލުގެ ޗެކްޕޮއިންޓްތަކުގެ އުނދަގުލާ ހުރެ އަވަހަށް ގެއަށް ދާން ޖެހިގެން ފިހާރަ ބަންދުކުރަމުން މައިކަލްއާ ދިމާއަށް ބުންޏެވެ: "ދަންނާށެވެ! އަހަރެމެންނަކީ ތިޔަ ހީކުރާ ކަހަލަ ބަޔެއް ނޫނެވެ." މިއީ އޭނާގެ ޔަހޫދީ ވިސްނުން ގުޑުވާލި ފުރަތަމަ ޖުމުލެވެ.
އޮކްޓޯބަރު 7 ގެ ފަހުން: ހަޤީޤަތް ހާމަވުން
ކިޔަވައި ނިމިގެން މައިކަލް ފުލުހުންގެ މުއައްސަސާއާ ގުޅުނެވެ. އޭނާގެ ޔަހޫދީ ވިސްނުމުގެ ސަބަބުން، ޔުނިވަރސިޓީގައި ހުންނަ ޔަހޫދީންގެ ކަންކަން ވިލަރެސްކުރާ އިސް އޮފިސަރަކަށް އޭނާ ހަމަޖެހުނެވެ.
2023 އޮކްޓޯބަރު 7 ގެ އަޤްޞާ ޠޫފާންގެ ޙާދިސާއަށްފަހު، ޔުނިވަރސިޓީގައި މަސްރަޙު ހޫނުވިއެވެ. އިސްރާއީލާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ ކުއްޖަކު ވަގުތުން ވަކިކުރާނެ ކަމުގެ އިންޒާރު ޔުނިވަރސިޓީން ދިނެވެ.
މައިކަލްގެ ވިސްނުން މުޅިން ބަދަލުކޮށްލި ހާދިސާ ހިނގީ އިސްރާއީލަށް ތާއީދުކޮށް ދަރިވަރުން ބޭއްވި އެއްވުމެއްގައެވެ. އެއްވުމުގެ ބައިވެރިން ހިނގާފައި ދަނިކޮށް، މަގުމަތިން ދިމާވީ ކަރުގައި ފަލަސްޠީނުގެ ދިދައެއް އައްސައިގެން ހުރި މުސްލިމް އަންހެން ކުއްޖެކެވެ. އެ ކުއްޖާ ދިޔައީ، އެއްވެސް އެއްޗެއް ނުބުނެ، ހިމޭނުންނެވެ. ނަމަވެސް، މައިކަލްގެ ގާތް ރަހުމަތްތެރި ޔަހޫދީ އަޚައަކު ކުރިއަށް ޖެހި، އެ ނިކަމެތި އަންހެން ކުއްޖާގެ މޫނަށް ކުޅުޖަހައި، ހުތުރުބަހުން އޭނާއާ ދިމާއަށް އެއްޗެތި ގޮވިއެވެ. އެކަމާ ހެދި މައިކަލްއަށް ސިހުމެއް ލިބުނެވެ.
އޭނާ އެބަޔަކު ދެކެ ހަމްދަރުދީވާ، އޭނާގެ އަމިއްލަ ޔަހޫދީ މުޖުތަމަޢުގެ މީހެއްގެ ކިބައިން ފެނުނު މި ރަހުމެއް ނެތް ޢަމަލުން އޭނާގެ ހިތަށް އަސަރު ކުރިއެވެ.
އަދި އޭނާ އެ ކުއްޖާގެ ކިބައިން މާފަށް އެދި، މުސްލިމް ދަރިވަރުންގެ ޖަމްޢިއްޔާއަށް އެކުދިންގެ ޝުޢޫރު ފާޅުކުރުމުގެ އެއްވުންތައް ބޭއްވުމަށް ފުލުހެއްގެ ހައިސިއްޔަތުން އެހީތެރިވާން ނިންމިއެވެ.
މިފަދަ އަނިޔާވެރިކަމާއި ފުރައްސާރައަކީ މުސްލިމުންނަށް ކުރިމަތިވާ އިމްތިޙާނެކެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
۞ لَتُبْلَوُنَّ فِي أَمْوَالِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَمِنَ الَّذِينَ أَشْرَكُوا أَذًى كَثِيرًا ۚ وَإِن تَصْبِرُوا وَتَتَّقُوا فَإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ (ސޫރަތު އާލްޢިމްރާން: 186)
ތިޔަބައިމީހުންގެ މުދާތަކާއި، ނަފްސުތަކާ މެދުގައި، ތިޔަބައިމީހުން އިމްތިޙާނު ކުރައްވާނެކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ކިބައިންނާއި، ޝަރީކުކުޅަ މީހުންގެ ކިބައިން، ގިނަވެގެންވާ އުނދަގޫތައް (އެބަހީ: ނުރުހެވޭ ބަސްތައް) ތިޔަބައިމީހުންނަށް އިވޭނެކަން ކަށަވަރެވެ. ތިޔަބައިމީހުން ކެތްތެރިވެ، ތަޤްވާވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަންކަންވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.
ދެ އަޚްލާޤެއްގެ ތަފާތު
މުސްލިމް ކުދިން ބޭއްވި ސުލްޙަވެރި މުޒާހަރާގައި، މައިކަލް ހުރީ ޔަހޫދީ ސެންޓަރު ހިމާޔަތްކުރާށެވެ. އެވަގުތު ޔަހޫދީ ދަރިވަރުން ނިކުމެ، ބާރަށް މިއުޒިކް ޖަހައި، މުސްލިމް ކުދިންގެ އަތުން ބޯޑުތައް ފޭރިގަނެ، އެކުދިންނަށް އަނިޔާކޮށް ކުޅުޖަހަން ފެށިއެވެ.
"އެވަގުތު ހީވީ ވަގުތު ހުއްޓުނު ހެންނެވެ." މި ހަލަބޮލި މަންޒަރު ސިފަކޮށް ދެމުން މައިކަލް ބުންޏެވެ.
އޭނާއަށް ފެނުނީ ދެ ބަޔެއްގެ ދެމެދުގެ މުޅިން ތަފާތު ދެ އަޚްލާޤެކެވެ. އޭނާގެ އަމިއްލަ މީހުންގެ ކިބައިން ފެނުނީ ނަފްރަތާއި ރުޅިވެރިކަމެވެ. ނަމަވެސް، އަނިޔާ ލިބެމުންދިޔަ މުސްލިމް ކުދިންގެ މޫނުމަތިން ފެނުނީ ހައިރާންކުރުވަނިވި ހަމަހިމޭންކަމާއި، ކެތްތެރިކަމެވެ. އެކުދިންގެ ހިތްތަކުގެ ސާބިތުކަމާއި ދއެމީހުންގެ އަޚުލާގުން އޭނާގެ ހިތް އަތުލިއެވެ. އޭނާގެ ކާބަފައިންނަށް ހޮލޯކޯސްޓްގައި ލިބުނު އަނިޔާތައް ހަނދާނަށް އަޔެވެ. އަދި އޭނާ ހުރީ އަނިޔާވެރިންގެ ފަޅީގައިކަން ޔަޤީންވިއެވެ.
މިސްކިތުގެ ހިމޭންކަމާއި އިޖާބަވީ ދުޢާ
މި ހާދިސާއަށްފަހު، މައިކަލް މުސްލިމް ދަރިވަރުންނާ ގުޅުން ބަދަހިކޮށް އެމީހުންނަށް ހަމްދަރްދީ ވާން ފެށިއެވެ. ޚާއްޞަކޮށް ޙަމްޒާ ކިޔާ ޒުވާނަކާއެކު ވަގުތު ހޭދަކުރިއެވެ. އެއް ދުވަހަކު ޙަމްޒާ އޭނާއާއެކު މެންދުރުގެ ކެއުމަށްފަހު، ނަމާދު ވަގުތު ވަނުމުން މިސްކިތަށް ދިޔުމަށް ދައުވަތު ދިނެވެ.
މައިކަލް ފުރަތަމަ ފަހަރަށް މިސްކިތުގައި ފައި ޖެއްސި ވަގުތު، އޭނާގެ ހިތަށް މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ފުން ހަމަހިމޭންކަމަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. އިސްލާމްދީނުގެ ހަޤީޤަތް ދެނެގަތުމަށްޓަކައި، އޭނާ ހިތުގެ އަޑިން ﷲ އަށް ދުޢާކުރަން ފެށިއެވެ.
އޭނާ ޢަޖާއިބުވާ ފަދަ ވަރަށް ޚާއްޞަ ކަންކަމަށް އެދި ދުޢާކުރި އެވެ. އަދި މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާގެ ދުޢާ އިޖާބަވަމުން ދިޔައެވެ. މިއީ އިލާހީ ތެދުމަގުކަން ކަށަވަރުވެ، މައިކަލް ޝަހާދަތް ކިޔައި އިސްލާމްވިއެވެ.
މާތް ﷲ ބަސްފުޅު ސާފެވެ:
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ (ސޫރަތުލް ބަޤަރާ: 186)
އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުއާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާން ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
ހޫނު އަނގުރުގަނޑެއްގައި ހިފެހެއްޓުން
އިސްލާމްވުމަކީ މައިކަލްގެ ހިތަށް ނޫރެއް ލިބުނު ކަމަކެވެ. ނަމަވެސް، ދުނިޔެވީ ގޮތުން އޭނާއަށް ކުރިމަތިވީ ބޮޑު މުޞީބާތެކެވެ. އޭނާގެ އަމިއްލަ ޔަހޫދީ މުޖުތަމަޢު އޭނާއާ ދެކޮޅުވިއެވެ. އޭނާއަކީ "ޣައްދާރެއް" ކަމަށް ބުނެ، ފުލުހުންގެ ތެރޭގައި އޭނާއަށް ފުރައްސާރަކުރިއެވެ. އެންމެ ފަހުން އޭނާގެ ވަޒީފާވެސް ގެއްލުނެވެ.
ނަމަވެސް މައިކަލް މި ހުރިހާ ހިތް ދަތިކަމެއް ބަލައިގަތީ ﷲ ގެ ހަދިޔާއެއްގެ ގޮތުގައެވެ. ވަޒީފާ ނެތި، ގޭގައި އެކަނިވި ވަގުތުތައް އޭނާ ހޭދަކުރީ ނަމާދުކޮށް މުސައްލަމަތީގައެވެ. ކީރިތި ޤުރުއާން ކިޔެވުމުގައެވެ. މިއީ މި ޒަމާނުގައި ދީނުގައި ސާބިތުވެ ހުރުމުގެ އުނދަގޫކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:
يأتي على الناسِ زمانٌ، الصابرُ فيهِم على دينِه، كالقابضِ على الجَمْرِ (رواه الترمذي)
"މީސްތަކުންގެ މައްޗަށް އެފަދަ ޒަމާނެއް އަންނާނެއެވެ. އެ ޒަމާނެއްގައި ތިމާގެ ދީނުގެ މަތީގައި ކެތްތެރިވެގެން ހުންނަ މީހާގެ މިސާލަކީ، ހޫނު އަނގުރުގަނޑެއްގައި ހިފަހައްޓައިގެން ހުންނަ މީހެއްގެ މިސާލެވެ."
އިސްލާމްވީ ފަހުން ބަލްޓިމޯރގެ ކޮންވެންޝަނެއްގައި މައިކަލްއަށް ވާހަކަދައްކަން ދިޔަ ދަތުރުގައި، ރަސޫލާގެ ސީރަތާ ބެހޭ ގޮތުން މުޠާލިއާ ކުރުމަށް ފޮތެއް ހޯދަން އޭނާ ބޭނުންވިއެވެ. އޭނާއަށް ފެނިފައިވާ ފޮތް އަގުބޮޑުކަމުން އެ ފޮތް ނުގަނެވި ހުއްޓާ، އޭނާއާއެކު އެ ކޮންވެންޝަންގައި ބައިވެރިވި މުސްލިމަކު އޭނާއަށް ހަދިޔާއަކަށް އެ ފޮތް ދިނެވެ. ނުވެސް ދަންނަ ބީރައްޓެހި މުސްލިމަކު އޭނާއަށް އެފަދަ ހަދިޔާއެއް ދިނުމުން އޭނާ ސުއާލު ކުރުމުން އެމީހާ ބުނީ ތިމަން ހިތަށް އެރީ އެއީ މައިކަލްއަށް ރަނގަޅު ހަދިޔާއަކަށް ވާނެ ކަމަށެވެ، އެހެންވެ އެ ފޮތް ހަދިޔާ ކުރީ ކަމަށެވެ.
މިއީ ﷲ އޭނާގެ ހިތުގެ ސިއްރު ދުޢާ އައްސަވައިވޮޑިގެންވާ ކަމުގެ އެންމެ ފަހުގެ ހެކި ކަމުގައި މައިކަލް ބުނެއެވެ.
އޮފިސަރ މައިކަލްގެ ޙަޔާތަކީ، ޤަބީލާގެ ވަފާތެރިކަމަށްވުރެ ޙައްޤު ގޮތް އިޚްތިޔާރުކުރުމުގެ މަތިވެރި މިސާލެކެވެ. އޭނާ ދޫކޮށްލީ ދުނިޔެއެވެ. ހޯދީ އާޚިރަތެވެ.
މި ވާހަކައިން އެނގެނީ، ދީނަށް ގޮވައިލުމުގައި އެންމެ ބާރުގަދަ ހަތިޔާރަކީ ދޫ ނޫން ކަމާއި، އެއީ މުސްލިމުންގެ ކިބައިން ފެންނަންޖެހޭ ރީތި، މާތް އަޚްލާޤާއި ސާބިތުކަން ކަމެވެ. އިސްލާމްދީނުގެ ހިދާޔަތަކީ މާތް ﷲ އެކަލާނގެ އިޚްތިޔާރުކުރައްވާ އަޅަކަށް ދެއްވާ ނިޢުމަތެކެވެ.







