މިއީ އައްޔޫބު ޢަލައިހިއްސަލާމްއަށް މާތް الله، ވަޙީ ކުރެއްވި ގޮތެވެ.
وَخُذْ بِيَدِكَ ضِغْثًا فَاضْرِب بِّهِ وَلَا تَحْنَثْ ۗ إِنَّا وَجَدْنَاهُ صَابِرًا ۚ نِّعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ ﴿44﴾ ص
އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ ޚިލާފު ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން ތައުބާ ވެވަޑައިގަންނަވާ ބޭކަލެކެވެ.ارْكُضْ بِرِجْلِكَ ۖ هَٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ ﴿42﴾ ص
(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ.
މާތް الله ގެ ބަސްފުޅު ﴿ارْكُضْ بِرِجْلِكَ﴾ ގެ މާނައަކީ: "ކަލޭގެފާނުގެ ފައިންޕުޅުން ބިމުގައި ޖައްސަވާށެވެ!" އެބަހީ ފެންއާރެއް އުފެދުމަށްޓަކައި ބިމުގައި ފައިންޕުޅުން ޖައްސަވާށެވެ. ދެން، މި ދެ އާޔަތް އެކުގައި ދެނެގަންނަމާ ހިނގާށެވެ.
އައްޔޫބު ޢަލައިހިއްސަލާމްގެ ވާހަކަ
އައްޔޫބު ޢަލައިހިއްސަލާމްއަކީ މާތް الله سبحانه وتعالى ގެ ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލެކެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކޮޅަށެވެ. މާތް الله އެކަލޭގެފާނުގެ މުދަލާއި، ހަށިކޮޅާއި، އަދި ދަރިންގެ ކަންކަމުގައި ބޮޑުވެގެންވާ އިމްތިޙާނަކުން އިމްތިޙާނު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ވަރަށް ބޮޑަށް ކެތްތެރިވެވަޑައިގަތެވެ.
އެކަލޭގެފާނުގެ އަނބިކަނބަލުންވެސް، الله އަށާއި އެކަލާނގެ ރަސޫލާއަށް އޮތް އީމާންކަމެއްގެ ބޮޑުކަމުން، އެކަލޭގެފާނާއެކު ކެތްތެރިވެވަޑައިގެން އަރިހުގައި ސާބިތުވެ ހުންނެވިއެވެ. އެކަލޭގެފާނުގެ ބަލިމަޑުކަމާއި އިމްތިޙާނު ދިގުލައިގޮސް، ބަލި ހާލަތު ބޮޑުވި ހިނދު، ސޫރަތުލް އަންބިޔާއު ގައި މާތް الله ބަޔާންކުރައްވާފައިވާ ފަދައިން އެކަލޭގެފާނު އެކަލާނގެ ހަޟްރަތަށް ދަންނަވައި ދުޢާކުރެއްވިއެވެ.
۞ وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿83﴾ الأنبياء
އަދި އައްޔޫބުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާ ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙްމަތް ލައްވާ، އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.
އަދި ސޫރަތު ޞާދު ގައި ވަޙީ ކުރެއްވިއެވެ.
وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ ﴿41﴾ الأنبياء
ތިމަންރަސްކަލާނގެ އަޅު އައްޔޫބުގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދުޢާ ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި ޝައިޠާނާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.
ދުޢާ އިޖާބަކުރެއްވުން
ފަހެ، މާތް الله އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ. އަދި ސޫރަތު ޞާދު ގައި ވާފަދައިން އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ:
ارْكُضْ بِرِجْلِكَ ۖ هَٰذَا مُغْتَسَلٌ بَارِدٌ وَشَرَابٌ ﴿42﴾
(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ.
އެބަހީ: ކަލޭގެފާނުގެ ފައިންޕުޅުން ބިމުގައި ޖައްސަވާށެވެ. އޭރުން ފެންއާރެއް އުފެދިގެން ހިނގައިދާނެއެވެ.
- ފެންވަރާނޭ ފިނިފެން (مغتسل بارد): އޭގެއިން ފެންވެރުމުން، ހަށިގަނޑުގެ ބޭރުފުށުގައި ހުރި ހުރިހާ ބަލިމަޑުކަމާއި ތަކުލީފެއް ފިލައިދާނެއެވެ.
- ބޯނޭ ފެން (شراب): އޭގެއިން ހިއްޕެވުމުން، ހަށިގަނޑުގެ އެތެރެފުށުގައި ހުރި ހުރިހާ ބަލިމަޑުކަމެއް ފިލައިދާނެއެވެ.
ފަހެ، އައްޔޫބު ޢަލައިހިއްސަލާމް އެ ފެނުން ނާނެފިއްލަވައި އަދި ފެން ހިއްޕެވިއެވެ. އެއާއެކު މާތް الله އެކަލޭގެފާނުގެ ހުރިހާ ބަލިމަޑުކަމަކުން ޝިފާ ދެއްވިއެވެ. ދެން މާތް الله ވަޙީކުރެއްވިއެވެ.
وَوَهَبْنَا لَهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُولِي الْأَلْبَابِ ﴿43﴾
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ ޙަޟްރަތުން ލެއްވި ރަޙްމަތެއް ކަމުގައްޔާއި، ބުއްދީގެ އަހުލުވެރިންނަށްވާ ޢިބްރަތަކާއި، ނަޞޭޙަތެއް ކަމުގައެވެ.
ހުވާ ފުރިހަމަކުރެއްވުން
ދެން މާތް الله ވަޙީކުރެއްވިއެވެ.
وَخُذْ بِيَدِكَ ضِغْثًا فَاضْرِب بِّهِ وَلَا تَحْنَثْ ﴿44﴾
އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ ޚިލާފު ވެވަޑައިނުގަންނަވާށެވެ!
އެއީ، އައްޔޫބު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަނބިކަނބަލުން ކުރެއްވި ކަމަކާ ގުޅިގެން ކޯފާވެ، މާތް الله އެކަލޭގެފާނަށް ޝިފާ ދެއްވައިފިނަމަ، އެކަމަނާގެ ގައިގައި 100 އެތިފަހަރުން ޖައްސަވާނެ ކަމަށް ހުވާކުރައްވާފައި ވުމުންނެވެ. އެކަލޭގެފާނަށް ޝިފާ ލިބުމުން، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ވަފާތެރި އަނބިކަނބަލުންނަށް ރަޙުމްކުރެއްވުމުގެ ގޮތުން، "ޟިޣްޘެއް" (ضِغْثاً ހުއިބޮނޑިއެއް) ނެންގެވުމަށް މާތް الله އިރުޝާދު ދެއްވިއެވެ.
އިބްނު ޢައްބާސް ރަޟިޔަالله ޢަންހު ވިދާޅުވާ ގޮތުގައި އެއީ ކަދުރުކުގެ އިހާ ބޮނޑިއެކެވެ. އެއީ، ގާތްގަނޑަކަށް 100 ދަޅި ހިމެނޭ ބޮނޑިއެކެވެ. އެ ބޮނޑިން އެންމެ އެތިފަހަރަކުން ޖައްސެވުމުން، އެކަމަނާއަށް އަނިޔާއެއް ނުވެ، އެކަލޭގެފާނުގެ ހުވާ ފުރިހަމަ ކުރެއްވުނީއެވެ.
މިއީ ކެތްތެރި، ތަޤުވާވެރި އެ އަނބިކަނބަލުންނަށް މާތް الله ލެއްވި ރަޙުމްފުޅެކެވެ. އަދި އައްޔޫބު ޢަލައިހިއްސަލާމްއަށް ލެއްވި ރަޙުމްފުޅެއްވެސް މެއެވެ. އެކަލޭގެފާނާ ބެހޭގޮތުން މާތް الله ވަޙީކުރައްވާފައިވެއެވެ:
إِنَّا وَجَدْنَاهُ صَابِرًا ۚ نِّعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ ﴿44﴾
ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން ތައުބާ ވެވަޑައިގަންނަވާ ބޭކަލެކެވެ.
އައްޔޫބުގެފާނުގެ ކެތްތެރިކަމުގެ މަތިވެރިކަމާއި، މާތް الله ގެ ތަނަވަސްވެގެންވާ ރަޙުމްފުޅާއި، އަޅުތަކުންނަށް ބަހައްޓަވާ އޯގާވެރިކަން ވަރަށް ފުރިހަމައަށް މިއާޔަތްތަކުން ދެނެގަނެވެއެވެ.
نسأل الله أن يرزقنا الصبر والإنابة، وأن يجعلنا من الداعين إليه، العاملين بكتابه.






