Unsplash maryambatool
Unsplash maryambatool

ނިޢުމަތްތައް ލިބިގެން ވުމަކީ ﷲގެ ރުހުން ލިބިފައިވާކަމުގެ ހެއްކެއްތަ؟

މީސްތަކުންގެ ހިތްތަކުގައި ބޮޑުވެގެންވާ ހައިބަތެއް އުފެދިފައިވާ، އެކަލޭގެފާނުގެ ވެރިކަމުގައި އެތައް ޤައުމުތަކެއް ފަތަޙަ ކުރައްވައި، އެކަލޭގެފާނުގެ ޢަދުލުވެރިކަމުގެ ސަބަބުން ބޮޑެތި ރަސްރަސްކަލުން ޖެހިލުންވި ޢުމަރު ބިން އަލްޚައްޠާބު (ރަޟިޔަﷲ ޢަންހު) ގެ މަތިވެރިކަމާ މެދު ނިކަން ވިސްނާލަބަލާށެވެ!

އެފަދަ މަތިވެރި ޞަޙާބީއަކު، ކީރިތި ރަސޫލާ ﷺ ގެ ސިއްރުތައް ދެނެހުރި ﷲ ރުއްސުން ލެއްވި ޙުޛައިފާ ބިން އަލްޔަމާންގެ ކުރިމަތީގައި، ތެދުވެރިކަމާއި ބިރުވެތިކަމާއެކު ކޮށްލެއްވި ސުވާލަކީ މިއީއެވެ!

"ﷲ ގަންދީ ބުނަމެވެ! ރަސޫލާ ﷺ މުނާފިޤުންގެ ނަމުގެ ތެރޭގައި ތިމަންކަލޭގެފާނުގެ ނަންފުޅު ހިމެނުއްވިތޯއެވެ؟"

އެއީ ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގެންފައިވާ ޢުމަރުގެފާނެވެ! އެހެންވީއިރުވެސް އެކަލޭގެފާނު އަމިއްލަ ނަފްސާމެދު ބިރުވެތިވެވަޑައިގަތެވެ.

ނިޢުމަތްތަކާއި ކެހިވެރި ހީވުން

އެކަމަކު މީގެ އަނެއްކޮޅަށް ބަލާއިރު، ދުނިޔޭގައި ބައެއް މީހުންނަށް ހީވަނީ އެމީހުންނަށް ޖެހިޖެހިގެން ނިޢުމަތްތައް ލިބެމުންދާތީ އެއީ ﷲ އެމީހުންނަށް ރުހިވޮޑިގެންވާކަމުގެ ހެއްކެއް ކަމަށެވެ.
ލިބޭ މުދަލާއި، ދުޅަހެޔޮކަމާއި، ވަޒީފާގެ ކުރިއެރުމާއި، ފައިދާހުރި ވިޔަފާރިތަކާއި، ތަނަވަސްކަމާއި، ދިރިއުޅުމުގެ އަރާމުކަމަކީ ތިމާގެ މާތްކަން ކަމުގައި ދެކެއެވެ. އަދި އެހެން މީހުން މުޞީބާތްތަކުގައި އުޅޭތަން ފެނުމުން، އެމީހުންނަށްވުރެ ތިމާގެ ދަރަޖަ ﷲގެ ޙަޟްރަތުގައި މާ މަތިވެރިކަމަށް ހީކުރެއެވެ.

ނަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ މި ކެހިވެރި ހީވުމަށް ރައްދުދެއްވަވަމުން (މުއުމިނޫން ސޫރަތުގެ 55 އާއި 56 ވަނަ އާޔަތުގައި) ވަޙީކުރައްވާފައިވެއެވެ.

أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِ مِن مَّالٍ وَبَنِينَ ﴿55﴾
މުދަލާއި، ދަރިންގެ ތެރެއިން ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާ ދެއްވުން އެއީ، ތިމަންރަސްކަލާނގެ އެއުރެންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެއުރެން ހީކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަށް (އެކަމުގެ ޙަޤީޤަތް) ނޭނގެނީއެވެ.
نُسَارِعُ لَهُمْ فِي الْخَيْرَاتِ ۚ بَل لَّا يَشْعُرُونَ ﴿56﴾
މުދަލާއި، ދަރިންގެ ތެރެއިން ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާ ދެއްވުން އެއީ، ތިމަންރަސްކަލާނގެ އެއުރެންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެއުރެން ހީކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަށް (އެކަމުގެ ޙަޤީޤަތް) ނޭނގެނީއެވެ.

ޙަޤީޤީ ތަފާތަކީ ކޮބާ؟

ނިޢުމަތެއް ދެއްވި ކޮންމެ މީހަކީ ﷲގެ ޙަޟްރަތުގައި މާތްކުރެއްވި މީހެއް ނޫނެވެ. އަދި ނިޢުމަތަކުން މަޙްރޫމްކުރެއްވި ކޮންމެ މީހަކީ ނިކަމެތިކުރެއްވި މީހެއްވެސް ނޫނެވެ.

  • ޣާފިލުކަމުގައި ޣަރަގުކޮށްލުން: ބައެއް ފަހަރު ނިޢުމަތްތަކަކީ އިންސާނާ ފާފަތަކުގެ ތެރެއަށް ގަންބާލައި، ޣާފިލުކަން އިތުރުކުރުވާ ދޫކޮށްލެއްވުމެކެވެ.
  • ރަޙްމަތް ލެއްވުން: ބައެއް ފަހަރު ނިޢުމަތްތައް ނުދެއްވައި ހިފެހެއްޓެވުމަކީ، އިންސާނާ ﷲގެ މަގަށް ރުޖޫޢަކުރުވާ ރަޙްމަތެކެވެ.

ޙަޤީޤީ ތަފާތަކީ ތިބާއަށް ލިބޭ ނިޢުމަތާ މެދު ތިބާ ޢަމަލުކުރާ ގޮތެވެ!

އިޙްސާންތެރި މުއުމިނުންގެ ސިފަ ބަޔާންކުރައްވަމުން އަލްއަންބިޔާ ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ ﴿90﴾
ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، ދުޢާ ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.

މިއީ ނިޢުމަތްތައް އެމީހުންގެ މައްޗަށް ހެއްކަކަށް ވެގެންދާ މީހުންނެވެ. ސަބަބަކީ އެމީހުންނަށް ނިޢުމަތް ލިބުމުން ﷲއަށް ޝުކުރުވެރިވެ، މަޑުމޮޅިވެ، ހެޔޮ ޢަމަލުތައް އިތުރުކުރާތީއެވެ.

ޢިބުރަތަކީ ތިބާއަށް ލިބުނު ނިޢުމަތުގެ ގިނަކަމެއް ނޫނެވެ. އެކަމަކު ލިބުނު އެ ނިޢުމަތްތަކުން ތިބާ ކުރި ހެޔޮ ކަންތައްތަކެވެ.

 

ހިއްސާ ކުރައްވާ!