maryambatool on Unsplash
maryambatool on Unsplash

ޢާލަމްތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟

ދިރިއުޅުމުގެ އާދައިގެ ކަންކަމުގައި ވެސް އަހަރެމެން އިންސާނުންނަށް ހާދަހާ އިތުބާރެއް ކުރަމުއެވެ!

ބައްޕައަކު، އޭނާގެ ދަރިފުޅު ވައިގެ ތެރެއަށް ހޫރާލައިގެން ސަކަރާތް ޖަހާއިރު، އެ ކުއްޖާ ބިރުގަތުމުގެ ބަދަލުގައި ހިތްހަމަޖެހުމާއެކު ހީ ހަދައެވެ. އެއީ ބައްޕަގެ ދެއަތުން އޭނާ ވައްޓާނުލައި ހިފާނެކަން ކަށަވަރުވާތީއެވެ!

މަތިންދާބޯޓެއްގެ ފަސިންޖަރުން އެތައްހާސް މީޓަރު މައްޗަށް އުދުހުމަށް އެމީހުންގެ އަގުބޮޑު ފުރާނަ ހަވާލުކުރަނީ ދުވަހަކުވެސް ފެނިފައިނުވާ، ނުވެސް ދަންނަ ޕައިލެޓަކާއެވެ.

ބަލިމީހަކު ހޭނައްތާލައިގެން ތޫނުވަޅިއެއްގެ މިޔައިގެ ދަށުގައި އޮންނަނީ ހަށިގަނޑު ކޮށައި ކޮނެ ހަދާނެ ސާޖަންއަކަށް އިތުބާރުކޮށް، އޭނާގެ އަތުން ގޯހެއް ނުހަދާނެކަމުގެ ފުރިހަމަ ޔަޤީންކަމާ އެކުގައެވެ.

މިއީ އިންސާނަކު އޭނާ ފަދަ ނިކަމެތި، ކުށްކުރެވޭ އަނެއް އިންސާނަކަށް ކުރާ ބޮޑު އިތުބާރެއްގެ މަންޒަރުތަކެވެ.

އެހެންވިއިރު، ﷲ ސުބްޙާނަހޫ ވަތަޢާލާ فِ (ފަހެ) މި ލަފްޒު ބޭނުން ކުރައްވައި އިންސާނާއާ ސުއާލު ކުރައްވައެވެ!

فَمَا ظَنُّكُم بِرَبِّ الْعَالَمِينَ ﴿87﴾
ފަހެ، ޢާލަމްތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟ الصافات

އިންސާނުންނަށް ކުރާ އިތުބާރު މިހާ ވަރުގަދަ ނަމަ، އިންސާނުން އުފެއްދެވި، އެންމެހާ ތަކެތި އެ އިލާހަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެ އިލާހު ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއަށް އިތުބާރު ކުރުން މާ އައުލާކަން ބޮޑު ނޫންހެއްޔެވެ؟

ﷲ ތިބާގެ ދުޢާ އެއްސެވީ ކިތައް ފަހަރު؟

  • ފަހަރު ތިބާ ކަމަކަށް އެދި، ދުނިޔޭގެ ހުރިހާ މަގެއް ބަންދުވުމުން ﷲގެ ޙަޟްރަތުން އެދުމުން، ދުނިޔޭގެ ހުރިހާ ޤާނޫނުތަކަކާ ޚިލާފަށް ﷲ ތިބާއަށް ކިތައް ކަން ފުއްދަވައިދެއްވި ހެއްޔެވެ؟
  • ކިތައް ފަހަރު ތިބާ ބަލިވުމުން ޝިފާ ދެއްވި ހެއްޔެވެ؟
  • ތިބާއަށް ވަދެވުނު ދަތި ހާލަތްތަކުން ﷲ ކިތައް ފަހަރު ތިބާ ނެރުއްވައި ހިތްހަމަޖެހުން ދެއްވި ހެއްޔެވެ؟
  • ބިރުގަތުމުން ﷲ ތިބާއަށް ކިތައް ފަހަރު އަމާންކަން ދެއްވި ހެއްޔެވެ؟

ތާރީޚުން ކަށަވަރުވާ ޔަޤީންކަން

ނަބީބޭކަލުންގެ ދިރިއުޅުއްވުމުން ފެންނަން އޮތީ މިޙަޤީޤަތާއި އިތުބާރެވެ.

މޫސާގެފާނުގެ ޔަޤީންކަން: ފިރުޢައުނުގެ ލަޝްކަރުގެ ކިބައިން ސަލާމަތްވާން ދުވަމުން ގޮސް ކަނޑާ ހަމައަށް ފޯރިއިރު، މި ފެންނަނީ ފަހަތުން އައިސް ދުޝްމަނުން އަރައި ހަމަކުރާ ތަނެވެ.

ކުރިމަތީގައި އޮތީ މާ ކަނޑެވެ. ދުނިޔޭގެ ހަމަތަކުން ބަލާއިރު އެމީހުން ތިބީ ހަލާކުގެ ތެރޭގައެވެ.
މޫސާގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް ދެންނެވިއެވެ!

﴿إِنَّا لَمُدْرَكُونَ 61﴾
ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. الشعراء

ނަމަވެސް މޫސާގެފާނު ސާބިތުކަމާއެކު ވިދާޅުވިއެވެ.

﴿كَلَّا إِنَّ مَعِيَ رَبِّي سَيَهْدِينِ 62﴾
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (ނަޞްރު ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ. الشعراء

ކީރިތި ރަސޫލާ ގެ ޔަޤީންކަން: ޣާރު ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި ތިއްބަވަނިކޮށް ކާފިރުން އައިސް ދޮރުމައްޗަށް ހުއްޓުމުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ: "އެމީހުންގެ ތެރެއިން މީހަކު އެމީހެއްގެ ފައިދަށަށް ބަލާލިނަމަވެސް އަޅުގަނޑުމެން ފެނުނީހެވެ." ރަސޫލާ ﷺ ޖަވާބުގައި ވިދާޅުވިއެވެ.

لَا تَحْزَنْ إِنَّ اللَّهَ مَعَنَا ﴿40﴾
ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ! (އައްތައުބާ)

ﷲގެ ދެއްވުން ވަނީ ތިބާ އެކަލާނގެއާ މެދު ބަހައްޓާ ހެޔޮ ހީއެއް ނުވަތަ ޙުސްނުއްޡައްނުގެ މައްޗަށެވެ. މުޝްރިކުންވެސް ކަނޑުމަތީގެ ބޮޑު ނުރައްކަލުގެ ވަގުތުގައި ޔަޤީންކަމާއެކު ﷲއަށް ގޮވާލުމުން އެކަލާނގެ އިޖާބަކުރައްވައެވެ.

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ ﴿65﴾
ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް އީމާންކަން ޚާލިޞް ކުރާ ޙާލުގައި، ﷲއަށް އެއުރެން ދުޢާ ކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެއުރެން (އެކަލާނގެއަށް) ޝަރީކު ކުރެތެވެ. (އަލްޢަންކަބޫތު)

އެހެންވީއިރު، ޞާލިޙު މީހާއާއި ފާފަވެރިޔާވެސް މާޔޫސްނުވެ، އެއް ފަދަ ޔަޤީންކަމެއްގައި ދުޢާކޮށްފިނަމަ އެކަލާނގެ އިޖާބަކުރައްވާނެއެވެ.

އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ! އިންސާނުންނަށް ތިޔަ ކުރާ އިތުބާރު އެހާ ބޮޑުނަމަ… ފަހެ، ޢާލަމްތަކުގެ ވެރިރަސްކަލާނގެއާމެދު، ތިޔަބައިމީހުން ހީކުރަނީ ކީކޭހެއްޔެވެ؟
فَمَا ظَنُّكُم بِرَبِّ الْعَالَمِينَ ﴿87﴾ الصافات

 

ހިއްސާ ކުރައްވާ!