މިޒަމާނުގައިވެސް ޖަރުމަނުގެ ޖަލުތަކުގައި އަނިޔާ ކުރޭ! ކަށީގައި ހަރުލާފައިވާ ކަމެއްބާ؟

މިއީ ޔަހޫދީ ޖެނޮސައިޑް ރެޖީމަށް އެންމެ ބޮޑަށް ތާއީކުރާ ގައުމުގެ ޖަލުތަކުގައި މީހުންނަށް ކުރާ އަނިޔާގެ ވާހަކައެވެ! މަރުވެފައި އޮތް އިންސާނީ ޒަމީރު އަދިވެސް ނުދިރޭކަން މި ހާދިސާތަކުން ޔަގީން ވެއެވެ!

"ޖަރުމަނު ވިލާތުގެ ތާރީޚުގައި ޖަލެއްގައި ހިނގި އެންމެ ބޮޑު ލަދުވެތި ހާދިސާ"..

މިއީ ޖަރުމަނުގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ޒަބީނޭ ލޮއިތްހޮއިސަރ ޖަރުމަންގެ ޖަލުތަކުގައި އަނިޔާކުރާ ކަން ސިފަ ކުރެއްވި ގޮތެވެ. ޖަރުމަންގެ މީޑިއާ ޖަމާއަތްތައް ގުޅިގެން ހިންގި އިންވެސްޓިގޭޓިވް ތަހުގީގަކުން ފާހަގަވި ކަންތައްތަކަށް ނިސްބަތްކުރައްވައި އޭނާ ވަނީ މިއީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ހޯދުންތަކުން ވަނީ ޖަރުމަނުގެ ހުޅަނގު ދެކުނުގައި ހުންނަ ޖަލެއްގައި ތިބި ގައިދީންނަށް ލާއިންސާނީ އަނިޔާތަކެއްކޮށް، އެމީހުން ނިކަމެތިކޮށްލާފައިވާކަން ހާމަކޮށްފައެވެ.

މި ތަހުގީގުން އެނގުނު ގޮތުގައި، ބަވޭރިއާ ސްޓޭޓްގެ އޮގްސްބާގް ގާބްލިންގެން ޖަލުގައި ތިބި ގައިދީންގެ އަސާސީ ޙައްޤުތަކަށް އަރައި ގަނެ އަނިޔާކޮށްފައި ވެއެވެ. އަދި އެމީހުންނަށް ރޭވުންތެރިކަމާއެކު، ގަސްތުގައި އަދި ބައެއް ފަހަރު ހަމައެކަނި މަޖަލަކަށް ވެސް އަނިޔާކޮށް، އިހާނެތިކޮށް ހިތާފައިވެއެވެ.

މި ކަމަކީ ޖަރުމަނަށް މުޅިން އާ މައްސަލައެއް ނޫނެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖަރުމަނުގެ މީޑިއާއިން މި ވާހަކަ ދައްކަމުންދިޔައެވެ. އަދި ޕްރޮސެކިއުޓަރުން މި މައްސަލައިގައި ރަސްމީ ޝަކުވާތައްވެސް ހުށަހެޅިއެވެ. ނަމަވެސް، އެންމެ ފަހުގެ މި އިންވެސްޓިގޭޓިވް ތަހުގީގުން އެނގެނީ މި އަނިޔާތައް ކުރިން ހީކުރި ވަރަށްވުރެ މާ ނުރައްކާތެރި ވެފައި ފުޅާ ކަމަށެވެ.

މި ތަހުގީގުގައި ބަވޭރިއަން ބްރޯޑްކާސްޓިންގްއާއި ބާލިން ބްރޭންޑަންބާގް ރޭޑިއޯ އެންޑް ޓީވީން އުފައްދާ "ކޮންޓްރާސްޓޭ" ޕްރޮގްރާމް، އަދި އޭއާރްޑީ ނެޓްވޯކް ބައިވެރިވެފައިވެއެވެ.

ޖަރުމަނުގެ މީޑިއާއިން، ޚާއްޞަކޮށް "ޓާގްސްޝާއު" ޚަބަރު ސައިޓުން ވަނީ މި މައްސަލައިގެ ރިޕޯޓުތައް ވަރަށް ފުޅާ ކޮށް ގެނަސްދީފައެވެ.

އެ ކަވަރޭޖުގައި ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކާއި ޗެޓްތައް ހިމެނެއެވެ.

މިސާލަކަށް، އެއް މެސެޖެއްގައި ޖަލު ބަލަހައްޓާ މީހަކު ފޮނިކަނޑަމުން ބުނެފައިވަނީ، އޭނާ ގައިދީންގެ މޫނުމަތީގައި ތަޅައި، ހެދި ކަމަށާއި، އެމީހުން ތަދުވާތީ ރޮއެ ހެދި ކަމަށެވެ.

ޖަލުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރަށް ފޮނުވާފައިވާ ތަހުގީގަށް ފެނުނު އެހެން މެސެޖެއްގައި ވަނީ "އަބަދުވެސް އެމީހުންގެ ކަރަށް ފިއްތާފައި ބަހައްޓާށެވެ." މިހެންނެވެ!

މީގެ އިތުރުން، ޖަލު ބަލަހައްޓާ މީހުންގެ މެދުގައި ބަދަލުކޮށްފައިވާ އެތައް މެސެޖުތަކެއްވެސް ފެނިފައިވެއެވެ.
އޭގެ ތެރެއިން އެކަކު ލިޔެފައިވަނީ އޮފިސަރުން "ވަރަށް މަޖާ ވަގުތުކޮޅެއް" ހޭދަކުރި ކަމަށާއި ވަރަށް "ސަޅި ދުވަހެއް" ކަމަށެވެ.
އަދި ޖަލުގެ އެހެން ގާޑަކު ލިޔެފައިވަނީ އޭނާ ގާބްލިންގެން ޖަލުގެ "ގައިދީއަކު ދުއްވާލައިފި" މަރާލައިފި ކަމަށެވެ.

ޖަރުމަން ޖަލުބަލަހައްޓާ މީހުން އެކަންޏެއް ނޫނެވެ! ޖަރުމަން ފުލުހުންނަކީ ވެސް ވަރަށް އަނިޔާވެރި ބައެއް ކަން މީޑިއާގެ މަންޒަރުތަކުން ފެނިފައި ވެއެވެ. އެމީހުން ވަނީ ފަލަސްޠީނުގެ ތާއީދުގައި ނިކުތް ސުލްހަވެރި މުޒާހަރާ ވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ކޮޅުފައިން ތަޅައި ދަމައި ކޫއްތާފައެވެ. އަދި ފިރިހެން ފުލުހުން އަންހެން މުޒާހަރާ ވެރިންނަށް އަނިޔާ ކުރާ މަންޒަރު ސާފުކޮށް ފެނިފައި ވެއެވެ!

ޑޮކްޓަރުގެ ހެކިބަސް

ޖަލުގެ ކުރީގެ ޑޮކްޓަރެއް ކަމަށްވާ ކެތަރީނާ ބައުރަކީ، އެތަނުގައި ހިނގި އަނިޔާތަކުގެ ވާހަކަ ދައްކަން ކެރުނު ފުރަތަމަ މީހާއެވެ. އޭނާ ވަނީ ހިތާމަވެރި އެތައް ހެކިބަހެއް ދީފައެވެ. އޭގެ ތެރޭގައި، އެތައް ހަފްތާއެއް ވަންދެން މުޅިން ކޮޅަށް ގައިދީން ބައިތިއްބާ ކަމަށާއި އެއްވެސް ގޮދަޑިއެއް ނުވަތަ ކުނަލެއް ނެތި ކޮންކްރީޓް ތަޅުންގަނޑުމަތީގައި ގައިދީން އެކަހެރިކޮށް ބޭތިއްބި ކަމަށް އޭނާއަށް ކިޔައދީފައިވާ ކަމަށް ބުންޏެވެ.

"އަހަންނަށް އިހުސާސްވަނީ އިންސާނިއްޔަތަށް ގަސްތުގައި ކުރި މަލާމާތެއްގެ ގޮތުގައި. އިންސާނަކު މިފަދަ ގޮތަކަށް އަމަލުކުރާނީ ކިހިނެއްކަން އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ. ވިސްނައެއް ނުގަނެވޭ." ބައުރު އޭނާގެ އިހުސާސްތައް ކުރުކޮށްލަމުން ބުންޏެވެ.

ޖަލު ގާޑުންގެ ވަކީލުން މިކަމާ މެދު އެއްޗެއް ބުނަން ދެކޮޅު ހަދައެވެ. ވަކީލު މާޓިން ލޮއިބްލް ވަނީ އޭނާގެ މުވައްކިލު "މިލާން ޖީ" އަށް ކުރި އަނިޔާތަކުގެ ވާހަކަ ދައްކާފައެވެ. މިލާން މިހާރު ދަނީ ނަފްސާނީ ފަރުވާ ހޯދަމުންނެވެ. ވަކީލު ވިދާޅުވީ އެއީ ޖިންސީ ގޮތުން އަނިޔާކޮށްގެން އަރާމު ލިބިގަތުމުގެ ބާވަތެއް ކަމަށާއި، ގާޑުން އޭނާގެ މުވައްކިލަށް އަނިޔާކޮށްގެން އުފާލިބިގަތް ކަމަށެވެ.

އިދާރާގެ ބައިވެރިވުން

މި ތަހުގީގުން އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކުރީ، އެ ދުވަސްވަރު ޖަލުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ހުރި މީހާއާއި "ސެކިއުރިޓީ ގްރޫޕް" ގެ އޮފިސަރުން ގައިދީން ރޭވުންތެރިކަމާއެކު ނިކަމެތިކޮށްލަން ނިންމައިގެން ތިބި ކަމެވެ. މިގޮތުން 100 އަށްވުރެ ގިނަ ގައިދީންނަށް އަނިޔާ ކޮށްފައިވާ ކަން އެނގިފައިވެއެވެ.

"ޓާގްސްޝާއު" ސައިޓުން ބުނާ ގޮތުގައި، މި ސެކިއުރިޓީ ގްރޫޕަކީ ވަރަށް މަތީ ފެންވަރަށް ތަމްރީނުކޮށް، ހޮވާލެވިފައިވާ ބައެކެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމީހުންނަށް އިރުޝާދު ދެނީ ޖަލުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރެވެ.
އޭނާ ފޮނުވި އެއް މެސެޖެއްގައި ލިޔެފައިވަނީ، ޖަލުގެ ތެރޭގައި "ޚުދުމުޚުތާރު ވެރިކަމެއް" ގާއިމުކުރަން ބޭނުންވާ ކަމަށެވެ. އަދި އެ މެސެޖާއެކު ކަނު ބަނދެގެން އިންނަ ރާމާ މަކުނެއްގެ އިމޯޖީއެއްވެސް ފޮނުވާފައިވެއެވެ.

ހިއްސާ ކުރައްވާ!