އދ. ގެ ސެކަންޑް ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމަށް ރާއްޖެ އިއްތިފާގުން އިންތިޚާބުވެއްޖެ

އދ. ގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީ (ސެކަންޑް ކޮމިޓީ) ގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ. އދ. ގެ މައި މަރުކަޒުގައި ބޭއްވި ސެޝަންގައި ރާއްޖެ މި މަގާމަށް އިންތިޚާބުވީ އާންމު މަޖިލީހުގެ އެންމެހައި މެންބަރުންގެ އިއްތިފާގުންނެވެ.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ އިގްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރާނީ، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން އެވެ. މި ސެޝަންގެ މަސައްކަތްތައް ކުރިއަށްދާނީ 2026 ސެޕްޓެމްބަރު މަހުން ފެށިގެން 2027 ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުގައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން މުހިންމު އަދި ހަރަކާތްތެރި ދައުރެއް އަދާކުރާނެއެވެ.

މި މަގާމަށް ރާއްޖެ އިންތިޚާބުވުމަކީ ބައިނަލްއަޤްވާމީ މުޖުތަމައުއިން ދިވެހިރާއްޖޭގެ ހަރުދަނާ ޚާރިޖީ ސިޔާސަތަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެކެވެ. ރާއްޖެއަށް މި ފުރުޞަތު ލިބިފައި މިވަނީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތްތައް އަވަސްކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ބައިނަލްއަޤްވާމީ މައިދާނުގައި ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިގްތިސާދީ އަދި މާލީ ކޮމިޓީ ނުވަތަ "ސެކަންޑް ކޮމިޓީ" އަކީ އދ. ގެ އާންމު މަޖިލީހުގައި ހިމެނޭ އެންމެ މުހިންމު ހަ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދެމެހެއްޓެނިވި ތަރައްޤީއާއި، ދުނިޔޭގެ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭ މުހިންމު ދާއިރާތަކަށް އަމާޒުކޮށްގެން އދ. ގެ ސިޔާސަތުތަކާއި މަސައްކަތްތައް ބައްޓަންކުރުމެވެ. ކޮމިޓީގެ މަސައްކަތްތައް ރާވައި ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންވަނީ ބިއުރޯއަށް ކަމަށްވާއިރު، ކޮމިޓީގެ އެންމެހައި ކަންކަން ކުރިއަށްދާނީ ރާއްޖެ ހިމެނޭހެން މި ބިއުރޯގެ އިރުޝާދާއި ލަފާގެ މަތިންނެވެ.

ހިއްސާ ކުރައްވާ!