ކުޑަކުދިންނަށް ކާންދޭ އެޖެންސީގެ ވެރިޔާ ދުރަށްލައިފި

އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ، އެޤައުމުގެ ކުޑަކުދިންނަށް ހިލޭ ކާނާ ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އެޖެންސީގެ އިސްވެރިޔާ މަޤާމުން ވަކިކުރައްވައިފިއެވެ.

މި ނިންމެވުން ނިންމަވާފައިވަނީ މި މަޝްރޫޢާ ގުޅޭގޮތުން ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެ، އަދި ކާނާގެ ފެންވަރު ދަށްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުދިން ބަލިވި މައްސަލަތަކެއް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

މަގާމުން ވަކި ކުރި މަސްއޫލުވެރިޔާއަކީ، ނޭޝަނަލް ނިއުޓްރިޝަން އެޖެންސީގެ އެންމެ ފުރަތަމަ އިސްވެރިޔާގެ މަޤާމުގައި ހުންނެވި ދާދާން ހިންދަޔާނާ އެވެ. އޭނާގެ ބަދަލުގައި އެޖެންސީ ހިންގުން މިހާރު ވަނީ އޭނާގެ ނައިބު ނާނިކް ސުދަރްޔާތީ ދެޔަންގްއާ ޙަވާލުކުރައްވާފައެވެ.

މި ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢު 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށިފަހުން، ކާނާގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން 11,000 އަށްވުރެ ގިނަ ކުދިންނަށް ކާނާ ވިހަވުމުގެ މައްސަލަތައް ކުރިމަތިވެ، 600 އަށްވުރެ ގިނަ ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖަމްޢިއްޔާ ކަމަށްވާ އިންޑޮނޭޝިޔާ ކޮރަޕްޝަން ވޮޗްއިން ވަނީ މި މަޝްރޫޢުގެ ބަޖެޓުން ގާތްގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ އޮޅުވާލުންތަކެއް އުޅޭކަމަށް ބުނެ ރަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ.

މިއީ ރައީސް ޕްރަބޯވޯގެ ރިޔާސީ ކެމްޕޭނުގެ އެންމެ މުހިންމު އެއް ވަޢުދެވެ. އިންޑޮނޭޝިޔާގައި ކުޑަކުދިން ހެދިބޮޑުވުމުގައި ދިމާވާ ކާނާގެ މައްސަލަތަކާއި ކާނާ ނުލިބުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ފެށި މި މަޝްރޫޢުން މިހާތަނަށް 61 މިލިއަނަށްވުރެ ގިނަ މީހުންނަށް ކާނާ ފޯރުކޮށްދީފައިވެއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، އިސްވެރިޔާ ބަދަލުކުރި ނަމަވެސް މި މަޝްރޫޢު ހުއްޓާނުލައި ކުރިއަށްދާނެއެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަތައް މުރާޖަޢާކޮށް، ކާނާ ތައްޔާރުކުރާ ބަދިގެތަކުގެ ސާފުތާހިރުކަން ރަނގަޅު ކުރުމުގެ މަސައްކަތް ރައީސްގެ އިރުޝާދުގެ ދަށުން ދަނީ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!