ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފް ހުސެއިން ވިދާޅުވެއްޖެއެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ލަސްވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ބައެއް ކަންކަން އަފީފް ހުސައިން ފާހަގަ ކުރެއްވިއެވެ. އެއީ:
- މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުން.
- ފަންނީ ހުނަރުވެރިން ނުލިބުން.
- ޑިސްޓްރިބިއުޝަންތަކަށް ވޮލްޓޭޖް ލިބުން ދަށްވުން.
- ޑިސްޓްރިބިއުޝަން ފޮށި ނެތުމުގެ ސަބަބުން ސަބް ސްޓޭޝަން ނެތް ތަންތަން ހުރުން.
- ސްކޫލުތަކަށް ކަރަންޓު އަޅާފައި ހުރި ގޮތުން އިތުރު މީޓަރުތައް ހަރުކުރަން ޖެހުން.
ފެނަކައިން މި މަޝްރޫއަށް ހާއްސަ އިސްކަމެއް ދީގެން ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށާއި، ކުންފުނީގެ މުވައްޒަފުންނަށް ނުކުރެވޭ މަސައްކަތްތައް ފަންނީ މުވައްޒަފުން ހޯދައިގެން ކުރަމުން އަންނަކަމަށް އެމްޑީ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު ތައުލީމީ ވުޒާރާއިން ކުރިއަށްގެންދާ މި މަޝްރޫއަކީ ކުލާސްތަކުގައި ތިބޭ ދަރިވަރުންނާއި މުދައްރިސުންނަށް އިހުސާސް ކުރެވޭ ހޫނުމިނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.



