މުޞްޙަފް ލިޔުއްވުމުގެ ޢިލްމަކީ، ނުވަތަ "އުޘްމާނީ ރަސްމު" އަކީ ކީރިތި ޤުރުއާނުގެ އިޢުޖާޒުގެ ތެރެއިން ހިމެނޭ، އުންމަތުގެ ޢިލްމުވެރިންނާއި މުޙައްޤިޤުންގެ ނުހަނު ބޮޑު ސަމާލުކަމެއް ލިބިފައިވާ ފާހަގަކޮށްލެވޭ މުހިންމު ޢިލްމެކެވެ. ކީރިތި ޤުރުއާން ލިޔުއްވާފައި ވަނީ ބާވައިލެއްވުނު ގޮތަށެވެ. ޤުރުއާން ލިޔެވިފައި ވަނީ، ހަމައެކަނި އާންމު އިމްލާގެ ގަވާއިދުތަކަށް ބިނާވެގެނެއް ނޫނެވެ. އަދި ޤުރުއާން އިމްލާ ކުރެވިފައި ވަނީ އޭގެ އިބާރާތްތަކުގެ ބަލާޣާތްތެރި ސިއްރުތަކާއި، ނަފްސާނީ އަދި ޢަޤީދާގެ ފުން މާނަތަކެއް އެކުލެވިގެންވާ ގޮތަށެވެ.
މި އިޢުޖާޒުގެ ހެކިތަކުގެ ތެރެއިން އެއް ކަމަކީ، އެއް މާނައެއްގައި އަންނަ އެއް ލަފްޒެއް، އޭގެ އަކުރުތަކަށް އަންނަ އުނި އިތުރުކަމަކުން އޭގެ ލިޔުމުގެ ބައްޓަމަށް ބަދަލު އައުމެވެ. މިއީ އާޔަތުން ދޭހަކޮށްދޭން ބޭނުންވާ ނަފްސާނީ ނުވަތަ މާނަވީ ތަފާތުތަކަށް ސަމާލުކަން ހޯދުމަށެވެ.
ސޫރަތުލް ކަހްފަކީ މިކަމުގެ ފުރިހަމަ މިސާލެކެވެ. ޚާއްޞަކޮށް "ބަގީޗާގެ ވެރިޔާ" ގެ ވާހަކައިގައި، (صَاحِب) މި ލަފްޒު މުޚާޠަބުކުރެވޭ މީހާއަށް ނިސްބަތްކޮށް، ގާތްގާތުގައިވާ ދެ އާޔަތެއްގައި ދެގޮތަކަށް ލިޔުއްވާފައިވެއެވެ. މިއީ އެކަޑެމިކް އުޞޫލުން ދިރާސާކޮށް ވިސްނައިގަންނަންޖެހޭ ކަމެކެވެ.
މި ދެއާޔަތާ މެދު ވިސްނަވާލައްވާށެވެ!
﴿ وَكَانَ لَهُۥ ثَمَرٞ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكۡثَرُ مِنكَ مَالٗا وَأَعَزُّ نَفَرٗا ﴾ ﴿34﴾
قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلًا ﴿37﴾
ފުރަތަމަ އާޔަތް: އަކުރު އުނިވުމާއި މާއްދީ ގާތްކަމުގެ ރަމްޒު
ސޫރަތުލް ކަހްފުގައި މި ލަފްޒު ފުރަތަމަ އައިސްފައިވަނީ، ބަގީޗާގެ ވެރި ކާފިރު މީހާގެ ބޮޑާކަމާއި ކިބުރުވެރިކަން ބަޔާންކުރައްވާ ސިޔާޤުގައެވެ. އެއީ މާތްﷲގެ މި ވަޙީބަސްފުޅުގައެވެ:
﴿ وَكَانَ لَهُۥ ثَمَرٞ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكۡثَرُ مِنكَ مَالٗا وَأَعَزُّ نَفَرٗا ﴾ الكهف: 34
އަދި އޭނާއަށް (އެހެނިހެން) މުދާތައްވެސްވެއެވެ. ފަހެ، އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން (ބޮޑާވެފައި) ބުންޏެވެ. ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި ޢިއްޒަތް ބޮޑެވެ. الكهف: 34
އުޘްމާނީ ރަސްމުގައި މި އާޔަތް ލިޔެވިފައިވާ ގޮތަށް ބަލާއިރު، (لِصَٰحِبِهِۦ) މި ލަފްޒުގައިވާ "ޞާދު" (ص) އަކުރުގެ ފަހަތުން އަންނަންޖެހޭ ފާޅުކަންބޮޑު އަލިފު (ا) ވަނީ އުނިކުރެވިފައެވެ. އަދި އޭގެ ބަދަލުގައި އަކުރުގެ މަތީގައި ކުޑަ އަލިފެއް (ޚަންޖަރީ އަލިފެއް) ޖަހާފައިވެއެވެ.
ބަލާޣާތްތެރިކަމާއި ނަފްސާނީ ގޮތުން ބަލާއިރު، މިގޮތަށް އަލިފު އުނިވުމުން ދޭހަކޮށްދެނީ، އެ ކާފިރު މީހާ އެ އެކުވެރިކަމާ މެދު ދުށް ގޮތެވެ. އޭނާ ދުށްގޮތުގައި، މާއްދީ ގޮތުންނާއި ދުނިޔަވީ ގޮތުން އޭނާގެ މުއުމިނު އެކުވެރިޔާއަކީ އޭނާއާ ނުހަނު ގާތުގައިވާ، ތަތްވެފައިވާ މީހެކެވެ. އެދެމެދުގައި އެއްވެސް ހުރަހެއް ނުވަތަ ދުރުކަމެއްވާ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ސަބަބަކީ އޭނާގެ ވިސްނުން ބިނާވެފައިވަނީ ހަމައެކަނި ދުނިޔަވީ މާއްދިއްޔަތަށެވެ. ލިޔުމުން އަލިފު އުނިވުމުން އަކުރުތަކުގެ ދެމެދުގައިވާ ދުރުމިން ކުޑަވެގެންދެއެވެ. މިއީ އެ ދެމެދުގައިވާ މާއްދީ އަދި ޒަމާނީ ގާތްކަން ރަމްޒުކޮށްދޭ ކަމެކެވެ.
ދެވަނަ އާޔަތް: އަލިފު އިތުރުވުމާއި ޢަޤީދާގެ ދުރުކަން
ދެވަނަ ފަހަރަށް މި ލަފްޒު އަންނަނީ މުއުމިނު އަޅާގެ އީމާންތެރި ރައްދުގެ ސިޔާޤުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ.
قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلًا ﴾ الكهف: 37
"(ޖަވާބުގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކަމުން އޭނާއަށް ބުންޏެވެ. ވެލިން ކަލޭހައްދަވައި (އެބަހީ: އާދަމުގެފާނު ހައްދަވައި) ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ ކާފިރު ވީ ހެއްޔެވެ؟" الكهف: 37
މި އާޔަތުގައި، ލިޔުމުގެ ބައްޓަމަށް ކުއްލި ބަދަލެއް އައިސްފައިވާތީ ފެނެއެވެ. މިތާނގައި (صَاحِبُهُۥ) ލިޔެވިފައިވަނީ "ޞާދު" ގެ ފަހަތަށް ފާޅުކަންބޮޑު އަލިފު (ا) އިތުރުކުރެވިގެންނެވެ. މި ބަދަލަކީ ވަރަށް މުހިންމު ބަލާޣާތްތެރި މާނައެއް އެކުލެވޭ ބަދަލެކެވެ. ސަބަބަކީ މި ސިޔާޤަކީ ޢަޤީދާގެ ގޮތުން ދެމީހުން ވަކިވެ، މުއުމިނު މީހާ އޭނާގެ ރަހުމަތްތެރިޔަގެ ކާފަރު ކަމާއި ޝުކުރުވެރި ނުވާކަމަށް އިންކާރުކުރި ހިސާބެވެ. (أَكَفَرْتَ ކަލޭ ކާފިރު ވީ ހެއްޔެވެ؟).
މުއުމިނު އަޅާ ﷲއަށް އެއްކައުވަންތަކަން ސާބިތުކޮށް، ތައުޙީދުގެ ކަލިމައިން ވާހަކަދައްކައި، އޭނާގެ އެކުވެރިޔާގެ ކާފިރުކަމަށް އިންކާރުކުރި ހިނދު، ދެމީހުންގެ މެދުގައި ޢަޤީދާގެ ބޮޑު ތަފާތަކާއި ހުރަހެއް އުފެދިއްޖެއެވެ. އެހެންކަމުން، ލިޔުމުގައި އަލިފު ފާޅުކޮށް ލިޔެވުނީ "ފެންނަން ހުރި މާނަވީ ފާރެއްގެ" ގޮތުގައެވެ.
އެއީ ދެމީހުންގެ މެދުގައިވާ ރޫޙާނީ ދުރުކަން ހާމަކުރުމަށެވެ. ޖިސްމާނީ ގޮތުން ދެމީހުން އެއްތާކު ތިބެ ވާހަކަދެއްކި ކަމުގައިވިޔަސް، ޢަޤީދާގެ ގޮތުން ދެމެދުގައިވާ ފަރަޤު ބޮޑުކަމުން، ލިޔުމުގެ ރަސްމުން އެ ދުރުކަން ދައްކުވައިދިނީއެވެ.
ތައުބާ ސޫރަތުގެ 40 ވަނަ އާޔަތާ މެދު މި ވާހަކައިގެ އަލީގައި ވިސްނަވާލައްވާށެވެ!
إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ التوبة 40
"އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ."
ޤުރުއާނުގެ ރަސްމުގެ ޢިލްމީ ހަމަތައް
މި ތަފާތުކުރުމަކީ ކީރިތި ޤުރުއާނުގެ ރަސްމުގެ ޢިލްމުވެރިން (އިމާމް ބަދުރުއްދިން އައްޒަރުކަޝީއާއި އަލްޚަޠީބު އިސްކާފީ ފަދަ ކުރީގެ ދަންނަބޭކަލުން) އަޞްލުކުރައްވާފައިވާ ގަވާއިދުތަކާ އެއްގޮތް ކަމެކެވެ. އެބޭފުޅުން ކަނޑައަޅުއްވާފައިވާ ގޮތުގައި، އުޘްމާނީ ރަސްމުގައި އަކުރެއް އިތުރުވުން ނުވަތަ އުނިވުން ގުޅިފައިވަނީ އެ ލަފްޒެއްގެ ފަހަތުގައިވާ ފުން މާނައާއެވެ.
މި ދެގޮތުގެ ތަފާތު ތިރީގައިވާ ތާވަލުން ސާފުކޮށްދެއެވެ:
| އަޅާކިޔުން | ފުރަތަމަ ތަން: (لِصَٰحِبِهِ) | ދެވަނަ ތަން: (صَاحِبُهُۥ) |
| އަލިފުގެ ޙާލަތު | ލިޔުމުން އުނިވެފައި (މަތީގައި ޚަންޖަރީ އަލިފެއް) | ފާޅުކޮށް ލިޔެވި، ދެމިގެންދާ ގޮތަށް |
| ނަފްސާނީ ސިޔާޤު | މާއްދީ ގޮތުން ފަޚުރުވެރިވުމާއި ދުނިޔަވީ ގާތްކަން | ޢަޤީދާގެ ވަކިވުމާއި އީމާންތެރި ރައްދު |
| ބަލާޣާތްތެރި މާނަ | އެކުވެރިކަމާއި، އަކުރުތައް ގާތްވުން (ހުރަހެއް ނެތުން) | ދުރުވުމާއި، މާނަވީ ހުރަހެއް ދެއްކުން |
އިސްވެދިޔަ ކަންކަމަށް ބަލާއިރު، ސޫރަތުލް ކަހްފުގައި (صاحب) މި ލަފްޒު ދެގޮތަކަށް ލިޔުއްވާފައިވުމަކީ އިއްތިފާޤެއް ނޫނެވެ.
އެއީ ޤުރުއާނުގެ ބަލާޣާތްތެރި އިޢުޖާޒުގެ ތެރެއިންވާ ކަމެކެވެ. ލިޔުމުގެ ބައްޓަން ބަދަލުވެފައިވަނީ ދެމީހުންގެ ނަފްސާނީ އަދި ޢަޤީދާގެ ޙާލަތަށް ބިނާކޮށެވެ.
މާއްދީ ގާތްކަމަށް އަލިފު އުނިވިއިރު، ޢަޤީދާގެ ވަކިވުމަށް އަލިފު އިތުރުވިއެވެ. މިފަދަ އަޖާއިބުކުރުވަނިވި ގުޅުންތަކުން ސާބިތުވަނީ މި ރަސްމަކީ މާތްﷲގެ ޙަޟްރަތުން ކަނޑައެޅިގެންވާ ކަމެއް ކަމެވެ.
މިއީ މާތްﷲގެ ފޮތުގެ ސިއްރުތައް ހޯދުމަށް ދިރާސާވެރިންނަށް ހުޅުވިގެންދާ ބޮޑު ދޮރެކެވެ.
لَّا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ فصلت ﴿42﴾
އެ ފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެފަހަތަކުންވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެތެވެ. (އެއީ) ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ. فصلت ﴿42﴾






