މާތް الله ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ހައްދަވައި މާތްކުރެއްވީ މަތިވެރި މަޤްޞަދަކަށެވެ. އެކަލާނގެ އިންސާނާ މި ދުނިޔެއަށް ފޮނުއްވެވީ ވަރުގަދަ އަހުދުތަކާއި މީޘާޤުތަކަކުން އިންސާނާއާއި އެއިލާހުއާ ދެމެދު ގުޅުން ބަދަހިކުރައްވާފައެވެ.
ކޮންމެ ދުވަހަކު އަދި ކޮންމެ ޖަނާޒާއެއްގައި އިވޭ މިއާޔަތާ މެދު ވިސްނާލަމާ ހެއްޔެވެ؟
أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ ۖ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ (ޔާސީން 60)
އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ ޢަދާވަތްތެރިޔެކެވެ. (ޔާސީން: 60)
މިއީ، އިންސާނުންނާ ހަވާލުކުރެވިފައިވާ މި ބޮޑު މަސްއޫލިއްޔަތާއި، ޝައިޠާނާގެ މަގުން އެއްކިބާވުމަށް ވެވިފައިވާ އަހުދު އިންސާނާއަށް އޭނާގެ އެންމެ ފަހު ވަގުތުގައިވެސް ހަނދާންކޮށްދޭ ކަށަވަރު ހެއްކެކެވެ.
އިސްލާމީ އިލްމީ ނަޒަރަކުން ބަލާއިރު، ﷲ އާއި އަޅުތަކުންގެ ދެމެދުގައިވާ އަހުދުތައް މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ.
މާތް ﷲ އާއި އިންސާނުންނާ ދެމެދުގައިވާ އަހުދުތަކުގެ މަރުޙަލާތައް
- ފިޠުރަތުގެ އަހުދު
މިއީ އިންސާނުން މި ދުނިޔޭގެ ޙަޔާތަށް އައުމުގެ ކުރިން، ރޫޙުތަކުގެ ދުނިޔޭގައި ހުރިހާ އިންސާނުންގެ ކިބައިން މާތް ﷲ ހިއްޕެވި އެންމެ ފުރަތަމަ އަހުދެވެ.
- މާތް ﷲ އާދަމުގެފާނުގެ ދަރިފަސްކޮޅު އެކަލާނގެ އެއްކައުވަންތަކަމަށް ހެކިކުރެއްވިކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ.
وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا بَلَىٰ ۛ شَهِدْنَا ۛ أَن تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَٰذَا غَافِلِينَ (الأعراف: 172)
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރިކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ ވަޙީ ކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކަމުގައި، ތިމަންރަސްކަލާނގެ ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވޫއެވެ. ނޫނެކެވެ. (އިބަރަސްކަލާނގެއީ، އަޅަމެންގެ ވެރިރަސްކަލާނގެއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލު ވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތް ދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ.
- ރަސޫލާ ﷺ ބަޔާންކުރެއްވި ގޮތުގައި ކޮންމެ އިންސާނަކުވެސް އުފަންވަނީ މި ދެންނެވި ތައުޙީދުގެ ފިޠުރަތުގެ މަތީގައެވެ. ޙަދީޘްކުރެއްވިއެވެ. "كُلُّ مَوْلُودٍ يُولَدُ علَى الفِطْرَةِ، فأبَوَاهُ يُهَوِّدَانِهِ، أوْ يُنَصِّرَانِهِ، أوْ يُمَجِّسَانِهِ" (صحيح البخاري) (މާނައީ: "ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ (އިސްލާމްދީނުގެ) މަތީގައެވެ. އެއަށްފަހު، އެކުއްޖާގެ މައިންބަފައިން އެކުއްޖާ ޔަހޫދީއަކަށް، ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދައެވެ.")
- ރިސާލަތާއި ތަޝްރީޢުގެ އަހުދު
އިންސާނާ ހަނދާންނެތުމާއި ޝައިޠާނާގެ މަގުފުރެއްދުމުގެ ތެރެއަށް ވެއްޓިދާނެތީ، މާތް ﷲ ވަނީ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލައްވައި، އެ އަހުދު އާކޮށްދެއްވާފައެވެ.
-
މާތް ﷲ ވަޙީކުރެއްވިއެވެ:
رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ ۚ (النساء: 165)އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި އިންޛާރު ކުރައްވާ ރަސޫލު ބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށްފަހު، ﷲގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށްޓަކައެވެ.
- މާތް ﷲ ވަނީ ނަބީބޭކަލުންގެ ކިބައިންވެސް ބޮޑުވެގެންވާ އަހުދެއް ހިއްޕަވާފައެވެ.
وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا (الأحزاب: 7).
ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި ނޫޙުގެފާނާއި، އިބްރާހީމުގެފާނާއި، މޫސާގެފާނާއި، މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ ޢަހުދު، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.
- އީމާންކަމުގެ އަހުދު
މިއީ އިންސާނާ އިސްލާމްދީނަށް ވަނުމަށްފަހު، ތިމާގެ އަމިއްލަ އިޚްތިޔާރުގައި ﷲ އަށް އީމާންވެ، އެކަލާނގެ ޝަރީޢަތަށް ބޯލަނބަންވާ އަހުދެވެ.
- މާތް ﷲ ވަޙީކުރެއްވިއެވެ.
وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ وَمِيثَاقَهُ الَّذِي وَاثَقَكُم بِهِ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ (المائدة: 7)
ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއޭ ތިޔަބައިމީހުން ބުނިހިނދު، ތިޔަބައިމީހުންނަށް ﷲ ދެއްވާފައިވާ ނިޢުމަތާއި، ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ހިއްޕަވާފައިވާ ޢަހުދު ކަށަވަރު ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ!
- މުޢާޛު ބިން ޖަބަލް رضي الله عنه އަށް ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
"يا مُعاذُ، أتَدْرِي ما حَقُّ اللَّهِ علَى العِبادِ؟" قالَ: اللَّهُ ورَسولُهُ أعْلَمُ، قالَ: "أنْ يَعْبُدُوهُ ولا يُشْرِكُوا به شيئاً، أتَدْرِي ما حَقُّهُمْ عليه إذا فَعَلُوا ذلكَ؟" قالَ: اللَّهُ ورَسولُهُ أعْلَمُ، قالَ: "أنْ لا يُعَذِّبَهُمْ" (صحيح البخاري)
މާނައީ: "އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ އެކަލާނގެއަށް އަޅުކަންކުރުމާއި އެއްވެސް އެއްޗެއް އެކަލާނގެއަށް ޝަރީކު ނުކުރުމެވެ. އަދި އެބައިމީހުން އެކަން ކޮށްފިނަމަ، އަޅުތަކުންނަށް ﷲގެ ހަޟުރަތުންވާ ޙައްޤަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ އެބައިމީހުންނަށް އަޒާބު ނުދެއްވުމެވެ."
"ޝައިޠާނާއަށް އަޅުކަންކުރުން" މުފައްސިރުން މާނަކުރައްވާ ގޮތް
ޔާސީން ސޫރަތުގެ މި އާޔަތުގައިވާ "ޝައިޠާނާއަށް އަޅުކަން ނުކުރުމަށް" ގޮވައިލައްވާ މި ބަހުގެ މާނައަކީ ހަމައެކަނި ޝައިޠާނާއަށް ސަޖިދަކުރުމެއް ނޫނެވެ. އިމާމް ޠަބަރީ، ޤުރުޠުބީ އަދި އިބުނު ކަޘީރު ފަދަ ބޭކަލުން ބަޔާންކުރައްވާ ގޮތުގައި އިސްލާމީ ތަޝްރީޢުގައި "އަޅުކަމަކީ ކިޔަމަންތެރިވުމާއި ބޯލެނބުމެވެ." އެހެންކަމުން، ﷲގެ އަމުރުފުޅުތަކާ ޚިލާފަށް ޝައިޠާނާގެ ބަހަށް ހެއްލި، ފާފަތަކަށް އަރައިގަތުމަކީ ޝައިޠާނާއަށް އަޅުކަންކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
މިކަމުގެ ހެކިތައް:
އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު:
يَا أَبَتِ لَا تَعْبُدِ الشَّيْطَانَ (މަރްޔަމް: 44) (މާނައީ: އޭ ބައްޕާއެވެ! ޝައިޠާނާއަށް އަޅުކަން ނުކުރާށެވެ!)
އިބްރާހީމްގެފާނުގެ ބައްޕަ ސަޖިދަކުރީ ބުދުތަކަށެވެ. ނަމަވެސް ބުދުތަކަށް އަޅުކަންކުރުމުގައި ޝައިޠާނާއަށް ކިޔަމަންވުމުން، އެއީ ޝައިޠާނާއަށް އަޅުކަންކުރުން ކަމުގައި ބެލެވުނެވެ.
ޢަދިއްޔު ބިން ޙާތިމްގެ ޙަދީޘް:
حين دخل على النبي ﷺ وفي عنقه صليب من فضة، فسمعه يقرأ آية: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ ، فقال عدي: يا رسول الله، إنا لسنا نعبدهم! فقال النبي ﷺ: "أليس يحرّمون ما أحلّ الله فتحرّمونه، ويحلّون ما حرّم الله فتستحلّونه؟" قال: بلى، قال: "فتلك عبادتهم (سنن الترمذي
ޢަދިއްޔު ބިން ޙާތިމް ނަޞާރާއެއްގެ ގޮތުގައި ހުންނަވައި، އަހުލުކިތާބީން އެބައިމީހުންގެ އިލްމުވެރިން ރައްބުންނަށް ހެދި الآية اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّهِ (ތައުބާ: 31) އިވިވަޑައިގެން ވިދާޅުވިއެވެ: "އަޅަމެން އެބޭކަލުންނަށް އަޅުކަމެއް ނުކުރަމުއެވެ." ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އެބޭކަލުން ﷲ ޙަލާލުކުރެއްވި ކަންކަން ޙަރާމްކުރުމުން ތިޔަބައިމީހުން އެއީ ޙަރާމް އެއްޗެތިކަމުގައި ނުބަލަންހެއްޔެވެ؟ އަދި ﷲ ޙަރާމްކުރެއްވި ކަންކަން ޙަލާލުކުރުމުން އެއީ ޙަލާލު އެއްޗެހިކަމުގައި ނުބަލަންހެއްޔެވެ؟" ވިދާޅުވިއެވެ: "އާދޭހެވެ." ޙަދީޘްކުރެއްވިއެވެ: "ފަހެ އެއީ އެބޭކަލުންނަށް އަޅުކަންކުރުމެވެ." (سنن الترمذي).
ޒަމާނީ ދުނިޔޭގައި ޝައިޠާނާއަށް އަޅުކަންކުރުމާއި އަހުދު އުވާލުމުގެ ބައެއް ސިފަތައް
މި ޒަމާނުގައި ﷲގެ އަހުދު އުވާލައި، ޝައިޠާނާގެ މަގަށް ތަބާވުން މީހާގެ ވިސްނުމާއި ވާހަކަ ދައްކާ ގޮތުންނާއި އޭނާ ހެދުން އަޅައިގެން ހުންނަ ގޮތުންނާއި އުޅޭ ގޮތުން ފެންނަމުންދެއެވެ.
- އަމިއްލަ އެދުމާއި ހަވާނަފްސު އިލާހަކަށް ހެދުން: މިއީ އިންސާނާގެ އަމިއްލަ ހަވާނަފްސާއި އުފާތަކަކީ ޙަލާލާއި ޙަރާމް ކަނޑައަޅާ މިންގަނޑު ކަމުގައި ހެދުމެވެ. މާތް ﷲ ބަޔާންކުރައްވާފައިވާ ފަދައިންނެވެ.
أَفَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ (الجاثية: 23)
ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދައި، އަދި ޢިލްމު ލިބިފައިވުމާއެކުވެސް، ﷲ އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަޖައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ﷲ މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟ (الجاثية: 23)
- މާއްދިއްޔަތަށް ހެއްލުމާއި ޣައިބަށް އިންކާރުކުރުން: ދުނިޔޭގެ މާއްދީ ދިރިއުޅުމުގެ ތެރެއަށް ޣަރަޤުވެ، އާޚިރަތް ދުވަހާއި ހެއްދެވި ފަރާތް ހަނދާންނައްތާލުމެވެ. ޝައިޠާނާ ވަނީ މިކަމަށް ވައުފު ވެފައެވެ!
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ (النساء 119)
އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެން ލައްވައި، ޙަޤީޤަތެއްނެތް އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ. (النساء 119)
ﷲގެ އުފެއްދެވުން ބަދަލުކުރުމާއި ފާޙިޝްކަންކަން ފެތުރުން: އިންސާނީ ފިޠުރަތާ ޚިލާފު ޖިންސީ އެދުންތަކާއި ހެދުން އެޅުމާއި ސިފަ ބަދަލުކުރުމަށްވެސް ޝައިޠާނާ ހިތްވަރު ދެއެވެ.
وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ۚ (النساء 119)
އަދި، ﷲގެ ދީން ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރު ކުރާހުށީމެވެ. މާނައަކީ ﷲ ހެއްދެއްވި ގޮތް ބަދަލު ކުރުމެވެ.
ޔާސީން ސޫރަތުގެ މި އާޔަތުން އެނގެނީ އިންސާނާގެ ކުރިމަތީގައިވަނީ ދެ މަގެއް ކަމެވެ. އެއީ ﷲއަށް އަޅުކަންކޮށް އަހުދު ފުއްދުމެވެ. ނުވަތަ ޝައިޠާނާއަށް ކިޔަމަންވެ އަހުދު އުވާލުމެވެ. އިސްލާމްދީނުގައި އަހުދު ފުއްދުމަކީ ހަމައެކަނި އަޅުކަމުގެ ބޭރުފުށެއް ނޫނެވެ. އެއީ އިންސާނާގެ އަޚްލާޤާއި، އޭނާގެ މި ދުނިޔޭގެ ޙަޔާތުގެ މަޤްޞަދާ ގުޅިފައިވާ ވަރަށް މުހިންމު އަސާސެކެވެ.






