އިސްލާމީ ތަޞައްވުރުގައި މަރަކީ ފަނާވެ ދިޔުމެއް ނޫނެވެ. އެއީ ހަމައެކަނި ފާޅުވެގެންވާ ދުނިޔެއިން ޣައިބުގެ ދުނިޔެއަށް ނުވަތަ ކަންކަމުގެ ޙަޤީޤަތް ބޮޑަށް ހާމަވާ ދާއިމީ ބަރުޒަޚުގެ ދުނިޔެއަށް އިންސާނާ ކުރާ ދަތުރެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:
﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ﴾ الملك: 2
އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ.
މި އާޔަތުން އެނގެނީ ދުނިޔޭގެ ޙަޔާތަކީ ވަގުތީ އިމްތިޙާނެއް ކަމާއި، އަޞްލު ޙަޔާތް ފެށެނީ މަރަށްފަހުގައި ކަމެވެ.
ރޫޙަކީ ހަށިގަނޑާ ވަކިން ވުޖޫދުވާ އެއްޗެކެވެ. ސިކުނޑީގެ ސެލްތައް މަސައްކަތް ހުއްޓާލުމުންވެސް ރޫޙުގެ ދިރުމާއި ލޮލަށް ނުފެންނަ ކަންކަން ދެނެގަތުމުގެ ބާރު ނެތިގެން ނުދެއެވެ.
ރޫޙާއި ހަށިގަނޑުގެ ވަކިވުން: އިސްލާމީ ނަޒަރަކުން
އިސްލާމްދީނުގައި، ނިދުމަކީ "ކުޑަ މަރު" ކަމުގައި ސިފަކުރެވިފައިވެއެވެ. ނިދާ ވަގުތުގައްޔާއި މަރުގެ ވަގުތުގައިވެސް ރޫޙު ހަށިގަނޑާ ވަކިވެގެންދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
﴿ اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ ﴾ الزمر 42
ނަފްސުތައް މަރުވާހިނދު، އެ ނަފްސުތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲއެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ.
ހަދީސްގައި އައިސްފައި ވެއެވެ.
أَنَّ النَّبِيَّ صلى الله عليه وسلم، كَانَ إِذَا أَخَذَ مَضْجَعَهُ قَالَ: اللهُمَّ بِاسْمِكَ أَحْيَا، وَبِاسْمِكَ أَمُوتُ» وَإِذَا اسْتَيْقَظَ قَالَ: «الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَمَا أَمَاتَنَا، وَإِلَيْهِ النُّشُورُ مسلم، (رواه مسلم)
ނަބިއްޔާ ﷺ އަވަހާރަފުޅުލެއްވުމަށް އެނދުމަތީގައި އޮށޯންނަވާހިނދު ވިދާޅުވެއެވެ. 'ޔާ ﷲ! އިބަރަސްކަލާނގެ އިސްމުފުޅުން މިއަޅާ ދިރިހުންނަމެވެ. އަދި އިބަރަސްކަލާނގެ އިސްމުފުޅުން މިއަޅާ މަރުވަމުއެވެ.'
އަދި ހޭފުޅުލައްވާ ހިނދު ވިދާޅުވެއެވެ.' ހުރިހާ ޙަމްދެއް ހުރީ، އަޅަމެން މަރުގަންނަވައި (ނިންދަވައި) ފހޭލެއްވުމަށްފަހު، އަލުން ދިރުއްވި ﷲ އަށެވެ. އަދި އެނބުރިދިޔުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
الأَرْوَاحُ جُنُودٌ مُجَنَّدَةٌ، فَمَا تَعَارَفَ مِنْهَا ائْتَلَفَ، وَمَا تَنَاكَرَ مِنْهَا اخْتَلَفَ (رواه البخاري ومسلم)
ފުރާނަތަކަކީ ލަޝްކަރުތަކެއް ފަދަ އެއްޗެހިތަކެކެވެ. އޭގެތެރެއިން (ކުރިން) އެކަތި އަނެކައްޗާ ތަޢާރަފުވީ ފުރާނަތައް އެކުވެރިވެއެވެ. އަދި ނުދަންނަ ފުރާނަތައް ތަފާތުވެ ދުރުވެއެވެ.
މަރު ކައިރިވުމުން އިންސާނާގެ ލޮލަށް ކުރިން ނުފެންނަ ކަންކަން އޭނާއަށް ފެންނަން ފަށައެވެ. ދުނިޔޭގެ ފަރުދާ ކެހިގެންދެއެވެ. ޤާފު ސޫރަތުގެ 22 ވަނަ އާޔަތުގައިވެއެވެ.
﴿لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ﴾ ق 22
ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު ޣާފިލުކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފު ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ. ق 22
މަރުގެ ތުންފަތްމައްޗަށް ދިޔުމުގެ ތަޖުރިބާތައް
ސައިންސްވެރިންނާއި ޑޮކްޓަރުން މިހާރު ދިރާސާކުރާ "Near-Death Experiences" ނުވަތަ މަރުގެ ތުންފަތްމަތިން ސަލާމަތްވުމުގެ ތަޖުރިބާތަކުގައި، ގިނަ ބަޔަކު އެއްގޮތް ކަންތައްތަކެއް ކިޔައިދެއެވެ. ހަށިގަނޑުން ފުރާނަ ނިކުމެ، މަތިން، ތިމާގެ ހަށިގަނޑު ފެނުމާއި، އަލިގަދަ ކުލަތަކެއްގެ ތެރެއަށް ދިޔުމާއި، މަރުވެފައިވާ ތިމާގެ ގާތް މީހުންނާ ބައްދަލުވާ ވާހަކަތައް ކިޔައިދީފައި ވެއެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު:
- މިއީ ފުރިހަމަ މަރެއް ނޫނެވެ. މިއީ ބެސްވެރިކަމުގެ ނަޒަރަކުން ހިތް ހުއްޓުން ނުވަތަ ކޯމާއެކެވެ. ޙަޤީޤީ މަރު އައުމުން ދުނިޔެއަށް އެނބުރިއެއް ނާދެވޭނެއެވެ.
﴿حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ ﴾ المؤمنون 99
އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ ޙާޔާތަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ!
- ރޫޙާނީ އިޙްސާސެއް: މިއީ ހަށިގަނޑުގެ ބާރުތައް ދެރަވެ، ބަރުޒަޚުގެ ދުނިޔޭގެ ކުޑަ މިންވަރެއް އިންސާނާގެ ރޫޙަށް އިޙްސާސްވުމެކެވެ. ނަމަވެސް އެމީހަކު ދެކޭ މަންޒަރުތައް މާނަކުރުމުގައި އެމީހެއްގެ ދީނީ އަގީދާއާއި ޘަޤާފީ ވިސްނުން އަސަރުކުރެއެވެ.
ނިއަރ ޑެތު އެކްސްޕީރިއެންސްގެ މައުޟޫއަށް އެންމެ ފާހަގަ ކޮށްލެވޭ ފޮތެއް އަނީތާ މުރްޖާނީ (Anita Moorjani) އެވެ. އޭނާ ވަނީ އޭނާއަށް ދިމާވި ހާދިސާ ފޮތެއްގެ ސިފައިގައި އަދި އޭނާގެ ލެކްޗާތަކުގައި ކިޔައިދީފައެވެ.
2006 ވަނަ އަހަރު، ކެންސަރު ބަލީގެ ފަހު މަރުޙަލާގައި އަނީތާ މުރްޖާނީ ކޯމާއަކަށް ގޮސް، އޭނާގެ ގުނަވަންތައް ފެއިލްވާން ފެށިއެވެ. ޑޮކްޓަރުން ބުނީ އޭނާ މަރުވަނީ ކަމަށެވެ.
މި ކޯމާގެ ތެރޭގައި، އޭނާގެ ހަށިގަނޑުން ރޫޙު ވަކިވެ، ކޮޓަރިން ބޭރުގައި ޑޮކްޓަރުން ދެއްކި ވާހަކަތައް އަޑު އެއްސެވެ. އަދި މަރުވެފައިވާ އޭނާގެ ބައްޕަ ފެނި، ބޮޑު ހިތްހަމަޖެހުމަކާއި ލޯތްބެއް އިޙްސާސްވި ކަމަށް ބުނެއެވެ. އަދި އާއިލާ މީހުން އެތައް ހާސް ކިލޯމީޓަރު ދުރު ހިސާބުތަކުން އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް ދަތުރު ހެދި ގޮތާއި މި ނޫނަސް އެހެން އަޖާއިބު ކުރަނިވި ވާހަކަތަކެއް، އޭނާ ހޭއެރުމަށްފަހު، ކިޔައި ދިނެވެ. އެންމެ މަދު ހަފުތާތަކެއްގެ ތެރޭގައި ހަށިގަނޑުގެ ހުރިހާ ކެންސަރު ސެލްތަކެއް ނެތިގޮސް، މުޅިން ޝިފާ ލިބުމެވެ. މިފަދަ އެހެން ވާހަކަތައް މިމައުޟޫއުގައި މުސްލިމުން ކިޔައި ދީފައި ވެއެވެ. ކުރިއަށް އޮތް ހަފްތާތަކުގައި މިމައޫޟުއުގައި، ކާފުން ގެނެސްދޭ އެހެން ވާހަކައެއްގައި މަރުވެގެން ވަޅުލާފައި ވަނިކޮށް 3 ދުވަސްވަހުން ކަށްވަޅުން ނިކުމެގެން އައި މީހެއްގެ ވާހަކައެއް ވެސް ގެނަސްދޭނަމެވެ!
﴿لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ﴾ ق 22
ހަމަކަށަވަރުން، ތިބާ މިކަންތަކާމެދު ޣާފިލުކަމެއްގައިވީމުއެވެ. ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފު ކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ. ق 22
އިސްލާމީ ޢިލްމީ ނަޒަރަކުން މިކަމުގެ މާނަ:
- މާއްދީ ފަލްސަފާ ބާޠިލްވުން: ސިކުނޑި މަސައްކަތް ހުއްޓާލުމުންވެސް ވިސްނުމާއި ހަނދާން ހުންނަކަން މިއިން އެނގެއެވެ. މިއީ އިސްލާމްދީނުގައި ބަޔާންކުރާ ރޫޙުގެ ޙަޤީޤަތަށް ހެކިދޭ ކަމެކެވެ.
- ﷲ ގެ ރަޙްމަތްފުޅު: އިންސާނާއަށް އިޙްސާސްވާ އަމާންކަމަކީ، ޙިސާބުބެއްލެވުމުގެ ކުރިން ރޫޙުތަކުގެ ދުނިޔޭގައިވާ ﷲ ގެ އާންމު ވެގެންވާ ރަޙްމަތްފުޅުގެ ކުޑަ މިންވަރެކެވެ. އެއީ އޭނާއަށް ދެވަނަ ފުރުޞަތެއް ދެއްވުމެވެ.
- ޝިފާދެއްވުން: މެޑިކަލް ސައިންސްގެ ހުރިހާ ޤާނޫނަކާ ޚިލާފަށް އޭނާ ރަނގަޅުވުމަކީ، ﷲ ގެ ކުން ފަޔަކޫން (كُن فَيَكُونُ) ގެ ކުޅަދުންވަންތަކަމުގެ ހެއްކެކެވެ.
އިސްލާމީ ތާރީޚުންނާއި ޙަޤީޤީ ދިރިއުޅުމުން މިސާލު
- ޒައިދު ބިން ޚާރިޖާ އަލްއަންޞާރީ (ރަޟިޔަﷲ ޢަންހު) ގެ ވާހަކަ:
ޢުޘްމާނުގެފާނުގެ ޚިލާފަތުގައި، މި ޞަޙާބީ އަވަހާރަވެ، ކަފުންކޮށްފައި އޮއްވައި، މަޣްރިބް ނަމާދާއި ޢިޝާ ނަމާދާ ދެމެދު އޭނާގެ ހަށިގަނޑުން އަޑެއް އިވި، ވާހަކަދައްކަވަން ފެށިއެވެ. "ހިމޭންވާށެވެ.. އަހާށެވެ.. މުޙައްމަދަކީ ﷲ ގެ ރަސޫލާއެވެ…" މިފަދައިން އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާ ބެހޭގޮތުން ވާހަކަދެއްކެވުމަށްފަހު އަލުން ހިމޭންވިއެވެ. (ބައިހަޤީގެ ދަލާއިލުއް ނުބުއްވާ ގައި އަދި އިބްނު ކަސީރުގެ އަލްބިދާޔާ ވައްނިހާޔާގައި މިވާހަކަ ބަޔާން ކުރައްވައެވެ). މިއީ ހަށިގަނޑު މަރުވުމަށްފަހުވެސް ރޫޙުގެ ބާރުން ﷲ އިބުރަތެއް ދެއްވި ވާހަކައެކެވެ.
- މިޒަމާނުގެ ޙަޤީޤީ މިސާލުތައް:
ހޮސްޕިޓަލްތަކުގައި ބޮޑެތި އޮޕަރޭޝަންތައް ކުރާއިރު، ހޭނައްތާފައި އޮންނަ މީހާގެ ހިތް ހުއްޓުމުން، އޭނާ ހޭއަރައިގެން ޑޮކްޓަރުން ބޭނުންކުރި ސާޖިކަލް ސާމާނުތަކުގެ ބާވަތްތަކާއި، ކޮޓަރީން ބޭރުގައި އާއިލާ މީހުން ދެއްކި ވާހަކަތައް ސައްހަކޮށް ކިޔައިދީފައިވާ ކަމަށް ވެއެވެ. މިއީ މާއްދީ ލޮލާއި ކަންފަތް ނިދާފައި ނުވަތަ ހުއްޓިފައި ހުއްޓަސް، ރޫޙާނީ ބަޞީރަތު މަސައްކަތްކުރާ ކަމުގެ ހެއްކެކެވެ.
މިފަދަ ކަންކަމުން އެނގެނީ ދުނިޔެއަކީ ނިމުމެއް ނޫންކަމެވެ. އިންސާނާގެ ޙަޤީޤީ ދަތުރު މަރަށްފަހު ކުރިއަށްދާނެ ކަމެވެ. ބުއްދިވެރިއަކީ އެ ދާއިމީ ހަޔާތަށްޓަކައި ހެޔޮ ޢަމަލު އިސްކޮށް، ތައްޔާރުވާ މީހާއެވެ.
نَسْأَلُ اللَّهَ تَعَالَى أَنْ يَحْتِمَ لَنَا بِالحُسْنَى، وَأَنْ يَجْعَلَ خَيْرَ أَعْمَارِنَا أَوَاخِرَهَا، وَخَيْرَ أَعْمَالِنَا خَوَاتِيمَهَا.






