ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިރޭ ރާއްޖެ އަތުވެއްޖެއެވެ. މޯލްޑިވިއަން އަދި ސައުދިއާ އެއަރލައިންގެ ބޯޓުތަކުގައި ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވާއިރު، މިރޭ އައި ފުރަތަމަ ފްލައިޓުން 241 ޙައްޖުވެރިން ވަނީ ދަތުރުކޮށްފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ފަރާތްތައް މައްކާއަށް ގޮސްފައިވަނީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ޖުމުލަ 4 ފްލައިޓެއްގައެވެ. ހަމަ އެފަދައިން އެނބުރި ރާއްޖެ އައުމަށްވެސް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ.

ޙައްޖުވެރިން އެނބުރި އަންނަ ތާވަލު

ފްލައިޓް ދުވަސް ތާރީޚް ގަޑި (ރާއްޖެ ގަޑިން) އެއަރލައިން
1 ވަނަ ފްލައިޓް ހުކުރު ޖޫން 5 މިރޭ (ރާއްޖެ އަތުވެއްޖެ)
2 ވަނަ ފްލައިޓް އާދިއްތަ ޖޫން 7 ހަވީރު 17:40 މޯލްޑިވިއަން
3 ވަނަ ފްލައިޓް ހޯމަ ޖޫން 8 މެންދުރުފަހު 14:00 ސައުދިއާ
4 ވަނަ ފްލައިޓް އަންގާރަ ޖޫން 9 ދަންވަރު 12:00 މޯލްޑިވިއަން

ދިވެހިރާއްޖެއަށް ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ރަސްމީކޮށް ލިބެނީ 1،000 ކޯޓާއެވެ. މި ކޯޓާގެ ދަށުން ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތައް ފޮނުވަމުންދަނީ ހަމަޖެހިފައިވާ ކިޔު ތަރުތީބުންނެވެ. އިންތިޒާމުތައް ފުރިހަމައަށް ކުރިއަށްދާކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއެވެ.

ހިއްސާ ކުރައްވާ!