މީލާދީން 1258 ވަނަ އަހަރުގެ (ހިޖުރައިން 656 ގެ) ފިނި މޫސުމުގައި، ދުނިޔެއަށް ފެނުނީ އިސްލާމީ ޙަޟާރާ އޭގެ ނިމުމާ ގާތްވަމުން ހުލިވަމުން ދިޔަ މަންޒެވެ. ހޫލާކޫ ޚާންގެ ލަޝްކަރުތަކުން ބަޣުދާދުގެ ފާރުތައް ބިމާހަމަކޮށް، "ބައިތުލް ޙިކްމާ" ކުތުބުޚާނާގެ ފޮތްތައް ދިޖުލާ ކޯރަށް އުކާލުމުން، އެ ކޯރުގެ ފެނާއެކު ތަޣައްޔަރު ވެގެން ދިޔައީ ހަމައެކަނި ސިޔާސީ ނިޒާމެއް ނޫނެވެ. އެތައް ޤަރުނެއް ވަންދެން ޢައްބާސީ ޚިލާފަތުގެ ދިދައިގެ ދަށުން އިސްލާމީ ދުނިޔެ އެއްބައިކޮށްދިން ސިޔާސީ ބިންގާ މުޅިން ފުނޑުފުންޑު ވެގެން ދިޔައީއެވެ.
ބިރުވެރި ސިޔާސީ ތޫފާނެއް މުޅި ސަރަޙައްދަށް ވެރިވިއެވެ. ޝާމް ކަރަ ބައިބަޔަށް ބެހެމުން ދިޔައިރު، މުޅި ސަރަޙައްދު އޮތީ ސަލާމަތްކުރާނެ ވެރިއެއް ނެތި، ހުސްކަމެއްގެ ތެރޭގައެވެ. ނަމަވެސް، ތާރީޚު އަބަދުވެސް ކަންތައް ކުރާ ފަދައިން، ދުނިޔޭގެ އާ ނިޒާމު އުފަންކުރުމަށް އިޚުތިޔާރު ކުރީ ހީވެސްނުކުރާ ފަދަ ބިމެކެވެ. އެއީ މިޞްރެވެ. މިސްރުގއި މުޢިއްޒު ލިދީނިﷲ އަލްފާޠިމީ ބިނާކުރެއްވި ޤާހިރާގެ ފަސްގަނޑުގައި، ކުރިން އަޅުންގެ ގޮތުގައި ގެންގުޅުނު ލަޝްކަރުގެ ސިފައިންނަށްވި ޚާއްޞަ ބައެއް ކަމުގައިވާ "މަމްލޫކީ އަޅުން" ވަނީ އުންމަތުގެ މި ބޮޑު ނާކާމިޔާބީ، ސަރަހައްދުގެ ތާރީޚުގައި އައި އެންމެ ކުލަގަދަ ރަންޒަމާނުގެ ފެށުމަށް ބަދަލުކޮށްލާފައެވެ. އަދި މި ޒަމާން އޭގެ އެންމެ ކުރިއަށްދިޔައީ ސުލްޠާން ނާޞިރު މުޙައްމަދު ބިން ޤަލާވޫންގެ ވެރިކަމުގައެވެ.
މިޞްރު: އެންމެ ފަހުގެ އައްޑަނަ
ބަޣުދާދު ވެއްޓުމުގެ ކުރިންވެސް މިޞްރުގެ ޙާލަތު އޮތީ ކޯޅުމެއްގެ ތެރޭގަވެ. އައްޔޫބީ ދައުލަތް ރޫޅި، މަމްލޫކުން ވެރިކަމަށް އިސްވުމަށްފަހު (1250މ) ގައި މިސްރު އޮތީ ނާޒުކު ބަދަލުވުމެއްގެ ތެރޭގައެވެ. އާ ވެރިކަމަށް އާދަކާދައިގެ މަތިން ލިބެމުންދިޔަ "ވާރުތަވާ ޝަރުޢިއްޔަތެއް" ނެތެވެ. އަދި އެމީހުންނަށް ލައިގަތީ ދެފަރާތުން އައި ބޮޑު ދެ ނުރައްކަލާއެވެ. އެއީ ކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ތިބި ޞަލީބީންގެ ބާކީބަޔާއި، އިރުމަތިން ފަތުއަޑުކިޔާފައި އައި މަޣޫލުންގެ ތޫފާނެކެވެ.
ނަމަވެސް، މީލާދީން 1260 ގައި ހިނގި "ޢައިނު ޖާލޫތު ހަނގުރާމަ" އެ ހުރިހާ ކަމެއް ބަދަލުކޮށްލިއެވެ. ސުލްޠާން ސައިފުއްދީން ޤުޠުޒް އަދި ޒާހިރު ބައިބަރުސްގެ ކޮމާންޑަރުކަމުގެ ދަށުން، މަމްލޫކުން ސާބިތުކޮށްދިނީ މަޣޫލުންގެ ލަޝްކަރު ބަލިކުރެވިދާނެ ކަމެވެ.
- ސައިފުއްދީން ޤުޠުޒްއަކީ އަލްމަލިކުލް މުޒައްފަރު ސައިފުއްދީން ޤުޠުޒް މަހްމޫދު ބިން މަމްދޫދް ބިން ޚަވާރިޒަމްޝާހް (އ.658ހ 1260މ) އެވެ.
- ސުލްޠާން ބޭބްރަސްއަކީ، އައްސުލްޠާނުލްއައުޒަމް އަލްމަލިކުއްޒާހިރު ރުކުނުއްދީން ބޭބްރަސް ބިން އަބްދުﷲ އަލްބުންދުޤުދާރީ އައްސާލިޙީ އަބުލްފުތޫޙު (އ. 676ހ 1277މ) އެވެ.
- ޢައިން ޖާލޫތަކީ ޔަހޫދުން ހިފާފައިވާ ފަލަސްޠީނުގެ ޖަލީލުގެ ދެކުނުން އޮންނަ ވާދީއެކެވެ. މިއީ ދާއޫދުގެފާނު ޠާލޫތު ބަލި ކުރެއްވި ހަނގުރާމައިގެ މައިދާންވެސް މެއެވެ.
ޢައިނު ޖާލޫތު ހަނގުރާމައަކީ ހަމައެކަނި އަސްކަރީ ކާމިޔާބީއެއް ނޫނެވެ. އެއީ މަމްލޫކް ދައުލަތަށް ލިބުނު "ވެރިކަމުގެ ސާބިތު ލިޔުމެކެވެ". މިކާމިޔާބީއާއެކު މިޞްރު ވެގެންދިޔައީ އަހުލުއްސުންނާގެ ހަމައެކަނި ހިމާޔަތްތެރިޔާ އަށެވެ. އަދި ތަތާރުންގެ އަނިޔާވެރިކަމުން ސަލާމަތްވާން ހިޖުރަކުރި ޢިލްމުވެރިންނާއި، ފަންނުވެރިންގެ ރައްކާތެރި މަންޒިލަށެވެ.
މަމްލޫކުންގެ ވެރިކަމަށް ފުރިހަމަ ޝަރުޢީ ސިފައެއް ދިނުމަށްޓަކައި، ޒަހީރުއްދީން ބޭބްރަސް އޭނާގެ ސިޔާސީ ކުޅަދާނަކަމާއެކު، ޤާހިރާގައި (ރަމްޒީ ގޮތެއްގައި) ޢައްބާސީ ޚިލާފަތް އަލުން ދިރުވައި އެ ޚާންދާނުން ސަލާމަންވި ޒުވާނަކު ޚަލީފާކަމަށް އިސްކުރައްވައި އެކަން އިޢުލާންކުރިއެވެ. މިއާއެކު މަމްލޫކް ޖެނަރަލް އާދައިގެ "އަސްކަރީ ކޮމާންޑަރަކުން"، "އިސްލާމްދީނުގެ ސުލްޠާން" ގެ ލަގަބް ހޯދައި ޚަލީފާގެ އެންމެ ބޮޑު ބާރަށް ބަދަލުވެގެން ދިޔައެވެ.
ޤަލާވޫން ހަމަޖެހުން ގެނަސްދެއްވި މޭސްތިރި
އަސްކަރީ ހަމަނުޖެހުންތަކާއި ސުލްޠާނުން ޤަތުލުކުރުމުގެ ސިލްސިލާއަކަށްފަހު، ތާރީޚުގެ ތެރެއިން ފެންނަނީ ސުލްޠާން މަންޞޫރު ޤަލާވޫން އަލްއަލްފީ (1279-1290މ) އެވެ. އޭނާ ވަނީ މަމްލޫކުންގެ ވެރިކަން ދާޚިލީ ބައިބައިވުންތަކުން ސަލާމަތްކޮށް، ހަމަޖެހޭ ރަސްކަމުގެ ޢާއިލާއަކަށް ބަދަލުކޮށްލާފައެވެ. ޤަލާވޫން އަދި އޭނާގެ ދަރިފުޅު އަޝްރަފް ޚަލީލް، ޞަލީބީންގެ އެންމެ ފަހުގެ ކިލާ ކަމުގައިވި (ހިފާފައިވާ ފަލަސްޠީނުގެ) ޢައްކާ އިން (1291މ) ސަލީބީން ފައްސާލިއެވެ. މިއާއެކު ދައުލަތުގެ ހުޅަނގު ބިތް، މިހާރުގެ ލުބުނާނުން ސޫރިޔާއިން ފަލަސްޠީނުން ގޮސް މިހާރުގެ ޖޯޑަންއާ ހަމައަށް މުޅިން ރައްކާތެރި ސަރަހައްދަކަށް ހަދާލެވުނެވެ.
ނަމަވެސް ޤަލާވޫންގެ ޢާއިލާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ ސަރަހައްދުން އަންނަ ސަލީބީންގެ ނުރައްކަލެއް ނޫނެވެ. އެ ނުރައްކަލަކީ، އެތެރޭގެ މަޞްލަޙަތު ހިފެހެއްޓުމާއި، އިރުމައްޗާއި ހުޅަނގުގެ ދެމެދުގައި ހިނގާ ހަވާދުގެ ބާވަތްތަކުގެ ބޮޑު ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެއް މެނޭޖުކުރެވޭނެ ވަރުގަދަ ދައުލަތެއް ބިނާކުރުމެވެ.
"14 ވަނަ ޤަރުނުގައި ޤާހިރާއަކީ ހަމައެކަނި ސިޔާސީ ވެރިރަށެއް ނޫނެވެ. އެއީ، ބަޣުދާދާއި ދިމިޝްޤު ފަދަ ކުރީގެ ބޮޑެތި މަރުކަޒުތައް ރޫޅުމުގެ ފައިދާ ނަގައިގެން މެޑިޓެރޭނިއަން ކަނޑުގައި ދުނިޔޭގެ އިޤްތިޞާދީ އަދި ސަގާފީ މުހިންމު މަރުކަޒަށް ބަދަލުވި ސިޓީއެވެ."
ތިން ތާޖުގެ ރަސްގެފާނު: ނާޞިރު މުޙައްމަދު ޤަލާވޫން
މިފަދަ ހަމަނުޖެހުން ބޮޑު ސިޔާސީ ޙާލަތެއްގެ ތެރެއިން، ސުލްޠާން ނާޞިރު މުޙައްމަދު ބިން ޤަލާވޫން ފާހަގަވެއެވެ. އޭނާގެ ވާހަކައަކީ އިސްލާމީ ތާރީޚުގައި އައި އެންމެ އަޖާއިބުން ފުރިގެންވާ ވާހަކައެވެ. ސަބަބަކީ އޭނާ ވަނީ ވަކިވަކިން ތިން ފަހަރު މަތިން ތަޚުތަށް އިސްވެފައެވެ.
- ފުރަތަމަ ފަހަރު (1293-1294މ): އޭނާ ސުލްޠާނަކަށް އިސްކުރެވުނީ އުމުރުން އެންމެ 9 އަހަރުގައެވެ. އޭނާވީ މަމްލޫކުންގެ ބޮޑެތި އަމީރުންގެ އަތްމަތީގައި ކުޅޭ ކުޅޭ ސުލްޠާނަކަށެވެ. އެހެންވެ، ވަރަށް އަވަހަށް ތަޚުތުން ބާލައިފިއެވެ.
- ދެވަނަ ފަހަރު (1299-1309މ): އޭނާ އެނބުރިއައީ ޒުވާން އުމުރުގައެވެ. އޭނާގެ މި ދުވަސްވަރު މަޣޫލުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމަތަކެއް ހިނގިއެވެ. (1303 ގައި ހިނގި ޝަޤްޙަބް ހަނގުރާމައަކީ މަމްލޫކުން މަޣޫލުންގެ ލަޝްކަރު ބަލިކޮށްލި ހަނގުރާމައެކެވެ.) ނަމަވެސް، އަލުންވެސް އޭނާގެ ވަށައިގެން ތިބި ބޮޑުންގެ ނުފޫޒު ގަދަވުމުން، އޭނާ އަމިއްލައަށް ތަޚުތު ދޫކޮށްލުމަށްފަހު "ކަރަކް" ކިއްލާއަށް އެކަހެރިވުމަށް ނިންމިއެވެ.
- ތިންވަނަ ފަހަރު (1310-1341މ): މިއީ ހަގީގީ ރަންޒަމާނެވެ. ނާޞިރު މުޙައްމަދު ޤަލާވޫން އެނބުރިއައީ އުމުރުން 24 އަހަރުގައެވެ. ނަމަވެސް މިފަހަރު އައީ ސިޔާސީގޮތުން ދުނިޔެ ދުށް އެއްވެސް ރަޙުމެއްނެތް މީހެއްގެ ގޮތުގައެވެ. އޭނާގެ ދުޝްމަނުން ކަމުގައިވި މަމްލޫކުންގެ ބޮޑެތި އަމީރުން ނައްތާލައި، 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ދަގަނޑު ގޮށްމުށުގެ ބާރުން ވެރިކަން ހިފެހެއްޓިއެވެ.
މަމްލޫކީ އިންޤިލާބާއި ކުރިއެރުން
ނާޞިރު މުޙައްމަދުގެ ތިންވަނަ ވެރިކަމުގައި ފެނުނީ "މަމްލޫކީ ސުލްޙަ" އެވެ. އަބަދު ދިފާޢީ ހަނގުރާމަ ކުރުމުގެ ބަދަލުގައި، ސުލްޠާން ބެއްލެވީ ދައުލަތް އަލުން ބައްޓަންކުރުމަށެވެ.
- ދަނޑުބިން އާލާކުރުމާއި މާލީ ނިޒާމު އިޞްލާޙު ކުރުން: ނާޞިރު ވަނީ މިޞްރުގެ ދަނޑުބިންތައް އޮޑިޓްކުރައްވައި ބޮޑެތި އަމީރުންގެ އަތުގައި ހުރި ބިންތައް އަތުލުމުގެ ބޮޑު މަޝްރޫޢެއް ހިންގަވާފައެވެ. އަދި ދައުލަތަށް ލިބޭ ފައިސާ ސީދާ ދައުލަތުގެ ޚަޒާނާއަށް ވަންނާނެ ގޮތް ހެއްދެވިއެވެ. މިއާއެކު ބާޣީ އަމީރުންގެ މާލީ ބާރުވެރިކަން ހީނަރުވެ، އޭނާއަށް ވަފާތެރި އާ މަމްލޫކުންގެ ބައެއް އުފެދުނެވެ.
- ބިނާވެށީގެ އިންޤިލާބާއި ސިޓީތައް ފަރުމާކުރުން: އޭނާގެ ދުވަސްވަރު ޤާހިރާ ބަދަލުވީ ދުވަހަކުވެސް މަސައްކަތް ހުއްޓާނުލާ ބޮޑު ބިނާވެށީގެ މަރުކަޒަކަށެވެ. ވިޔަފާރިއާއި މުދާ އުފުލުން ފަސޭހަކުރުމަށް "ޚަލީޖުއް ނާޞިރީ" ގެ ފެން ކޯރު ހެއްދެވިއެވެ. އަދި ގަނޑުވަރުތަކާއި، މިސްކިތްތަކާއި، މަދަރުސާތަކާއި ހޮސްޕިޓަލްތައް ބިނާކުރެއްވިއެވެ.
- ކަނޑީގެ ބަދަލުގައި ޑިޕްލޮމެސީ: ސިޔާސީ ބޮޑު ބަދަލެއްގެ ގޮތުން، ނާޞިރު މުޙައްމަދު ވަނީ މީލާދީން 1323 ގައި ޙަލަބު މުއާހަދާގެ ދަށުން މަޣޫލުންގެ އިލްޚާނީ ދައުލަތުގެ ވެރިޔާ "އަބޫ ސަޢީދު ބަހާދުރް ޚާން" އާއެކު ތާރީޚީ ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
އާ އިސްލާމީ ދުނިޔެއެއް
މީލާދީން 1341 ގައި ނާޞިރު މުޙައްމަދު ބިން ޤަލާވޫން އަވަހާރަވިއިރު، އިސްލާމީ ދުނިޔެ އޮތީ ބަޣުދާދު ވެއްޓުމުގެ ބޮޑު ހިތާމައިން މުޅިން އަރައިގެންފައެވެ. ޚިލާފަތަކީ ހަމައެކަނި ހިތާމަވެރި ހަނދާނެއް ނޫނެވެ. އެއީ މަމްލޫކް ސުލްޠާނުންގެ ހިމާޔަތުގެ ދަށުން ޤާހިރާގައި ގާއިމްވެފައި އޮތް ރޫޙާނީ މުއައްސަސާއެކެވެ.
އިސްލާމީ ތާރީޚް4: ބާބަރުގެ ތަޚުތުން ތާޖުގެ ސަންގުމަރު ހިލައަށް





