ރަޝިޔާގެ ދާޣިސްތާނަށް ނިސްބަތްވާ ކުޅަދާނަ ޚައްޠާޠު ސުލައިމާން އަޝީރްލާޔޭވް، ޢަރަބި ކަލިގްރަފީއާއި އިސްލާމީ ބިނާވެށީގެ ކުލަޖެއްސުމުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ކުރި މަސައްކަތަށްފަހު، މުޅި ޤުރުއާން އަމިއްލަ އަތުން ލިޔެ ނިންމާލައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ސަރަޙައްދުން ފެނުނު މިފަދަ އެންމެ އާދަޔާޚިލާފު އަދި ނާދިރު މަސައްކަތެވެ.
މިސްކިތްތައް ގަވާއިދުން ޒީނަތްތެރިކުރުމުގެ މަސައްކަތުން ދާޣިސްތާނުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސުލައިމާނަކީ، ދީނީ އަދި ސަގާފީ މުޖުތަމައުތަކުގެ މެދުގައި ވަރަށް މަތީ ގަދަރެއް ދެވިފައިވާ ފަންނާނެކެވެ. އަދި ޢަރަބި ލިޔުންތެރިކަން ދިރުވައި އާލާކުރުމަށް އޭނާ ކުރާ މަސައްކަތްތަކަށް ގިނަ އަދަދެއްގެ ލޯކަލް އެވޯޑްތަކާއި ޝަރަފުގެ ނިޝާންތައް ވަނީ ލިބިފައެވެ.
ސުލައިމާން ބުނާގޮތުގައި، ޢަރަބި އަކުރުތަކަށް އޭނާގެ ހިތް ޖހުނީ ކުޑަކުއްޖެއްގެ ގޮތުގައި އުޅުނު ދުވަސްވަރުއެވެ. އޭނާގެ އުމުރުން އެންމެ 5 އަހަރުގައި، ބައްޕަ ލިޔެފައިވާ އޭނާގެ ނަން ފެނިގެން، ރަތް ފަންސުރަކުން އެ ނަން ފުރަތަމަ ފަހަރަށް ކޮޕީކޮށްލި ހިސާބުން މި ފަންނަށް ހިތްޖެހުނެވެ.
ސުލައިމާން މުޅި ޤުރުއާން ލިޔުމުގެ ބޮޑު މަޝްރޫޢު ފެށުމުގެ ކުރިން، ދާޣިސްތާނާއި އެހެނިހެން ސަރަޙައްދުތަކުގެ އެކި މިސްކިތްތަކަށް ދަތުރުކޮށް، 100އަށްވުރެ ގިނަ މިސްކިތުގެ ފާރުތަކުގައި ކަލިގްރަފީގެ ކުރެހުންތައް ކުރެހިއެވެ. ނަމަވެސް ޤުރުއާން ލިޔަން ފެށުމާއެކު އޭނާގެ މުޅި ވަގުތު އެކަމަށް ހުސްކޮށްލިއެވެ.
އޭނާ ބުނާގޮތުގައި، މި ބޮޑު މުޞްޙަފް ލިޔެ ނިންމާލުމަށް ނެގީ 4 މަހާއި 19 ދުވަހެވެ. މި މުއްދަތުގެ ތެރޭގައި، ނަމާދު ވަގުތުތަކާއި ރަށު ތެރޭގައި ދިމާވާ ކޮންމެހެން ކުރަންޖެހޭ މުހިންމު އިޖުތިމާޢީ ކަންކަމަށް ފިޔަވައި، އޭނާ ކޮންމެ ދުވަހަކުވެސް މެދުނުކެނޑި ކުރިއަށްގެންދިޔައީ ޤުރުއާން ލިޔުމުގެ ބުރަ މަސައްކަތެވެ.
ސުލައިމާން ގަބޫލުކުރާގޮތުގައި، އަތުން ލިޔާ ޤުރުއާނެއްގެ އަސްލު އަގު ވަޒަންކުރެވެނީ އެއީ ބާވެފައިވާ އެއްޗަކަށް ވުމުންނެއް ނޫނެވެ. އޭގެ ބަދަލުގައި އެންމެ މުހިންމީ ލިޔުންތެރިކަމުގެ ފެންވަރާއި، ޒަމާންވީ ކަލިގްރަފީގެ ހަމަތަކަށް ޚައްޠާޠު ބޯލަނބާފައިވާ މިންވަރެވެ.
އޭނާ މި މުޞްޙަފް ލިޔުމަށް އިޚްތިޔާރުކުރީ ޢަރަބި ލިޔުންތެރިކަމުގެ އެންމެ އުނދަގޫ އަދި އެންމެ ފުރިހަމަ އެއް ބާވަތް ކަމަށްވާ "ޚައްޠުއް ޘުލުޘް" އެވެ. މިއީ ކައުބަތުﷲ ގެ ކިސްވާގައިވެސް އާޔަތްތައް ލިޔުމަށް ބޭނުންކުރާ ލިޔުމުގެ ވައްތަރެވެ.
ސުލައިމާން ބުނާގޮތުގައި، އޭނާ މި ވައްތަރު އިޚްތިޔާރުކުރީ ދާޣިސްތާނާއި ކޮކޭޝަސް ސަރަޙައްދުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮތް މަތިވެރި ލޯތްބާއި ގާތްކަން ހާމަކޮށްދިނުމަށެވެ. މިއީ ހަމައެކަނި ފަންނީ ކުރެހުމެއް ނޫން ކަމަށާއި، މިއީ ﷲ ގެ ބަސްފުޅަށް އޮތް އިޙްތިރާމް ދެއްކުމަށް ކުރި މާތް މަސައްކަތެއްކަން އޭނާ ފާހަގަކުރެއެވެ.






