މެލޭޝިޔާގައި ޤުރުއާން ކިޔެވުން: ތަޢުލީމީ އިންގިލާބެއްގެ ފަހަތުގައިވާ ބޮޑު ގޮންޖެހުން

މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ދިރިއުޅޭ ސޫރިޔާގެ މަޝްހޫރު ޤާރީ، ޝައިޚް ރާމީ އަލްބަދަވީގެ ވަގުތުތައް ހުންނަނީ އިންތިހާއަށް ބިޒީކޮށެވެ. 2009 ވަނަ އަހަރުން ފެށިގެން މެލޭޝިޔާގެ ބޮޑެތި މިސްކިތްތަކުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް ޚާއްޞަ ދަޢުވަތެއްލިބި، 2012 ވަނަ އަހަރު އެ ޤައުމުގައި ވަޒަންވެރިވި ޝައިޚް ރާމީ ބުނާގޮތުގައި، މިހާރު ކުއާލަލަމްޕޫރުގެ ބޮޑެތި މިސްކިތްތަކުގައި ތަރާވީޙް ކުރުމުގެ ވަގުތެއް އޭނާއަކަށް ނުވެއެވެ.

ރަމަޟާން މަހު ޤުރުއާން އުނގެނުމަށް އޮންނަ ބޮޑު ތަރުޙީބެއްގެ ސަބަބުން، އޭނާގެ މުޅި ވަގުތު މިހާރު ހުސްކުރަނީ ތަޖުވީދު މަގުން ޤުރުއާން ކިޔަވައިދިނުމަށެވެ. މިހާރު އޭނާ އިމާމުވެ ނަމާދުކުރަނީ ހަމައެކަނި ކަމްޕުންގް ބާރޫ މިސްކިތުގެ ފަތިސް ނަމާދާއި މަޣްރިބް ނަމާދުގައެވެ. އަދި ކުއާލަލަމްޕޫރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބިނާ ކަމަށްވާ މަސްޖިދު ވިލާޔާގެ ދަމުނަމާދުގައެވެ.

މެލޭޝިޔާއަށް 1957ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން، ޤުރުއާން ހިތުދަސްކުރުމާއި ތަޖުވީދު އުނގަންނައިދިނުމުގެ ބޮޑު އިންގިލާބެއް އެ ޤައުމަށް ވަނީ އައިސްފައެވެ.

ޝައިޚް ބަދަވީ ފާހަގަކުރާގޮތުގައި، މި ހަރަކާތް ފެށިގެންައައީ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތްތަކުންނެވެ. އޭގެ ފަހުން ޤުރުއާން ހިތުދަސްކޮށްދޭ ގިނަ އަދަދެއްގެ މަދަރުސާތައް އުފެދި، ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރޭގައި ތަޖުވީދު ހިމެނުމުން، ޤުރުއާން ފަރިތަކޮށް ކިޔަވަންދަންނަ އާ ޖީލެއް މެލޭޝިޔާގައި މިވަނީ އުފެދިފައެވެ.

މެލޭޝިޔާ އިސްލާމިކް ސައިންސް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑޮކްޓަރު ސާމިރު ސަމާރާ ވިދާޅުވާގޮތުގައި، މެލޭޝިޔާގެ ރައްޔިތުންނަކީ ތަބީޢީގޮތުންވެސް ޤުރުއާނަށް ލޯބިކުރާ ބައެކެވެ. ދީނީ މަދަރުސާތައް އިތުރުވުމާއި، ހުރިހާ އުމުރެއްގެ މީހުން ޤުރުއާން އުނގެނެން ދިއުމާއި، ޚާއްޞަކޮށް ވަޒީފާއިން މުސްކުޅިކޮށްފައިވާ މީހުން ގިނަ އަދަދަކަށް ޤުރުއާން ކްލާސްތަކާ ގުޅުން މިއީ އޭގެ ހެކިތަކެކެވެ.

ކުރިން ކިޔެވުން ފުރިހަމަ ޤާރީން މަދުވުމުގެ ސަބަބުން މިޞްރުގެ އަޒްހަރު ޔުނިވަރސިޓީން ޤާރީން ގެނައުން މެލޭޝިޔާގައި އާދައަކަށް ވިއެވެ. ނަމަވެސް މިއަދު އަރަބި ޤާރީންނާ އެއް ފެންވަރެއްގެ މެލޭޝިޔާގެ އަމިއްލަ ޤާރީންގެ ބޮޑު ބައެއް ވަނީ އުފެދިފައެވެ.

މެލޭޝިޔާގެ "ދާރުލް ޤުރުއާން" އިންސްޓިޓިއުޓަށް 1966 އަހަރު ތައުސީސް ކުރި ފަހުން މުއައްސަސާގެ ޑައިރެކްޓަރު މުޙައްމަދު އަންޞާރުއްލާ މުޙައްމަދު ހާޝިމް ބުނާގޮތުގައި، މެލޭޝިޔާގެ މަޝްހޫރު ގިނަ ޤާރީންނާއި، މިސްކިތްތަކުގެ އިމާމުންނަކީ އެތަނުން ދަސްވެނިވެފައިވާ މީހުންނެވެ. މިހާރުވެސް އެތަނުގައި 1000އަށް ވުރެ ގިނަ ދަރިވަރުން ހިލޭ ތަޢުލީމު ހާސިލްކުރަމުންދެއެވެ.

މިސްރާއި، އުރުދުން އަދި މސިްރުގެ ޖާމިޢަތުލް އަޒްހަރު ފަދަ ބޮޑެތި މުއައްސަސާތަކާ ގުޅިގެން ހިންގާ މި އިންސްޓިޓިއުޓުން ދަރިވަރުންނަށް ކިޔެވުމުގެ އިތުރުން، އަމިއްލަ އަތުން ޤުރުއާން ލިޔަން ދަސްކޮށްދީ، އަޑުގެ ރާގުތަކަށް ކިޔަވައި ދިނުމަށް ޚާއްޞަ ސަމާލުކަމެއްދެއެވެ.

މި ހުރިހާ ކުރިއެރުމަކާއެކުވެސް، މެލޭޝިޔާގެ ޤުރުއާން އިލްމުވެރިން ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއެވެ. އެއީ ކިޔަވާ މީހުންގެ އަދަދު ގިނަވިޔަސް، އަމިއްލަ އުފެއްދުންތެރިކަން ހުރި، އަޑުގެ ރީތިކަމާއި ތަޖުވީދުގެ ހަމަތައް އެއްކޮށްލާ މާހިރުން މަދުވުމެވެ.

ޑޮކްޓަރު ސަމާރާ ފާހަގަކުރާގޮތުގައި، ގިނަ ޤާރީން ތަޖުވީދުގެ ގަވާއިދުތަކަށްވުރެ ބޮޑަށް ސަމާލުކަންދެނީ އަޑުގެ ރާގަށާއި މަޤާމުތަކަށެވެ. ރީތި ރާގެއް ނެރުމަށްޓަކައި މައްދުގެ މިންވަރު ދިގުކުރުން ނުވަތަ ޣުންނާގެ ހަމަތަކުން ބޭރުވުމަކީ އެމީހުން މައްސަލައަކަށް ނުހަދައެވެ. ނަމަވެސް، ޢަލީގެފާނުގެ ބަސްފުޅުން އެނގޭގޮތުގައި ޤުރުއާން ރަނގަޅަށް ކިޔެވުމަކީ އަކުރުތަކުގެ މަޚްރަޖްތަކާއި ހުއްޓުންތަކަށް ރިޢާޔަތްކުރުމެވެ.

އެންމެ ބޮޑު މައްސަލައަކީ ނަކަލުކުރުން ނުވަތަ ކޮޕީކުރުމެވެ. ތަރާވީޙް ނަމާދުތަކުގައި މެލޭޝިޔާގެ ޤާރީން ބޮޑަށް ބަލަނީ މައްކާގެ ޙަރަމްފުޅުގެ އިމާމުން ފަދަ މަޝްހޫރު ޤާރީންގެ އަޑާއި ރާގު ކޮޕީކުރެވޭތޯއެވެ. ސޯޝަލް މީޑިއާގެ ސަބަބުން މި ބަލިމަޑުކަން އިތުރަށް ބޮޑުވެ، ޤާރީންގެ އަމިއްލަވަންތަކަމާއި، އަޑުގެ ޚާއްޞަ ސިފަ ދަނީ ގެއްލެމުންނެވެ.

މިވަރުގެ ޙޭލުންތެރިކަމަކާއެކު މި ގައުމުގައި ގުރުއާނަށް ދިރުމެއް އަންނާނީ ކިހިނެއް ބާވައެވެ؟

ހިއްސާ ކުރައްވާ!