ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެތައް ހާސް ބައެއްގެ ލޮލުން ކަރުނަ ހިލުވާލި މަންޒަރަކުން ފެންނަނީ، ސޫދާނުގެ ރައްޔިތެއް ކަމަށްވާ ހާއްޖަ މަރިޔަމް އައްނޫރުގެ ލޮލުން އޮހޮރެމުންދާ އުފާވެރިކަމުގެ ކަރުނައެވެ. ނަމަވެސް އެއީ ހަމައެކަނި ޙައްޖުގެ މާތް އަޅުކަން އަދާކުރަން ލިބުނު ފުރުޞަތުގެ އުފަލެއް ނޫނެވެ. އެއީ އުމުރުން 70 އަހަރުވެފައިވާ ދަރިއަކު، އުމުރުން 90 އަހަރަށްވުރެ މަތީގެ އޭނާގެ މަންމައަށް ކޮށްދެވޭ ޚިދުމަތްތަކާ މެދު ހިތުގައި އޮތް ކުލުނެއްގެ ބޮޑުކަމުން އޮހޮރޭ ކަރުނައެވެ.
ޙައްޖުގެ ރޫޙާނީ މާޙައުލުގެ ތެރެއިން މަރިޔަމް އޭނާގެ މަންމާގެ އަތުގައި ހިފަހައްޓައިގެން ހުންނަނީ އިންތިހާ އޯގާތެރިކަމާއެކުގައެވެ. ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެދިޔަ ނަމަވެސް، އެ މަންޒަރުން ސިފަވަނީ މަންމަގެ ލޯތްބާއި އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުއްޖެކެވެ. ނަމަވެސް މިފަހަރުގެ ތަފާތަކީ، އުމުރުން 70 އަހަރުގެ ދަރިފުޅު މިއަދު އެ މަންމަގެ ހުރިހާ ކަމެއް ބަލަހައްޓާ ބާރަކަށް ވެފައިވުމެވެ.
މަރިޔަމް ކަރުނުން ފުރިގެންވީ އަޑަކުން އޭނާގެ މަންމައާ މުޚާޠަބުކޮށް ބުނެއެވެ. މަންމައާއެކު ޙައްޖަށް އައުމަށް އަހަރެން އަބަދުވެސް ދުޢާކުރަމެވެ. މިއަދު ﷲ އެ ދުޢާ އިޖާބަކުރައްވައިފިއެވެ. މަންމާއެވެ. ﷲ މަންމައަށް ދުޅަހެޔޮ ސިއްހަތެއް ދެއްވާށިއެވެ. އަހަރެންނަށް މަންމައަށް ކޮށްދެވުނު އެއްވެސް ކަމަކުން މަންމަގެ ޙައްޤު ފުރިހަމައަށް އަދާައެއް ނުކުރެވެއެވެ.
މަރިޔަމް އޭނާގެ މަންމަގެ ޚިދުމަތުގައި އެތައް އަހަރެއް ހޭދަކުރި ނަމަވެސް، އޭނާ އަދިވެސް ގަބޫލުކުރަނީ މަންމަ އޭނާއަށްޓަކައި ވީ ގުރުބާނީގެ ކުރިމަތީގައި އެއީ އެއްވެސް އެއްޗެއް ނޫން ކަމަށެވެ.
ސޫދާނުގެ ޚަރްތޫމްއަށް ނިސްބަތްވާ މަރިޔަމް ފަޚުރުވެރިކަމާއެކު ބުނާގޮތުގައި، އޭނާގެ މަންމަގެ ބަލައި ބޮޑުކުރި 9 ކުދިންގެ ތެރެއިން މަންމައަށް ޚިދުމަތްކުރުމުގެ މާތް ފުރުޞަތު އެންމެ ބޮޑަށް ލިބުނީ އޭނާއަށެވެ. އޭނާގެ އެންމެ ބޮޑު އުންމީދަކީ މަންމައާއެކު ޙައްޖުގެ އަޅުކަން ފުރިހަމަކުރުމެވެ.
މުޤައްދަސް ބިމަށް އާދެވުނު ފަހުން މަރިޔަމް އޭނާގެ މަންމަ އެންމެ ހިނދުކޮޅަކަށްވެސް ދޫކޮށެއް ނުލައެވެ. އޭނާ މަންމަގެ ގާތުގައި އިށީނދެ، އަތާއި އަތް ގުޅުވައިގެން ހިނގާ، އަދި ހުރިހާ އަޅުކަމެއްގައި އެހީތެރިވެދެއެވެ. މަރިޔަމް ބުނާގޮތުގައި ނިދާ ވަގުތުވެސް އޭނާ މަންމާއާ ވަކިއްކެއް ނުވެއެވެ. މިއީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ނަމޫނާ އެއް ސިފަކޮށްދޭ ދިރިހުރި މިސާލެކެވެ.
މަރިޔަމް އާއި އޭނާގެ މަންމަ ޙައްޖުގެ އަޅުކަން އަދާކުރަމުންދަނީ ސައޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚާއްޞަ މެހެމާނުންގެ ޕްރޮގްރާމްގެ ދަށުންނެވެ. މި ދެމައިންގެ ލޯތްބާއި އޯގާތެރިކަމުގެ ވާހަކަ މިވަނީ ޙައްޖުގެ މައިދާނުން ބޭރަށް ނުކުމެ، މުޅި ދުނިޔެއަށް މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ބާރުގަދަ މެސެޖެއް ފޯރުކޮށްދީފައެވެ. އުމުރުން 70 އަހަރުވިޔަސް، މަންމަގެ ކުރިމަތީގައި ތިމާއަކީ އަދިވެސް ކުޑަކުއްޖެއްކަމާއި، މަންމަގެ ހެޔޮކަމުގެ ބަދަލު ދުވަހަކުވެސް ފުރިހަމައަށް އަދާ ނުކުރެވޭނެކަން މަރިޔަމްގެ މި ޢަމަލުން ސާބިތުކޮށްދެއެވެ.






