އުމަވީ ދައުލަތުގެ ވަލީއަހުދު ހިޝާމް ބިން ޢަބްދުލްމަލިކް، އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިމަށް ފައިބައިވަޑައިގަތީ އާދައިގެ ދަތުރުފުޅެއްގައެއް ނޫނެވެ. އެއީ ޚަލީފާކަމުގެ ތަޚުތާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ޖާހާއި އިއްޒަތުގެ އެންމެ މަތީ ދަރަޖައިގައި ހުންނަވައި ކުރެއްވި ޙައްޖުގެ އަޅުކަމެކެވެ. ނަމަވެސް، މައްކާގެ ޙަރަމްފުޅުގެ ތެރެއިން އޭނާއަށް އެދުވަހު ފެނިގެންދިޔަ މަންޒަރަކީ، ދުނިޔަވީ ބާރާއި ވެރިކަމަށްވުރެ މާތްﷲގެ މިންވަރުފުޅުން އިންސާނުންގެ ހިތްތަކުގައި ލައްވާ ލޯތްބާއި ޤަދަރު މާ މަތިވެރިކަން ސާބިތުކޮށްދިން ތާރީޚީ ހާދިސާއެކެވެ.
ހަދީޘް ޢިލްމުވެރިންގެ އިމާމް، އަލްޒުހުރީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ: "ޤުރައިޝް ވަންހައިގެ ތެރެއިން ޢަލީ ބިން އަލްޙުސައިންއަށްވުރެ ވަރަޢަވެރި (ﷲއަށް ބިރުވެތިވާ)، އަދި މާތް ސިފަތަކުން ފުރިގެންވާ އެހެން މީހަކު ތިމަންކަލޭގެފާނު ލޮލުން ދެކެވަޑައެއް ނުގަންނަވަމެވެ."
رَحْمَتُ اللَّهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ ۚ سورة هود (الآية ٧٣)
ގޭގެ އަހުލުވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް ﷲގެ ރަޙްމަތާއި، އެކަލާނގެ ބަރަކާތް ހުށްޓެވެ.
ޙަރަމްފުޅުގެ ބޮޑު މަންޒަރާއި ހިޝާމްގެ ނުކުޅެދުންތެރިކަން
މިއީ ހިޖުރައިން 2 ވަނަ ޤަރުނުގެ ކުރީކޮޅުގެ ދުވަސްވަރެކެވެ. ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން طواف ކުރަމުންދިޔަ މީހުންގެ ސަބަބުން މުޅި ސަރަހައްދު އޮތީ ފުރި ބާރުވެފައެވެ. ވަލީއަހުދު ހިޝާމް ބިން ޢަބްދުލްމަލިކް، ޙަޖަރުލް އަސްވަދަށް ބޮސްދެއްވުމަށްޓަކައި ގާތްވެ ވަޑައިގަތުމަށް ކުރެއްވި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ ޠަވާފުކުރާ މީހުންގެ ބައިބޯކަމުންނެވެ. އައުވާނުންނާއި އެހީތެރިންނާ އެކުވެސް ކައިރި ކުރެވޭ ވަރެއް ނުވިއެވެ.
އެންމެ ފަހުން، ހިޝާމްއަށްޓަކައި ޚާއްސަ ކުރެވުނު މިމްބަރުގައި މީސްތަކުން ޠަވާފް ކުރަމުންދިޔަ މަންޒަރަށް ބައްލަވަން އިންނެވިއެވެ.
އެ ހިނދު، ކުއްލިއަކަށް މީސްތަކުންގެ ތެރެއަށް ކަރާމާތްތެރި، މޫނުމަތިން ނޫރުވެރިކަން ފާޅުވާންހުރި ބޭކަލަކު ވަދެވަޑައިގަތެވެ. އެއީ ޢަލީ ބިން އަލްޙުސައިން ބިން ޢަލީ ބިން އަބީޠާލިބް (ޒައިނުލް ޢާބިދީން) ޢަލީގެފާނުގެ ކާފަ ދަރިކަލުންނެވެ. އެކަލޭގެފާނު ޙަޖަރުލްއަސްވަދާ ދިމާއަށް ހިންގަވައިގަތުމާއެކު، އެއްވެފައި ތިބި އެތައް ހާސް ބައެއް ކުއްލިއަކަށް މެދުން އެކަލޭގެފާނަށްޓަކައި މަގެއް ހަދައި ދެފަރާތަށް ޖެހިގެންފިއެވެ.
އިސްލާމީ އުއްމަތުގެ ރައްޔިތުން، އެކަލޭގެފާނަށް ކުރެއްވި އިޙްތިރާމެއްގެ ބޮޑުކަމުން، ހިޝާމް ބިން އަބްދުލްމަލިކު ހައިރާންވެ ވަޑައިގަތެވެ! ޒައިނުލް ޢާބިދީން ނިކަން ފަސޭހަކަމާއެކު ޙަޖަރުލްއަސްވަދަށް ބޮސްދެއްވައި، އަޅުކަން ފުރިހަމަކުރެއްވިއެވެ.
މި މަންޒަރު ބައްލަވަން އިންނެވި ހިޝާމް ބިން ޢަބްދުލްމަލިކްގެ ހިތްޕުޅަށް ޙަސަދަވެރިކަން ވަނެވެ. އަދި ކައިރީގައި ތިބި ޝާމްކަރައިގެ ކަމުވޮށިގެންވާ މީހުންގެ ކުރިމަތީގައި، ޒައިނުލް ޢާބިދީންގެ ގަދަރު ކުޑަކޮށްލުމުގެ ނިޔަތުގައި ސުވާލުކުރެއްވިއެވެ.
"މިއީ ކާކު ހެއްޔެވެ؟ ތިމަންއަކަށް ނޭނގެއެވެ!"
ފަރަޒްދަޤް ހިޝާމަށް ހަގީގަތް ހާމަކޮށް ދެއްވީ ބަހުގެ ހަމަލައަކުން:
މި ސުއާލަށް ޖަވާބު ދެއްވީ ކައިރީގައި ހުރި ފަރަޒްދަޤް އެވެ. އޭނާ އަކީ އުމަވީ ދަރުބާރުގެ ޅެންވެރިޔާއެވެ. މިޒަމާނުގެ ބަހުރުވައިން ނަމަ، ޒަމާނުގެ ހާދިސާތައް ޅެންބަހުން ޑޮކިއުމެންޓް ކުރާ ނޫސްވެރިއެކެވެ.
ފަރަޒްދަޤް އެދުވަހު ހިޝާމް ބިން އަބްދުލްމަލިކަށް ދެއްވި ފިލާވަޅަކީ ޅެންވެރިންނާއި ނޫސްވެރިންނާ އަދާވަތްތެރި ވުން ރަނގަޅު ނުވާނެ ކަމަށް ބުނެ ދެއްވި ފިލާޥަޅެކެވެ!
ފަރަޒްދަޤްގެ އަސްލު ނަމަކީ ހައްމާމް ބިން ޣާލިބު އެވެ. އޭނާއަކީ ޢަރަބި އަދަބިއްޔާތުގެ ތާރީޚު ދުށް އެންމެ މަޝްހޫރު އެއް ޅެންވެރިޔާއެވެ. އޭނާއަކީ ބަސްމޮށުންތެރިކަމާއި، ޅެންވެރިކަމުގެ ހުނަރުގައި ދެވަނައެއް ނެތް ފަދަ އަދީބެކެވެ.
އޭނާގެ ހިތުގައި ރަސޫލާ ﷺ ގެ އަހުލުބައިތުންނަށް އޮތް ލޯތްބަކީ ބާރާއި ނުފޫޒުގެ ކުރިމަތީގައި ފަސްޖެހުނު އެއްޗެއް ނޫނެވެ.
ހިޝާމްގެ ސުވާލު އިވުމާއެކު، ފަރަޒްދަޤްގެ ހިތް ހަލާކުވިއެވެ. އަދި އުމަވީ ވަލީއަހުދުގެ ކުރިމަތީގައި، ކަނޑިއާއި ބަޑިއަށްވުރެ ތޫނު ބަސްތަކަކުން، އިސްލާމީ ތާރީޚުގައި ރަންއަކުރުން ފަވާލެވުނު ޅެން ބައިތުތައް އިއްވަން ފެށިއެވެ.
ފަރަޒްދަޤް ޅެން ބަހުރުވަންއިން އިއްވަން ފެށިއެވެ!
هَذَا الَّذِي تَعْرِفُ بَطْحَاءُ مَكَّةَ وَطْأَتَهُ … وَالْبَيْتُ يَعْرِفُهُ وَالْحِلُّ وَالْحَرَمُ
މިއީ އެބޭކަލެއްގެ ފައިންޕުޅުގެ އަސަރު، މައްކާގެ ވާދީތަށް ވެސް ދަންނަ ބޭކަލެކެވެ.
އަދި ބައިތުﷲ ގެފުޅާއި، ޙަރަމްފުޅުގެ ބޭރާއި އެތެރެ ވެސް އެކަލޭގެފާނު ދަނެއެވެ.
هَذَا ابْنُ خَيْرِ عِبَادِ اللَّهِ كُلِّهِمُ … هَذَا التَّقِيُّ النَّقِيُّ الطَّاهِرُ الْعَلَمُ
މިއީ ﷲގެ އެންމެހާ އަޅުތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބޭކަލެއްގެ ދަރިކަލުންނެވެ.
މިއީ ތަޤުވާވެރި، ސާފުޠާހިރު، އަދި ހިދާޔަތުގެ މަތިވެރި ނިޝާނެކެވެ.
هَذَا ابْنُ فَاطِمَةٍ إِنْ كُنْتَ جَاهِلَهُ … بِجَدِّهِ أَنْبِيَاءُ اللَّهِ قَدْ خُتِمُوا
މިއީ ފާޠިމަތުގެފާނުގެ ދަރިކަލުންނެވެ. ބޭފުޅާއަށް އެކަލޭގެފާނު އެނގިވަޑައިނުގަތް ކަމުގައި ވިޔަސްމެއެވެ.
އެކަލޭގެފުޅުގެ ކާފާފުޅު (މުޙައްމަދު ﷺ) މެދުވެރިކޮށް ﷲ ވަނީ ނަބީކަމުގައި ސިއްކަ ޖައްސަވައި ނިންމަވާފައެވެ.
وَلَيْسَ قَوْلُكَ مَنْ هَذَا بِضَائِرِهِ … الْعُرْبُ تَعْرِفُ مَنْ أَنْكَرْتَ وَالْعَجَمُ
’މިއީ ކާކުހެއްޔޭ؟' ވިދާޅުވެ ތިޔަ ކުރެއްވި ސުވާލަކުން އެކަލޭގެފުޅުގެ ޤަދަރަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.
ތިޔަ އިންކާރުކުރެއްވި ބޭކަލަކީ ޢަރަބިންނާއި ޢަޖަމީންނަށްވެސް އެނގި ކަށަވަރުވެފައިވާ ބޭކަލެކެވެ.
مَا قَالَ "لاَ" قَطُّ إِلاَّ فِي تَشَهُّدِهِ … لَوْلاَ التَّشَهُّدُ كَانَتْ لاءَهُ نَعَمُ
ޝަހާދަތުގެ ކަލިމަ ވިދާޅުވާ ހިނދު މެނުވީ އެކަލޭގެފާނު ދުވަހަކުވެސް 'ނޫނެކޭ' ވިދާޅެއް ނުވެއެވެ.
އެ ތަޝައްހުދާއި ނުލައި ނަމަ، އެކަލޭގެފުޅުގެ 'ނޫނެކޭ' ވިދާޅުވާ ބަސްފުޅުވެސް 'އާނއެކޭ' ކަމުގައި ވީހެވެ. (ޔައުނީ، އެހާވެސް ދީލައްޗެވެ.)
إِذَا رَأَتْهُ قُرَيْشٌ قَالَ قَائِلُهَا … إِلَى مَكَارِمِ هَذَا يَنْتَهِي الْكَرَمُ
ޤުރައިޝް ވަންހައިގެ މީހުންނަށް އެކަލޭގެފާނު ފެނުމުން ބުނެއުޅެއެވެ.
ދީލަތިކަމާއި މާތް ސިފަތައް އޭގެ ނިމުމަކަށް އަންނަނީ މިކަލޭގެފާނާ ހަމައިންނެވެ."
ބާރުގެ ކުރިމަތީގައި ޙަޤީޤަތުގެ ނަޞްރު
ދުނިޔޭގެ ރަސްކަމާއި ސިޔާސީ ބާރުވެރިކަމަކީ އިންސާނުންގެ ހިތްތަކުގެ މައްޗަށް ވެރިވެގަނެވޭނެ އެއްޗެއް ނޫން ކަމެވެ. ހިޝާމް ބިން ޢަބްދުލްމަލިކަށް ސިފައިންނާއި ލަޝްކަރާއެކުވެސް ނުލިބުނު ޖާގަ، ޢަލީ ބިން އަލްޙުސައިން ޒައިނުލްއާބިދީންއަށް ލިބިވަޑައިގަތީ އެކަލޭގެފާނުގެ ކިބައިގައި ހުރި ލޯތްބާއި، ރަސޫލާ ﷺ ގެ އަހުލުބައިތުންގެ މާތް ކަމުގެ ސަބަބުންނެވެ.
ފަރަޒްދަޤްގެ މި ޅެމުގެ ސަބަބުން ކޯފާވެގެން ހިޝާމް އޭނާ ޖަލަށްލިއެވެ. ނަމަވެސް، އެ ބަސްތައް ވެގެންދިޔައީ ޒަމާންތަކަށް ދެމިގެންދިޔަ ޙަޤީޤަތުގެ ދިފާޢީ އައްޑަނައަކަށެވެ. މިއީ އިސްލާމީ ތާރީޚުގެ ރަން ޞަފުޙާތަކުން ފެންނަން އޮތް، މިސާލެކެވެ.






