އަޅެއްގެ އަޤީދާގެ މަތިވެރިކަން: އުމަރު ބިން ސައީދުގެ ވާހަކަ

މިއީ ހަމައެކަނި އަޅުދާސްކުރުމުގެ ހިތްދަތި ކަމުގެ ވާހަކައެއް ނޫނެވެ. މިއީ މިނިވަންކަމާއި، ނަމާއި، ދަރަޖަ ފޭރިގަނެފައިވާ އިންސާނެއްގެ ހިތުގައި ބަދަލު ވުމެއް ނެތި އިސްލާމީ ޢަޤީދާ ބިންވަޅު ނެގިފައިވާ ގޮތުގެ ވާހަކައެކެވެ.

މިއީ 27 އަހަރު ވަންދެން، އެމެރިކާގެ ދޮންމީހުންގެ ކުރިމަތީގައި އަޅެއްގެ ސިފައިގައި އަމިއްލަ ދީން ސިއްރުކޮށްގެން، ޢަރަބި ބަހުގެ ނިވާފަތްގަނޑެއްގެ ތެރޭގައި ސާބިތުވެހުރި ޢިލްމުވެރިއެއްގެ ޙަޤީޤީ ވާހަކައެވެ.

އޭނާގެ ނަމަކީ ޢުމަރު އިބްނު ސަޢީދެވެ.

އަޅުވެތި ކުރުމުގެ ކުރިން: ޢިލްމުގެ ގުލްޒާރުގައި

މީލާދީން 1770 ގެ އަހަރުތަކުގައި، މިއަދުގެ ސެނެގާލް ކަމަށްވާ ސަރަހައްދުގެ މުއްސަނދި، ޢިއްޒަތްތެރި ޢާއިލާއަކަށް އުފަންވި ސައީދުގެ ދަރި ޢުމަރަކީ، ފަރިތަކަމާއެކު ޢަރަބިބަހުން ވާހަކަދައްކައި، އެ ބަހުން ލިޔަން ދަސްކޮށް ޅަފަތުގައި ކީރިތި ޤުރުއާން ހިތުން ދަސްކޮށްފައި ހުރި މީހެކެވެ.

އޭނާ ވަނީ 25 އަހަރު ވަންދެން އިސްލާމީ ބޮޑެތި ޢިލްމުވެރިންގެ އަރިހުން ފިޤުހާއި، ތައުޙީދާއި، ހިސާބު ޢިލްމާއި، ފަލަކީ ޢިލްމު އުނގެނިފައެވެ. ކީރިތި ޤުރުއާންގެ ހާފިޒެއްގެ ހައިސިއްޔަތުން މުޖުތަމަޢުގެ އިޙްތިރާމް ލިބިގެންވީ މީހެކެވެ.

ނަމަވެސް، 1807 ވަނަ އަހަރު އެ ސަރަޙައްދަށް އެރި ދޮން މީހުން، މީހުން ޝިކާރަ ކުރީ ދަލުގައި ޖަހައިގެންނެވެ. ފަތިސްގަޑީގައި ފަތިސް ނަމާދަށް ދިޔަ މީހުންނެވެ.

އެފަދަ ދަލެއްގައި ޖެހުނު ދުވަހުން ފެށިގެން އުމަރުގެ މުޅި ޙަޔާތް ބަދަލުވެގެންދިޔައެވެ.

"އަހުރެމެންގެ ރަށަށް ބޮޑު ލަޝްކަރެއް އައެވެ. އެމީހުން އެތައް ބަޔަކު މަރާ، އަޅުގަނޑު ހައްޔަރުކޮށްގެން ބޮޑު ކަނޑަށް ގެންގޮސް، ނަޞާރާއިންގެ އަތްމައްޗަށް އަހުރެމެން ވިއްކާލިއެވެ." ޢުމަރު އޭނާގެ އަމިއްލަ އަތުން ލިޔުނެވެ.

އޭރު އޭނާގެ ޢުމުރަކީ 37 އަހަރެވެ. އެއަށްފަހު ދުވަހަކުވެސް އޭނާގެ ވަޒަނެއް އަހުލެއް ގާތް ތިމާގެ މީހުންނެއް ނުދެކެއެވެ.

އެމެރިކާގެ އަޅުންގެ ވިޔަފާރީގައި ޢުމަރު އެންމެ ފުރަތަމަ ވިއްކާލެވުނީ ސައުތު ކެރޮލައިނާގެ ރަޙުމެއް ނެތް، އަނިޔާވެރި ސޮލީބީ ސާހިބަކަށެވެ. ޢުމަރު އެކަލޭގެ ސިފަކޮށްފައި ވަނީ، "ﷲ އަށް ކުޑަވެސް ބިރުވެތިކަމެއް ނެތް، މުޠްލަޤު ކާފިރެއް" ގެ ގޮތުގައެވެ.

އޭނާގެ އަނިޔާތަކަށް ކެތްނުކުރެވިގެން ޢުމަރު ފިލައިގެން އުތުރަށް ދަތުރުކުރިއެވެ. ނޯތު ކެރޮލައިނާގެ ފޭޓުވިލްއަށް ފޯރުމުން، އޭނާއަށް ފައްޅިއެއް ފެނުމުން އެތަނަށް ވަދެ، ނަމާދުކުރަން ފެށިއެވެ. ނަމަވެސް އެތަނުން އޭނާ އަތުލައިގަނެ، "ފިލައިގެން އުޅޭ އަޅެއް" ގެ ގޮތުގައި ޖަލަށް ލިއެވެ.

އޭނާގެ މިނިވަންކަމާއި، ނަމާއި، އާއިލާ ފޭރިގަނެވިފައިވީ ހިނދު، އެ ފިނި، އަނދިރި ޖަލުގޮޅީގައި ޢުމަރު އިބްނު ސަޢީދު މާޔޫސެއް ނުވެއެވެ.

ޖަލުގޮޅީގެ ތަޅުމުގައި ހުރި އަޅިތަކުގެ ތެރެއަށް އަތްބާނައި، ކޯލާދެލި ބުރިއެއް ނަގައި، ފާރުތަކުގައި ޢަރަބިބަހުން އާޔަތްތައް ލިޔަން ފެށިއެވެ. ޖަލު ބަލަހައްޓާ މީހުންނަށް އެއީ ކޮން ބަހެއްކަމެއް ނޭނގުނެވެ. އަދި އެ ލިޔުނު އެއްޗެއްގެ މާނައަކީ ކޮބައިކަމެއްވެސް ނޭނގުނެވެ. އެމީހުން ހީކުރީ އެއީ އެހީއަށް އެދި ގޮވާ ގޮވުމެއް ކަމަށެވެ.

އުމަރުގެ ޚަބަރު ފެތުރިގެންގޮސް، ޖެނެރަލް ޖޭމްސް އޯވެން ނަމަކަށް ކިޔާ ނުފޫޛުގަދަ މީހަކު ޖަލަށް އޭނާ ބަލާލަން އައެވެ. މި އަޖާއިބުވަނިވި އަޅު ފެނި، ވަގުތުން އޭނާ ގަތުމަށް ނިންމައި ލޭންދޭން ނިންމިއެވެ.

1821 ވަނަ އަހަރު، އޯވެންގެ އާއިލާގެ ބާރުއެޅުމަށް ޢުމަރު ކްރިސްޓިއަން ދީނަށް ވަންކަމަށް ނިންމައި އެމީހުން އޭނާ "ބެޕްޓައިޒް" ކުރިއެވެ.

ދޮންމީހުން އުފަލުން ނަށަން ފެށިއެވެ. އެމީހުން ދުނިޔެއަށް ދެއްކީ "އެފްރިކާގެ މުސްލިމް ޢިލްމުވެރިއަކަށް ތެދުމަގު ދައްކަވައިގެން، ކްރިސްޓިއަން ދީނަށް ވަދެ، އެމީހުންގެ ތިން ކައުވަންތަ އިލާހަށް ޝުކުރުވެރިވެއްޖެ" ކަމުގެ ހެއްކެއްގެ ގޮތުގައެވެ. އެމީހުން އޭނާއަށް ޢަރަބި ބަހުން ލިޔެފައި އޮތް އިންޖީލެއް ދިނެވެ.

1831 ގައި ޢުމަރު އޭނާގެ އަމިއްލަ ޙަޔާތުގެ ވާހަކަ 15 ސަފުހާގެ ލިޔުމެއްގައި ލިޔުނެވެ.

އެމެރިކާގެ ތާރީޚުގައި އަޅެއްގެ އަތުން ޢަރަބިބަހުން ލިޔެވިފައިވާ ހަމައެކަނި ތާރީޚީ ލިޔުމަކީ މިއީއެވެ.

އޭނާގެ ސާހިބުން ހީކުރީ އެއީ ކްރިސްޓިއަން ދީނުގެ މޮޅުވާހަކައާއި އެ ދީނަށް ތައުރީފުކޮށް ލިޔުނު ލިޔުމެއް ކަމަށެވެ. ނަމަވެސް، އެމީހުންނަށް ކިޔަން ނޭނގުނު ހަޤީޤަތަކީ، ޢުމަރު އޭނާގެ ލިޔުން ފެށީވެސް އެ މޫރިތި ކަލިމައިން ނެވެ.

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ އިންނެވެ.

އަދި އެމީހުން ދިން އިންޖީލުގައި ޢުމަރު އޭނާގެ އަމިއްލަ އަތުން ލިޔުނެވެ. "الحمد لله، كل خير من الله" (ޙަމްދު ހުރީﷲ އަށެވެ. ކޮންމެ ހެޔޮކަމެއްވަނީﷲ ގެ ހަޟްރަތުންނެވެ.)

އެމީހުން ހީކުރީ ޢުމަރު އެ ލިޔަނީ ކްރިސްޓިއަނުންގެ ތިން ކައުވަންތަ ދޭވަތާއިންގެ ސަނާ "ލޯޑްސް ޕްރެޔަރ" ކަމަށެވެ. ނަމަވެސް، ދެ ޤަރުނެއްހާ ދުވަސް ފަހުން ޢަރަބި ބަސް ދަންނަ ޢިލްމުވެރިން އުމަރުގެ ލިޔުން ދިރާސާކުރިއިރު، އޭނާ ލިޔުއްވާފައިވަނީ ކާފިރުން އިސްލާމްދީނަށް ވަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާ ސޫރަތުއް ނަޞްރު ކަން ސާބިތުވިއެވެ!

إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ ﴿1﴾ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا ﴿2﴾ ﷲގެ ނަޞްރާއި، ފަތަޙަ އަތުވެއްޖެ ހިނދެވެ. އަދި ﷲގެ ދީނަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ.

ޢުމަރު އިބްނު ސަޢީދު ނިޔައުވީ 1864 ގައެވެ. އެއީ އެމެރިކާގައި އިންސާނުން އަޅުދާސްކުރުން މަނާކުރި 13 ވަނަ އިޞްލާޙު ގެނައުމުގެ އެންމެ އަހަރެއް ކުރިއެވެ.

އޭނާ 90 އަށްވުރެ ގިނަ އަހަރު ދުނިޔޭގައި އުޅުނެވެ. އޭނާގެ ލިޔުންތައް މިއަދުވެސް އެމެރިކާގެ ކޮންގްރެސްގެ ލައިބްރަރީގައި ބަހައްޓާފައި އެބަހުއްޓެވެ.

ދޮންމީހުން އޭނާ ބޭނުންކުރީ އަޅުވެތިކަމުގެ ނިޒާމުގެ ކާމިޔާބުކަން ދެއްކުމަށެވެ. ނަމަވެސް އޭނާ ސާބިތުކޮށް ދިނީ މުޅިން އެހެން ހަގީގަތެކެވެ. އޭނާ ހިތުގައި އޭނާގެ އިސްލާމީ ޢަޤީދާ ރައްކާތެރިކުރިއެވެ.

އޭނާގެ ވެރިން ހީކުރީ އެމީހުން އޭނާގެ ހަށިގަނޑާއި ރޫޙު މިލްކުކުރި ކަމަށެވެ. ނަމަވެސް ޢުމަރު އިބްނު ސަޢީދު ދުވަހަކުވެސް އޭނާއަކީ ކާކުކަމެއް، އަދި އޭނާގެ ވެރިރަސްކަލާނގެއަކީ ކާކުކަމެއް ހަނދާން ނައްތައެއް ނުލައެވެ.

އޭނާގެ ނަން ހަނދާންކުރާށެވެ! އެއީ ޢުމަރު އިބްނު ސަޢީދެވެ.

ހިއްސާ ކުރައްވާ!