އަޅުތަކުންގެ ނިމުން ކަނޑައެޅުން އޮތީ ހަމައެކަނި މާތްﷲ ގެ ހަޟްރަތުގައި

އިންސާނާގެ ބުއްދިއާއި ނަފްސު ހަމަމަގުން ނެއްޓި، އަނެކުންގެ އީމާންތެރިކަމާއި އެމީހުންގެ އާޚިރަތުގެ މަންޒިލާ މެދު ގޮތް ނިންމުމަކީ މި ޒަމާނުގެ މުޖުތަމަޢުތަކުން ފެންނަ ވަރަށް ހިތާމަވެރި ކަމެކެވެ. މީހަކަށް ކުރެވޭ ފާފައެއްގެ ސަބަބުން ނުވަތަ ދުނިޔެ ދޫކުރާ ގޮތެއްގެ ސަބަބުން، އެމީހަކީ ނަރަކަވަންތަ މީހެއްކަމަށް ނުވަތަ ސުވަރުގެވަންތަ މީހެއް ކަމަށް ކަނޑައަޅައި، ބައެއް މީހުން މާތްﷲ ގެ އިލާހީ ޙާކިމިއްޔަތުގެ ތެރެއަށް އަތްބާނަން މަސައްކަތް ކުރެއެވެ. ނަމަވެސް، އިސްލާމީ ތާރީޚުގެ ބޮޑެތި ޢިލްމުވެރިންގެ ސީރަތަށް ބަލާއިރު، އެބޭކަލުން ތިއްބެވީ މިފަދަ ކަންކަމުގައި ނުހަނު ބިރުވެތިވެ، އިންތަކަކަށް ބޯލަނބައިގެންނެވެ. މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ ފިޤުހުވެރިންގެ އިމާމް، އަބޫ ޙަނީފާ އައްނުޢުމާންގެ ޙަޔާތްޕުޅުން ފެންނަން އޮތް ހާދިސާއެކެވެ.

އިމާމް އަބޫ ޙަނީފާގެ ޒަމާނުގައި އެއްދުވަހަކު، އެއް މިސްކިތަކަށް ދެ ޖަނާޒާއެއް ގެނެވުނެވެ. އެއީ ފިރިހެނެއްގެ ޖަނާޒާއާއި އަންހެނެއްގެ ޖަނާޒާއެވެ. މި ދެމީހުން ދުނިޔެ ދޫކުރި ގޮތުގެ ޚަބަރު މުޅި ހިސާބަށް އޮތީ ފެތުރިފައެވެ.

  • ފިރިހެންމީހާ މަރުވީ ރާބޯން އިންދައެވެ.
  • އަންހެންމީހާ މަރުވީ، ޒިނޭގެ ސަބަބުން ބަލިވެއިންކަން އެނގުމުން ލަދުންނާއި ހާސްކަމުން އަމިއްލައަށް މަރުވެގެންނެވެ.

މިސްކިތަށް އެއްވެފައި ތިބި މީހުން، މި ދެމީހުންގެ ނިމުމާ މެދު ބަހުސްކޮށް، ސުވާލު އުފައްދަން ފެށިއެވެ. އަދި އިމާމް އަބޫ ޙަނީފާގެ އަރިހަށް ގޮސް ދެންނެވިއެވެ.

"އޭ އިމާމެވެ! މި ދެމީހުން ދާނީ ސުވަރުގެއަށްތޯއެވެ؟ ނުވަތަ ނަރަކައަށްތޯއެވެ؟ އެކަކު އެ މަރުވީ ބޮޑުވެގެންވާ ފާފައެއް ކަމަށްވާ ރާބުއިމުގެ ތެރޭގައެވެ. އަނެކަކު އެވަނީ ޒިނޭގެ ބަލިވެއިނުމުގެ ސަބަބުން އަމިއްލަ ފުރާނަ ދުއްވާލާފައެވެ. އެމީހުންގެ މަންޒިލަކީ ކޮބައިތޯއެވެ؟"

އެ ވަގުތު، އެއިން ކޮންމެ މީހަކާ މެދު ޙުކުމް ބަޔާންކުރާ ދީނީ ނައްޞުތައް ގެންނަވައި، އެމީހުންނަށް ވަޢީދުގެ ބަސްފުޅުތައް އިއްވެވުމުގެ ފުރުޞަތު އިމާމް އަބޫ ޙަނީފާއަށް އޮތެވެ. ނަމަވެސް، އެކަލޭގެފާނަކީ މާތްﷲ ގެ ބާރާއި ކުޅަދުންވަންތަކަމުގެ ކުރިމަތީގައި ނުހަނު ތަވާޟުޢުވެރި، ބިރުވެތިވާ ބޭކަލެކެވެ.

އަޅުތަކުންގެ ނިމުން ކަނޑައެޅުމަކީ އެއްވެސް އިންސާނަކަށް ލިބިގެންވާ ބާރެއް ނޫންކަމާއި، ސުވަރުގެއާއި ނަރަކައިގެ މިލްކުވެރިޔަކީ ހަމައެކަނި މާތްﷲ ކަން އެކަލޭގެފާނު ދެނެވަޑައިގަތެވެ.

އެހެންކަމުން، އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ ދެއްވީ ބަލާޣާތްތެރިކަމުން ފުރިގެންވާ، ފުން ފިލާވަޅުތަކެއް އެކުލެވޭ ރައްދެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

"އެ ދެމީހުންނާ މެދު ތިމަންކަލޭގެފާނު ބުނާނީ، އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވި ބަސްފުޅެވެ.

فَمَن تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَّحِيمٌ
ފަހެ، މި އަޅާޔަށް ތަބަޢަ ވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (ދީނުގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. ސޫރަތު އިބްރާހީމް: 36

އަދި ވިދާޅުވިއެވެ! އެ ދެމީހުންނާ މެދު ތިމަންކަލޭގެފާނު ބުނާނީ، ޢީސާ ޢަލައިހިއްސަލާމް ވިދާޅުވި ބަސްފުޅެވެ.

إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ
އެއުރެންނަށް، އިބަރަސްކަލާނގެ ޢަޛާބު ދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ. ސޫރަތުލް މާއިދާ: 118

އަދިވެސް ވިދާޅުވިއެވެ! އެ ދެމީހުންނާ މެދު ތިމަންކަލޭގެފާނު ބުނާނީ، ނޫޙް ޢަލައިހިއްސަލާމް ވިދާޅުވި ބަސްފުޅެވެ.

إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي ۖ لَوْ تَشْعُرُونَ
ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ ޙިސާބު ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ. ޝުޢަރާ: 113

އިމާމް އަބޫ ޙަނީފާގެ މި ޖަވާބުން މުޅި މިސްކިތް ހިމޭންކޮށްލިއެވެ. އެކަލޭގެފާނު ހުއްޓިވަޑައިގަތީ މާތްﷲ ކަނޑައަޅުއްވާފައިވާ އިންތަކުގެ މަތީގައެވެ. އެމީހުން ސުވަރުގެއަށް ނުވަތަ ނަރަކައަށް ދާނެ ކަމުގެ އެއްވެސް ނިންމުމެއް ނުނިންމަވައެވެ. ނަމަވެސް، އެކަލޭގެފާނު ޔަގީންކަން ދެއްވީ މާތްﷲ ގެ ތަނަވަސްވެގެންވާ ރަޙުމަތްފުޅުގެ މައްޗަށެވެ. އެ ރަޙުމަތްފުޅަކީ އެކަލާނގެ އިރާދަކުރައްވާ ކޮންމެ އަޅެއްގެ މައްޗަށް ބާވައިލައްވާނެ އެއްޗެކެވެ.

މި ހާދިސާއިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ދުނިޔޭގައި އުޅޭއިރު މީހުންގެ ޚިޔާލުތަކާއި، ފިކުރުތަކާއި، ބަސްތަކަށް ފާޑުކިޔައި އިޞްލާޙުކުރަން އުޅުނަސް، އަޅުތަކުންގެ ނިމުމާއި ބަރުޒަޚުގެ ޙަޔާތާ މެދު ގޮތް ނިންމައި "ކޯޓު" ހަދައިގެން ނޫޅުމެވެ. މާތްﷲ ގެ ނިޔާގެ މައްޗަށް ބަސްބުނެ، ކަންކަން ކަނޑައަޅަން ނޫޅޭށެވެ!

ޤުދުސިއްޔަ ޙަދީޘެއްގައި ވާ ފަދައިން، މާތްﷲ ފާފަ ނުފުއްސަވާނެ ކަމަށް ބުނި މީހާގެ ޢަމަލުތައް ބާޠިލްވެ، އަނެއް މީހާއަށް ފާފަ ފުއްސެވިކަން ބަޔާންކުރައްވައި އައިސްފައިވާ މަޝްހޫރު ޤުދުސިއްޔަ ޙަދީޘަށް ބަލައި ލަމާ ހެއްޔެވެ؟

قَالَ رَجُلٌ: وَاللهِ لَا يَغْفِرُ اللهُ لِفُلَانٍ، وَإِنَّ اللهَ تَعَالَى قَالَ: مَنْ ذَا الَّذِي يَتَأَلَّى عَلَيَّ أَنْ لَا أَغْفِرَ لِفُلَانٍ، فَإِنِّي قَدْ غَفَرْتُ لِفُلَانٍ، وَأَحْبَطْتُ عَمَلَكَ | رواه مسلم
މާނައީ "މީހަކު ބުންޏެވެ: 'ﷲ ގަންދީ ބުނަމެވެ. މާތްﷲ އެވެނި މީހަކަށް ފާފައެއް ނުފުއްސަވާނެއެވެ.' ފަހެ، ހަމަކަށަވަރުން މާތްﷲ ވަޙީކުރެއްވިއެވެ. 'ތިމަންﷲ އެ ފުލާނާއަށް ފާފަ ނުފުއްސަވާނެ ކަމަށް ބުނެ، ތިމަންﷲ ގެ މައްޗަށް ގޮތްކިޔަން އެއުޅެނީ ކާކު ހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން ތިމަންﷲ އޭނާއަށް ފާފަ ފުއްސަވައިފީމެވެ. އަދި ކަލޭގެ (ހެޔޮ) ޢަމަލުތައް ބާޠިލްކޮށްފީމެވެ.! رواه مسلم

އެހެންކަމުން، އަބަދުވެސް ހެޔޮގޮތްތަކަށް އުންމީދުކޮށް، ގިނަގިނައިން ފާފަފުއްސަވާ، ރަޙުމްކުރައްވާ ވެރިރަސްކަލާނގެ ހަޟްރަތުން ރަޙުމަތަށް އެދި ދުޢާކުރާށެވެ. އަދި އަޅުތަކުންގެ އާޚިރަތުގެ މަންޒިލް ކަނޑައެޅުމުގެ ވެރިޔަކީ ތިމާ ކަމުގައި ނުހަދާށެވެ.

ހިއްސާ ކުރައްވާ!