ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް ޕްލެޓިނީ ފްރަންސޭސިވިލާތުގައި ދަޢުވާކޮށްފި

ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) ގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ، ބައިނަލްއަޤްވާމީ ފުޓްބޯޅަ އިދާރާ (ފީފާ) އާއި އެ އިދާރާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ އަދި މަދަނީ ދަޢުވާ ފްރަންސޭސިވިލާތުގެ ކޯޓަކަށް ހުށަހަޅައިފިއެވެ. މިއީ 2015 ވަނަ އަހަރު އޭނާ ފީފާގެ ރައީސްކަމަށް ވާދަކުރަން އުޅުމުން، އެކަމަށް ހުރަސްއެޅުމުގެ ގޮތުން ކޮރަޕްޝަންގެ ދޮގު ތުހުމަތުތަކެއް ކުރި ކަމަށް ބުނެ ހުށަހެޅި ދަޢުވާތަކެކެވެ.

ޕެރިހުގެ ކޯޓަށް ހުށަހެޅި ޖިނާއީ ދަޢުވާގައި އިންފަންޓީނޯގެ އިތުރުން، ފީފާގެ ލީގަލް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މާރކޯ ވިލިގަރ އަދި އޮޑިޓް ކޮމިޓީގެ ކުރީގެ ރައީސް ޑޮމިނިކޯ ސްކާލާގެ މައްޗަށް، ނުފޫޛު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި ދަޢުވާ އުފުލި ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. މީގެ އިތުރުން، މަދަނީ ދަޢުވާގައި ޕްލެޓިނީ ވަނީ އޭނާގެ ރޭވުންތައް ހަލާކުކޮށްލުމަށް ފީފާގެ އެތެރެއިން ހިންގި ޖަރީމާތަކުގެ ބަދަލެއްގެ ގޮތުން ބޮޑު މާލީ ބަދަލެއް ހޯދުމަށް އެދިފައެވެ.

މި ފިޔަވަޅު ޕްލެޓިނީ މި އެޅީ، 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ސުވިޒަލޭންޑްގެ އެޕީލް ކޯޓުން އޭނާއާއި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓަރގެ މައްޗަށް ކުރި އޮޅުވާލުމާއި ފޭކް ލިޔެކިޔުން އުފެއްދުމުގެ ކުށުން ސައްތައިން ސައްތަ ބަރީއަކޮށް، ނިހާއީ ޙުކުމް އިއްވުމާ ގުޅިގެންނެވެ.

2015 ވަނަ އަހަރުގެ މައްސަލައިގެ ތަފްޞީލް

މި މައްސަލައަކީ 2011 ވަނަ އަހަރު ސެޕް ބްލެޓަރގެ ހުއްދައާއެކު، ފީފާއިން ޕްލެޓިނީއަށް ދިން 2 މިލިއަން ސުވިސް ފްރޭންކް (2.5 މިލިއަން ޑޮލަރު) ގެ ފައިސާގެ މުޢާމަލާތަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ފައިސާއާ ގުޅުވައި ޕްލެޓިނީ ސަސްޕެންޑްކޮށް، ފުޓްބޯޅައިން ދުރުކުރުމުގެ ސަބަބުން، އޭރު ޕްލެޓިނީގެ ދަށުން ޔުއެފާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުރި އިންފަންޓީނޯއަށް 2016 ވަނަ އަހަރު ފީފާގެ ރައީސްކަން ހޯދުމުގެ މަގު ފަހިވެގެންދިޔައެވެ.

އުމުރުން 70 އަހަރުގެ ފްރަންސޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޕްލެޓިނީ ބުނީ، މި މައްސަލައަކީ އޭނާ ފީފާގެ ރައީސްކަމަށް އައުން ހުއްޓުވަން ބަޔަކު ރާވައިގެން ހިންގި ބޮޑު ރޭވުމެއް ކަމަށެވެ. އަދި މިހާރު އޭނާ ހުރީ އަލުން ފުޓްބޯޅައިގެ ތެރެއަށް އެނބުރި އަންނަ ވަރަށް ވުރެ ދުވަސްވެ، މުސްކުޅިވެފައި ކަމަށްވެސް އޭނާ ބުންޏެވެ. ފީފާއިން ކުރިން ވަނީ 2015 ވަނަ އަހަރުގެ މައްސަލައިގައި އެއްވެސް ނުބައި ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!