ރިއާލް މެޑްރިޑްގެ ކޯޗުކަމާ ޙަވާލުވާނެ ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ޜޮސޭ މުރީނިއޯގެ އިރުޝާދުގެ ދަށުން، އެ ކްލަބުގެ ލެފްޓް ބެކް ވަރުގަދަކުރުމަށްޓަކައި އާސެނަލް ނުވަތަ މެންޗެސްޓަރ ސިޓީގެ ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ރިއާލްއިން ފަށައިފިއެވެ.
ސްޕޭންގެ "އޭއެސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި، މުރީނިއޯގެ ކުޅުމުގެ ވައްޓަފާޅިއާ ގުޅޭ ލެފްޓް ބެކެއް ހޯދުމުގެ މަސައްކަތް ރިއާލްއިން ކުރަމުންދާއިރު، އެމީހުންގެ އަމާޒަކީ އާސެނަލްއަށް ކުޅޭ އިޓަލީގެ ތަރި ރިކާޑޯ ކަލަފިއޮރީއެވެ. މީގެ އިތުރުން މެންޗެސްޓަރ ސިޓީގެ ކްރޮއޭޝިއާ ޑިފެންޑަރު ޔޮޝްކޯ ގްވާޑިއޯލްވެސް އޮތީ ރިއާލްގެ ލިސްޓުގައެވެ. މުރީނިއޯ މި ދެ ކުޅުންތެރިންނަށް ޝައުޤުވެރިވަނީ ލެފްޓް ބެކްގެ އިތުރުން ސެންޓްރަލް ޑިފެންޑަރަކަށްވެސް ކުޅުމުގެ ޤާބިލުކަން އެމީހުންގެ ކިބައިގައި ހުރުމުން، މެޗުގެ ތެރެއިން ޑިފެންސް ލައިން ބަދަލުކޮށްލަން ފަސޭހަވާނެތީއެވެ.
ރިޕޯޓްތައް ބުނާގޮތުން، ރިއާލްގެ ކަނާތްފަރާތުން ޓްރެންޓް އަލެކްސަންޑަރ އާނޮލްޑް އާއި ދެން ގެންނަން އުޅޭ ޑެންޒެލް ޑަމްފްރީސް ފަދަ އެޓޭކިންގ ކުޅުންތެރިން ބޭނުންކުރާތީ، ޓީމުގެ ބެލެންސް ހިފެހެއްޓުމަށްޓަކައި ވާތްފަރާތުން ބޭނުންވަނީ ދިފާޢީ ގޮތުން ވަރުގަދަ ކުޅުންތެރިއެކެވެ.
މުރީނިއޯ ދެކޭގޮތުގައި ގްވާޑިއޯލްއާ އަޅާބަލާއިރު ކަލަފިއޮރީ ގެނައުން މާލީގޮތުން މާ ފަސޭހަވާނެއެވެ. ކަލަފިއޮރީގެ އާސެނަލް ކޮންޓްރެކްޓް 2029 ވަނަ އަހަރަށް ހަމަވާއިރު، މިދިޔަ ސީޒަނުގެ ބައެއް މުހިންމު މެޗުތަކުގައި އޭނާއަށް ފުރަތަމަ 11އިން ޖާގަ ގެއްލިފައިވެއެވެ. އަދި އޭނާއަކީ ރޯމާގެ އެކަޑަމީގައި އުޅުނުއިރުއްސުރެ މުރީނިއޯއަށް ވަރަށް ކަމުދާ ކުޅުންތެރިއެކެވެ.
އަނެއްކޮޅުން ގްވާޑިއޯލްވެސް ހުރީ މުރީނިއޯގެ އިރުޝާދުގެ ދަށުން ރިއާލް މެޑްރިޑަށް ކުޅެން ތައްޔާރަށެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ރިއާލްއާ ގުޅުނު ނަމަވެސް، އެ ކްލަބުގެ މިހާރުގެ ލެފްޓް ބެކް އަލްވާރޯ ކަރޭރަސްއަށް ޓީމުން ޖާގަ ހަނިވެ، އޭނާ ކްލަބް ދޫކޮށްލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.







