މިޞްރުގެ އަލްއަހްލީގެ އައު ކޯޗަކަށް މޮރޮކޯގެ ޙުސައިން ޢަމޫތާ އަންނަނީ

މިޞްރުގެ އެންމެ މަޤްބޫލު ކްލަބް، އަލްއަހްލީގެ ފުރަތަމަ ޓީމުގެ އައު ކޯޗުގެ ބަދަލު ރަސްމީކޮށް އިޢުލާންކުރުމާ ވަރަށް ގާތްވެއްޖެއެވެ. އެ ކްލަބުން ދާދިފަހުން ވަނީ ޑެންމާކްގެ ކޯޗު ޔެސް ތޯރަޕްއާއެކު ހަދާފައިވާ އެއްބަސްވުން ދެފަރާތް އެއްބަސްވެގެން އުވާލާފައެވެ. އަދި އޭނާގެ ބަދަލުގައި ގެންނާނެ މީހަކު ހޯދުމުގެ މަޝްވަރާތައް ފާއިތުވީ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ.

އަލްއަހްލީގެ ކުރީގެ ގޯލްކީޕަރު އަދި ކްލަބުގެ ބޯޑާ ގާތް ގުޅުމެއް އޮންނަ މީޑިއާގެ ޝަޚްޞިއްޔަތެއް ކަމަށްވާ އަޙްމަދު ޝުބައިރު އެކްސް މެދުވެރިކޮށް ހާމަކުރި ގޮތުގައި، ކްލަބުން މިހާރު ވަނީ އައު ކޯޗުގެ އެއްބަސްވުމުގެ ލިޔެކިޔުންތައް ތައްޔާރުކޮށް ނިންމާފައެވެ. އަދި އައު ކޯޗު އިޢުލާންކުރުން މިހާރު އޮތީ "ވަރަށް ގާތުގައި" ކަމަށް އޭނާ ބުންޏެވެ.

މި މަޤާމަށް އެންމެ ބޮޑަށް ލަފާކުރެވެނީ މޮރޮކޯގެ ތަޖުރިބާކާރު ކޯޗު ޙުސައިން ޢަމޫތާއެވެ. މިޞްރުގެ ނޫހެއް ކަމަށްވާ "އަލްޔައުމުއްސާބިޢު" އިން ރިޕޯޓްކުރާ ގޮތުގައި، ޢަމޫތާއާއެކު ކުރިއަށްދާ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުޙަލާގައެވެ.

ޢަމޫތާ އެންމެ ފަހުން އިރުޝާދު ދީފައިވަނީ ޔޫއޭއީގެ ޖަޒީރާ ކްލަބަށެވެ. ނަމަވެސް، 2025/26 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅު، ޚޫރްފައްކާން އަތުން ބަލިވުމާ ގުޅިގެން މިދިޔަ އޮގަސްޓް މަހު އޭނާ ވަނީ މަޤާމުން ވަކިކޮށްފައެވެ.

އޭނާއަކީ އެފްރިކާގެ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އެގޮތުން 2017 ވަނަ އަހަރު ވިދާދް ކްލަބާއެކު އެފްރިކަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، ފަތުޙު ރަބާޠާއެކު ކޮންފެޑެރޭޝަން ކަޕް އަދި މޮރޮކޯގެ ތަށި ވަނީ ހޯދާފައެވެ.

މީގެ އިތުރުން، މޮރޮކޯގެ ލޯކަލް ޤައުމީ ޓީމާއެކު 2020 ވަނަ އަހަރުގެ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޖޯޑަންގެ ޤައުމީ ޓީމު އޭޝިއަން ކަޕްގެ ފައިނަލަށް ގެންގޮސްދީގެން ބޮޑު ތާރީޚީ ކާމިޔާބީއެއް ވަނީ ހޯދާފައެވެ.

ހިއްސާ ކުރައްވާ!