Image by Ahmad Ardity Pixabay
Image by Ahmad Ardity Pixabay

މުޅި ދީން އެންމެ އާޔަތެއްގައި ޚުލާސާ ކޮށްދެއްވާފައި!

މާތް ﷲ ގެ ފޮތާ މެދު ފުންކޮށް ވިސްނާ ފިކުރުކުރާ މީހަކަށް، ދީނުގެ އުޞޫލުތަކާއި އޭގެ ފުރޫޢުތަކާއި، އަދި ޢަޤީދާއާއި ޝަރީޢަތާއި އަޚްލާޤުގެ ބަހާތައް ޖަމާކޮށްދީފައިވާ މަތިވެރި އާޔަތްތައް ފެނިގެންދާނެއެވެ. ޖުމުލަކޮށް ކުރުކޮށް ﷲގެ ފޮތުގައި އެކަންކަން ބަޔާން ކުރައްވަނީ، ބޮޑެތި ފޮތްތަކުގައިވެސް ބަޔާންކޮށްދިނުމަށް ނުކުޅެދޭނޭފަދަ ފުރިހަމަ ގޮތެއްގައެވެ. މިފަދަ އެންމެ މަތިވެރި، އަދި ދީނުގެ ހުރިހައި ކަމެއް ވަށާ ޖެހޭ އެއް އާޔަތަކީ ސޫރަތުލް ބަޤަރާގެ 177 ވަނަ އާޔަތެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ البقرة: 177
ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲއަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި ޔަތީމުންނަށާއި މިސްކީނުންނަށާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި ސުއާލު ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު ޤާއިމް ކޮށް، ޒަކާތް ދީއުޅޭ މީހާއެވެ. އަދި ޢަހުދެއް ކޮށްފިނަމަ އެއުރެންގެ ޢަހުދު ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި ތަޤްވާވެރިންނަކީވެސް ހަމަ އެއުރެންނެވެ.

މިއީ އިލާހީ މިންގަނޑުތަކުގެ ތެރެއިން އިންސާނީ ޙަޔާތް ބައްޓަންކުރުމަށް އޮތް ފުރިހަމަ މަންހަޖެކެވެ.

ދީނުގެ ފުރިހަމަކަމާއި ޝާމިލުކަން މި އާޔަތުގައި އެކުލެވިގެންވާ ގޮތާ ބެހޭގޮތުން މުފައްސިރުންގެ ބަސްފުޅުތައް

  1. އިމާމް އަލް-ފަޚުރުއްދީން އައްރާޒީ (އަވަހާރަވީ 606 ހ) – ތަފްސީރުލް ކަބީރު

އިމާމް ރާޒީ ދެކެވަޑައިގަންނަވާ ގޮތުގައި މި އާޔަތް ވަނީ މުކައްލަފުންގެ ތިން މަޤާމެއްގެ މައްޗަށް ޖަމާވެފައެވެ. އެއީ: ތަޞްފިޔާ (ނަފްސު ޠާހިރުކުރުން)، މުޢާމަލާތު (ގުޅުންތައް)، އަދި ތަކުމީލް (ފުރިހަމަކުރުން) އެވެ. އެކަލޭގެފާނު ވިދާޅުވަނީ "އަލްބިއްރު" (ހެޔޮކަން) މި ކަލިِމައަކީ ހުރިހާ ހެޔޮކަމަކާއި މާތް ﷲ އަށް ކުއްތަންވުމުގެ ބާވަތްތައް ޝާމިލުވާ ކަލިމައެއް ކަމަށެވެ. އަދި މި އާޔަތް އެތެރެފުށުގެ އިޞްލާޙު ކަމުގައިވާ ޢަޤީދާގެ ބައިން ފެށިގެން، މުދަލުގެ ޒަރީޢާއިން ހޭދަކޮށް ގުނަވަންތައް އިޞްލާޙުކުރުމަށާއި، އެއަށްފަހު ނަމާދާއި ޒަކާތް ދިނުމުން ހަށިގަނޑާއި މުދަލުން ހޭދަކުރުމާއި، ނަފްސުގެ އަޚްލާޤީ ކަންކަން ކަމަށްވާ ވަޢުދު ފުއްދުމާއި ކެތްތެރިކަން ފަދަ ކަންކަން އިޞްލާޙުކުރުމާ ބެހޭ ގޮތް ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ. ފަހެ، މިކަންކަން ޙާޞިލުކޮށްފި މީހާ ދީނުގެ ހުރިހާ ކަމެއް ފުރިހަމަކޮށްފިއެވެ.

  1. އަލް-ޙާފިޡް އިބުނު ކަޘީރު (އަވަހާރަވީ 774 ހ) – ތަފްސީރުލްޤުރްއާނުލް ޢަޡީމް

އިބުނު ކަޘީރު ކަށަވަރުކޮށްދެއްވާ ގޮތުގައި މި އާޔަތުގައި އިސްލާމްދީނުގެ އުސޫލުތަކާއި އަސާސްތަކުގެ މައްޗަށް އެކުލެވޭ ވަށާޖެހޭ ކަންކަން ހިމެނެއެވެ. މި އާޔަތް ބާވައިލެއްވުމުގެ ސަބަބެއްގެ ގޮތުގައި ޛިކުރުކުރައްވާފައިވަނީ، ޤިބްލަ ބަދަލުކުރެވުނު ހިނދު، ދީނަކީ ހަމައެކަނި އިރުމައްޗަށާއި ހުޅަނގަށް އެނބުރުން ކަމަށް ބައެއް މީހުންނަށް ހީވުމުން، ޙަޤީޤީ ހެޔޮކަމަކީ މި ކިޔަމަންތެރިކަން އަދާކުރުމާއި ޢަޤީދާގައި ސާބިތުވެ ތިބުންކަން މާތް ﷲ ބަޔާންކޮށްދެއްވުމެވެ. އަދި މުޖާހިދުއާއި އެނޫން ބޭފުޅުންގެ ކިބައިން ރިވާވެގެންވާ ޙަދީޘެއް ވެސް ގެންނަވާފައިވެއެވެ. އީމާންކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން މި އާޔަތް ކިޔަވައިދެއްވިއެވެ.

  1. އިމާމް އަލްޤުރުޠުބީ (އަވަހާރަވީ 671 ހ) – އަލްޖާމިޢު ލިއަޙްކާމިލް ޤުރްއާން

އިބުނު ޢައްބާސް رضي الله عنهما އާއި ޞަޙާބީންނާއި ތާބިއީންގެ އަރިހުން ޤުރުޠުބީ ނަގުލުކުރައްވާފައިވާ ގޮތުގައި، މި އާޔަތަކީ ސޫރަތުލްބަޤަރާގެ އެންމެ ފަޚުރުވެރި އާޔަތްތަކުގެ ތެރެއިންވާ އާޔަތެކެވެ. ސަބަބަކީ މީގައި ޢަޤީދާއާއި ޢަމަލީ ކަންކަމުގެ ތެރެއިން ސައްބީސް (26) ޙުކުމެއް އެކުލެވިގެންވާ އާޔަތެކެވެ. އަދި މި އާޔަތުގައިވާ ކަންކަމަށް ޢަމަލުކޮށްފި މީހާ އީމާންކަން ފުރިހަމަކޮށް، އަބްރާރުން ކަމަށްވާ ހެޔޮލަފާ މީހުންގެ ތެރެއަށް ވަދެއްޖެކަމަށް ޤުރުޠުބީ ބަޔާން ކުރައްވައެވެ.

  1. ޢައްލާމާ އައްޠާހިރު ބިން ޢާޝޫރު (އަވަހާރަވީ 1393 ހ) – އައްތަޙްރީރު ވައްތަންވީރު

އިބުނު ޢާޝޫރު އޭނާގެ ފަޞާޙަތްތެރި ބަސްފުޅުން ވިދާޅުވެއެވެ. "މި އާޔަތަކީ ޢަޤީދާއާއި، މުޢާމަލާތާއި، އަދި ނަފްސާނީ ޢިލްމު ކަމަށްވާ އަޚްލާޤުގެ ތެރެއިން އިސްލާމީ ތަޝްރީޢުތަކުގެ އަސާސްތައް ޖަމާކޮށްދޭ ޚުލާޞާއެކެވެ."

އިބްނު ޢާޝޫރު ދެކެވަޑައިގަންނަވާ ގޮތުގައި އީމާންކަން ކުރިއަށް ނެރުމަށްފަހު މުދާ ހޭދަކުރުން ގެނެސްފައިވަނީ، ހިތުގެ އީމާންކަމާއި، އުއްމަތް ބިނާކޮށްދޭ އިޖުތިމާޢީ އަސަރުތަކާ ހުރި ގުޅުން ހާމކޮށްދިނުމަށެވެ.

އާޔަތުގައިވާ ދީނުގެ މަރުތަބާތަކާއި އޭގެ ބަހާތައް

މި އާޔަތުން މުޅި ދީން ޚުލާޞާކޮށްދޭ ގޮތް ތިރީގައިވާ ތާވަލުން ތަފްޞީލުކޮށްދެއެވެ.

އަސާސީ ބަހާ އާޔަތުން ދަލީލު އީމާނީ އަދި ތަޝްރީޢީ އަސަރު
ޣައިބުގެ ޢަޤީދާ (އީމާންކަން) {مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ…} އަޅާ އާއި ޚާލިޤުވަންތަ އިލާހާ އަދި ކާއިނާތާ ގުޅުވައިދެއެވެ. އަދި އަމިއްލަ ނަފްސަށް ބެލުމާއި އާޚިރަތުގެ މަސްއޫލިއްޔަތު ސާބިތުކޮށްދެއެވެ.
އޯގާތެރިކަމާއި ޢަދާލަތު (މާލީ އިޙްސާންތެރިކަން) {وَآتَى الْمَالَ عَلَىٰ حُبِّهِ…} އިންސާނާގެ ނަފްސުން ދަހިވެތިކަން ފިލުވައިދީ، ފަޤީރުކަމާއި ތަފާތު ކުރުމާއި ދަރަޖަތަކުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްކޮށްދެއެވެ.
އުޅުމާއި ފަރުޟު (އަޅުކަން) {وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ} ނަމާދަކީ ދީންވެރިކަމުގެ އަސާސެވެ. އަދި ދައުލަތާއި މުޖުތަމަޢު ތަރުތީބުކޮށްދޭ ޢާއްމު މާލީ ނިޒާމަކީ ޒަކާތެވެ.
އަޚްލާޤީ ސާބިތުކަން (އަޚްލާޤު) {وَالمُوفُونَ بِعَهْدِهِمْ… وَالصَّابِرِينَ} ވަޢުދު ފުއްދުމަކީ އިޖުތިމާޢީ އަދި ސިޔާސީ ޢަހުދުތައް ހިފަހައްޓައިދޭ ކަމެކެވެ. އަދި ކެތްތެރިކަމަކީ ސަލާމަތީ އަދި ނަފްސާނީ ސާބިތުކަން ކަށަވަރުކޮށްދޭ ކަމެކެވެ.

އާޔަތުގެ އޮނިގަނޑު ދިރާސާކުރުން: މުޅި ދީން ޚުލާޞާވެގެންވާ ގޮތް

މި އާޔަތުގެ އޮނިގަނޑު ދިރާސާކޮށްލުމުން، ޝަރީޢަތުގެ މައިގަނޑު ކަންކަން ޚުލާޞާކޮށްދޭ 5 ބައެއްގެ މައްޗަށް ޚުލާސާކޮށް ބަހާލެވިދާނެއެވެ.

ފުރަތަމަ: ޢަޤީދާއާއި އީމާންކަމުގެ އަސާސްތައް (ޢިލްމުގެ ބައި)

އާޔަތް ފެށިގެންދަނީ {وَلَٰكِنَّ الْبِرَّ مَنْ آمَنَ…} މި ބަސްފުޅުންނެވެ. މިއީ އީމާންކަމުގެ އަސާސްތައް ބިނާކޮށްދޭ ބަޔެކެވެ.

  • މާތް ﷲ އަށް އީމާންވުން: އެއީ ކާއިނާތުގެ އަޞްލެވެ. އަދި ތަޝްރީޢުގެ މަޞްދަރެވެ.
  • އާޚިރަތް ދުވަހަށް އީމާންވުން: އެއީ އިލާހީ ޢަދުލުވެރިކަމުގެ ތިލަފަތެވެ. އަދި ހެޔޮ ޢަމަލުކުރުމާއި ހިސާބުބެއްލެވުމަށް ބِރުވެތިވުމުގެ ސަބަބެވެ.
  • މަލާއިކަތުންނަށް އީމާންވުން: ޣައިބުގެ ޢާލަމަށް އީމާންވުމާއި، ވަޙީ ބާވައިލެއްވުމުގެ މެދުވެރިންނަށް އީމާންވުމެވެ.
  • ފޮތްތަކަށް އީމާންވުން: އުޑުން ބާވައިލެއްވުނު ފޮތްތަކަށް އީމާންވުމެވެ. މީގެ ތެރެއިން އެންމެ ކުރީގައިވަނީ ޙަޔާތުގެ މަންހަޖެއްގެ ގޮތުގައިވާ ކީރިތި ޤުރްއާނެވެ.
  • ނަބިއްޔުންނަށް އީމާންވުން: ޝަރީޢަތް ނަގުލުކޮށްދެއްވި އިންސާނީ ނަމޫނާއާއި މަގު ދެއްކުންތަކެވެ.

ދެވަނަ: އިޖުތިމާޢީ ތަކާފުލް އަދި މުދާ ހޭދަކުރުން (އިންސާނީ އަދި އަޚްލާޤީ ބައި)

ދީނަކީ ހަމައެކަނި ހިތުގައި އޮންނަ ޢަޤީދާއެއްގެ ކަމުގައި ނުބާއްވައެވެ. އަދި އެއީ، ނަފްސު ދަހިވެތިކަމުން ޠާހިރުކުރުމަށާއި، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ތަރުތީބުކޮށްދޭ ކަމެކެވެ. {وَآتَى الْمَالَ عَلَىٰ حُبِّهِ} (އެބަހީ: މުދަލަށް ހިތް އެދޭއެދުމާއި ދަހިވެތިކަން ހުރިނަމަވެސް ހޭދަކުރުމެވެ.)

  • ގާތްތިމާގެ މީހުން: ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. އެއީ އެންމެ ފުރަތަމަ ގުޅުމެވެ.
  • ޔަތީމުން: އެހީތެރިއަކު ނުވަތަ ބަފައަކު ނެތް ބަލިކަށި މީހުން ހިމާޔަތްކުރުމެވެ.
  • މިސްކީނުން: ފަޤީރުކަމާއި ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައިދިނުމެވެ.
  • މަގުމަތިވެފައިވާ ދަތުރުވެރިން (އިބުނުއްސަބީލް): ރަށުން ބޭރުގައި ހާލުގައި ޖެހި، މުދަލުން މަޙްރޫމްވެފައިވާ މީހާއަށް އެހީވުމެވެ.
  • ކަންކަމަށް އެދޭ މީހުން (ސާއިލުން): މަޖުބޫރުވެގެން ކަމަކަށް އެދޭ މީހާގެ ކަރާމާތް ހިފެހެއްޓުމަށްޓަކައި އޭނާގެ ބޭނުންތައް ފުއްދައިދިނުމެވެ.
  • އަޅުން މިނިވަންކުރުން: އަޅުވެތިކަމުން އިންސާނާ މިނިވަންކުރުމަށް މަސައްކަތްކުރުމެވެ.

ތިންވަނަ: މާލީ ގޮތުން ޖާނުން އަދާކުރަންޖެހޭ ފަރުޟު އަޅުކަންތައް (ޝިޢާރުތަކުގެ ބައި)

އާޔަތް ދެން ބަދަލުވެގެންދަނީ ޚާލިޤުވަންތަ އިހާލާ ހުރި ސީދާ ގުޅުން ވަރުގަދަކުރުމަށާއި، އިސްލާމްދީނުގެ ޢަމަލީ ބިނާތައް ސާބިތުކުރުމަށެވެ.

  • ނަމާދު ޤާއިމުކުރުން: އެއީ، ދީނުގެ ތަނބެވެ. އަޅާ އާއި ވެރިރަސްކަލާނގެއާ ހުރި ގުޅުމެވެ. އަދި ފާޙިޝް ކަންކަމާއި މުންކަރާތްތަކުން ދުރުހެލިކޮށްދޭ ކަމެވެ.
  • ޒަކާތް ދިނުން: އިސްލާމީ ދައުލަތުގެ އިޤްތިޞާދީ ނިޒާމު ތަރުތީބުކޮށްދޭ މާލީ ފަރުޟެކެވެ. މިއީ ކުރިން ބުނެވި ދިޔަ ޞަދަޤާތްތަކާ ތަފާތު ފަރުޟެކެވެ.

ހަތަރުވަނަ: ނަފްސާނީ އަދި އަޚްލާޤީ މާތް ސިފަތައް (ސުލޫކީ ބައި)

މާތް ﷲ ވަނީ ސާބިތުކަމާއި ހިތްވަރުގަދަކަން ދައްކުވައިދޭ ނަފްސާނީ ސިފަތަކަށް ތަޢުރީފު ކުރައްވާފައެވެ.

  • ވަޢުދު ފުއްދުން: ވަޢުދު ފުއްދުމަކީ އަޅުތަކުންގެ މެދުގައި މީހާގެ އިތުބާރު އުފެދުމުގެ އަސާސެވެ. އަދި އިޖުތިމާޢީ، ސިޔާސީ އަދި ބައިނަލްއަޤްވާމީ ސާބިތުކަމުގެ ބިންގަލެވެ.
  • ކެތްތެރިކަން: ފަޤީރުކަމާއި ބަލިމަޑުކަމުގެ ވަގުތުގައްޔާއި، އަދި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ކުރިމަތިލާ ހިނދު ކެތްތެރިވުމެވެ. (البأساء والضراء وحين البأس). މިއީ ނަފްސާނީ އަޚްލާޤުގެ އެންމެ މަތީ ދަރަޖައެވެ.

އިލާހުގެ މި ފުރިހަމަ ނިޒާމުގައި ހިފަހައްޓައިފި މީހަކަށް މާތް ﷲ ދެއްވާފައިވާ ޝާމިލު ސިފަކުރެއްވުމަކުން އާޔަތް ނިމިގެންދެއެވެ.

أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ: ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި ތަޤްވާވެރިންނަކީވެސް ހަމަ އެއުރެންނެވެ.

ފަހެ، ހިތުގެ ސައްޙަ ޢަޤީދާއާއި، މުދަލުން ހޭދަކުރުމާއި، އަޅުކަމުގެ ޝިޢާރުތައް ޤާއިމުކުރުމާއި، އަދި ވަޢުދު ފުއްދުމާއި ކެތްތެރިކަމުގެ އަޚްލާޤީ ސިފަތައް ޖަމާކޮށްފި މީހާއީ، އީމާންކަމުގެ ދަޢުވާގައި ތެދުވެރިވި މީހާއެވެ. އަދި އޭނާއީ މުޅި ތަޝްރީޢުގެ އެންމެ މަތީ މަޤްޞަދު ކަމުގައިވާ ތަޤްވާވެރިކަމުގެ ދަރަޖަ ޙާޞިލުކުރި މީހާއެވެ.

މިއީ އިސްލާމްދީނުގެ ރީތިކަމާއި ފުރިހަމަކަމެވެ. ޢަޤީދާއާއި ޝަރީޢަތެވެ. ފިކުރާއި ޢަމަލެވެ. އަޚްލާޤާއި ސުލޫކެވެ.

لَا يَأْتِيهِ الْبَاطِلُ مِن بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنزيلٌ مِّنْ حَكِيمٍ حَمِيدٍ.
والحمد لله رب العالمين.

ހިއްސާ ކުރައްވާ!