މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް މުބާރާތުގައި ކުޅޭ މެޗުތަކުގެ ޖުމްލަ އަދަދު 104އަށް އިތުރުވެގެންދާއިރު މިއީ ފުޓްބޯޅައިގެ ތާރީޚުގައި ލިޔެވިފައިވާ ބައެއް ބޮޑެތި ރެކޯޑުތައް އާކޮށްލުމަށް ކުޅުންތެރިންނާއި ކޯޗުންނަށް ލިބޭނެ މުހިންމު ފުރުޞަތެކެވެ. ގިނަ އަހަރުތަކެއް ވަންދެން ދެމިގެންގޮސްފައިވާ ބައެއް ރެކޯޑުތަކަށް މި ފަހަރުގެ މުބާރާތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
- އެންމެ ދުވަސްވީ ކޯޗުގެ ރެކޯޑު
ދުނިޔޭގެ މުބާރާތެއްގައި ޓީމަކަށް އިރުޝާދުދިން އެންމެ ދުވަސްވީ ކޯޗުގެ ޝަރަފް މިހާތަނަށް އޮތީ ޖަރުމަނުގެ އޮޓޯ ރެހާގަލް އަތުގައެވެ. 2010ވަނަ އަހަރު އޭނާ ގްރީސްގެ ޓީމު ގޮވައިގެން ނުކުތްއިރު އުމުރަކީ 71 އަހަރެވެ. ނަމަވެސް މި ފަހަރު ކުރަސާއޯގެ ޓީމާއެކު ނުކުންނަ ހޮލެންޑުގެ އެޑްވޮކާޓް މި ރެކޯޑު އާކުރާނެ ކަމަށް ބެލެވެއެވެ.
- އެންމެ ގިނަ މެޗުން މޮޅުވި ކޯޗު
ކުރީގެ ހުޅަނގު ޖަރުމަނުގެ ކޯޗު ހެލްމުޓް ޝޮން ވަނީ ދުނިޔޭގެ މުބާރާތްތަކުގައި 16 މެޗުން މޮޅުވެފައެވެ. ފަރަންސޭސިވިލާތުގެ ކޯޗު ދިދިއޭ ޑެޝޯމްޕް މި ރެކޯޑު މުގުރާލުމަށް ބޭނުންވަނީ އެންމެ 3 މެޗުން މޮޅުވުމަށެވެ.
- އެންމެ ގިނަ މެޗުން މޮޅުވި ކުޅުންތެރިޔާ
ޖަރުމަނުގެ ކުރީގެ މަޝްހޫރު ފޯވާޑް މިރޮސްލާވް ކްލޯޒާ އޭނާގެ ގައުމާއެކު 17 މެޗުން މޮޅުވެފައިވާއިރު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އޮތީ އެންމެ މެޗެއްގެ ފަހަތުގައެވެ. މެސީ މިހާތަނަށް 16 މެޗުން މޮޅުވެފައިވެއެވެ.
- ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެންމެ ގިނައިން ކުޅުނު ކުޅުންތެރިޔާ
ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ޑެނިލްސަން ވަނީ ކުރީގެ މުބާރާތްތަކުގައި 11 މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އަރާފައެވެ. އިނގިރޭސިވިލާތުގެ މާކަސް ރޭޝްފޯޑް މިހާތަނަށް 9 ފަހަރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވާއިރު އޭނާއަށް މި އަދަދު ހުރަސްކުރުމުގެ ފުރުޞަތު އެބއޮތެވެ.
- މުބާރާތްތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
ދުނިޔޭގެ މުބާރާތްތަކުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު 16 ލަނޑާއެކު އަދިވެސް ހިފަހައްޓަމުންދަނީ މިރޮސްލާވް ކްލޯޒާއެވެ. ނަމަވެސް 13 ލަނޑު ޖަހާފައިވާ ލިއޮނަލް މެސީ އަދި 12 ލަނޑު ހަމަކޮށްފައިވާ ފަރަންސޭސިވިލާތުގެ ކީލިއަން އެމްބާޕޭ އަންނަނީ މި ރެކޯޑާ ދިމާލަށް މިސްރާބު ޖަހަމުންނެވެ.
- ދެވަނަ ބުރުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ
ނޮކްއައުޓް ބުރުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑު 39 އަހަރުގައި އޮތީ ޕޯޗުގަލްގެ ޕެޕޭ އަތުގައެވެ. މި ފަހަރުގެ މުބާރާތުގައި 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި 40 އަހަރުގެ ލޫކާ މޮޑްރިޗްގެ އިތުރުން ބޮސްނިޔާގެ އެޑިން ޖެކޯއަށް މި ރެކޯޑު ބަދަލުކޮށްލުމުގެ ފުރުޞަތު އެބައޮތެވެ.
- ލަނޑެއް ވަނަނުދީ އެންމެ ގިނަ މެޗު ހިފެހެއްޓި ކީޕަރު
ފަރަންސޭސިވިލާތުގެ ފަބިއަން ބާތޭޒް އަދި އިނގިރޭސިވިލާތުގެ ޕީޓާ ޝިލްޓަން ވަނީ ދުނިޔޭގެ މުބާރާތްތަކުގެ 10 މެޗެއްގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ މި ރެކޯޑާ އެއްވަރުކުރުމަށް ބޭނުންވަނީ އެންމެ 3 މެޗެވެ.






