ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރުގެ މުވައްޒަފުން މިދިޔަ 2025 ވަނަ އަހަރު ގައުމުން ބޭރަށް ފޮނުވި ފައިސާ ނުވަތަ ރެމިޓެންސްގެ އަދަދު 661 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރު ކަމަށްވާ 2024 ވަނަ އަހަރު ބޭރަށް ފޮނުވި 621.8 މިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރުވުމެކެވެ.
މަރުކަޒީ ބޭންކުގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ބޭރަށް ފޮނުވި ފައިސާގެ އަދަދަށް 39.2 މިލިއަން ޑޮލަރު ވަނީ އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 6.3 އިންސައްތައިގެ ކުރިއެރުމެކެވެ. މަރުކަޒީ ބޭންކުން ބުނި ގޮތުގައި މި ބަދަލު އައުމުގެ މުހިންމު ސަބަބަކީ ފައިސާ ފޮނުވުމުގެ ނިޒާމުތައް ބެލެހެއްޓުން ހަރުދަނާކުރުމާ ގުޅިގެން، ސައްހަ ނޫން މަގުތަކުގެ ބަދަލުގައި ލައިސަންސް ލިބިފައިވާ މާލީ އިދާރާތައް މެދުވެރިކޮށް ފައިސާ ފޮނުވާ މުވައްޒަފުންގެ އަދަދު އިތުރުވުމެވެ.
ނިޒާމުގެ ތެރެއިން ފައިސާ ފޮނުވުމުގެ ލައިސަންސް ލިބިފައިވާ ކުންފުނިތަކުން މިދިޔަ އަހަރު އެއްލައްކަ ތިރީސް ނުވަހާސް މުޢާމަލާތް ހިންގާފައިވެއެވެ. މީގެ ޖުމްލަ އަގު 168 މިލިއަން ޑޮލަރަށް އަރާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އަށެއް އިންސައްތައިގެ އިތުރުވުމެކެވެ. މި ފައިސާގެ ތެރެއިން 155.5 މިލިއަން ޑޮލަރަކީ މުވައްޒަފުންގެ އަމިއްލަ ގައުމުތަކަށް ސީދާ ފޮނުވި ފައިސާއެވެ. މީގެ އިތުރުން ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮނުވި ފައިސާ ހިމަނާފައިވަނީ މިއާ ވަކިންނެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، ޢިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ގޭގޭގައި ކުރާ މަސައްކަތްތަކުގައި ބޭރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވެއެވެ. ފަތުރުވެރިކަމުން ލިބޭ އެމެރިކާ ޑޮލަރަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދުން މިގޮތަށް ދާއިމީކޮށް ބޭރު ފައިސާ ބޭރުވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.



