ކުޅިވަރުގެ ރޫޙާ ޚިލާފުވުމާއި ނަސްލީ ތަފާތުކުރުން އެމެރިކާގެ ވޯލްޑްކަޕްގައި

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ޢީދު، ފީފާ ވޯލްޑްކަޕް ފެށެން އެންމެ ތިން ދުވަހަށް ވެފައިވާއިރު، މުބާރާތް ބާއްވާ އެމެރިކާއިން މި ފެންނަނީ ކުޅިވަރުގެ ރޫޙާ ޚިލާފުވުމާއި، ނަސްލީ ތަފާތުކުރުމާއި، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހިތާމަވެރި މަންޒަރެކެވެ. މިއީ ހަމައެކަނި ޓިކެޓް ވިއްކުމުގެ މައްސަލަތަކަކާއި ލޮޖިސްޓިކްސްގެ ފޭލިވުމެއް ނޫނެވެ. މިއީ ބައިނަލްއަޤްވާމީ ކުޅުންތެރިންނާއި އޮފިޝަލުން އެއާޕޯޓްތަކުގައި ގަޑިއިރުތަކެއް ވަންދެން ހިފަހައްޓައި، ނަސްލަށް ބަލައި ޤައުމުން ބޭރުކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ބިރުވެރި ޙާލަތެކެވެ.

މި ހުރިހާ ހަމަނުޖެހުމެއްގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވަނީ ހުޅަނގުގެ މީޑިއާތަކުގެ މުނާފިޤުކަމެވެ.

  • 2022 ވަނަ އަހަރު ޤަޠަރުގައި ވޯލްޑްކަޕް ބޭއްވި އިރު، އެ ޤައުމުގެ ސަގާފަތަށާއި އެއްޖިންސުން ގުޅުން ހިންގުމަށް ހުއްދަ ނުދޭ ނިޒާމަށް ހުއްޓުމެއް ނެތްގޮތއް ފާޑުކީ ހުޅަނގުގެ ބޮޑެތި މީޑިއާ މިއަދު އެމެރިކާގެ ފާޅުކަން ބޮޑު އިހުމާލުތަކާއި ނަސްލީ ތަފާތުކުރުންތަކަށް ފާޑުކިޔާކަށް ނުކެރުނެވެ.
  • މިއަދުގެ ދުނިޔެއިން މި ފެންނަނީ ހިތާމަވެރި ޙަޤީޤަތެކެވެ؛ ދޮން މީހުންނަށް އެހެން ދުނިޔެއެއް އަދި ދެން ތިބި ނަސްލުތަކުގެ މީހުންނަށް މުޅިން އެހެން ދުނިޔެއެކެވެ.

އެފްރިކާގެ އެންމެ މޮޅު ރެފްރީ ޑިޕްލޮމެޓިކް ޕާސްޕޯޓާއެކު ޤައުމުން ބޭރުކޮށްލުން

މި ސިލްސިލާގެ އެންމެ ފަހުގެ އަދި އެންމެ ލަދުވެތި ޙާދިސާއަކީ އެފްރިކާ ބައްރުގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ރެފްރީ، ސޯމާލިއާގެ ޢުމަރު ޢަބްދުލްޤާދިރު އަރުތަން އެމެރިކާއަށް އެތެރެވިޔަނުދީ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން އަނބުރާ އިސްތަންބޫލަށް ފޮނުވާލި މައްސަލައެވެ.

އަރުތަން ދަތުރުކުރަމުން ދިޔައީ ޑިޕްލޮމެޓިކް ޕާސްޕޯޓެއްގައެވެ. ވިސާގެ ދަތިތަކާ ހުރެ ސޯމާލިއާގެ އެމްބަސީން ވަދެގެން އޭނާގެ ވިސާ ހަމަޖެއްސި ނަމަވެސް، އެމެރިކާގެ ބޯޑަރު ކޮންޓްރޯލުން ވަނީ އެއްވެސް އިޙްތިރާމެއް ނެތްގޮތއް އޭނާ ހިފަހައްޓައި ބޭރުކޮށްލާފައެވެ.

"ދުނިޔޭގެ އެންމެ މޮޅު އެއް ރެފްރީއަށް ވިސާގެ މައްސަލަތަކެއް ކުރިމަތިކޮށް، ވޯލްޑްކަޕްގައި އިންސާފުކުރުމުގެ ފުރުޞަތު ގެއްލުވާލުމަކީ ބޮޑު ހިތާމައެކެވެ. ޢުމަރު ތަމްޞީލުކުރަނީ ހަމައެކަނި ސޯމާލިއާއެއް ނޫނެވެ. އޭނާ އެ ތަމްޞީލުކުރަނީ ދުނިޔޭގެ ދުވެލީގައި ކުރިއަރަން ބޭނުންވާ އެތައް މިލިއަން އެފްރިކާގެ ޒުވާނުންގެ އުންމީދުތަކެވެ." މިކަމާ ގުޅިގެން ސޯމާލިއާގެ ބޮޑުވަޒީރު ޙަސަން ޢަލީ ޚައިރޭ ނުރުހުން ފާޅުކުރައްވައި ވިދާޅުވިއެވެ.

މެދުއިރުމަތީގެ ކުޅުންތެރިންނަށް ބިރުދެއްކުމާއި ހިފެހެއްޓުން

އެމެރިކާއިން މެދުއިރުމަތީގައި ހިންގާ ސިޔާސީ އަދި އަސްކަރީ އުދުވާނުގެ އަސަރު މިވަނީ ސީދާ ވޯލްޑްކަޕްގެ މައިދާނަށް ފޯރާފައެވެ. ޖޫން މަހުގެ 7 ވަނަ ދުވަހު، އިރާޤުގެ ވައިސް ކެޕްޓަން އަދި އެ ޤައުމުގެ އެންމެ މޮޅު ސްޓްރައިކަރު އައިމަން ޙުސައިން އެއާޕޯޓުން ހިފަހައްޓައި، 7 ގަޑިއިރު ވަންދެން ސުވާލުކޮށް ބިރުދެއްކިއެވެ.

އޭނާއާއެކު އިރާޤު ޓީމުގެ އެހެން ކުޅުންތެރިއަކާއި ޓީމުގެ ފޮޓޯގްރާފަރުވެސް ހިފެހެއްޓިއެވެ. އައިމަން އެތެރެވިޔަ ދިން ނަމަވެސް، ޓީމުގެ ފޮޓޯގްރާފަރު އެމެރިކާއަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާރިޗު މަހުގެ 12 ގައި އިރާނުގެ ކުޅުންތެރިންނަށް ދިން ހާމަކަން ބޮޑު އިންޒާރަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ އިރާން ޓީމު އެމެރިކާއަށް އައުމަކީ އެމީހުންގެ އަމިއްލަ ސަލާމަތަށް ބަލާއިރު ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

މި ބިރުދެއްކުންތަކާއެކު، އިރާން ޓީމަށް ވިސާ ދިނީ މުބާރާތް ފެށެން އެންމެ 10 ދުވަހަށް ވެފައިވަނިކޮށެވެ. އަދި ޓީމުގެ މުހިންމު 15 އޮފިޝަލުންނަށް ވިސާ ނުދީ ހިފެހެއްޓިއެވެ. މިއީ ފީފާގެ ޤަވާޢިދުތަކާ ޚިލާފަށް އެމެރިކާއިން ހިންގި ބޮޑު ޖަރީމާއެކެވެ. ނަމަވެސް ފީފާއިން މިކަމަށް އެއްވެސް އެދެވޭ ޖަވާބެއް ނުދެއެވެ.

ޓިކެޓްގެ އަގު ބޮޑުކުރުމާއި ފޭރުމުގެ ސިޔާސަތު

އެމެރިކާގެ އިމިގްރޭޝަންގެ ހަރުކަށިކަމާ އެއްވަރަށް، ފީފާއިން ވަނީ ޓިކެޓްގެ އަގުތައް އިންތިހާއަށް މަތިކޮށް، ސަޕޯޓަރުން ފޭރުމުގެ ސިޔާސަތެއް ގެންގުޅެފައެވެ. ޔޫރަޕްގެ ސަޕޯޓަރުންގެ ގްރޫޕްތަކުން މިހާރު ވަނީ ޔޫރަޕިއަން ކޮމިޝަނަށް މި މައްސަލަ ހުށަހަޅާފައެވެ.

  • ގްރޫޕް ސްޓޭޖްގެ އެންމެ އަގުހެޔޮ ޓިކެޓް: 140 ޑޮލަރު
  • ފައިނަލް މެޗުގެ ޓިކެޓް: 8,680 ޑޮލަރާ ހަމައަށް

މިއީ ޤަޠަރު ވޯލްޑްކަޕަށްވުރެ މާ އަގުބޮޑު އަދި "ޑައިނާމިކް ޕްރައިސިންގ" ގެޑިމާންޑަށް ބަލައި އަގު މަތިވާ ނިޒާމެކެވެ. މީގެ އިތުރުން، ބްލެކް މާކެޓުގައި ޓިކެޓް އަގުބޮޑުކޮށް ވިއްކުމަށް ފީފާއިން ރަސްމީ ޕްލެޓްފޯމެއް ހަދައި، އެއިން 15 އިންސައްތައިގެ ކޮމިޝަނެއް ނަގަމުންދެއެވެ. ނަމަވެސް ފީފާއަކީ އަމިއްލަ ނަފާގެ މައްޗަށް ބިނާވެފައިވާ ކުންފުންޏެއް ނޫން ކަމަށް ދަޢުވާކުރެއެވެ.

ސަޕޯޓަރުން ބޮޑު އަގުދީފައި ދަނޑުގެ ކުރިމަތިން ގަތް ސީޓުތަކުގެ ކުރިމައްޗަށް އިތުރު ސީޓުތަކެއްލައި، މަންޒަރު ނުފެންނަ ގޮތް ހެދުމުގެ ޝަކުވާތައްވެސް ވަނީ ބޮޑުވެފައެވެ.

ސުކޮޓްލޭންޑްގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުން

މި ބޮޑު ކާރިސާގެ ތެރެއިން ސުކޮޓްލޭންޑްގެ އެތައް ސަޕޯޓަރުންނެއްގެ ހުވަފެންތައް ވަނީ ފުނޑުފުނޑުވެފައެވެ. މުބާރާތް ފެށެން ކުޑަތަންވެފައިވަނިކޮށް، އެމީހުންގެ ވިސާ ހުއްދަތައް އެމެރިކާއިން ވަނީ ކެންސަލްކޮށްފައެވެ. ފްލައިޓްތަކާއި ހޮޓާތަކަށް ބޮޑެތި ޚަރަދުތައް ކޮށްފައިވާ ސަޕޯޓަރުންގެ ފައިސާ އަނބުރާ ލިބޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ.

ވޯލްޑްކަޕަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެއްވެ، އެކުވެރިކަމާއެކު ފާހަގަކުރަންޖެހޭ ހުރިހާ އެންމެން ބައިވެރިކުރާ މުބާރާތެކެވެ. ނަމަވެސް އެމެރިކާގެ ބާރުވެރިކަމާއި، ނަސްލީ ތަފާތުކުރުންތަކާއި، ހުޅަނގުގެ މީޑިއާތަކުގެ ހިމޭންކަމުގެ ސަބަބުން، 2026 ގެ ވޯލްޑްކަޕް މިވަނީ ފެށުމުގެ ކުރިންވެސް ބޮޑު ލަދުވެތިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ހިއްސާ ކުރައްވާ!