ސައޫދީ ޢަރަބިއްޔާ އާއި ތުރުކީވިލާތާ ދެމެދު ރޭލު ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މީގެ މައިގަނޑު ބޭނުމަކީ ފާރިސީ ކަނޑު އޮޅީގެ ޤައުމުތައް ތުރުކީ މެދުވެރިކޮށް ޔޫރަޕާ ގުޅުވާލަދޭ އެއްގަމު މަގެއް އެކުލެވޭ ރޭލު ވިއުގައެއް ގާއިމުކުރުމެވެ.
- މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައޫދީގެ ޓްރާންސްޕޯޓް މިނިސްޓަރު ޞާލިޙް އައްޖާސިރާއި ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު ޢަބްދުލްޤާދިރު އުރާލްއޮގްލޫއެވެ. މި މަޝްރޫޢުގެ ސަބަބުން މެދުއިރުމަތި މެދުވެރިކޮށް އޭޝިއާ އާއި ޔޫރަޕްގެ މެދުގައި ހިނގާ ވިޔަފާރީގެ ޗާޓަށް ބޮޑު ބަދަލެއް އަންނާނެއެވެ.
- މި މަޝްރޫޢު ކުރިއަށްދާނީ ތުރުކީ، ސޫރިޔާ އަދި ޖޯޑަން ގުޅިގެން ހަދާފައިވާ 4 އާއި 5 އަހަރާ ދެމެދުގެ ޕްލޭނެއްގެ ދަށުންނެވެ. މީގެ ބައެއްގެ ގޮތުން ތުރުކީން ދަނީ 15 އަހަރުގެ މެދުކެނޑުމަކަށްފަހު، 5.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއެކު ސޫރިޔާ ބޯޑަރު ކައިރީގައިވާ ރޭލު މަގުތައް އަލުން މަރާމާތުކޮށް ހިންގަން ފަށާފައެވެ.
- ޔޫރަޕާ ގުޅިފައިވާ ތުރުކީގެ ރޭލު ވިއުގަ ސޫރިޔާގެ ޙަލަބް އާއި ދިމިޝްޤު ހުރަސްކޮށް، ޖޯޑަންގެ ވެރިރަށް ޢައްމާނާއި ޢަޤަބާ ބަނދަރަށް ދާނެއެވެ. އަދި އެތަނުން ސައޫދީ ބޯޑަރު ކައިރީގައިވާ ރޭލު މަގާ ގުޅާލެވޭނެއެވެ.
ތާރީޚީ އަދި ސްޓްރެޓީޖިކް މުހިންމުކަން
-
ޙިޖާޒް ރޭލުވޭގެ ހަނދާންތައް: "މިޑްލް އީސްޓް ރޯޑް" ގެ ނަމުން ނަންދެވިފައިވާ މި މަގަކީ މީގެ ސަތޭކައެއްހާ އަހަރު ކުރިން އޮތް އުސްމާނީ ޚިލާފަތުގެ ތާރީޚީ "ޙިޖާޒް ރޭލުވޭ" އާ ދާދި އެއް މަގެކެވެ. 1908 ގައި ފެށި އެ ރޭލު މަގަކީ މުދަލާއި ޙައްޖާޖީން ދަތުރުކުރަން ބޭނުންކުރި މުހިންމު މަގެއް ނަމަވެސް، ފުރަތަމަ ބޮޑު ހަނގުރާމައިގައި ހުޅަނގުން ވަނީ އެތަން ހަލާކުކޮށްފައެވެ.
-
ޚަލީޖް ރޭލު ވިއުގައާ ގުޅުން: މި މަޝްރޫޢު ޚަލީޖްގެ ޤައުމުތަކުން ހަދަން ރާވާފައިވާ ރޭލު ވިއުގައާ ގުޅާލުމުން، ޔޫރަޕުން ފެށިގެން ސައޫދީ އާއި ގަލްފްގެ އެހެން ޤައުމުތަކަށް ސީދާ ރޭލުގައި މުދާ އުފުލުމުގެ ފުރުޞަތު ހުޅުވި، ވަގުތާއި ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.
-
ސައޫދީގެ ލޮޖިސްޓިކްސް ބާރު: ސައޫދީގެ ރޭލު މަގު މިހާރުވެސް އޮތީ ޖޯޑަން ބޯޑަރުގެ އަލްޙަދީޘާ ބޯޑަރާ ހަމައަށް ފޯރާފައެވެ. މުސްތަޤްބަލުގައި މިއީ ސައޫދީން ތަރައްޤީކުރަމުންދާ "ނިއޯމް" ބަނދަރާވެސް ގުޅާލެވޭނެ މަގެކެވެ. މީގެ ސަބަބުން ސައޫދީއަކީ ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި ލޮޖިސްޓިކްސް މަރުކަޒަކަށް ވެގެންދާނެއެވެ.







