ފަތިސް ނަމާދުގެ ބަންގީގައި މުއައްޛިނު "الصلاة خير من النوم" (ނިދުމަށްވުރެ ނަމާދު މާ ހެޔޮވެގެންވެއެވެ!) ކިޔާ އަޑުއިވުމުން، ބަންގި އަޑުއަހާ މީހާ "صدقت وبررت" (ތިބާ ތެދުބަސް ބުނެފިއެވެ! އަދި ހެޔޮކަން ލިބިގަނެއްޖެއެވެ!) ކިޔުމަކީ މުސްތަޙައްބު، އެދެވިގެންވާ ކަމެއް ކަމަށް މިޞްރުގެ މުފްތީ، ޑރ. ނަޡީރު ޢައްޔާދު ބަޔާންކޮށްދެއްވައިފިއެވެ.
މިޞްރުގެ ދާރުުލް އިފްތާއިން ބަޔާންކުރި ގޮތުގައި، ބަންގީގެ އަޑުއިވޭ ހިނދު އެހެން ކަންކަމުން ދުރުހެލިވެ، ބަންގިއަށް ސަމާލުކަންދީ މުއައްޛިނު ކިޔާ އެއްޗެއް ރައްދުކުރުމަކީ ސުންނަތެކެވެ. ސަބަބަކީ ބަންގީގެ ވަގުތު ފާއިތުވެދާނެތީއެވެ. އެހެން މަސައްކަތްތަކަކީ ފަހުންވެސް ކުރެވިދާނެ ކަންކަމެވެ.
ބަންގީގެ ލަފްޒުތަކަށް ރައްދުދޭނެ ގޮތް
-
"حي على الصلاة" އަދި "حي على الفلاح" ކިޔާހިނދު ފަހަތުން ކިޔަންވީ: "لا حول ولا قوة إلا بالله" އެވެ.
-
ފަތިހުގެ ބަންގީގައި "الصلاة خيرٌ من النوم" ކިޔާހިނދު ކިޔަންވީ: "صدقتَ وبررتَ" އެވެ.
ބަންގީގެ ޝަރުޢީ މަޤްޞަދު
ބަންގިއަކީ އިސްލާމްދީނުގެ ފާޅުވެގެންވާ ބޮޑެތި ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ. އެއީ ނަމާދުގެ ވަގުތު ވަދެއްޖެކަން އެންގުމަށާއި، އަޅުތަކުންނަށް ކާމިޔާބީގެ މަގަށް ގޮވައިލުމަށެވެ.
މާލިކް ބިން އަލްޙުވައިރިޘް ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ.
"إِذَا حَضَرَتِ الصَّلَاةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ" (ނަމާދު ވަގުތު ޖެހުމުން، ތިޔަބައިމީހުންގެ ތެރެއިން މީހަކު ބަންގިގޮވާށެވެ.) ބުޚާރީ އަދި މުސްލިމް







