ލިވަރޕޫލްގެ ފުރަތަމަ މުސްލިމް އަންހެނާ: ނަޖިސް އުނގުޅައި މޫނުވެސް ހަޑިކޮށްލި

1880ގެ އަހަރުތަކުގެ ފަހުކޮޅު، އިނގިރޭސިވިލާތުގެ ލިވަރޕޫލްގެ މަގުތަކަކީ އާދައިގެ އަންހެނަކަށް ފަސޭހަ ތަނެއް ނޫނެވެ. ޚާއްޞަކޮށް، ވިކްޓޯރިއަން ޒަމާނުގެ ހަރުކަށި ނަޞާރާ މުޖުތަމަޢެއްގެ ތެރެއިން ނިކުމެ، އިސްލާމްދީން އިޚްތިޔާރުކުރި ޒުވާން އަންހެނަކަށް އެއީ ނުރައްކާތެރި އިމްތިޙާނެކެވެ.

މިއީ ފާޠިމާ އެލިޒަބެތު ކޭޓްސްގެ ވާހަކައެވެ. ލިވަރޕޫލްގައި އެންމެ ފުރަތަމަ އިސްލާމްވި އަންހެނާގެ ގޮތުގައި ތާރީޚުގައި ލިޔެވިފައިވާ ފާޠިމާގެ ޙަޔާތަކީ، އަމިއްލަ ޢާއިލާގެ ނުރުހުމާއި، މުޖުތަމަޢުގެ އަނިޔާވެރިކަމާއި، އަދި ލޭއޮހޮރުވުން ބޮޑު ކައިވެންޏެއްގެ ހިޔަނި އެޅިފައިވާ، ނަމަވެސް ސާބިތުކަމުގެ ލާމަސީލު މިސާލެކެވެ.

ފާޠިމާ އުފަންވީ 1865 ޖަނަވަރީ 5 ގައި އިނގިރޭސިވިލާތުގެ ބާކަންހެޑް އަށެވެ. އޭނާގެ އަޞްލު ނަމަކީ ފްރާންސިސް އެލިޒަބެތު މުރޭ އެވެ. މަސައްކަތްތެރި، ފަޤީރު ޢާއިލާއަކަށް އުފަންވި ފްރާންސިސްގެ ބައްޕައަކީ އަޔަރލޭންޑްގެ މަޖޫރީ މަސައްކަތްތެރިއެކެވެ. ނަމަވެސް، 1870 ގެ މަޖުބޫރު ތަޢުލީމީ ޤާނޫނުގެ ދަށުން އޭނާއަށް ކިޔެވުމުގެ ފުރުޞަތު ލިބުނެވެ. ކުޑައިރުއްސުރެވެސް އޭނާއަކީ މިނިވަން ޚިޔާލެއްގެ، ކަންކަމާ ސުވާލުއުފައްދާ، ކެރޭ އަންހެން ކުއްޖެކެވެ. އުމުރުން ފުރާވަރަށް އެރުމާއެކު، ރާބުއިން މަނާކުރުމަށް ވަކާލާތުކުރާ "ޓެމްޕަރެންސް މޫވްމަންޓް" ގައި ބައިވެރިވެ، ލިވަރޕޫލް ގޮފީގެ ސެކްރެޓަރީކަން އޭނާ ހޯދިއެވެ.

އަބްދުﷲ ހެންރީ

އޭނާގެ ޙަޔާތް ބަދަލުކޮށްލި ސަބަބަކަށްވީ، އެ ޖަމްޢިއްޔާގެ ބައްދަލުވުމެއްގެ ތެރެއިން އިނގިރޭސިވިލާތުގައި އިސްލާމްދީން ފަތުރަން މަސައްކަތްކުރެއްވި ދާޢީ ޢަބްދުﷲ ހެންރީ ކުއިލިއަމްއާ ދިމާވުމެވެ. ކުއިލިއަމްގެ ތަޤްރީރެއްގައި، ކީރިތި ރަސޫލާ ﷺ ސިފަކުރައްވަމުން "ރާބުއިމުން ދުރުހެލިވި މާތް ޢަރަބި ސާހިބާގެ" ގެ ނަމުން މުޚާޠަބުކުރެއްވުމުން، ފްރާންސިސްގެ ހިތުގައި އިސްލާމްދީނަށް ޝައުޤުވެރިކަން އުފެދުނެވެ.

ކުއިލިއަމް އޭނާއަށް ނަޞޭޙަތްތެރިވީ އެހެން މީހުން ދައްކާ ވާހަކަ ޤަބޫލުނުކޮށް، އަމިއްލައަށް ކީރިތި ޤުރުއާން މުޠާލިއާ ކުރުމަށެވެ. އަދި ޤުރުއާނުގެ ތަރުޖަމާއެއް ހަދިޔާކުރެއްވިއެވެ. އެ ފޮތް މުޠާލިއާކޮށް ނިމުނުތާ މަދު ހަފްތާތަކެއްގެ ތެރޭގައި، 1887 ޖޫން މަހު އޭނާ އިސްލާމްވެ، "ފާޠިމާ" ގެ ނަން އިޚްތިޔާރުކުރިއެވެ.

ނަމަވެސް، އީމާންކަމުގެ ހިދާޔަތާއެކު އޭނާގެ މައްޗަށް ބޮޑެތި މުޞީބާތްތަކެއް ވެރިވިއެވެ. އޭނާގެ ހަރުކަށި ނަޞާރާ ޢާއިލާއިން މިކަން ޤަބޫލެއް ނުކުރިއެވެ. އޭނާގެ މަންމަ ބޭނުންވީ ފާޠިމާގެ އަތުން ޤުރުއާން އަތުލައި އަންދާލުމަށެވެ. ޢާއިލާއަށް ބުރައަކަށްވުމުން، އޭނާގެ ނުރުހުމުގައި މަޖުބޫރުން ކައިވެންޏެއް ކުރުވިއެވެ. މުޖުތަމަޢުގެ ފަރާތުން ލިބުނު ފުރައްސާރަ ވަރަށް ބޮޑެވެ. އޭނާ ދިރިއުޅުނު ގޭގެ ކުޑަދޮރުތަކަށް ގާ އުކައި، ބިއްލޫރިތައް ތަޅާލަމުން ދިޔައެވެ.

އެ ހުރިހާ ހުރަސްތަކާއެކުވެސް ފާޠިމާ ފަހަތަކަށް ނުޖެހުނެވެ. 1887 ޖުލައި މަހު، ކުއިލިއަމްއާ ގުޅިގެން އޭނާ "ލިވަރޕޫލް މުސްލިމް ސޮސައިޓީ" އުފެއްދިއެވެ.

ކޮންމެ ހުކުރު ދުވަހަކު ކުއްޔަށް ހިފާފައިވާ އިމާރާތެއްގައި އެމީހުން ނަމާދުކޮށް، ދީން އުނގެނެމުން ދިޔައެވެ. މި ބައްދަލުވުންތަކަށް ހުރަސްއަޅަން އަންނަ ހަރުކަށި މީހުން، އެތައް ފަހަރަކު ފާޠިމާގެ މޫނުގައި އަހުގެ ގުއި ހާކައި ހަޑިކޮށްލިއެވެ. ނަމަވެސް އެ ސާބިތުކަމުގެ ސަބަބުން، ފުރަތަމަ ދެ އަހަރުގެ ތެރޭގައިވެސް އެ ގްރޫޕަށް 11 މީހުން އަލަށް އިސްލާމްވިއެވެ.

1889ގައި އެމީހުން ބްރޫގަމް ޓެރަސްގެ ބޮޑު އިމާރާތަކަށް ބަދަލުވެ، "ލިވަރޕޫލް އިސްލާމިކް އިންސްޓިޓިއުޓް" އުފެއްދުމުން، ފާޠިމާ ވެގެންދިޔައީ އެތަނުގެ ބައިނަލްއަޤްވާމީ މޫނުމައްޗަށެވެ. އޭނާގެ ޅެންތަކާއި ލިޔުންތައް އިނގިރޭސިވިލާތުން ބޭރުގައި، ބްރިޓިޝް އިންޑިއާގެ "އައްލާހްއާބާދު ރިވިއު" މަޖައްލާގައިވެސް ޝާއިޢުކުރަން ފެށިއެވެ.

ފާޠިމާގެ ދަޢުވަތުން އޭނާގެ ފިރިމީހާ ހޫބާރޓް ހެންރީ ކޭޓްސްގެ އިތުރުން، އޭނާގެ ދެ ކޮއްކޮ ކަމަށްވާ ކްލާރާ އާއި އޭނީވެސް އިސްލާމްވިއެވެ. ނަމަވެސް، ފާޠިމާގެ އަމިއްލަ ކައިވެނީގައި ބާއްޖަވެރިކަމެއް ނެތެވެ. ފިރިމީހާ އިސްލާމްވި ކަމަށް ބުނެވުނު ނަމަވެސް، އޭނާގެ ފަރާތުން ފާޠިމާއަށް ލިބުނީ އަނިޔާއެވެ. ބައެއް ފަހަރު އޭނާ މަރާލަންވެސް ފިރިމީހާ މަސައްކަތްކުރިއެވެ.

1891 ޑިސެމްބަރުގައި ވަރިވާން ކޯޓަށް ހުށަހެޅުމުން، އޭރު އޮތް 1857 ގެ ހަރުކަށި އިނގިރޭސި ޤާނޫނުގެ ސަބަބުން އަންހެނުންނަށް ވަރިވުން މަނާވުމުން، އޭނާއަށް ލިބުނީ އެންމެ އަހަރެއްގެ ޤާނޫނީ ވަކިވުމެކެވެ. އެއަށްފަހު ދެމީހުން ދިރިއުޅުނީ ވަކިންނެވެ. 1895 ގައި ފިރިމީހާ މަރުވުމާ ހަމައަށްވެސް އެ ވޭނުގައި އުޅެންޖެހުނެވެ.

ޙަޔާތުގެ ފަހު އަހަރުތަކުގައި ފާޠިމާ އިސްލާމީ ދަޢުވާގެ މަސައްކަތްތަކާ ކުޑަކޮށް ދުރުވެ، އިރުމަތީގެ ޤައުމުތަކަށް ދަތުރުކޮށް، ދެކުނު އިނގިރޭސިވިލާތުގައި ފޮޓޯގްރަފީގެ މަސައްކަތުގައި ވަގުތު ހޭދކުރިއެވެ.

އުމުރުން އެންމެ 35 އަހަރުގައި، 1900 ވަނަ އަހަރު، އިންފްލުއެންޒާ ބަލީގައި ނިއުމޯނިއާ ޖެހިގެން ފާޠިމާ މިދުނިޔެ ދޫކުރިއެވެ. ލިވަރޕޫލްގެ "އެންފީލްޑް" ޤަބުރުސްތާނުގައި އޭނާ ފަސްދާނުލެވުނު ނަމަވެސް، އެ މަހާނަ ގަރުނަކަށްވުރެ ގިނަ ދުވަހު އޮތީ ފަސް އެޅި، ގެއްލިފައެވެ.

ނަމަވެސް، ފާޠިމާގެ ހަނދާންތައް މުޅިއަކުން ފިލައިގެން ނުދެއެވެ. މުސްލިމް އަޚެއް ކަމަށްވާ ޙާމިދު މަޙްމޫދު ކުރި މަސައްކަތުން އެ މަހާނަ ހޯދައި، އަމީރާ ސްކާރސްބްރިކް އިސްވެ ހިންގި ފަންޑު ރެއިސިންގ އަކުން، 2022 ނޮވެމްބަރު 4 ގައި އެ މަހާނަ ވަނީ އަލުން ރީތިކޮށް ބިނާކޮށްފައެވެ.

މިއަދު ރީތި ސަންގުމަރުމަރު މަހާނަގަލުގައި ކަނޑާނަގައިފައިވަނީ ފާޠިމާ އަމިއްލައަށް ލިޔެފައިވާ ޅެންބައިގެ ތަންކޮޅެކެވެ. އެއީ، "ﷲ ބާވައިލެއްވި އިންޒާރުތަކަށް އަބަދުވެސް އަހަރެމެން ކަންފަތްދެމާ ހިނގާށެވެ. އޭރުން ސުވަރުގެއަށްދާ މަގުން އަމާންކަމާއެކު އަހަރެމެންނަށް ދަތުރުކުރެވޭނެއެވެ."

އަލްޖަޒީރާ

ހިއްސާ ކުރައްވާ!