އައްލާމާ އިޤްބާލްގެ މަޝްހޫރު ޅެން ފޮތް "ބާލޭ ޖިބްރީލް" ގެ ފުރަތަމަ ސަފްހާގައި ލިޔުއްވާފައިވާ ޅެމަކީ، ފަލްސަފާވެރި ނަޒަރަކުން އިންސާނީ ތަބީޢަތާއި ރޫހާނީ ހަގީގަތްތަކެއްގެ ފުން މާނައެއް އެކުލެވޭ ބަސްފުޅެކެވެ. އެ ބައިތުގައި ބުނަނީ:
پھول کی پتی سے کٹ سکتا ہے ہیرے کا جگر
مرد ناداں پر کلام نرم و نازک بے اثر
"މަލެއްގެ ފިޔައަކުން ޖަވާހިރެއް ކަނޑާލެވިދާނެއެވެ. ނަމަވެސް ވިސްނަން ބޭނުންނުވާ ޖާހިލު މީހެއްގެ މައްޗަށް މަޑުމޮޅި، އޯގާތެރި ބަސްތަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ."
މި ފަލްސަފާއަކީ ކާއިނާތުގެ ނާޒުކުކަމާއި ހަރުކަށިކަމުގެ މެދުގައިވާ ހިކުމަތްތެރި ގުޅުމެއް ބަޔާންކޮށްދޭ ކަމެކެވެ. މަލުގެ ފިޔައަކީ އިންތިހާއަށް މަޑު އެއްޗެކެވެ. ނަމަވެސް، ރޫހާނީ އަދި ފިލޮސޮފިކަލް މާނައެއްގައި، އެ ނާޒުކުކަމަކީ، އެންމެ ހަރު ހިލައާއި ޖަވާހިރު ފޫއަޅުވާލުމުގެ ކުޅަދާނަކަން ފޮރުވިފައިވާ އެއްޗެކެވެ. ނަމަވެސް، މި ބާރު ކެނޑިގެންދަނީ ކޮން ހިސާބަކުން ހެއްޔެވެ؟ އެއީ "މަރުދޭ ނާދާން" ނުވަތަ ވިސްނާގަންނަން ބޭނުންނުވާ، ހަގީގަތަށް ފުރަގަސްދޭ އިންސާނާގެ ކުރިމަތީގައެވެ.
"މަރުދޭ ނާދާން": ވިސްނުމެއް ނެތް މީހަކީ ކާކު؟
މިތަނުގައި "ނާދާން" ނުވަތަ ޖާހިލުގެ މާނައަކީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއްގެ ވާހަކައެއް ނޫނެވެ. އެއީ ހަގީގަތް އެނގިހުރެ، އަމިއްލަ އެދުމާއި، ބޮޑާކަމާއި، ނަފްސާނީ އެދުންތަކުގެ ސަބަބުން ހަގީގަތް ގަބޫލުކުރަން ބޭނުންނުވާ މީހާއެވެ.
މީގެ އެންމެ އަލިގަދަ މިސާލަކީ އިސްލާމީ ތާރީޚުން ފެންނަން އޮތް ދެ ޢުމަރުގެ މިސާލެވެ. ކީރިތި ރަސޫލާ صلی اللہ علیہ وسلم ﷲ ގެ ހަޟްރަތުގައި ދެންނެވިއެވެ.
اللَّهُمَّ أَعِزَّ الإِسْلاَمَ بِأَحَبِّ هَذَيْنِ الرَّجُلَيْنِ إِلَيْكَ بِأَبِي جَهْلٍ أَوْ بِعُمَرَ بْنِ الْخَطَّابِ މާނައީ: "ރަސްކަލާނކޮ! މި ދެ ބޭކަލުންގެ ތެރެއިން އިބަރަސްކަލާނގެ ހަޟްރަތުގައި އެންމެ ލޯބިވެތިވެގެންވާ މީހަކާއެކު އިސްލާމްދީނަށް ބާރު ދެއްވާނދޭވެ! އެއީ އަބޫޖަހުލު (ޢުމަރު ބިން ހިޝާމް) ނުވަތަ ޢުމަރު ބިން އަލްޚައްޠާބެވެ."
ކީރިތި ރަސޫލާއަށް ބާވައި ލެއްވި ކީރިތި ޤުރުއާނުގެ މަޑުމޮޅި، އަސަރުތަކުން ފުރިގެންވީ ބަސްފުޅުތައް ޢުމަރު ބިން އަލްޚައްޠާބުގެ ހިތްޕުޅު ފޫއަޅުވާލިއެވެ. އެކަލޭގެފާނަކީ ހަރުކަށި ބޭފުޅެއް ނަމަވެސް، ހަގީގަތް ގަބޫލުކުރުމުގެ ސާދާކަން ހިތްޕުޅުގައި އޮތެވެ. ނަމަވެސް، އަބޫޖަހުލަށް އެ ބަސްތަކުން އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ އަމިއްލައަށް އެއްބަސްވި ގޮތުގައި މުޙައްމަދުގެފާނު ދައްކަވަނީ ތެދު ވާހަކަފުޅެވެ. އެކަމަކު އޭނާގެ "ސަރުދާރުކަމާއި" ކިބުރުވެރިކަން ދޫކޮށްލަން ބޭނުންނުވީއެވެ. އެއީ މަޑުމޮޅި ބަސްތަކަކުން ހިތް އަތުލައި ނުގަނެވުނު، އަދި ޅެމުގައި އިޤްބާލު ސިފަ ކުރައްވާ "މަރުދޭ ނާދާން" އެކެވެ.
ﷲގެ ބަސްފުޅުގެ މާތްކަމާއި ހިތްތަކުގެ ތަޅު
ކީރިތި ޤުރުއާނަކީ އޭގެ ޒާތުގައި ފަރުބަދަތައްވެސް ކުނޑިކުނޑިވެގެންދާ ފަދަ ބަރުދަންހުރި މާތް ބަސްފުޅެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ ސޫރަތުލް ޙަޝްރުގެ 21 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
لَوْ أَنزَلْنَا هَـٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍۢ لَّرَأَيْتَهُۥ خَـٰشِعًۭا مُّتَصَدِّعًۭا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ٢١
ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި قرآن ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ مثال ތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން فكر ކުރުމަށްޓަކައެވެ. (59:21)
މިފަދަ ބާރުގަދަ، ނަމަވެސް ހިތްތަކަށް އޯގާތެރި ކަލާމްފުޅެއް އިންސާނާގެ ހިތާ ހަމައަށް ވާސިލުވުމަށް ހުރަސްއަޅަނީ އިންސާނާ އަމިއްލައަށް އުފައްދާ އޮބްސެޝަން ނުވަތަ ދުނިޔޭގެ އެދުންތަކުގެ ދަޅައެވެ.
މި ޒަމާނުގައި ހިތްތަކަށް ހެޔޮބަސްތަކުން އަސަރުކުރުވަން ބޭނުންނަމަ، ހަމައެކަނި ނަސޭހަތް ދިނުމަކުން ނުފުދެއެވެ. ހެޔޮ ބަސްތަކުގައި "މަލެއްގެ ފިޔައިގެ" ނާޒުކުކަމާއި އަސަރު ހަރުލެއްވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ހިތްތައް ތާށިވެފައިވާ އަދިރިކަމުން ނެރެދެއްވުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުމެވެ. ހިތްތައް ބަދަލުކުރައްވާ ފަރާތަކީ ﷲ އެވެ. ހިތުގެ ތަޅު ހުޅުވިގެން މެނުވީ، ކިތަންމެ ރީތި ބަހަކުންވެސް، އަދި ކިތަންމެ ފުން ފަލްސަފާއަކުންވެސް ހިދާޔަތުގެ އަލިކަމެއް ނުލިބޭނެއެވެ.






