ބަހުގެ ހަމަލާތަކާއި، އެކަކު އަނެކަކުގެ އަގު ވައްޓާލުމުގެ ނުބައި ސަގާފަތެއްގެ ތެރެއަށް ފެތެމުން ދާއިރު މި އާޔަތަށް ނަޒަރު ހިންގާލަމާ ހެއްޔެވެ! ޤުރުއާނުގެ ޤަލަމް ސޫރަތުގެ 11 ވަނަ އާޔަތުގައި 9 ސިފައެއް ގެންނަވާފައިވަނީ އިންޒާރަކާ އެކުގައެވެ.
هَمَّازٍۢ مَّشَّآءٍۭ بِنَمِيمٍۢ ١١
"(އެއީ) غيبة ބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ."
މި އާޔަތުގެ ތަފްސީރުގައި އިމާމު ޠަބަރީ (رحمه الله) ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި (هَمَّازٍ) އަކީ މީސްތަކުންގެ ޣީބަ ބުނެ، އެމީހުންގެ "މަސް ކައިއުޅޭ" މީހާއެވެ. އަދި (مَّشَّآءٍۭ بِنَمِيمٍ) އަކީ މީސްތަކުންގެ ވާހަކަތައް އެކަކު އަނެކަކަށް ގެންގޮސް، ހިތްތަކުގައި ރުޅިވެރިކަން އުފައްދާ މީހާއެވެ.
މިއީ މުޖުތަމައުގެ ސުލްޙަމަސަލަސްކަން ނަގާލާ އެންމެ ބޮޑު އެއް ސަބަބެވެ.
ސައްޔިދު ޤުޠުބު: ފިތުނަވެރިކަމުގެ 9 ސިފަ
ސައްޔިދު ޤުޠުބު (رحمه الله) ގެ 'ފީ ޒިލާލިލް ޤުރުއާން' ގައި، މި އާޔަތް ބާވައި ލެއްވި ސަބަބުކަމަށްވާ ވަލީދު ބިން އަލްމުޣީރާގެ ޝަޚްސިއްޔަތު ގެނަސްދެއްވައި، މިފަދަ ފިތުނަވެރިކަން އުފައްދާ މީހާގެ 9 ސިފައެއް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ. މިއީ މިއަދުވެސް ޓުރުތު ސޯޝަލް މެދުވެރިކޮށް ޕޯސްޓްތައް ކޮށްއުޅޭ މީހެއްގެ ފުށުން ވެސް ފެންނަމުންދާ ނުރައްކާތެރި ސިފަތަކެކެވެ.
- حَلَّاف (ގިނަގިނައިން ހުވާކުރާ މީހާ): ތިމާގެ ވާހަކަ މީހުން ގަބޫލުކުރާނެ ކަމުގެ ޔަޤީންކަން ނެތުމުން، ދޮގު ހާމަކުރުމަށްޓަކައި އަބަދު ހުވާކުރާ މީހާ.
- مَهِين (އަގުވެއްޓިފައިވާ މީހާ): އަމިއްލަ ނަފްސަށް އިޙްތިރާމް ކުޑަ، އަދި އެހެން މީހުންގެ ނަޒަރުގައި ވެސް އަގެއް ނެތް މީހާ.
- هَمَّاز (ޣީބަ ބުނެ މަލާމާތްކުރާ މީހާ): މީހުންގެ ފަސްފަހަތުންނާއި ކުރިމަތީގައި ވެސް ޖެއްސުންކޮށް، އަގު ވައްޓާލުމަށް މަސައްކަތްކުރާ މީހާ.
- مَشَّاءٍ بِنَمِيمٍ (ދެބައޮޑުވާ މީހާ): މީސްތަކުންގެ ގުޅުންތައް ހަލާކުކޮށް، ފިތުނައިގެ އަލިފާން ރޯކުރާ މީހާ.
- مَنَّاعٍ لِّلْخَيْرِ (ހެޔޮކަންތައްތައް މަނާކުރާ މީހާ): މުޖުތަމައުގެ ކުރިއެރުމަށާއި، ހެޔޮ ކަންކަމަށް ހުރަސްއަޅާ މީހާ.
- مُعْتَدٍ (ޢުދުވާނީ މީހާ): އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެ، އަނިޔާވެރި ގޮތްތައް ޚިޔާރުކުރާ މީހާ.
- أَثِيم (ފާފަވެރި މީހާ): ހައްދެއް ނެތި ފާފައިގެ ތެރޭގައި ޣަރަޤުވެފައިވާ މީހާ.
- عُتُلّ (ހަރުކަށި، ރުޅިގަދަ މީހާ): އުޅުން ހުތުރު، އަނިޔާވެރި، އަޚްލާޤީ މިންގަނޑުތަކާ ޚިލާފު މީހާ.
- زَنِيم (ވަންހަނާވެފައިވާ މީހާ): އެހެން މީހުންގެ ތެރެއަށް ވަދެގަނެ، ހަމަޖެހުން ނަގާލާ ފިތުނަވެރިޔާ.
މި ސިފަތަކަކީ އިސްލާމްދީން އެންމެ ހަރުކަށިކޮށް ކުށްވެރިކުރާ ސިފަތަކެވެ.
- ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: "ދެބައޮޑުވާ މީހާ ސުވަރުގެ ނުވަންނާނެއެވެ." (ޞަޙީޙް މުސްލިމް)
- ރަސޫލާ ﷺ ވަނީ އެންމެ ނުބައި މީހުންނަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން، އެއީ މީސްތަކުންގެ މެދުގައި ދެބައޮޑުވައި، އެކުވެރިންގެ ދެމެދުގައި ފިތުނަ އުފައްދައި، ކުށެއް ނެތް މީހުންނަށް ދެރަގޮތްތައް ހަދަން އުޅޭ މީހުން ކަމަށް ވިދާޅުވެފައެވެ. (އިމާމް އަޙްމަދުގެ މުސްނަދު)
- ރަސޫލާ ﷺ ދެ ގަބުރެއްގެ ކައިރިން ވަޑައިގެންނެވިއިރު ޙަދީޘް ކުރެއްވީ، އެ ދެ މީހުންނަށް ޢަޒާބު ލިބެމުންދަނީ ބޮޑު ކަމަކާހެދި ނޫން ކަމަށާއި، އޭގެ ތެރެއިން އެކަކީ ދެބައޮޑުވަމުން ހިނގި މީހާ ކަމުގައެވެ.
ދެބައޮޑުވުމަކީ މީހުންގެ ހިތްތަކުގައި ރުޅިވެރިކަން އުފައްދައި، ގުޅުންތައް ހަލާކުކޮށްލާ ވިހައެކެވެ. މިއީ ތިމާގެ އަމިއްލަ ނަފްސުގެ އަގު ވެއްޓި، މީސްތަކުންގެ އިތުބާރު ގެއްލިގެންދާ ކަމެކެވެ. އެހެންކަމުން، މީހުންގެ ވާހަކަ ދެއްކުމާއި، އެކަކު އަނެކަކުގެ މެދުގައި ފިތުނަ އުފެއްދުމުން ދުރުހެލިވެ، ހެޔޮ ބަސްތައް ބުނެ، މުޖުތަމައު އިޞްލާޙު ކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. آمين.







