ކީރިތި ރަސޫލާ ﷺ ގެ ސީރަތަކީ ދިރިއުޅުމުގެ ކަންކަމުގައި އިސްލާމްދީނުގެ މަންހަޖު ދައްކުވައިދޭ ދިރިހުރި، ފުރިހަމަ ނަމޫނާއެކެވެ. ރަސޫލާ ﷺ ގެ ކޮންމެ ދުވަހެއްގެ ދިރިއުޅުއްވުން ދިރާސާކޮށް، އެކަންކަން އަޅުގަނޑުމެންގެ މިޒަމާނުގެ ހަގީގަތާ ގުޅުވައިލުމުން، ފުން އިހުސާސްތަކާ ގުޅިފައިވާ ދިރިއުޅުމަކަށް ބަދަލުވެގެންދެއެވެ. އަދި ޒަމާނާއި ހާލަތުގެ ފަރަގުތައް ނެތިގޮސް، އެކަލޭގެފާނުގެ އަރިހު ކޮންމެ ދުވަހަކުވެސް އުޅެވޭ ފަދަ އިހުސާސެއް ކުރެވެއެވެ.
ރަސޫލާ ﷺ ގެ ދުވަސް ފެށެނީ ފަތިސްވުމުގެ ކުރިންނެވެ. އެކަލޭގެފާނު ދުވަސް ފަށްޓަވަނީ ރޭއަޅުކަމުންނާއި ކާއިނާތުގެ ވެރި ރަސްކަލާނގެއަށް ދަންނަވާ ދެންނެވުންތަކުންނެވެ. އެއީ ހިމޭންކަމާއި ރޫހާނީވަންތަކަމުން ފުރިގެންވާ މާހައުލެއްގައެވެ.
ފަތިސް ބަންގިއާއެކު، މުސްލިމް އުންމަތުގެ އިމާމެއްގެ ގޮތުގައި ނަމާދަށް މިސްކިތަށް ވަޑައިގަންނަވައެވެ. ނަމާދަކީ އެކަލޭގެފާނަށް ހަމައެކަނި އަދާކޮށްލައްވަން ޖެހިވަޑައިގަންނަވާ ފަރުޟެއް ނޫނެވެ. އެއީ އެކަލޭގެފާނުގެ "ލޮލުގެ ފިނިކަމެވެ." އަދި ދީނުގެ ދައުވަތު ފެތުރުއްވުމާއި އުންމަތް ބިނާކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތުތަކާ ކުރިމަތިލެއްވުމަށް ބޭނުންވާ ރޫހާނީ ހަކަތަ ލިބިވަޑިގަންނަވާ މަސްދަރެވެ.
ފަތިސް ނަމާދަށްފަހު، އިރުއަރަންދެން ﷲ ހަނދުމަކުރައްވައި ޛިކުރު ކުރެއްވުމުގައި އިށީނދެވަޑައިގެން އިންނަވައެވެ. މިއީ އަސްހާބުބޭކަލުން އެކަލޭގެފާނުގެ ވަށައިގެން ބޮނޑިވެވަޑައިގެން ތިއްބަވާ ތަރުބަވީ ވަގުތެކެވެ.
އެކަލޭގެފާނު އެބޭކަލުންނާ ދިމާއަށް މޫނުފުޅު އަނބުރުއްވައި، ފެނުނު ހުވަފެންތަކުގެ ވާހަކަ އަޑުއައްސަވައި، ހިނިތުންވުމާއި އޯގާތެރިކަމާއެކު ވާހަކަފުޅު ދައްކަވައެވެ. މިއީ ލޯތްބާއި އެއްބައިވަންތަކަން ވެރިވެފައިވާ މުޖުތަމައެއްގެ ބިންގާ އަޅުއްވާ ވަގުތެވެ.
އިރު މައްޗަށް އެރުމާއެކު، ރަސޫލާ ﷺ ދެން ބަދަލުވެވަޑައިގަންނަވަނީ މުޖުތަމައުގެ އަމަލީ މަސައްކަތްތަކަށެވެ. އެކަލޭގެފާނަކީ އެކަހެރިވެވަޑައިގެން އިންނެވި ނަބިއްޔެއް ނޫނެވެ. އަދި އެއީ މީހުންނާ އެކުވެއުޅުއްވި، ޖަމާއަތުގެ އެންމެހައި އަފްރާދުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި، އަދި ބޭނުންތައް ފުއްދަވައިދެއްވި ނަބިއްޔެކެވެ. މި ވަގުތުގައި:
- މުޖުތަމައުގެ ހާލަތު ބައްލަވައެވެ. ބާޒާރުތަކަށް ވަޑައިގެން ވިޔަފާރިވެރިންނަށް އިރުޝާދު ދެއްވައެވެ. އަދި އޮޅުވާލުމާއި މަކަރު ހެދުން މަނާކުރައްވަމުން ހަދީޘްކުރެއްވިއެވެ. "من غشنا فليس منا އަހަރެމެންނަށް އޮޅުވާލި މީހަކު އަހަރެމެންގެ ތެރެއަކުން ނުވެއެވެ."
- ބޭނުންތައް ފުއްދަވައިދެއްވައެވެ. ނިކަމެތިންގެ ޝަކުވާތައް އަޑުއައްސަވައި، ހިތްދަތިވެފައިވާ މީހުންނަށް ހިތްވަރު ދެއްވައި، ހުވަފަތް އަންހެނުންނާއި މިސްކީނުންގެ ބޭނުންތައް ފުއްދަވައިދެއްވައެވެ.
- އުނގަންނައިދެއްވުމާއި ފަތުވާ ދެއްވައެވެ. މިސްކިތް ބަދަލުވެގެންދަނީ ސުވާލުތަކަށް ޖަވާބުގެ ސެޝަންތަކާއި، ނަފްސުތައް އިސްލާމީ ރީތި އުސޫލުތަކުގެ މަތީގައި ހާނައި ތަރުބިޔަތުކުރާ ޢިލްމީ މަރުކަޒަކަށެވެ.
ރަސޫލާ ﷺ އެކަލޭގެފާނުގެ ގެކޮޅަށް ވަދެވަޑައިގަންނަވާހިނދު، އިންސާނިއްޔަތުކަމާއި ހިތްތިރިކަމުގެ އެންމެ މަތިވެރި ސިފަތައް ފެނިގެންދެއެވެ. އަހުލުބައިތުންގެ މައްޗަށް ބޮޑާވެގަތުމެއް ނޯވެއެވެ.
ގޭތެރޭގެ މަސައްކަތުގައި އުޅުއްވުން
އިމާމް އަލްބުޚާރީ ރިވާކުރައްވާފައިވާ މަޝްހޫރު ޙަދީޘެއްގައިވެއެވެ.
عَنْ أَسْوَدَ، سألت عائشة ما كان النبي صلى الله عليه وسلم يصنع في بيته قالت كان يكون في مهنة أهله – تعني خدمة أهله – فإذا حضرت الصلاة خرج إلى الصلاة رواه البخاري
މާނައީ: އަސްވަދު ރިވާކުރެއްވިއެވެ: "ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ގެކޮޅުގައި ކުރައްވަނީ ކޮންކަމެއްތޯ ތިކަލޭގެފާނު ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލު ދެންނެވީމެވެ. އެކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނު އުޅުއްވަނީ އެކަލޭގެފާނުގެ އަހުލުގެ މަސައްކަތްޕުޅުގައެވެ (އެބަހީ: ގޭތެރޭގެ ޚިދުމަތުގައެވެ). ފަހެ، ނަމާދު ވަގުތު ޖެހުމުން ނަމާދަށް ވަޑައިގަންނަވައެވެ.
ފައިވާންފުޅު މަރާމާތުކުރެއްވުމާއި، ހެދުންފުޅު ފެއްސެވުން
އިމާމް އަޙްމަދު ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައި ވެއެވެ.
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: "كَانَ يَخِصِفُ نَعْلَهُ، وَيَخِيطُ ثَوْبَهُ، وَيَعْمَلُ فِي بَيْتِهِ كَمَا يَعْمَلُ أَحَدُكُمْ فِي بَيْتِهِ رواه أحمد
މާނައީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. އެކަލޭގެފާނު ފައިވާންފުޅު މަރާމާތުކުރައްވައެވެ. އަދި ހެދުންފުޅު ފެއްސެވިއެވެ. (ނުވަތަ ވީދިފައި ހުންނަތަންތަން ފައްސަވައެވެ). އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަމިއްލަ ގޭގައި މަސައްކަތްކުރާ ފަދައިން އެކަލޭގެފާނުގެ ގެކޮޅުގައި މަސައްކަތްކުރެއްވިއެވެ.
ބަކަރިން ކިރު ފެއްލެވުން
އެކަލޭގެފާނުގެ އަމިއްލަފުޅު ކަންކަން އަމިއްލަފުޅަށް ކުރެއްވިކަން ބަޔާންކޮށް އިމާމް އަޙްމަދު ރިވާކުރައްވާފައިވާ އެހެން ރިވާޔަތެއްގައިވެއެވެ.
سُئِلَتْ عَائِشَةُ رَضِيَ اللَّهُ عَنْهَا: مَا كَانَ رَسُولُ اللهِ ﷺ يَعْمَلُ فِي بَيْتِهِ؟ قَالَتْ: "كَانَ بَشَرًا مِنَ الْبَشَرِ، يَفْلِي ثَوْبَهُ، وَيَحْلِبُ شَاتَهُ، وَيَخْدُمُ نَفْسَهُ رواه أحمد
މާނައީ: ރަސޫލާ ﷺ ގޭތެރޭގައި ކުރައްވަނީ ކޮންކަމެއްތޯ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލު ދެންނެވުނެވެ. އެކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނަކީ އިންސާނުންގެ ތެރެއިން އިންސާނެކެވެ. ހެދުންފުޅު ސާފުކުރައްވައެވެ. ބަކަރިން ކިރު ފެއްލަވައެވެ. އަދި އަމިއްލަފުޅަށް ކަންކަން ކުރައްވައި އުޅުއްވިއެވެ.
އަނބިއަނބިކަނބަލުންނަށް ވަގުތުދެއްވުމާއި އޯގާތެރިވުން
ގޭތެރޭގެ ހަމަޖެހުމާއި އާއިލާއާ އަޅާލުމަކީ ހަގީގީ ލީޑަރޝިޕްގެ ފެށުންކަން އަންގައިދޭ އެންމެ މަޝްހޫރު ނަބަވީ އިރުޝާދަކީ މިއީއެވެ.
قَالَ رَسُولُ اللَّهِ ﷺ: "خَيْرُكُمْ خَيْرُكُمْ لِأَهْلِهِ، وَأَنَا خَيْرُكُمْ لِأَهْلِي رواه الترمذي
މާނައީ: ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮލަފާ މީހަކީ، އެމީހެއްގެ އަހުލުންނަށް (އަނބިދަރިންނަށް) އެންމެ ހެޔޮ މީހާއެވެ. އަދި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ އަހުލުންނަށް އެންމެ ހެޔޮލަފާ ބޭފުޅާއެވެ.
ކީރިތި ރަސޫލާ ﷺ ގެކޮޅަށް ވަދެވަޑައިގަތުމުން ފާޅުވެގެންދަނީ މަތިވެރި ރަސްކަލެއްގެ ނުވަތަ ވެރިއެއްގެ ކިބުރުވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި ފެނިގެންދަނީ އިންތިހާއަށް މަޑުމޮޅިކަމާއި تواضع އިންސާނިއްޔަތު ކަމުގެ މިސާލެކެވެ.
މި މަތިވެރި އަޚްލާޤަކީ ދެއްކުންތެރިކަމެއް ނޫނެވެ. އެއީ އެކަލޭގެފާނުގެ ތަބީޢަތުގައި އަށަގެންފައިވާ ސިފައެކެވެ.
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍۢ ٤
އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ. (68:4)
އިރުއޮއްސި ޢިޝާ ނަމާދަށްފަހު، ދަޢުވަތާއި، ޖިހާދާއި، އުނގަންނައިދެއްވުމުން ފުރިގެންވީ ދުވަސް ރަސޫލާ ﷺ ނިންމަވާލައްވައެވެ. އެކަލޭގެފާނު ޢިޝާ ނަމާދުގެ ކުރިން ނިދުމާއި، ނަމާދަށްފަހު ބޭކާރު ވާހަކަ ދެއްކުމުގައި މަޝްޣޫލުވުމަށް ނުރުހުންވެ ވަޑައިގަންނަވައެވެ. އެއީ ނަފްސުގެ ސާފުކަން ހިފެހެއްޓުމަށާއި ރޭގަނޑުގެ ދަމުނަމާދަށް ތައްޔާރުވެވަޑައިގަތުމަށެވެ.
ރަސޫލާ ﷺ ގެ މި ނަމޫނާ އަކީ މުސްލިމުންގެ ދިރިއުޅުން ބައްޓަންކުރުމަށާއި، އާއިލީ ގުޅުމާއި އުޅުން އިސްލާހުކުރުމަށް ދޫކުރެއްވި ދިރިހުރި ނަމޫނާއެކެވެ.
ރަސޫލާ ﷺ ގެ ފިޔަވަޅުފުޅުތަކަށް ތަބާވެ، އެކަލޭގެފާނުގެ ދިރިއުޅުއްވުން ނަމޫނާއަކަށް ބަލާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި!
إن الله وملائكته يصلون على النبي يا أيها الذين امنوا صلوا عليه وسلموا تسليما
ނޯޓު: މި މަޢުލޫމާތުތަކަކީ ކީރިތި ރަސޫލާގެ ސީރަތު ދިރާސާކުރައްވާ د. عبد الوهاب التريري ގެ ދިރާސާއަކުން ނަގާފައިވާ މަޢުލޫމާތުތަކެކެވެ.







