މިއީ އަދީބުންނާއި ވާހަކަ ލިޔާ މީހުންނަށް ނަމޫނާއެއް!

ނޯބެލްގެ އިނާމު ލިބުނު ފުރަތަމަ ފްރާންސްގެ އަންހެން އަދީބާ، އާނީ އާނޯ Annie Ernaux އަކީ ހަމައެކަނި އޭނާގެ ކުޑަކުދިންގެ ހަނދާންތައް ލިޔެދިން ރާވީއެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ވެފައިވަނީ އަދަބިއްޔާތާއި ސިޔާސީ ވަފާތެރިކަން އެއްކޮށްލި ބައިނަލްއަޤްވާމީ ސަގާފީ ރަމްޒަކަށެވެ.

ފާއިތުވި ދުވަސްތަކުގައި ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ޖީން ލޫކް މެލެންޝޮންގެ ކެމްޕޭންތަކުން އާނީ ފެނިގެންދިޔައީ ފަލަސްޠީނުގެ ރަމްޒީ "ކޫފިޔާ" ކޮނޑުގައި އަޅައިގެން ހުއްޓައެވެ. މިއީ އިސްރާއީލުގެ އިސްތިޢުމާރާ ދެކޮޅަށް ފަލަސްޠީނުގެ ޙައްޤުތަކަށް އޭނާ ކުރާ ތާއީދު ދައްކުވައިދިން ސާފު މެސެޖެކެވެ.

މިގޮތަށް ކޫފިޔާ އަޅައިގެން ފެނުމަކީ ކުއްލިއަކަށް ހިނގި ކަމެއް ނޫނެވެ. މިއީ އިސްރާއީލުގެ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް އާނީ ކުރަމުންދާ ދިގު ޖިހާދުގެ ބައެކެވެ. އޭނާ ދެކޭގޮތުގައި ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކާ މެދު އަދީބުންނާއި މުފައްކިރުން ހިމޭނުން ތިބުމަކީ ބައިވެރިވުމެކެވެ.

އާނީގެ ސިޔާސީ ވިސްނުން ބިނާވީ ނޯމަންޑީގެ ކުޑަ ރަށެއްގައި އޭނާ ބޮޑުވިއިރު، ހަނގުރާމައާއި، އިސްތިޢުމާރާއި، ބޮން އެޅުމުގެ ވޭނުގެ ވާހަކަތައް ގޭތެރެއިން އިވުމުންނެވެ. މިކަމުގެ ސަބަބުން އަނިޔާވެރިކަމުގެ މާނަ އޭނާއަށް ކުރިންސުރެ ވިސްނި، ޣައްޒާގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލާ ހުޅަނގުގެ އެންމެ ކުރީ ސަފުގެ އަދީބަކަށް އޭނާ ވިއެވެ.

އާނީ ފަލަސްޠީނުގެ ޙައްޤުގައި ކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތަކަކީ:

  • 2018 ވަނަ އަހަރު: ފްރާންސް އިސްރާއީލް ސަގާފީ މޫސުން ބޮއިކޮޓްކުރުމުގެ ބަޔާނުގައި ސޮއިކުރިއެވެ. އޭނާ ބުނީ އިސްރާއީލުން ފަންނުވެރިކަން ބޭނުންކުރަނީ އެމީހުންގެ ލޭއޮހޮރުވުންތައް ފޮރުވުމަށް ކަމަށެވެ.
  • 2019 ވަނަ އަހަރު: ތެލް އަވީވްގައި ބޭއްވި "ޔޫރޯވިޜަން" ލަވަ މުބާރާތް ބޮއިކޮޓްކުރަން ގޮވާލައި، ފްރާންސްގެ ވަފުދު އެއިން ވަކިވުމަށް އެދުނެވެ.
  • 2021 ވަނަ އަހަރު: 1,500 ސަގާފީ ބޭފުޅުންނާއެކު އިސްރާއީލުގެ "އެޕާތައިޑް" ނިޒާމު ވަގުތުން އުވާލުމަށް ގޮވާލާ ސިޓީއެއްގައި ސޮއިކުރިއެވެ.
  • 2024 ވަނަ އަހަރު: ޣައްޒާގެ ޤަތުލުޢާންމަށް ފާޑުކިޔާ މީހުންގެ އަޑުކަނޑުވާލަން މަސައްކަތްކުރި ޖަރުމަނުގެ ސަގާފީ މުއައްސަސާތައް ބޮއިކޮޓްކުރަން ގޮވާލިއެވެ. އަދި ހަމަ އެއަހަރުގެ ނޮވެމްބަރުގައި އިސްރާއީލަށް ވާގިވެރިވާ މުއައްސަސާތައް ބޮއިކޮޓްކުރަން 6,000 އަށްވުރެ ގިނަ ލިޔުންތެރިންނާއެކު ސޮއިކުރިއެވެ.

"އަހަރެން މި ނޯބެލް އިނާމު ހަދިޔާކުރަނީ ވޭންލިބޭ އެންމެންނަށާއި، ޖިހާދުކުރާ މީހުންނަށާއި، އަދި ބަލައިގަނެވިފައިނުވާ އެންމެހާ ނިކަމެތިންނަށެވެ." ނޯބެލްގެ އިނާމު ލިބުނު ފުރަތަމަ ފްރާންސްގެ އަންހެން އަދީބާ، އާނީ އާނޯ

އޭގެ ފަހުންވެސް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޣައްޒާގައި ހިންގަނީ ޤަތުލުޢާންމެއް ކަމަށް ރިޕޯޓްކުރުމުން އދ. ގެ މަންދޫބު ފްރަންސެސްކާ އަލްބަނީޒް މަޤާމުން ވަކިކުރަން ފްރާންސާއި ޖަރުމަނުން ކުރި ފިއްތުންތަކާ ދެކޮޅަށް އާނީ ތެދުވިއެވެ. އަދި ފްރާންސްގެ ޖަލުގައި ހުރި ލުބުނާނުގެ މުޖާހިދު ޖޯޖް ޢަބްދުﷲ މިނިވަންކުރުމަށް ވަކާލާތުކޮށް، 2025 ޖުލައިގައި އޭނާ މިނިވަންވުމަށް މަގުފަހިކޮށްދިނެވެ.

އަދަބީ ގޮތުން ބަލާއިރު، އާނީ އާނޯގެ ލިޔުންތަކުގައި އަމިއްލަ ހަނދާންތަކުގެ ތެރެއިން މުޖުތަމަޢުގެ ނިކަމެތިންނާއި ބާކީވެފައިވާ މީހުންގެ އަޑު އިއްވައިދެއެވެ.

  • ސްވިޑިޝް އެކަޑަމީން ބުނި ގޮތުގައި އޭނާގެ ލިޔުންތަކުގައި ވަނީ "ބޮޑު ހިތްވަރަކާއި ތޫނުފިލިކަމެކެވެ."
  • ފްރާންސްގެ ރައީސް އިމަނުއަލް މެކްރޮންވެސް އޭނާއަކީ "އަންހެނުންގެ މިނިވަންކަމާއި ގަރުނުގެ ހަނދާންނެތިފައިވާ މީހުންގެ އަޑު" ކަމަށް ސިފަކުރައްވާފައެވެ.

އާނީ އާނޯއަކީ އޭނާގެ ޤަލަމާއި ފަލަސްޠީނުގެ ކޫފިޔާއިން، އަސްލު އަދަބިއްޔާތަކީ އަނިޔާވެރިކަމާ ދެކޮޅަށް އިންސާނިއްޔަތުގެ ޙައްޤުގައި ތެދުވުންކަން ސާބިތުކޮށްދިން، ހުރިހާ ލިޔުންތެރިންނަށް ހުރި ނަމޫނާއެކެވެ.

ހިއްސާ ކުރައްވާ!