އިނގިރޭސިވިލާތުގެ ޒުވާން ޖީލުތައް އިންޓަނެޓުގެ ނުރައްކާތަކުން ރައްކާތެރިކުރުމަށް، ބޮޑުވަޒީރު ކިއެރ ސްޓާމާ އިއުލާންކުރެއްވި ހަރުކަށި ސިޔާސަތާއެކު، ޑިޖިޓަލް ދުނިޔޭގެ މިންގަނޑުތައް ބަދަލުކުރުމަށް އެ ގައުމުން ނިންމައިފިއެވެ. މި އާ ގަވާއިދުގެ ދަށުން، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން އިނގިރޭސިވިލާތުގައި މަނާކުރާނެއެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު ސްޓާމާ ވިދާޅުވީ، މިއީ ކުޑަކުދިން އޮންލައިންކޮށް ރައްކާތެރިކުރުމަށާއި، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ބާރުގަދަ ނުފޫޒު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މިއީ ނުރައްކާތެރި އަދި ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ކޮންޓެންޓުތަކުން އަޅުގަނޑުމެންގެ ދަރިން ސަލާމަތްކުރުމަށް އެޅޭ ފިޔަވަޅެއް،" ސްޓާމާ ވިދާޅުވިއެވެ. "މި ބަދަލާއެކު، މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ މުއާމަލާތްތަކަށް ހެޔޮ ބަދަލުތަކެއް އައިސް، ކުދިންގެ ދިރިއުޅުމަށް އުފާވެރިކަމާއި ރައްކާތެރިކަން ލިބިގެންދާނެ." ސްޓާމާރު ވިދާޅުވިއެވެ.
މި މަނާކުރުމުގެ ތެރޭގައި ޓިކްޓޮކް، ސްނެޕްޗެޓް، އަދި އިންސްޓަގްރާމް ފަދަ މަޝްހޫރު ޕްލެޓްފޯމްތައް ހިމެނެއެވެ. މީގެ އިތުރުން، އޮންލައިން ގޭމިން އަދި ލައިވް ސްޓްރީމިން ޚިދުމަތްތަކުގައި ކުޑަކުދިންނަށް ބީރައްޓެހިންނާ ވާހަކަދެއްކޭ ގޮތަށް އޮންނަ ނިޒާމުތައް ވެސް ސަރުކާރުން ބަލައި، އެކަން ހުއްޓުވަން ފިޔަވަޅު އަޅާނެއެވެ.
"އޮފްލައިން ދުނިޔޭގައި، ކުޑަކުއްޖަކު ނޭނގޭ މީހަކާ އެކަނި ދޫކޮށްލަން މައިންބަފައިން އެއްބަސްވާނެތޯ؟ ނުވާނެ. ހަމަ އެފަދައިން، އޮންލައިންކޮށް ވެސް އެ ފުރުސަތު ދީގެން ނުވާނެ،" ސްޓާމާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުން މި ފިޔަވަޅު އެޅުމަށް ނިންމީ އޮސްޓްރޭލިއާގެ ތަޖުރިބާތަކަށް ބަލައިފައެވެ. އޮސްޓްރޭލިއާއަކީ މިދިޔަ ޑިސެމްބަރު މަހު، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމެވެ.
ސަރުކާރުގެ ރޭވުމަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގާނޫނުތައް ފާސްކޮށް، އަންނަ އަހަރުގެ ބަހާރު މޫސުމުގައި މި މަނާކުރުން ތަންފީޒުކޮށް ނިންމުމެވެ. މީގެ އިތުރުން، 18 އަހަރުން ދަށުގެ ކުދިންނަށް ރޭގަނޑު ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމާއި، ނިމުމެއް ނެތި ސްކްރީން ބޭނުން ކުރުން ހުއްޓުވުމާ ގުޅޭ އިތުރު ތަފްސީލުތައް އަންނަ ޖުލައި މަހު އިއުލާންކުރާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެއެވެ.
މި ފިޔަވަޅުތަކާއެކު، ޓެކްނޮލޮޖީ ކުންފުނިތަކުގެ ބާރުގަދަ ނުފޫޒުތަކަށް އިނގިރޭސިވިލާތުން ދެމުން މިދަނީ ވަރުގަދަ ރައްދެކެވެ. މިއީ ޑިޖިޓަލް ޒަމާނުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދޭ ގައުމުތަކުގެ ލިސްޓަށް އިނގިރޭސިވިލާތް ވެސް އިތުރުވެގެން ދިޔަ ކަމެކެވެ.





