ހިޖުރައިގެ ދަތުރުފުޅު: މައްކާގެ ހޫނުގަދަ މެންދުރެއްގެ ސިއްރު ރޭވުން

ގަބީލާތަކުގެ ވެރިންގެ ތަޢްސުބާއި ނުފޫޒުން މުޖުތަމަޢު ކޮންޓްރޯލްކޮށް އުޅުނު ޒަމާނެކެވެ. މީހާގެ ރައްކާތެރިކަން މިނެކިރެވެނީ އެކުވެރި ބާރުގަދަ ގަބީލާއެއްގެ ބޮޑުކަމުން އެމީހުންގެ ހިޔާވަހި ކަމުގައެވެ. އެ ޒަމާނުގައި ގޭގޭގެ ފާރުތަކަކީ ސިޔާސީ އަދި ދީނީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން އޭގެ ވެރިން ސަލާމަތްކޮށްދެވޭނެ ފަދަ ނިވަލަކަށްވެސް ނުވެއެވެ.

މައްކާގެ މުސްލިމުންނަށް ކުރިމަތިވި ނާޒުކު ޙާލަތު އޭގެ އިންތިހާއަށް ގޮސް، ޤުރައިޝުންގެ ފިއްތުންތައް އެންމެ ފުރަތަމަ އިސްލާމްވި މުސްލިމުންނަށް ބޮޑުވޭނަކަށް ވެގެން ދިޔައެވެ.  އެހިނދު، އަބޫބަކުރުއްޞިއްދީޤަށް އަޤީދާގެ ޙިމާޔަތުގައި އެހެން ދިމާއަކަށް ނަޒަރު ހިންގުން ނޫން ގޮތެއް ފެނިވަޑައެއް ނުގަތެވެ. އެކަލޭގެފާނު ހިޖުރައަށް ނުކުމެވަޑައިގަތީ ޙަބުޝްކަރައަށެވެ. މިހާރުގެ ސޫދާނާއި އިތިއޯޕިއާގެ ސަރަހައްދުގައި އޮތް ވެރިކަމާ ދިމާއަށެވެ.  އެއީ އިންސާފުވެރި އަމާން ވެރިކަމަށް މަޝްހޫރު ދައުލަތެވެ.

ޢަރަބި ކަރައިގެ ސިޔާސީ ޖިއޮގްރަފީގެ ތެރެއިން، ވެއްޔާއި ބޯހިރަފުހައި އަބޫބަކުރުގެ ފާނަށް ވަޑައިގެންނެވުނީ މައްކާއާ 500 ކިލޯމީޓަރު ދުރުގައި އޮންނަ "ބަރްކުލް ޣިމާދު" އަށެވެ. މިއަވަށުގައި އަބޫބަކުރުގެފާނު އެ ދުވަސްވަރު ބިނާކުރެއްވި ތާރިޚީ މިސްކިތް މިހާރުވެސް ފެންނާން ހުރެއެވެ.

އަވަށްޓެރިކަމުގެ ހިމާޔަތާއި ރޫޙާނީ މިނިވަންކަމުގެ ގޮންޖެހުން

"ބަރްކުލް ޣިމާދު" އަކީ ހިޖާކުރަރައިން ރެޑްސިއާ ދިމާއިން ޔަމަނަށް ދަތުރު ކުރާ މަގުމަތީގައި އޮންނަ ބަސްތީ އެކެވެ. އެތަނުން އަބޫބަކުރުގެފާނާ ބައްދަލުވީ "އަލްޤާރާ" ގަބީލާގެ ލީޑަރު އަދި ގަބީލާތަކުގެ ސިޔާސީ ރޭވުންތަކަށް ހުޝިޔާރު މީހެއް ކަމުގައިވާ އިބްނުއްދަޣިނާ (ابن الدغنة) އާއެވެ. އިބްނުއްދަޣިނާއަކީ މުސްލިމެއް ނޫނެވެ. އަދި މަރުވީވެސް މުސްލިމެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އޭނާއަކީ ގަބީލާ ސަގާފަތާއި ބަދަވީންގެ މުރުއްވަތްތެރިކަމާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ފުންކޮށް ދަންނަ މީހެކެވެ.

އޭނާ ހައިރާންވެ ހުރެ އެކަލޭގެފާނާ ސުވާލުކުރިއެވެ.

"އަބޫބަކުރެވެ! ތިޔަ ވަޑައިގަންނަވަނީ ކޮންތާކަށް ހެއްޔެވެ؟"

އަބޫބަކުރުގެފާނު ދެއްވި ޖަވާބުން، އަމިއްލަ ވަޠަނުން ބޭރުކޮށްފައިވާ މީހެއްގެ އުދާސް ހާމަވެގެންދިޔައެވެ.

أخرجني قومي، فأريد أن أسيح في الأرض وأعبد ربي
"ތިމަންގެ ޤައުމުގެ މީހުން ތިމަން ބޭރުކޮށްލައިފިއެވެ. އެހެންކަމުން ތިމަން އެދެނީ ބިމުގައި ދަތުރުކޮށް، ތިމަންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރުމަށެވެ."

ގަބީލާ ވެރިއެއްގެ ތަޖުރިބާގެ ވިސްނުމުން، އިބްނުއްދަޣިނާއަށް ވިސްނުނީ އަބޫބަކުރުގެފާނު ފަދަ ބޭފުޅަކު ވަޒަނުން ބޭރުކުރުމަކީ މައްކާގެ މުޖުތަމަޢަށް އަޚްލާޤީ ގޮތުން ލިބޭނެ، އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ކަމެވެ. ތާރީޚުގައި ރަންއަކުރުން ފަވައިލެވުނު ބަސްތަކުން އޭނާ އެކަލޭގެފާނަށް ދެންނެވިއެވެ.

فإن مثلك يا أبا بكر لا يَخرج ولا يُخرج؛ إنك تكسب المعدوم، وتصل الرحم، وتحمل الكل، وتقري الضيف، وتعين على نوائب الحق
"އަބޫބަކުރެވެ! ހަމަކަށަވަރުން ކަލޭގެފާނު ފަދަ ބޭފުޅަކު ރަށުން ނުކުމެގެންވެސް ނުވާނެއެވެ. އަދި ރަށުން ބޭރުކޮށްލެވިގެންވެސް ނުވާނެއެވެ. ކަލޭގެފާނަކީ ނިކަމެތިންނަށް އެހީތެރިވެދެއްވާ، ރަޙިމުގެގުޅުން ދަމަހައްޓަވާ، ނިކަމެތީންގެ ބުރަ އުފުއްލަވައިދެއްވާ، މެހުމާނުންނަށް ކަމޭހިއްތަވާ، އަދި ޙައްޤުގޮތުގައި ދިމާވާ މުޞީބާތްތަކުގައި އެހީތެރިވެދެއްވާ ބޭފުޅެކެވެ."

އަބޫބަކުރުގެފާނު މައްކާއަށް އެނބުރި ވަޑައިގަތީ އިބްނުއްދަޣިނާގެ ސިޔާސީ ހިމާޔަތުގެ ދަށުގައެވެ.

މި ސިޔާސީ އިއްތިޙާދަކީ ވަގުތީ ޑިޕްލޮމެޓިކް ރައްކާތެރިކަމެކެވެ. ނަމަވެސް އިސްލާމްދީނުގެ ސުލްޙަވެރި ބާރަށް ބިރުގަންނަ ޤުރައިޝު ވަންހައިގެ ބޮޑުން، އަބޫބަކުރުގެފާނަށް ދެވުނު ޙިމާޔަތަށް ހަރުކަށި ޝަރުޠެއް ކުރިއަށް ނެރުނެވެ.

"އަބޫބަކުރުގެފާނު އަޅުކަން ކުރައްވަން ވާނީ އެކަލޭގެފާނުގެ ގޭގެ އެތެރޭގައެވެ. އަޑެއް އުފުއްލައްވައިގެނެއް ނުވާނެއެވެ! އަޅުކަން ކުރައްވަން ވާނީ ސިއްރިޔާތުގައެވެ." ޤުރައިޝްގެ ބޮޑުން ޝަރުތު ކުރިއެވެ.

އެމީހުންގެ ބިރަކީ، އެކަލޭގެފާނުގެ ކިޔެވެލީގެ ނުފޫޒުގެ ސަބަބުން އެމީހުންގެ އަނބިދަރިންގެ ހިތްތައް އެދީނަށް ލެނބިދާނެތީ އެވެ. ނަމަވެސް މިނިވަންކަމަށް އެދޭ ރޫޙެއް ހަތަރު ފާރުގެ ތެރެއަކަށް ލައި ފިއްތައެއް ނުލެވޭނެއެވެ.

އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ގޭގެ ގޯތިތެރޭގައި މިސްކިތެއް ބިނާކުރެއްވިއެވެ. އަދި އެތާނގައި ނަމާދުކުރައްވައި ކީރިތި ޤުރުއާން ކިޔަވައިވިދާޅުވާން ފެއްޓެވިއެވެ.

އެކަލޭގެފާނުގެ ކިޔަވައިވިދާޅުވުމަކީ ހަމައެކަނި އަޅުކަމުގެ ޙަރަކާތެއް ނޫނެވެ. އެއީ ހިތްތައް ރޫޅާލާ ފަދަ އަސަރުގަދަ އިޙްސާސެކެވެ. ކިޔަވައި ވިދާޅުވާ ހިނދު، އެކަލޭގެފާނަކީ މަޑުމޮޅި، ގިނައިން ކަރުނައަޅުއްވާ ބޭފުޅެކެވެ. އާޔަތްތައް ކިޔަވައިވިދާޅުވާ ކޮންމެ ހިނދެއްގައި އެކަލޭގެފާނުގެ ލޮލުން ކަރުނަ އޮހެއެވެ.

ގޭގެ ގޯތިތެރެ ބަދަލުވެގެންދިޔައީ މައްކާގެ ޒުވާނުންނާއި އަންހެނުން ޝައުޤުވެރިކުރުވާ މަސްރަޙަކަށެވެ. އެމީހުން ހައިރާންކަމާއި އަސަރާއެކު އެކަލޭގެފާނަށް ބަލަން ތިބެއެވެ.

ޤުރައިޝުން މި އައު ސަގާފަތަށް ޖެހިލުންވިއެވެ.

އެމީހުންގެ މަޖިލީހަށް އިބްނުއްދަޣިނާ ހާޒިރުކޮށް، އޭނާއަށް ދެ ގޮތުން ކުރެ އެއްގޮތް އިޚްތިޔާރުކުރުމަށް އެންގިއެވެ. އެއީ އަބޫބަކުރުގެފާނު ހިމޭނުން ހުންނެވުމެވެ. ނުވަތަ އޭނާއަށް އެރުވިފައިވާ ސިޔާސީ ޙިމާޔަތް އަނބުރާ ގެންދިއުމެވެ.

މިދަނޑިވަޅުގައި، އަބޫބަކުރުގެފާނު އިޚްތިޔާރުކުރެއްވީ ފުރިހަމަ މިނިވަންކަމެވެ. އަމިއްލަ އަޤީދާގެ މިނިވަންކަމާ މެދު ދުލެއް ދެއްވުމަށް އިންކާރުކުރައްވައި، މުއުމިނެއްގެ ސާބިތުކަމާއެކު ވިދާޅުވިއެވެ. "ތިމަން ކަލޭފާނު ރުހިވަޑައިގަންނަވަނީ ﷲގެ ޙިމާޔަތް އެކަންޏެވެ!"

ހީނުކުރާ ފަދަ ވަގުތެއްގެ ސިއްރު ނިންމެވުން

މައްކާގެ މަސްރަޙު ނުތަނަވަސްވަމުންދިޔަ ދަނޑިވަޅުގައި، މުސްލިމުންނަށް ބަދަލު ބޯހިޔާވަހިކަމެއްގެ މަންޒިލެއް ސާފުވާން ފެށިއެވެ. ރަސޫލާ ﷺ މުސްލިމުންގެ އާ ބޯހިޔާވަހިކަމާ ބެހޭގޮތުން ފެނިވަޑައިގަތް ބަޝާރަތު އިޢުލާންކުރެއްވިއެވެ.

"إني أريت دار هجرتكم ذات نخل بين لابتين
"ހަމަކަށަވަރުން ތިޔަބައިމީހުން ހިޖުރަކުރާނެ ރަށް ތިމަންކަލޭގެފާނަށް ދެއްކެވިއްޖެއެވެ. އެއީ ދެ ފަރާތުގައި ކަޅު ހިލަބިން އޮންނަ، ކަދުރުރުއްތައް ގިނަ ރަށެކެވެ."

އެއީ ޔަޘްރިބް އެވެ. ދަތުރުގެ ހުއްދައަށް އިންތިޒާރުކުރައްވައި އަބޫބަކުރުގެފާނު މައްކާގައި މަޑުކުރެއްވިއެވެ. އަދި ތަޤްދީރުގެ މި ދަތުރުގެ ދަތިތަކަށް ކެތްކުރުމަށްޓަކައި، ހަތަރު މަސް ދުވަސް ވަންދެން ޚާއްޞަ ކާނާއެއް ކަމަށްވާ ވަރަޤުއްސަމަރު ކާންދެއްވައިގެން ދެ ޖަމަލު ތައްޔާރުކުރެއްވިއެވެ.

މުޖުތަމައަށް އަންނަމުން ދިޔަ ބޮޑެތި ބަދަލުތަކަށް ހެކިވަމުން ދިޔަ ފުރާވަރުގެ އަންހެން ކުއްޖަކު ޒަމާނުގެ ހަނދާންތައް ކިޔައި ދެއްވައެވެ. އެއީ، ޢާއިޝާ ބިންތު އަބީބަކުރު އެވެ. އެކަމަނާ ވިދާޅުވެދެއްވާ ގޮތުގައި، އެކަމަނާގެ ގެއަކީ ހަމައެކަނި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނޫނެވެ.

އެއީ ކޮންމެ ދުވަހަކުވެސް މައްކާގެ މުޖުތަމައަށް އަންނަމުންދާ ބަދަލުތައް މޮނިޓަރުކުރާ މަރުކަޒެކެވެ. ރަސޫލާ ﷺ ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު އެގެއަށް ޒިޔާރަތްކުރައްވައެވެ. އެއީ އިތުރުވަމުންދިޔަ އަނިޔާވެރިކަމުގެ ވިލާގަނޑުތަކުގެ ތެރެއިން، އެކަމަނާގެ ބައްޕާފުޅާ އެކު އާ ފަތިހެއްގެ ތަފްޞީލުތައް ފަރުމާކުރައްވާ ފަދަ ލީޑަރެއްގެ ހައިސިއްޔަތުންނެވެ.

އެއީ، މައްކާގެ ހޫނުގަދަ މެންދުރެއްގެ ވަގުތެވެ. މަގުތަކުން މީހުން ހުސްވެ، މެންދުރުގެ ހޫނުން ހިޔާވަހިކަމަށް އެދިއެދި ހިޔަލަށް ވަދެ ތިބި ވަގުތެވެ. ބޮޑު ބަދަލެއް އިޙުސާސް ވެއްޖެއެވެ.

މޫނު ނިވާކުރައްވައިގެން ހުންނެވި ބޭފުޅަކު އެގޭގެ ކައިރިއަށް ވަޑައިގަންނަވަނިކޮށް ޢާއިޝަތުގެފާނަށް ފެނިވަޑައިގަތެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އެގެއަށް ވަޑައިނުގަންނަވާ ވަގުތެއްގައި މިއަދު ވަޑައިގަތް ރަސޫލާ ﷺ އެވެ.

ގޭތެރޭގައި ހިމޭން ނުތަނަވަސްކަމެއް ފެތުރިގެންދިޔައެވެ. އެފަދަ ހޫނު ވަގުތެއްގައި ކުރައްވާ ޒިޔާރަތަކީ ކޮންމެވެސް ބޮޑު ކަމެއް ނިންމެވުމުގެ ނިޝާނެކެވެ.

ކީރިތި ނަބިއްޔާ ﷺ ވެދެވަޑައިގެން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އަބޫބަކުރުގެފާނަށް އެންގެވިއެވެ.

"ކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބަޔަކު ބޭރުކުރައްވާށެވެ!"

"އޭﷲގެ ރަސޫލާއެވެ! ތިމަންގެ ފުރާނަ ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ. އެއީ ހަމައެކަނި ކަލޭގެފާނުގެ އަހުލުވެރިންނެވެ. (ތިމަންގެ ޢާއިލާއެވެ.)" އަބޫބަކުރުގެފާނު ދެންނެވިއެވެ.

އެހިނދު އެކަލޭގެފާނު އިންތިޒާރުކުރައްވަމުން ގެންދެވި ބަސްފުޅު ރަސޫލާ ހަދީސް ކުރެއްވިއެވެ!

فإني قد أُذن لي في الخروج
"ހަމަކަށަވަރުން ތިމަންކަލޭގެފާނަށް މައްކާއިން ނުކުމެވަޑައިގަތުމުގެ ހުއްދަ ދެއްވައިފިއެވެ."

އަބޫބަކުރުގެފާނު ދަތުރުގެ ރޭވުންތަކާ ބެހޭގޮތުން ނުވަތަ އިތުރަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން ސުވާލެއް ނުދަންނަވައެވެ. އެސުވާލުގެ ކުރިން އުފާވެރިކަމުގެ ކަރުނަ އެކަލޭގެފާނުގެ ލޯފުޅުން އޮހިގެންދިޔައެވެ.

"އޭ ﷲގެ ރަސޫލާއެވެ! ތިމަންގެ ފުރާނަ ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ. ދަތުރުގެ ބައިވެރިއަކީ ތިމަންކަލޭގެފާނު ތޯއެވެ؟" އަބޫބަކުރު ސުއާލު ދެންނެވިއެވެ.

"އާދޭހެވެ!" ސާބިތު ނަބަވީ ޖަވާބެކެވެ.

އިސްލާމީ ދައުލަތް ބިނާކުރުމާއި އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ބިންގާ އަޅުއްވައިދެއްވަމުން، އަބޫބަކުރުގެފާނު ރަސޫލާ ﷺ އަށް ހުށަހެޅުއްވި ހިލޭ ޖަމަލަށް އަރައިވަޑައިގަތުމަށް އިންކާރުކުރެއްވިއެވެ.

بالثمن "އަގު އަދާކޮށްފައެވެ!" ރަސޫލާ ޙަދީސް ކުރެއްވިއެވެ.

ޘައުރުގެ ހޮހޮޅައާއި ކަނބަލުންގެ ހުޝިޔާރު ރޭވުންތެރިކަން

ހިޖުރައިގެ ދަތުރުގެ ރޭވުންތެރިކަމަކީ ޒުވާން އަންހެން ބޭފުޅުންގެ ސިކުނޑިތަކުން ތަރުތީބު ކުރެވިގެން ދިޔަ ހައިރާންކުރުވަނިވި ހުޝިޔާރުކަމާއެކު ހިންގި އުނދަގޫ ލޮޖިސްޓިކްސް އޮޕަރޭޝަނެކެވެ.

ޢާއިޝަތުގެފާނާއި އެކަމަނާގެ ދައްތަ އަސްމާ ދަތުރުގެ ކޮއްތު ބޮކްސާ ތައްޔާރު ކުރެއްވި އެވެ. އެ ބޮކްސާ އައްސާނެ ފަށެއް ނެތުމުން، އަސްމާގެފާނު އެކަމަނާގެ ހެދުމުގެ ބަންދު ނަންގަވައި  ދެބަޔަށް ފަޅާލައްވައި، ބޮކްސާ ބެންނެވިއެވެ. ހެދުންކޮޅުން އެކަމަނާ ވެވަޑައިގަތް ޤުރުބާނީގެ ސަބަބުން އެކަމަނާ ތާރީޚުގައި "ޛާތުއް ނިޠާޤައިން" ދެ ބަންދުގެ ވެރިޔާ ގެ ލަޤަބުން ނަންދެވިފައި ވެއެވެ.

ދެ ބޭފުޅުން ސިއްރުން ޘައުރު ފަރުބަދައިގެ ހޮހޮޅައަށް ވަދެވަޑައިގަތެވެ. އަދި ތިން ރޭ ވަންދެން މުހިންމު އޮޕަރޭޝަންތައް ކުރިއަށް ގެންދެވުނެވެ. އެ މަސައްކަތުގައި ދައުރުތައް ބެހިފައިވަނީ ހައިރާންކުރުވަނިވި ފުރިހަމަކަމަކާއެކުގައެވެ.

  • ޢަބްދުﷲ ބިން އަބީބަކުރު: ހުޝިޔާރު، ވިސްނުންތޫނު ޒުވާނެކެވެ. އޭނާ އަދާކުރީ "ޖާސޫސީ އިދާރާގެ" ދައުރެވެ. ދުވާލު މައްކާގައި އުޅެ ޤުރައިޝުންގެ ރޭވުންތައް އަޑުއަހައި، ރޭގަނޑު ސިއްރުން ހޮހަޅައަށް ގޮސް މަޢުލޫމާތު ފޯރުކޮށްދެއެވެ.
  • ޢާމިރު ބިން ފުހައިރާ: އާދައިގެ މަތިން ބަކަރި ހުއި ހައްޕާ މީހެކެވެ. އޭނާ އަދާކުރީ ނިޝާންތަކާއި ހެކި ނައްތާލުމުގައި އެހީތެރިއާގެ ދައުރެވެ. އޭނާ ޢަބްދުﷲ ގެ ފަހަތުން ކަންބަޅިތައް ހާވައި، އޭނާގެ ފައިތިލައިގެ ނިޝާންތައް ވެލިގަނޑު ފޮހެލަމުން ދިޔައެވެ. އަދި ދެ ބޭފުޅުންނަށް ތާޒާ ކިރު ފޯރުކޮށްދެމުން ދިޔައެވެ.
  • ޢަބްދުﷲ ބިން އުރައިޤިޠު: ރަސޫލާ ﷺ އާއި އަބޫބަކުރުގެފާނު ދަތުރުގެ މަގު ދައްކައިދޭނެ ތަޖުރިބާކާރު އާރުކާޓީއެއްގެ ގޮތުގައި މި މީހާ ކުއްޔަށް ހިއްޕެވިއެވެ. އޭނާއަކީ އޭރުވެސް ޤުރައިޝްގެ ކާފަރުންގެ ދީނުގައި ހުރި މީހެކެވެ. އޭނާ އެމަސައްކަތަށް އިޚްތިޔާރުކުރުމުގެ މިންގަނޑަކީ އޭނާގެ ޤާބިލުކަމާއި އަމާނާތްތެރިކަމެވެ. އޭނާގެ ސިޔާސީ ވިސްނުމެއް ނޫނެވެ.

ނޭވާ ހިފަހައްޓާލަންޖެހުނު ތިން ރެއަށްފަހު، ޤުރައިޝުންގެ ހޯދުންތަކުގެ މަސައްކަތް މަޑުޖެހުމުން، އާރުކާޓިއާ ކަނޑައެޅިފައިވާ ވަގުތަށް ޖަމަލުތަކާއެކު އައެވެ. އަދި އާދައިގެމަތިން އެހެން މީހުން ދަތުރުނުކުރާ އަތިރީމަގުން ދަތުރު ފެށުނެވެ.

ތާރީޚުގެ އެންމެ ދިގު ދަތުރު

ހަމަކަށަވަރުން، މުޞްޠަފާ ﷺ އާއި އެކަލޭގެފާނުގެ މިތުރު ޞިއްދީޤުގެ ހިޖުރައަކީ ހަމައެކަނި ދީނީ އަނިޔާވެރިކަމަކުން ސަލާމަތްވުމުގެ ދަތުރެއް ނޫނެވެ. އެއީ "މިނިވަން އިންސާނާގެ" އަގު މަތިވެރިކުރާ އާ ޒަމާނެއްގެ ފެށުމުގެ އިޢުލާނެކެވެ.

ޞަޙަރާގެ ތެރެއަށް ގެއްލިގެން ދިޔުމަކީ، އަވާމެންދުރާއި ފަސްފަހަތުން ހޯދަން އުޅޭ މީހުންގެ ނުރައްކާތެރިކަމުގެ ދެމެދުގައިވާ ބޮޑު އިމްތިޙާނަކަށް ވުމެވެ. ޤުރައިޝުންގެ ކަނޑިތަކުން ސަލާމަތްވެވަޑައިގަތުމަށް ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ މިތުރު އަބޫބަކުރުގެފާނު ޚިޔާރުކުރެއްވި އައްސޭރިފަށުގެ މަގަކީ، ހަމައެކަނި ސަލާމަތްވުމަށް ޚިޔާރުކުރެއްވި ބަދަލު މަގަކަށް ވުމުގެ ބަދަލުގައި، އެއީ ނިކަމެތިކަމުގެ ދުވަސްވަރާއި ދައުލަތް ބިނާކުރުމާ ދެމެދު އޮތް ޒަމާނީ ފާލަމެއް ކަމުގައި ވިއެވެ.

ރަޙުމެއްނެތް ދިލަ ހޫނު އަވީގައި މެދުކެނޑުމެއްނެތި ކުރެއްވި 8 ދުވަހުގެ ދަތުރުފުޅުގައި، ވެލިގަނޑުވެސް ހަރަކާތްތެރިވަމުން ދިޔައީ ގޮތްދޫނުކުރާ ދުޝްމަނެއް ފަދައިންނެވެ.

ޤުރައިޝްގެ ބޮޑުން އެ ދެބޭކަލުން ވޯންޓެޑް ލިސްޓުގައި ހިމަނައި އެކަން އިއުލަން ކުރިއެވެ. އެ ދެބޭކަލުން އަތުލައިގަނެ ގެނަސްދޭ މީހަކަށް އޮތް އިނާމަކީ 100 ޖަމަލެވެ. މިލިއަނުން ގުނާލެވޭފަދަ މުދާގަނޑެކެވެ!

މުޙައްމަދު ﷺ، އެއީ، އަތްޕުޅުގައި ދައުލަތެއް، އަދި ލަޝްކަރެއް ނެތް ބޭކަލެކެވެ. ނަމަވެސް  އެކަލޭގެފާނު އަތުލައިގަތް މީހަކަށް 100 ޖަމަލުގެ އިނާމެކެވެ!

މި 8 ދުވަހުގެ ދަތުރަކީ، ނަފްސާނީ އަދި އިންސާނީ ލޮޖިސްޓިކްސްގެ ބޮޑު އިމްތިޙާނެކެވެ. ތާރީޚު ހެކިދޭ ގޮތުގައި، އަބޫބަކުރުއްޞިއްދީޤު ބައެއް ފަހަރު ކީރިތި ރަސޫލާ ﷺ ގެ ކުރިފުޅުމަތިން، އަދި އަނެއްބައި ފަހަރު ފަހަތްޕުޅުން ހިންގަވަމުން ގެންދެވިއެވެ. އެއީ ދުޝްމަނުންގެ ލޯތަކުންނާއި މަގުގެ ނުރައްކާތަކުން ރަސޫލާ ﷺ ސަލާމަތްކުރެއްވުމަށް، އަމިއްލަ ފުރާނަފުޅު ޤުރުބާންކުރައްވައިގެން ދެއްވި ފާރަވެރި ޙިމާޔަތެކެވެ.

އިންސާނީ ތަބީޢީ ބިރުވެރިކަން، ފުރިހަމަ ރޫޙާނީ ޔަޤީންކަމަކަށް ބަދަލުވެގެންދިޔަ މަންޒަރު އެ ޞަޙަރާ އިން ފެނިގެން ދިޔައެވެ.

ސުރާޤަތު ބިން މާލިކުގެ ޙާދިސާ

މައްކާގެ މީހަކަށް އައްސޭރިފަށުގެ މަގުން ދުރުން ދަތުރުކުރަމުންދިޔަ ތިން މީހެއްގެ ހިޔަނި ފެނިގެން، "ބަނީ މުދްލިޖް" ޤަބީލާގެ މަޖިލީހެއްގައި އެވާހަކަ ދެއްކިއެވެ. ސުރާޤަތު ބިން މާލިކަކީ ފިޔަވަޅު ބަލައިގެން މީހުން ހޯދުމަށް ކުޅަދާނަ، ހުނަރުވެރި އަދި ގޮތްދޫނުކުރާ ހަނގުރާމަވެރި އަސްވާރެކެވެ. އޭނާގެ ވިސްނުންތޫނުކަމާއެކު އެއީ މުޙައްމަދު ﷺ އާއި އެކަލޭގެފާނުގެ މިތުރުކަން ވަގުތުން ދެނެގަތެވެ. ނަމަވެސް އެ އިނާމު އެކަނި ޙާޞިލުކުރުމުގެ ބޭނުމުގައި، މަޖިލީހުގައި ތިބި މީހުންނަށް އޮޅުވާލުމަށްޓަކައި އެއީ ހަމަ އާދައިގެ ދަތުރުވެރިންތަކެއްކަމަށް ބުނެ އެކަން ސިއްރުކުރިއެވެ.

ސުރާޤަތު ސިއްރުން ނުކުމެ، އޭނާގެ ހަލުވި އަހަށް ސަވާރުވެ، ޞަޙަރާގެ ތެރެއިން ތީރެއް ފަދައިން ހަލުވިކަމާއެކު ގޮސް ނަބަވީ ގާފިލާއާ ކައިރިކުރިއެވެ. އެއީ ކީރިތި ރަސޫލާ ﷺ ޤުރުއާން ކިޔަވާވިދާޅުވާ އަޑު އިވޭހާ ކައިރިއަށް ދިޔައެވެ. މި ހިސާބުން އިންސާނީ ނަފްސާނިއްޔަތާއި އާދަޔާޚިލާފު މުޢުޖިޒާތްތައް ގުޅިގެންދިޔައެވެ.

ކީރިތި ރަސޫލާ ﷺ ގެ ފުރާނަފުޅާމެދު ބިރުވެތިވެވަޑައިގެން އަބޫބަކުރުގެފާނު ކަނާތްފަރާތަށާއި ވާތްފަރާތަށް ބައްލަވަމުން ގެންދެވިއެވެ.
"އޭ ﷲ ގެ ރަސޫލާއެވެ، އަޅުގަނޑުމެން ހޯދަން އުޅޭ މީހުން އަޅުގަނޑުމެންނާ އަރާހަމަކޮށްފިއެވެ." އަބޫބަކުރު ދެންނެވިއެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ ދަތުރުކުރައްވަމުން ގެންދެވީ ފުރިހަމަ ރޫޙާނީ ސާބިތުކަމަކާއެކު ފަސްއެނބުރި ބައްލަވައިލެއްވުމެއް ނެތިއެވެ. لا تحزن إن الله معنا "ތިބާ ހިތާމަނުކުރާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ އަހަރެމެންނާއެކުގައެވެ." ޔަޤީންކަމާއެކު ޙަދީޘްކުރެއްވިއެވެ.

ސުރާޤަތު އެ ދެބޭކަލުންނަށް ޙަމަލާދިނުމަށް މަސައްކަތް ކުރި ހިނދު، އޭނާގެ އަސް އަރިއަޅައިލައި އޭނާ ވެއްޓުނެވެ. ނަމަވެސް ޞަޙަރާގެ ތަބީޢަތަށް އޭނާ އަމާނެއް ނުދިނެވެ. އަދި އަލުން އަހަށް ސަވާރުވެ ދެ ބޭކަލުންނާ ކައިރިވި ހިނދު، މުޢުޖިޒާތް ފާޅުވިއެވެ. އޭނާގެ އަހުގެ ކުރީގެ ދެފައި ވެލިގަނޑުގެ ތެރެއަށް ކަކުލާ ހަމައަށް ވަދެގެން ދިޔައެވެ. އަދި އެތަނުން ދުންގަނޑެއް ފަދަ ހުދުކުލައިގެ ހިރަފުހެއް އެރިއެވެ.

އެ ހިނދު ސުރާޤަތުގެ ބޮޑާކަން ދޫކޮށްލިއެވެ. އަދި ބަދަވީންގެ ވިސްނުންތޫނުކަމާއެކު "ކުރަން މިއުޅޭ ކަމަކީ މަނާކުރެވިގެންވާ ކަމެއް" ކަމާއި، މިއީ އިންސާނުންނަށް ގުޑުވާނުލެވޭނެ ފަދަ އިލާހީ ބާރުފުޅަކުން ޙިމާޔަތްކުރެވިގެންވާ ބޭކަލެއްކަން އޭނާއަށް ވިސްނުނެވެ. އިނާމު ހޯދުމަށް އުޅުނު ޝިކާރަވެރިއެއްގެ ބަދަލުގައި އަމާންކަމަށް އެދި އާދޭސްކުރާ މީހަކަށް އޭނާ ބަދަލުވިއެވެ.

يا محمد، ادعُ الله أن يطلق فرسي وأرجع عنك وأعمي عليك
"އޭ މުޙައްމަދެވެ! އަޅުގަނޑުގެ އަސް ސަލާމަތްކޮށްދެއްވުން އެދި ﷲ އަށް ދުޢާކޮށްދެއްވާށެވެ. އަދި ކަލޭގެފާނު ދޫކޮށްފައި އަޅުގަނޑު އެނބުރި ހިނގައިދާނަމެވެ. އަދި އެހެންމީހުންނަށް ކަލޭގެފާނުގެ މަގު އޮޅުވާލާނަމެވެ." ސުރާޤަތު ރަސޫލާއަށް ދެންނެވިއެވެ.

ދެން ކީރިތި ރަސޫލާ ﷺ އޭނާއަށްޓަކައި ދުޢާކޮށްދެއްވިއެވެ. އަދި ބިންގަނޑު ކިޔަމަންވެ އޭނާގެ އަސް ސަލާމަތްވިއެވެ.

މިއީ ސްޓްރެޓެޖިކް ބަދަލެއްގެ މަންޒަރެކެވެ.  ތާރީޚު ބަދަލުކޮށްލުމަށް ނުކުތް އަސްވާރު، އެ ތާރީޚުގެ ފާރަވެރިޔަކަށް ބަދަލުވެގެން ދިޔައެވެ.

ސުރާޤަތު ހަމައެކަނި އަމާންކަމަށް އެދުމަކުން ފުއްދައެއް ނުލިއެވެ. އޭގެބަދަލުގައި، އެ ދެބޭކަލުންނަށް ކާބޯތަކެއްޗާއި ސާމާނު ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ދެބޭކަލުން އޭނާގެ އަތުން އެއްވެސް އެއްޗެއް ނު ހިތްޕެވިއެވެ. އަދި ކީރިތި ރަސޫލާ ﷺ އޭނާއަށް ޙައިރާންކުރަނިވި ނަބަވީ ޚަބަރެއް ވެސް ދެއްވިއެވެ.

كيف بك إذا لبست سواري كسرى؟  "ތިބާ ފާރިސްކަރައިގެ ރަސްގެފާނު ކިސްރާގެ ދެ އަތުގެ އުޅާ އެޅުން ވާނީ ކިހިނެއް ހެއްޔެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

ސުރާޤަތު އެނބުރި މައްކާއަށް ދިޔައެވެ. އަދި ކީރިތި ރަސޫލާ ﷺ ހޯދުމަށް މަސައްކަތްކުރި ކޮންމެ މީހަކާ ބައްދަލުވުމުން އޭނާ ބުނަމުން ދިޔައެވެ.

"އަހަރެން ތިޔަބައިމީހުންނަށްޓަކައި އެ މަގު ބަލައިފީމެވެ. ތިޔަބައިމީހުން އެ މަގުން ދިޔުމުގެ ބޭނުމެއް ނެތެވެ." މިކަން ޙަޤީޤަތަކަށްވެގެން ދިޔައީ ޢުމަރުބިންލްޚައްޠާބުގެ ޚިލާފަތުގައެވެ.

ކަށަވަރުވި ހިނދުކޮޅު

ތާރީޚުގެ ފުރޮޅު ހަލުވިކަމާއި ޙައިރާންކުރަނިވި ގޮތެއްގައި އެނބުރެމުން ދިޔައެވެ. ގާތްގަނޑަކަށް ވިހި އަހަރު ފާއިތުވެގެން ދިޔައެވެ. މި މުއްދަތުގެ ތެރޭގައި ކީރިތި ރަސޫލާ ﷺ ސުވަރުގެވަޑައިގަތެވެ. ދެން އަބޫބަކުރުއްޞިއްދީޤު އަވަހާރަވިއެވެ. ޢުމަރު ބިން އަލްޚައްޠާބު ޚިލާފަތާ ޙަވާލުވެވަޑައިގަތެވެ. އެކަލޭގެފާނުގެ ޚިލާފަތުގައި، އާ އިސްލާމީ ދައުލަތް ފުޅާވެ، ޤާދިސިއްޔާ ފަދަ ތާރީޚީ ބޮޑެތި ހަނގުރާމަތަކުގައި މުސްލިމުންގެ ލަޝްކަރުތަކުން ފާރިސީ ސާސާނީ ރަސްކަމުގެ ހައިބަތު މުގުރާލިއެވެ.

ފާރިސީންގެ ވެރިރަށް އަލްމަދާއިނު ވެއްޓި، ކިސްރާގެ ތާޖުތަކާއި، އޭނާގެ ހެދުންތަކާއި، ތަޚުތާއި، ޖަވާހިރުތަކާއި، އަދި އޭނާގެ ދެ އަތުގެ "އުޅާ" ޣަނީމާ މުދަލުގެ ގޮތުގައި މަދީނާއަށް ގެނެވުނެވެ.

މި ހިސާބުން، ވިސްނުންތޫނު ޚަލީފާ، ޢުމަރު ބިން އަލްޚައްޠާބު، ޞަޙާބީންގެ ކުރިފުޅުމަތީގައި ފިލްމެއްގެ މަންޒަރެއް ފަދައިން ތާރީޚު އަލުން ދައްކަވައިލެއްވުމަށް ނިންމެވިއެވެ.

ސުރާޤަތު ބިން މާލިކުއަކީ އުމަރުގެފާނުގެ ޚިލާފަތުގައި އުމުރުން ދުވަސްވީ ބޭކަލެކެވެ. އޭނާ އިސްލާމްވެ ވަޑައިގަތީ މައްކާ ފަތަޙަ ކުރެއްވި ފަހުންނެވެ.

މީސްތަކުންގެ ބޮޑު އެއްވުމެއްގެ ތެރެއަށް ޢުމަރުގެފާނު ސުރާޤަތު ބިން މާލިކު ޙާޒިރު ކުރެއްވިއެވެ.

ޢުމަރު ބިން އަލްޚައްޠާބު ކިސްރާގެ ދެ އުޅާއާއި، އޭނާގެ ކަމަރުގެ ބަންދާއި، ތާޖު ނެރުއްވައި، އެ ތަކެތި ތުރުކުރެއްވުމަށް ސުރާޤަތަށް އެންގެވިއެވެ.

ތަޚުތުތައް ފުނޑުފުނޑުކޮށް، ލަޝްކަރުތައް ބަލިކޮށް އުޅުނު ފާރިސީ ރަސްކަމުގެ ރަނުގެ ގަހަނާތައް ތުރުކުރައްވައިގެން ބަދަވީއެއް ކަމުގައިވާ ސުރާޤަތު ހުންނެވިއެވެ. ސުރާޤަތުގެ ދެއަތްޕުޅު މައްޗަށް އުފުއްލަވައިގެން ޢުމަރުގެފާނު އޭނާ ގޮވައިގެން މީސްތަކުންގެ ތެރޭގައި ހިންގަވަމުން ގެންދެވިއެވެ. ރަސޫލާ ދެއްވި ނަބަވީ ޚަބަރުގެ ތެދުކަން އެންމެހައި މީސްތަކުންނަށް ދެއްކެވިއެވެ.

އިންސާނީ އިޙްސާސްތައް ބަންޑުންވެގެންދިޔަ ހިނދުކޮޅު

އުދަރެހުގެ އަނެއް ފަރާތުގައި، ޔަޘްރިބު (މަދީނާ މުނައްވަރާ) އޮތީ މަރުޙަބާއާއި އިންތިޒާރުކުރުމުގެ ނަފްސާނީ ޙާލަތެއްގައެވެ. އައުސް އަދި ޚަޒްރަޖު ވަންހައިގެ މީހުން ނުވަތަ އަންޞާރީން އިންތިޒާރުކުރަމުން ދިޔައީ އައު ޤަބީލާގެ ލީޑަރަކަށެއް ނޫނެވެ. އެބައިމީހުން އިންތިޒާރުކުރަމުން ދިޔައީ، ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ އެބައިމީހުންގެ ދާޚިލީ ހަނގުރާމަތަކުން މިންޖުކޮށްދޭނެ ފިކުރަކަށެވެ.

ތާރީޚީ މަޞްދަރުތައް ބަޔާންކުރާ ގޮތުގައި، މަދީނާގެ އަހުލުވެރިން ކޮންމެ ދުވަހެއްގެ ހެނދުނު މަދީނާގެ އަރިމަތީގައިވާ އަލިފާން ފަރުބަދައިގެ ހިލަތައް ހުންނަ ޙައްރާ ސަރަޙައްދަށް ނުކުމެ، އެ ދެބޭކަލުންނަށް އިންތިޒާރުކުރަމުން ދިޔައެވެ. ހޫނު މޫސުމުގެ މެންދުރުގެ ގަދަ އަވީގެ ހޫނުކަން މެނުވީ، އެބައިމީހުން އެތަނުގައި ތިބުމަށް ހުރަހަކަށް ނުވެއެވެ. ރަބީޢުލްއައްވަލް މަހުގެ ބާރަވަނަ ދުވަހު (ހޯމަ ދުވަހު)، ހޫނުން ސަލަމަތް ވުމަށް އެންމެން އެނބުރި ގެތަކަށް ދިޔައެވެ.

އެ ވަގުތު ޔަހޫދީންގެ މީހަކު އޭނާގެ ފާރެއްގެ މައްޗަށް އެރިތަނުން ޞަޙަރާގެ އަވާމެންދުރާއި ހޫނުގެ ތެރެއިން ހުދު ހެދުންކޮޅުތަކެއް އޭނާއަށް ފެނުމުން ފާރުމަތީގައި ހުރެ ބާރަށް ގޮވައިލިއެވެ.

"އޭ ޢަރަބީންނޭވެ! ތިޔަބައިމީހުން ތިޔަ އިންތިޒާރުކުރާ ތިޔަބައިމީހުންގެ ނަސީބު އަދި ސާހިބާ ވަޑައިގެންފިއެވެ!"

މި ހިސާބުން، ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ގޮތަކަށް މަދީނާގައި އިންސާނީ އިޙްސާސްތައް ބަންޑުންވެގެން ދިޔައެވެ. އުފާވެރިކަމުގެ އަޑުތަކާއި ތަކްބީރުގެ އަޑުތައް އެކުވެގެން ދިޔައެވެ. އަދި އުފާވެރިކަމުގެ ޖަޒުބާތުތަކުން ކަދުރު ރުށްތައްވެސް ގުޑައިގެން ދިޔަ ފަދައެވެ.

ފިރިހެނުން އެބައިމީހުންގެ ކަނޑިތައް ނެގީ ހަނގުރާމަކުރުމަކަށް ނޫނެވެ. އަމާން މުސްތަޤުބަލަށް މަރުޙަބާ ކިޔުމަށް ނުކުތް ޝަރަފުވެރި ފާރަވެރިންތަކެއްގެ ގޮތުގައި ހަތިޔާރު އަޅައިގެން ނިކުތެވެ.

ތުންތަކުން ނުކުތް އުފާވެރިކަމުގެ ޅެންތަކާއި، މަގުތައް ފުރާލި މަރުޙަބާ ކިޔުމަކީ ހަމައެކަނި އާދައިގެ އުފާފާޅުކުރުމެއް ނޫނެވެ. އެއީ ކަރުނައާއި އުފާވެރިކަމުން ލިޔެވުނު އާންމު އިޢުލާނެއް އަދި ޖަމާއަތުގެ އައު އިޖުތިމާޢީ އެއްބަސްވުމެކެވެ.

ނުފޫޒުތައް ނައްތައިލުމާއި "ބަދަލު ޖުމްހޫރިއްޔާއެއް" ބިނާކުރުން

ކީރިތި ރަސޫލާ ﷺ އާއި އަބޫބަކުރުގެފާނު މަދީނާއާ ހަމައަށް ވަޑައިގެން، އެންމެ ފުރަތަމަ މަޑުކުރެއްވީ ބަނޫ ޢަމްރޫ ބިން ޢައުފް ވަންހައިގެ މީހުން ދިރިއުޅޭ ޤުބާ އަވަށުގައެވެ. އެއީ ރަބީޢުލްއައްވަލް މަހުގެ ހޯމަ ދުވަހެކެވެ.

ޤުބާއަށް ވަޑައިގަތުމުން، މީހުންނާ ބައްދަލުކުރެއްވުމަށް އަބޫބަކުރުގެފާނު ކޮޅަށް ތެދުވެވަޑައިގެން ހުންނެވިއެވެ. ނަމަވެސް ކީރިތި ރަސޫލާ ﷺ ހިމޭނުން އިށީނދެވަޑައިގެން އިންނެވިއެވެ. އޭގެ ކުރިން ރަސޫލާ ﷺ ދެކެވަޑައިގެންފައިނުވާ އަންޞާރީންނަށް ހީކުރެވުނީ ރަސޫލާ ﷺ އަކީ އަބޫބަކުރުގެފާނު ކަމަށެވެ. އެހެންކަމުން އެމީހުން އައިސް އަބޫބަކުރުގެފާނަށް ސަލާމްކުރަން ފެށިއެވެ. އެހެން ތިއްބަވަނިކޮށް، އިރުގެ އަވި ބާރުގަދަވެ ރަސޫލާ ﷺ ގެ މޫނުފުޅަށް އަވިދޭން ފެށުމުން، އަބޫބަކުރުގެފާނު އަވަސްއަވަހަށް ވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅުން ރަސޫލާ ﷺ އަށް ހިޔާކޮށްދެއްވިއެވެ. އެތާނގައި ތިބި މީހުންނަށް ޙަޤީޤީ ބޭކަލަކީ ކޮބައިކަން އެނގިގެންދިޔައީ އެ ހިސާބުންނެވެ. މިތަނުގައި މިހާރު ޤުބާ މިސްކިތް ބިނާ ކުރެވިފައި ވާނެއެވެ.

މަދީނާއަށް ވެދެވަޑައިގަތުމާއި ޖަމަލުކޮޅުގެ ނިންމުން

ޤުބާގައި ދުވަސްކޮޅަކު މަޑުކުރެއްވުމަށްފަހު، ކީރިތި ރަސޫލާ ﷺ މަދީނާގެ މައި ސަރަޙައްދަށް ވެދެވަޑައިގަތެވެ. މަދީނާއަށް ވެދެވަޑައިގަތުމާއެކު، ވަގުތުން "ސިޔާސީ ޕްރޮޓޮކޯލް" ގެ މައްސަލައަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އަންޞާރީންގެ ކޮންމެ ޤަބީލާއަކުންވެސް ބޭނުންވީ އެބައިމީހުންގެ ގޭގައި އެކަލޭގެފާނު މަޑުކުރެއްވުމުގެ ޝަރަފު ހޯދުމަށެވެ. މިއީ ކުރީގެ ޤަބީލާވަންތަކަމުގެ ޙައްސާސްކަން އަލުން އުފެދިދާނެ ކަމެކެވެ.

ނަމަވެސް، ލީޑަރޝިޕްގެ އާދަޔާޚިލާފު ޙިކުމަތްތެރިކަމާއެކު، ކީރިތި ރަސޫލާ ﷺ އެ ނިންމެވުން ދޫކޮށްލެއްވީ އިންސާނަކާ ގުޅިފައިނުވާ ސަބަބަކަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެ ޖަމަލު ދޫކޮށްލާށެވެ. ފަހެ ހަމަކަށަވަރުން އެއަށް ވަނީ އަމުރުކުރެވިގެންނެވެ."

އެ ޖަމަލުކޮޅު ގޮސް ބަނޑުޖަހައި އިށީނީ، މަދީނާގައި ރަސޫލާ ﷺ ގެ މިސްކިތް މިހާރު އެހުރި ބިމުގައެވެ. އެ ބިމަކީ އޭރުވެސް މުސްލިމުން ނަމާދުކުރާ، އަދި ކަދުރު ހިއްކަން ގެންގުޅޭ ބިމެކެވެ. އެ ބިން މިލްކުވެގެންވަނީ އަސްޢަދު ބިން ޒުރާރާގެ ބެލުމުގެ ދަށުގައި ތިބި ސުހައިލް އާއި ސަހުލު ކިޔާ ދެ ޔަތީމު ކުދިންނަށެވެ.

"އިރާދަކުރެއްވިއްޔާ މިއީ ތިމަންކަލޭގެފާނު މަޑުކުރައްވާނެ ތަނެވެ." ޖަމަލުކޮޅު ބަނޑުޖެހުމުން ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

ދެން އެކަލޭގެފާނު އެ ދެ ކުދިންނަށް ގޮވައިގެންނަވައި، މިސްކިތެއް އެޅުމަށްޓަކައި އެ ބިން ބައްލަވައިގަތުމަށް އަގު ދަންނަވައި ވާހަކަދެއްކެވިއެވެ. އެ ދެކުދިން ދެންނެވިއެވެ: "ނޫނެކެވެ! އޭ اللَّه ގެ ރަސޫލާއެވެ! އަޅުގަނޑުމެން އެ ބިން ކަލޭގެފާނަށް ހަދިޔާ ކޮށްފީމެވެ." ނަމަވެސް، އެ ބިން ހަދިޔާއެއްގެ ގޮތުގައި ގަބޫލުކުރައްވަން ރަސޫލާ ﷺ އިންކާރުކުރެއްވިއެވެ. އަދި އެ ދެކުދިންނަށް އަގުދެއްވައި އެ ބިން ބައްލަވައިގަތުމަށްފަހު، އެތާނގައި މިސްކިތް ބިނާކުރެއްވިއެވެ.

ރަސޫލާ ﷺ މަޑުކުރައްވާ ރައްކާތެރިކަމުގެ މި މަންޒިލަކީ ހަމައެކަނި އަރާމުކޮށްލުމަށް އޮތް ބިމަކަށް ނުވިއެވެ. އޭގެ ބަދަލުގައި، އެތަން ބަދަލުވެގެން ދިޔައީ އިޖުތިމާޢީ މަފްހޫމުތައް އަލުން ބައްޓަންކުރުމަށް ހުޅުވާލެވިފައިވާ ވޯކްޝޮޕަކަށެވެ.

ގަރުނުތަކެއް ވަންދެން އޮތް ތަފާތުކުރުންތަކާއި ޤަބީލާވަންތަކަން ނައްތައިލި ފިޔަވަޅެއްގެ ގޮތުގައި، ކީރިތި ރަސޫލާ ﷺ ގެދޮރާއި މުދާ ދޫކޮށްލާފައި އައި ރެފިއުޖީން ކަމަށްވާ މުހާޖިރުންނާއި އިޤްތިޞާދީ ގޮތުން ފުދުންތެރި، އެރަށުގެ އަސްލު ވަޒަންވެރިންކަމަށްވާ އަންޞާރީންގެ މެދުގައި އަޚުވަންތަކަން ޤާއިމުކޮށްދެއްވިއެވެ.

މިއީ ހަމައެކަނި ޖަޒުބާތީ ޝިޢާރެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ މުދަލާއި، ބޯހިޔާވަހިކަމާއި، އުފެއްދުންތެރިކަން ޙިއްޞާކުރުމަށް އެކުލަވާލެވުނު ހަރުދަނާ ނިޒާމެކެވެ. އަންޞާރީންގެ ދީލަތިކަމާއި އަމިއްލަ އެދުން ދޫކޮށްލުމުގެ މިންވަރު ފެނިފައި މުހާޖިރުން އަމިއްލައަށްވެސް ޙައިރާންވިއެވެ.

މިއަދުގެ ބަހުރުވައިންނަމަ ރައްޔިތުންގެ ބައިވެރިވުމާއި ގިނަ ގިންތިތައް އެކުލެވޭ ދައުލަތެއް ކީރިތި ރަސޫލާ ﷺ ބިނާކުރެއްވިއެވެ. މުސްލިމުންނާއި، ޔަހޫދީންނާއި، އަދި އެހެނިހެން ޤަބީލާތަކުގެ މެދުގައި ގުޅުންތައް ރާވައި ހިންގެވުމަށްޓަކައި މަދީނާގެ ޤަރާރު (މަދީނާ ޑެކްލެރޭޝަން) ލިޔުއްވިއެވެ. މި ޤަރާރުގައި، ޢަޤީދާގެ މިނިވަންކަމާއި، އެންމެން ގުޅިގެން ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ޙައްޤު ޔަޤީންކޮށްދިނެވެ. އަދި އެންމެންނަކީ އެހެން މީސްތަކުންނާ ވަކިންވާ އެއް އުންމަތެއް ކަމުގައި ކަނޑައަޅައި، ޙައްޤުތަކާއި ވާޖިބުތަކުގައި އެންމެން ހަމަހަމަކުރެއްވިއެވެ. މިއީ ޒަމާނީ އިންސާނީ ޙައްޤުތަކުގެ މުޢާހަދާތަކަށްވުރެ އެތައް ގަރުނެއް ކުރިން އެޅުއްވި މަތިވެރި ފިޔަވަޅެކެވެ.

މުޖުތަމަޢު އެކުލަވައިލުމުގެ ވަސީލަތެއްގެ ގޮތުގައި ޢިމާރާތްކުރުން

އެހިސާބުން މަސްޖިދުއްނަބަވީ ބިނާކުރުމުގެ މަސައްކަތް ފެށުނެވެ. އެއީ ހަމައެކަނި އަޅުކަންކުރާ ތަނެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ސިޔާސީ ޕާލަމެންޓުގެ މަރުކަޒެވެ. އަދި ފަޤީރުންނާއި ބީރައްޓެހިން، އަހްލުއްޞުއްފާގެ ހިޔާވަހިކަމެވެ. އަދި ކާރިސާތައް މެނޭޖުކުރުމާއި ލަޝްކަރުތައް ފޮނުވުމުގެ މައި މަރުކަޒެވެ.

ކީރިތި ރަސޫލާ ﷺ އަމިއްލަފުޅަށްވެސް އެ މިސްކިތް ބިނާ ކުރެއްވުމަށް ހިލައާއި ގާ އުފުއްލެވުމުގައި ބައިވެރިވެވަޑައިގަތެވެ. އެކަލޭގެފާނު މަސައްކަތްތެރިންނާއެކު އެކުވެރިއެއް އަދި ލީޑަރެއްގެ ރޫޙުގައި ސަމާސާކުރައްވައި އުޅުއްވިއެވެ. މިކަމުގެ ސަބަބުން، މައްކާގެ "ވިޔަފާރީގެ" މުޖުތަމަޢާއި މަދީނާގެ "ދަނޑުވެރިކަމުގެ" މުޖުތަމަޢާ ދެމެދު އޮތް ނަފްސާނީ ތަފާތުތައް ނެތިގޮސް، އެންމެން އެއްބައިވަންތަ ބަޔަކަށް ވެގެންދިޔައެވެ.

މަދީނާއަށް ވަޑައިގަތުމަށް ފަހު އައި މަރުޙަލާ ސާބިތުކޮށްދިން ގޮތުގައި، ހިޖުރަ ކުރުމަކީ ހުރިހާ ކަމެއްގެ ނިމުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޙަޟާރަތެއް ބިނާކުރުމުގެ ފެށުމެކެވެ. "މައްކާގެ ދަތިކަމުން" "މަދީނާގެ ތަނަވަސްކަމަށް" ބަދަލުވުމުން މުޅި ދުނިޔެއަށް ސާބިތުކޮށްދިނީ، ވަޒަންތައް ނުވަތަ ޤައުމުތައް މިންކުރެވެނީ އެތަނެއްގެ ކުރީގެ ފާރުތަކުން ނުވަތަ އުފަންވި ބިމުން ނޫން ކަމެވެ.

އޭގެ ބަދަލުގައި އެކަން ބިނާވެފައިވަނީ، އިންސާނާއަށް އޭނާގެ ވެރިރަސްކަލާނގެއަށް މިނިވަންކަމާއެކު އަޅުކަންކުރުމަށް އެތަނަކުން ދޭ ފުރުޞަތުގެ މައްޗަށެވެ. އަދި 'ﷲގެ ރައްކާތެރިކަމާއި އިންސާނީ ޢަދުލުއިންޞާފުގެ ހިޔާވަހިކަމުގެ ދަށުން، ޢިއްޒަތާއި ކަރާމާތާއެކު އޭނާގެ މުސްތަޤުބަލު ބިނާކުރުމަށް ލިބޭ ޖާގައިގެ މައްޗަށެވެ.

އާރުކާޓީ ޢަބްދުﷲ ބިން އުރައިޤިޠުއަށް ވީ ކިހިނެއް؟

މި ތާރީޚީ މަތިވެރި ދަތުރުގައި، ހިމޭން ލޮޖިސްޓިކް ސިކުނޑިއެއްގެ ގޮތުގައާއި އަދި އާރުކާޓީގެ ދައުރު އަދާކުރީ މަގުދައްކާ ޢަބްދުﷲ ބިން އުރައިޤިޠު އަލްކިނާނީއެވެ.

އޭނާގެ ޕްރޮފެޝަނަލް އަމާނާތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްފަހު، އަދި އެއްބަސްވެފައިވާ އުޖޫރަ ލިބިގަތުމަށްފަހު، އެ ދެބޭކަލުންނާ ވަކިވެ މައްކާއަށް އެނބުރި ދިޔައެވެ.

އިބްނު ޙަޖަރުގެ 'އަލްއިޞާބާ' ގައި ބަޔާންކުރައްވާފައިވާ ގޮތުގައި އިބްނު އުރައިޤިޠު މައްކާއަށް އެނބުރި ދިޔައީ އޭނާގެ ކުރީގެ ދީންމަތީގައި ހުރެގެންނެވެ. އޭރު އޭނާ އިސްލާމެއް ނުވެއެވެ. ނަމަވެސް އޭނާގެ އަމާނާތްތެރިކަމުގެ ބޮޑުކަމުން، އޭނާއަށް ވަރަށް ބޮޑު އިޙްތިރާމެއް ލިބިގެންވިއެވެ. ބައެއް ތާރީޚީ ރިވާޔަތްތަކުގައި ބުނާގޮތުން، މައްކާ ފަތަޙަވުމަށްފަހު ނުވަތަ އޭގެ ފަހުގެ އަހަރުތަކުގައި އޭނާ އިސްލާމްވިއެވެ. ނަމަވެސް އިސްލާމީ ތާރީޚުގައި އޭނާގެ މަޝްހޫރުކަން ގުޅިފައިވަނީ، ދުނިޔޭގެ މޫނުމަތި ބަދަލުކޮށްލި އެންމެ މަތިވެރި ދަތުރުގައި މަގުދައްކައިދިން އާރުކާޓީއެއްގެ ގޮތުގައި އޭނާ އުޅުއްވި 8 ދުވަހާއެވެ.

މުޙައްރަމް 1 އަދި ހިޖުރީ ކަލަންޑަރު

ހިޖުރީ ކަލަންޑަރު ތަޢާރަފުކުރެވުނީ ކީރިތި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައެއް ނޫނެވެ. އެ ކަލަންޑަރު ރަސްމީކޮށް ބޭނުންކުރަން ފެށުނީ ޢުމަރު ބިން އަލްޚައްޠާބުގެ ޚިލާފަތުގައި ރަސޫލާ ހިޖުރަ ކުރެއްވިތާ 17 އަހަރު ފަހުން (މީލާދީން 638 ވަނަ އަހަރު) ގައެވެ.

އިސްލާމީ ތާރީޚު ފެށޭ އަހަރަކީ ކޮބައިކަން ކަނޑައެޅުމަށް ޞަޙާބީން މަޝްވަރާކުރެއްވިއިރު، އެބޭކަލުން އިޚްތިޔާރުކުރެއްވީ ހިޖުރައިގެ މުނާސަބާއެވެ.  އެއީ އިސްލާމްދީން ނިކަމެތިކަމުގެ ޙާލަތުން، ބާރުގަދަ މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ތާރީޚީ ބަދަލުގެ އަހަރު ކަމުގައިވާތީއެވެ.

ޙަޤީޤަތުގައި ހިޖުރައިގެ ދަތުރުފުޅު ހިނގައިދިޔައީ ރަބީޢުލްއައްވަލް މަހުގައި ކަމަށް ވިޔަސް، އަހަރުގެ ފެށުން ކަމުގައި މުޙައްރަމް މަސް ކަނޑައެޅުއްވީ، އެ މަހަކީ ހިޖުރަކުރުމަށް ޢަޒުމް ކަނޑައެޅުނު މަސް ކަމުގައި ވުމާއެކު، އެމަހަކީ، އައު ހަނދު އަހަރު ފެށޭ މަސްކަމުގައި ވާތީއެވެ.

ހިޖުރައިގެ ޙާދިސާތައް ހިނގައިދިޔަ ތާރީޚުތައް

ޙާދިސާ އިސްލާމީ ތާރީޚު މީލާދީ ތާރީޚު ގާތްގަނޑަކަށް
މައްކާއިން ނުކުމެވަޑައިގަތުން ޞަފަރު މަހުގެ ފަހުކޮޅު ސެޕްޓެމްބަރު 622މ. ގެ ކުރީކޮޅު
ޘައުރު ފަރުބަދައިގެ ހޮހަޅައިގައި މަޑުކުރެއްވުން 3 ދުވަސް ސެޕްޓެމްބަރު 622މ.
ޤުބާއަށް ވަޑައިގަތުން ރަބީޢުލްއައްވަލް 8 20 ސެޕްޓެމްބަރު 622މ.
މަދީނާއަށް ވެދެވަޑައިގަތުން ރަބީޢުލްއައްވަލް 12 24 ސެޕްޓެމްބަރު 622މ.

 

ހިއްސާ ކުރައްވާ!