ޤުރުއާނުން ފެންނަނީ ދުނިޔެއަށް ތައާރަފް ކުރަމުން މިދާ މިހާރުގެ އަޚްލާޤީ ވެއްޓުމުގެ ހާލަތު ވަރަށް ރަނގަޅަށް ސިފަކޮށްދީފައިވާ މަންޒަރެކެވެ. މިއީ ޝައިޠާނީ މަޝްރޫޢެކެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގައި، އިބްލީސް ބުންޏެވެ.
لَّعَنَهُ ٱللَّهُ ۘ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًۭا مَّفْرُوضًۭا ١١٨
اللَّه، އެ شيطان އާއަށް لعنة ލައްވާފައިވެއެވެ. އެ شيطان އާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން، ތިމަން ހިފާހުށީމެވެ. (4:118)
މިއީ އޭނާގެ ތަދްބީރެވެ. އިބްލީސް މިކަން ގެންދަނީ މަރުޙަލާ ތަކަކަށް ބަހައިގެން ރޭވުމެއްގެ މަތިންނެވެ.
އެންމެ ފުރަތަމަ މަރުޙަލާއަކީ މަގުފުރެއްދުމެވެ. ސީދާ ތެދުމަގުގައި ހުރި މީހަކު އެ މަގުން އެއްކިބާކޮށްލުމެވެ.
- وَلَأُضِلَّنَّهُمْ : އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ.
އެއަށްފަހު، އެހެން މަރުޙަލާއަކަށް ދެއެވެ.
- އެއީ وَلَأُمَنِّيَنَّهُمْ އަދި، ތިމަން އެއުރެން ލައްވައި، حقيقة އެއްނެތް އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ.
ތިބާގެ އަސްލު މަޤްޞަދަކީ މާތް ﷲ ގެ ރުއްސެވުން ކަމުގައިވީނަމަ، ޝައިޠާނާ އެ މަޤްޞަދުން ކަސިޔާރުކޮށްލުމަށް އެހެން ދަޅަތައް ދައްކައި ހަދައެވެ.
މިހާރު މިފެންނަ ހައްދެއް ނެތް މިނިވަންކަމާއި، ބުއްދިއަށް އިސްކަން ދިނުމާއި ރޫޙާނިއްޔަތުން އެއްކިބާ ކުރުމަށް އިލްމާއި ބުއްދީގެ ނަމުގައި ދައްކާ ބާޠިލު ހުވަފެންތަކުން މިދަޅަތައް ޒީނަތްތެރިކޮށްދެއެވެ.
ޢިލްމަކީ މުހިންމު އެއްޗެކެވެ. ނަމަވެސް އެއީ، ހުރިހާ އެއްޗެއް ނޫނެވެ. އިންސާނާގެ ޠަބީޢަތަށް ބަލާއިރު، ޢިލްމުތަކުން އޭނާގެ މާއްދީ ބޭނުންތައް ފުދުނަސް، ރޫޙާނީ ހަމަޖެހުމެއް ނުލިބެއެވެ.
މި މަރުޙަލާއަށް ފަހު ޝައިޠާނާ ދެން އިންސާނީ ގެންދާ މަރުޙަލާއަކީ އޭނާގެ އަޅުވެތިކަމުގައި ގެންގުޅުމުގެ މަރުޙަލާއެވެ.
- وَلَـَٔامُرَنَّهُمْ :އަދި ހަމަކަށަވަރުން، ތިމަން އެއުރެންނަށް އަމުރުކުރާހުށީމެވެ.
ޝައިޠާނާ ފާޙިޝް ކަންތައްތަކަށް އަމުރުކުރާ ވާހަކަ ޤުރުއާނުގައި އެތައް ފަހަރަކު އައިސްފައިވެއެވެ. މި މަރުހަލާއަށް ފަހުން ޝައިޠާނާ މީހާގެ މައްޗަށް ފުރިހަމައަށް ވެރިވެގަނެއެވެ.
އެހިސާބުން އެމީހަކު އެ ވަނީ ޝައިޠާނާގެ އަޅަކަށްވެފައެވެ.
۞ أَلَمْ أَعْهَدْ إِلَيْكُمْ يَـٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَـٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّۭ مُّبِينٌۭ ٦٠
އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން شيطان އާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ عداوة ތެރިޔެކެވެ. (36:60)
ޝައިޠާނާއަށް މީހަކު ސަޖިދަ ނުކުރިޔަސް، ޝައިޠާނާގެ އަމުރުތަކަށް ފުރިހަމައަށް ބޯލެނބުމަކީ އެއީ ޝައިޠާނާއަށް އަޅުކަން ކުރުމެވެ.
ޝައިޠާނާގެ ރޭވުންތަކުގެ އެންމެ ނުރައްކާތެރި މަރުޙަލާއަކީ ﷲ އަންގަވާފައިވާ ގޮތަށް އިންސާނާގެ ޠަބީޢަތު ބަދަލުކުރުމެވެ.
- وَلَـَٔامُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ ۚ: އަދި ހަމަކަށަވަރުން، ތިމަން އެއުރެންނަށް އަމުރުކުރާހުށީމެވެ. ފަހެ، ﷲ އުފެއްދެވި އުފެއްދުންތައް އެއުރެން ބަދަލުކުރާހުއްޓެވެ.
ވިސްނާލަމާ ހެއްޔެވެ؟ ﷲ ވަހީކުރައްވަނީ،
يَـٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍۢ وَٰحِدَةٍۢ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًۭا كَثِيرًۭا وَنِسَآءًۭ ۚ وَٱتَّقُوا۟
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ.
މިއަދުގެ ފިކުރަކީ، ﷲގެ އުފެއްދެވުން ބަދަލުކުރުމެވެ. ފިރިހެނުން އަންހެނުންނަށް، އަދި އަންހެނުން ފިރިހެނުންނަށް ބަދަލުކުރަން އުޅެއެވެ. ފިރިހެނުންގެ ކުޅިވަރު މުބާރާތްތަކުގައި ވަނަ ހޯދައި އެތައް ދަރިން ހޯދާފަހުން ޖިންސު ބަދަލުކޮށް އަންހެނަކަށް ވެދެއެވެ.
އެހެންކަމުން، މި އާޔަތުގެ މުރާދަކީ މި ޒަމާނުގައި މި ފެންނަ މަންޒަރު ކަމުގައި ބެލެވެއެވެ. 1400 އަހަރު ވަންދެން، އިންސާނާގެ އަސްލު ޠަބީޢަތު ބަދަލުކުރުމުގެ މަސައްކަތެއް މިކަން މިހާ ފާޅުކަން ބޮޑު ގޮތެއްގައި އިންސާނީ ތާރީޚުން ފެނިފައި ނުވެއެވެ.
ﷲ ވަހީކުރައްވާފައިވެއެވެ.
سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ ٥٣
އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟ (41:53)
ބައެއް އާޔަތްތަކަކީ އޭގެ މާނަ އެ ޒަމާނުގައި ނޭނގި ހުރެދާނެ އާޔަތްތަކެވެ. ނަމަވެސް، މުސްތަގުބަލުގައި އެކަން ހާމަވެގެން އަންނާނެފަދަ އާޔަތްތަކެވެ. މީގެ 100 އަހަރު ކުރިން މީހަކު ކައިރީގައި މިވާހަކަ އަހާލި ނަމަ، މިއާޔަތުގެ މި މުރާދު ދެނެގަތުން އުނދަގޫވީހެވެ. އެހެންކަމުން ބައެއް މުފައްސިރުންނަށް ވެސް އެކަމުގައި އޮޅުންތަކެއް އެރިއެވެ. ގުރުއާނަކީ އިންސާނީ އަދި އިޖުތިމާއީ ކަންކަމަށް ވަރަށް ފުން އަދި ފުރިހަމަ ތަފްސީރުތަކެއް ގެނެސްދޭ ފޮތެކެވެ.
ޑރ. ނާއިފް ބިން ނަހާރުގެ ތަޤްރީރެއްގެ ތަރުޖަމާ.





