ފިޤުހު އިމްލުވެރިއަކު ރޯމަނުންގެ ރަސްގެފާނުގެ ދަރުބާރުގައި

ތިޔަ ވަދެ ވަޑައިގަންނަވަނީ ރޫމީންގެ ރަސްގެފާނުގެ މަޖިލީހަށް ކަމަށް ތަސައްވުރުކޮށްލައްވާށެވެ.

އެ ރަސްގެފާނު ވަނީ ދަރުބާރަށް ވަންނަ އުސް ދޮރާށި ކުޑަކޮށްގެން، ދަރުބާރަށް ވަންނަ ހިނދު އެ ރަސްގެފާނުގެ ކުރިމަތީގައި ގުދުވާން މަޖުބޫރުކޮށް، ދެރަކޮށްލާ ގޮތަކަށް ހަދާފައެވެ.

ރޫމީންގެ ރަސްގެފާނު ޒަމާނުގެ ފިގުހު އިލްމުވެރިޔާ ޤާޟީ އަބޫ ބަކުރު އަލްބާޤިލާނީ އާމެދު ކަންކުރީ މިފަދައިންނެވެ. ރަސްގެފާނަށް ގުދުވެ އިހުތިރާމް ކުރާކަން ދެއްކުމަށް އުސް ދޮރު ކުޑަ ކޮށްލެއްވީއެވެ.

ޤާޟީ އަބޫ ބަކުރު އަލްބާޤިލާނީ މިކަމާ މެދު އަމަލުކުރެއްވީ ކިހިނެއް ހެއްޔެވެ؟

އެކަލޭގެފާނު އެ ރަސްގެފާނުގެ ރޭވުން ފުނޑުފުނޑުކޮށްލައްވައި، ދަރުބާރަށް ވަންނަވަމުން ގެންނެވި އެންމެ ހަރަކާތަކުން އެ ރަސްގެފާނު އެކަލޭގެފާނުގެ ބޮޑުންގެ ކުރިމަތީގައި ލަދުވެތިކޮށްލެއްވިއެވެ.

ހިޖުރައިން 373 ވަނަ އަހަރު، ޚަލީފާ ޢަޟުދުއްދައުލާ، ޒަމާނުގެ ފަޤީހު އަބޫބަކުރު އަލްބާޤިލާނީ ޑިޕްލޮމެޓިކް ދަތުރުފުޅެއްގައި ނަސާރާއިންގެ ޤުސްޠަންޠީނިއާ (މިހާރުގެ އިސްތަމްބޫލް) އަށް ފޮނުއްވިއެވެ. އެކަލޭގެފާނު ވަޑައިގަންނަވާކަން ރޫމީންގެ ރަސްގެފާނަށް އެނގިވަޑައިގަތުމުން، އެކަލޭގެފާނުގެ ޢިއްޒަތް ނަގާލުމަށްޓަކައި، ރަސްގެފާނު ގެ ދަރުބާރުގެ ދޮރު ކުޑަކުރަން އަމުރުކުރެއްވިއެވެ.

އެއީ ބާޤިލާނީ އިސްތަށިފުޅު ތިރިކުރައްވައި، ހަށިގަނޑު ގުދުކުރެއްވުމަށް މަޖުބޫރުކޮށް، ރަސްގެފާނުގެ ކުރިފުޅުމަތީގައި ކުރުނީސް ކުރާ ފަދަ ގޮތަކަށް ދެއްކުމަށެވެ.

ބާޤިލާނީ ވަޑައިގެން ހިނދު، އެކަލޭގެފާނުގެ ހުޝިއާރުކަމުން ވަގުތުން އެ ހީލަތް ދެނެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ކަން ކުރެއްވީ ކީއްހެއްޔެވެ؟

ދަރުބާރަށް ވަންނަވަމުން އެކަލޭގެފާނު ފަހަތަށް އެނބުރިވަޑައިގެން، ކުޑަކޮށް ގުދުވެވަޑައިގަތުމަށްފަހު،ރަސްގެފާނަށް ފުރަގަސް ދެއްވަމުން ވަދެވަޑައިގަތީއެވެ. އެކަން ރަސްގެފާނަށް ފެނިވަޑައިގަތުމުން މިއީ އާދަޔާ ޚިލާފް ބޭކަލެއްކަން ދަނެވަޑައިގަތެވެ.

ބާޤިލާނީ ވަދެވަޑައިގެން، ސަލާމްކުރެއްވުމަށްފަހު، ފުރަތަމަ މުޚާތަބު ކުރެއްވީ އެތަނުގައި ހުރި އެންމެ އިސް ފާދިރީ ރާހިބު ކަލޭގެއާއެވެ.

«ތިޔަބޭފުޅުންގެ ޙާލު ކިހިނެއް ތޯވެ؟ އަދި އަނބިދަރިންގެ ޙާލު ކިހިނެއް ތޯވެ؟» ސުވާލުކުރެއްވިއެވެ.

މި ސުއާލުން ރަސްގެފާނު ކޯފާ އިސްކުރައްވައި އަޑުހަރުކޮށް ވިދާޅުވިއެވެ.

«ތިމަންމެންގެ ރާހިބުން ކައިވެނި ނުކުރާކަމާއި ދަރިން ނުލިބޭކަން މަނިކުފާނަށް ހަނދުމަފުޅު ނެތުނީ ހެއްޔެވެ؟»

ހިނިތުންވެވަޑައިގެން، ބާޤިލާނީ މުޅި މަޖިލިސް ގުގުމާލާފަދަ އަޑަކުން ވިދާޅުވިއެވެ.

«اللَّه އަކްބަރު! ތިޔަބޭފުޅުންގެ ރާހިބުން ކައިވެނިކުރުމާއި ދަރިން ހޯދުމުން އެކަހެރި ވެފައިވާއިރު ތިޔަބޭފުޅުންގެ ވެރިރަސްކަލާނގެ މަރްޔަމްގެފާނާ ކައިވެނި ބައްލަވައިގެން ޢީސާގެފާނު ލިބިވަޑައިގެންނެވި ކަމަށް ތިޔަ ތުހުމަތު ކުރަނީ ކިހިނެއް ތޯއެވެ؟»

ދަރުބާރަށް ހިމޭން ކަމެއް ވެރިވިއެވެ.

ރަސްގެފާނުގެ މޫނުފުޅު ރީނދޫވެގެން ދިޔައެވެ.

ރަސްގެފާނު އަނެއްކާވެސް ހަމަލާއެއް ދޭން މަސައްކަތްކުރައްވައި، (حادثة الإفك) އާ ގުޅޭގޮތުން ވިދާޅުވިއެވެ.

«ޢާއިޝަތުގެފާނު ކުރެއްވި ކަމަކާ މެދު މަނިކުފާނު ވިދާޅުވަނީ ކީކޭ ތޯއެވެ؟»

ބާޤިލާނީ ސާބިތުކަމާއެކު ޖަވާބު ދެއްވިއެވެ.

«ޢާއިޝަތުގެފާނަށް ތުހުމަތު ކުރެވުނު ނަމަ، މަރްޔަމްގެފާނަށް ވެސް ތުހުމަތު ކުރެވުނެވެ! އެ ދެ ބޭކަނބަލުންނަކީ ވެސް ޠާހިރު، ކުށެއް ނެތް މައުސޫމު ބޭކަނބަލުންނެވެ. އެހެންނަމަވެސް ޢާއިޝަތުގެފާނު ކައިވެނި ބައްލަވައިގަތެވެ. ބޭފުޅަކު ލިބިވަޑައެއް ނުގަތެވެ. މަރްޔަމްގެފާނަށް ބޭފުޅަކު ލިބިވަޑައިގަތެވެ. ކައިވެންޏެއް ނުކުރައްވައެވެ. ފަހެ، މި ދެ ބޭކަނބަލުންގެ ތެރެއިން މިފަދަ ބާތިލު ތުހުމަތެއް ކުރަން އެންމެ އައުލާކަން ބޮޑީ ކާކަށް ތޯ ރަސްގެފާނު ވިދާޅުވެ ދެއްވާށެވެ؟»

ރަސްގެފާނު އިންތިހާއަށް ކޯފާވެ ވަޑައިގަތެވެ.

«ތިޔަބޭފުޅުންގެ ނަބިއްޔާ ހަނގުރާމަތަކުގައި ބަލިވޭ ނޫންތޯއެވެ؟» އަދި ވިދާޅުވިއެވެ.

ބާޤިލާނީ ވިދާޅުވިއެވެ: «އާދޭހެވެ!»

«އެއީ ކިހާ އަޖައިބު ކަމެއް ހެއްޔެވެ! ނަބިއްޔަކު ވެފައި ބަލިވެސް ވޭތޯއެވެ؟!» ރަސްގެފާނު މަލާމާތުގެ ރާގަކަށް ވިދާޅުވިއެވެ.

ބާޤިލާނީ ވަރުގަދަ ރައްދެއް ދެއްވިއެވެ.

«އަދި ތިޔަ ބޭފުޅުން އިލާހެއްކަމަށް ކަމަށް ބުނާ ފަރާތެއް ސޮލީބަށް އެރުވުނު ނޯންތޯއެވެ؟» ކާފަރު ކަލޭގެއަށް ހައިރާން ކަމެއް ލިބި ހުއްޓުން އެރިއެވެ.

ހުއްޖަތުގެ ބާރަކީ ބުއްދިވެރިކަމާއި އީމާންތެރިކަން ކަން ސާބިތުކޮށްދެއްވާފައި ބާޤިލާނީ ރަސްގެފާނުގެ ދަރުބާރުން ނިކުންނެވީ މަތިވެރި ޢިއްޒަތާއި ޝަރަފާއެކުއެވެ.

ހިއްސާ ކުރައްވާ!