ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހިންގަމުންދާ ޖަލުތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށްޓަކައި ބިނާކުރާ މަރުކަޒީ ޖަލު އެކުވެނީގެ އަމަލީ މަސައްކަތް މި ހިނގާ ޖޫން މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ހިންގުން ހަރުދަނާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ނަމޫނާ މުއައްސަސާއަކަށް ހެދުމެވެ. މިހާރު ހުރި ޖަލުތަކަކީ ކުށްވެރިން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެންމެ އެދެވޭ ގޮތެއްގައި ހިންގޭނެ ފަދަ ނިޒާމަކަށް ފަރުމާކޮށްފައިވާ ތަންތަނެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އައު ކޮމްޕްލެކްސްއާއެކު މި ފަރުމާ ބަދަލުވެ، އިޞްލާޙީ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ޙާޞިލުކުރެވޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން މި މަޝްރޫޢު ފެށުން ލަސްވިނަމަވެސް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކުރަން ސަރުކާރުން ރާވައެވެ. މިއީ ޖަލުތައް ބަލަހައްޓާ މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ އުތުރުތިލަފަޅެވެ. މިކަމަށްޓަކައި 30 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މި މަރުކަޒީ ޖަލު ކޮމްޕްލެކްސް ބިނާކުރަނީ މުހިއްމު ގިނަ ވަސީލަތްތަކަކާ އެކުގައެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ޔުނިޓްތަކާއި، ބަލިމީހުންނަށް ފަރުވާދޭ މަރުކަޒުތަކުގެ އިތުރުން މަސްތުވާތަކެތިން ސަލާމަތްކުރާ މީހުންނަށް ޚާއްސަ ރިހެބިލިޓޭޝަން ފެސިލިޓީއަކާއި ހާފްވޭ ހައުސްއެއް ހިމެނެއެވެ. މީގެއިތުރުން، ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި، އެއްހާސް މީހުންގެ ޖާގައިގެ މިސްކިތެއްވެސް އެތަނުގައި ބިނާކުރާނެއެވެ.
މި ކޮމްޕްލެކްސްގެ އިތުރުން، ކުޑަކުދިން އިޞްލާޙުކުރުމަށް ޚާއްސަކޮށްގެން "ހޯޕް އައިލެންޑް" ގެ ނަމުގައި ރިހެބިލިޓޭޝަން މަރުކަޒެއްވެސް އެތަނުގައި ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
ޔާމީންގެ ވެރިކަމުގައި ފުލުހުން ރަނގަޅު ކުރެއްވި ނަމަ މިއަދު އިތުބާރު އޮތީސް: އިހުސާން






