"މާތްﷲ ގަންދީ ބުނަމެވެ! މި މަހާނައިގައި އޮތް ބޭފުޅާ ދިރިހުރިނަމަ، އަހަރެމެންގެ ތެރެއިން އެކަކުވެސް ދިރި ނުހުރީހެވެ!"
މި ބަހަކީ، އޭނާ އަވަހާރަވުމުން މުޅި ޔޫރަޕްގައި ނަސާރާއިން އުފާފާޅުކޮށް، އޭނާގެ މަހާނަ މަތީގައި އިށީނދެގެން ތިބެ ރާ ބޮއެ، ނެށި މީހުންގެ ތެރެއިން މީހަކު ބުނި ބަހެކެވެ.
އެމީހުން މި ވާހަކަ ދައްކަނީ ޞަލާޙުއްދީން އަލްއައްޔޫބީއާ ބެހޭގޮތުން ނެއް ނޫނެވެ. މިއީ ގިނަ ބަޔަކަށް ނޭނގޭ އެހެނަސް ވަރަށް މަތިވެރި ޝަޚުސިއްޔަތެއްގެ ވާހަކައެވެ. އެއީ، މުޙައްމަދު ބިން އަބީ އާމިރު (ނުވަތަ ޙާޖިބު އަލްމަންޞޫރު)އެވެ.
ތާރީޚުން އެނގޭ ގޮތުގައި، ޔޫރަޕްގެ ލަޝްކަރުގެ ކޮމާންޑަރު އަލްފޮންސޯ މުޙައްމަދު ބިން އަބީ އާމިރުގެ މަހާނަ ކައިރިއަށް އައިސް، މަހާނަ މަތީގައި އޭނާގެ ރަން އެނދު ބެހެއްޓިއެވެ. އޭނާ އާއި އޭނާގެ އަނބިމީހާ މުޙައްމަދު ބިން އަބީ އާމިރުގެ ޝަހީދުވުމުން އުފާ ފާޅުކުރިއެވެ. އަދި ބުންޏެވެ: "މިއަދު ތިޔަބައިމީހުންނަށް މި ފެންނަނީ އިސްލާމީ އަދި ޢަރަބި ގައުމުތަކުގެ ރަސްކަލުންގެ ރަސްގެފާނު އޭނާގެ މަހާނަ މަތީގައި އޮށޯވެ އޮންނަ ތަނެވެ."
އެތަނުގައި ހުރި މީހަކު ބުންޏެވެ: "މާތްﷲ ގަންދީ ބުނަމެވެ! މި މަހާނައިގައި އޮތް ބޭފުޅާ ނޭވާލާން ފަށައިނަމަ، އަހަރެމެންގެ ތެރެއިން އެކަކުވެސް ދިރި ނުހުރީހެވެ!" މިއީ އަލްފޮންސޯގެ ކަންފަތަށް އަހަން ފަސޭހަވި ވާހަކައެއް ނޫނެވެ!
އޭނާ އެ މީހާ ކަތިލަން އުޅުމުން، އޭނާގެ އަނބިމީހާ ބުންޏެވެ: "އޭނާ ދޫކޮށްލާށެވެ. އެމީހުންނަށް ހީވަނީ މި މަރުވެފައިވާ މި މަހާނާގެ ވެރިމީހާއަކީ އަހަރެމެންނަށްވުރެ ވެސް މަތިވެރި މީހެއް ކަމަށެވެ. މަރުވުމަށްފަހުވެސް އެމީހުންގެ ގާތު އޭނާގެ އަގު ދަނީ އަރަމުންނެވެ. މަރުވުމަށްފަހުވެސް އަހަރެމެންނަށް އޭނާ ބަލިކުރެވޭކަށެއް ނެތެވެ."
އަލް-މަންޞޫރު މުޙައްމަދު ބިން އަބީ އާމިރުގެ ވެރިކަމަކީ ޢަންދަލުސްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ރަން ޒަމާނެވެ. އުމަވީ ޚިލާފަތުގެ ހައިބަތު އޭނާގެ އަތްމައްޗަށް ބަދަލުވެގެން ދިޔަ އިރު، އޭނާ ވަނީ ޖިހާދުގެ މައިދާނުގައާއި ސިޔާސީ ހިންގުންތެރިކަމުގައި މުސްލިމުންގެ ޝަރަފު އުފުލައިދެއްވާފައެވެ.
އިބްނު ޚަލްދޫން ގެ ތާރިޚުގައި ބަޔާންކުރައްވާ ގޮތުގައި މީލާދީން 976 ވަނަ އަހަރުން ފެށިގެން 1002 ވަނަ އަހަރާ ހަމައަށް އޭނާ ކުރެއްވި ވެރިކަމަކީ މުޅިން ތަފާތު ވެރިކަމެކެވެ. އުތުރުގެ ނަސާރާ ރަށްތަކާ ދެކޮޅަށް އޭނާ ކުރެއްވި މެދުކެނޑުމެއްނެތް ޖިހާދުގެ ސަބަބުން އިސްލާމީ އުންމަތުގެ ބާރު ޔޫރަޕްގެ ކަންކޮޅުތަކުގައި ފެތުރިގެން ދިޔައެވެ. ހަނގުރާމައިގެ މައިދާނުގައި ލިބުނު ކާމިޔާބީތަކަކީ އޭނާގެ ހިތްވަރާއި ޤާބިލުކަމުގެ ހެއްކެކެވެ.
އޭނާގެ ވެރިކަމުގައި ޢަންދަލުސްގެ އިދާރީ ހިންގުމަށް ގެންެނެވި ހެޔޮ ބަދަލުތަކުގެ ސަބަބުން، އިޤްތިޞާދީ އަދި ސަގާފީ ގޮތުން ވެސް އެ ޤައުމު ތަރައްގީގައި އޭގެ އެންމެ އުހަށް ދަތުރުކުރިއެވެ.
މި ޝަހީދުވި ބޭކަލަކީ، މުޙައްމަދު ބިން އަބީ އާމިރު އަލްޢާމިރީއެވެ. އުފަންވީ ހިޖުރައިން 363 ވަނަ އަހަރު، ޢަންދަލުސްގެ ދެކުނުގައެވެ. އޭނާ ސްޕެއިންގެ އިސްލާމީ ލަޝްކަރުގައި ބައިވެރިވީ ވޮލަންޓިއަރެއްގެ ގޮތުގައެވެ. އޭނާގެ ހިތްވަރުގަދަކަމުން ސްޕެއިންގެ ވެރިރަށް ޤުރްޠުބާގެ ފުލުހުންގެ ވެރިޔާގެ މަގާމު ލިބުނެވެ. އެއަށްފަހު ވެރިންގެ މުޝީރަކަށް ވިއެވެ. އަދި އެންމެ ފަހުން ޢަންދަލުސްގެ އަމީރު އަދި ލަޝްކަރުގެ ވެރިޔަކަށް ވިއެވެ.
އޭނާ 50 އަށްވުރެ ގިނަ ހަނގުރާމައިގައި އިސްލާމީ ލަޝްކަރު ލީޑްކުރިއެވެ. އެ ހުރިހާ ހަނގުރާމައެއް ވެސް ނިމުނީ ކާމިޔާބީއާއެކުއެވެ.

އަލްމަންސޫރުގެ ކަނޑިކޮޅު ސްޕެއިންގެ ޠަލީޠަލާ މިއުޒިއަމްގައި
އޭނާ ދުވަހަކުވެސް ބަލިވެފައެއް ނުވެއެވެ. އޭނާގެ ހިތްވަރުގަދަ ކަމުން، މީގެ ކުރިން މުސްލިމުން ފައިތިލަ ނުބީހޭ ބިންތަކަށް އޭނާ ދަތުރުކުރިއެވެ. އޭނާގެ އެންމެ މުހިންމު ކާމިޔާބީއަކީ ފްރާންސްގެ ލިޔޯންގެ ހަނގުރާމައެވެ. އެ ހަނގުރާމައިގައި ޔޫރަޕްގެ ލަޝްކަރު ބަލިކޮށް، ގިނަ ލީޑަރުންތަކެއް މަރާލިއެވެ.
އަލްމަންޞޫރުގެ ޝަޚުސިއްޔަތާ ގުޅޭގޮތުން "އިބްނު ޢިޛާރީ" ރިވާކުރައްވާފައިވެއެވެ:
"ނާވާރާގެ ރަސްގެފާނު ޖާރސިއާ ސަންޗޭޒް 2ވަނަގެ އަތްދަށުގައި މުސްލިމް އަންހެނުންތަކެއް އަސީރުންގެ ގޮތުގައި ތިބި ޚަބަރު އަލްމަންސޫރަށް ލިބުނެވެ. ދެ ފަރާތުގެ ދެމެދުގައި އޮތް މުއާހަދާއެއްގެ ދަށުން، މުސްލިމުން އަސީރުންގެ ގޮތުގައި ބެހެއްޓުން ޖާރސިއާއަށް މަނާވެފައި އޮތެވެ. އެހެންކަމުން މުއާހަދާ އުވާލިކަމުގެ ސަބަބުން އޭނާގެ ބިންތަކަށް އަރައިގަންނާނެ ކަމަށް އަލްމަންޞޫރު ނިންމެވިއެވެ. އަލްމަންޞޫރު އޭނާގެ ލަޝްކަރާއެކު ނުކުމެވަޑައިގެންނެވި ޚަބަރު ލިބުމުން، ޖާރސިއާގެ މަންދޫބުން އަވަސް އަވަހަށް އައިސް ހަނގުރާމައިގެ ސަބަބާ ބެހޭގޮތުން ސުވާލުކުރިއެވެ.
މުސްލިމް އަންހެނުންތަކެއް އަސީރުންގެ ގޮތުގައި ތިބި ކަމުގެ ވާހަކަ ޖާސިޔާއަށް އެންގުމުން، އެކަން ނޭނގޭ ކަމަށް ބުނެ ޖާރސިއާ އެ އަންހެނުން ހޯދައި އަނބުރާ ފޮނުވައިދިނެވެ. އަދި އެކަމުގެ މައާފަށް އެދުމުގެ ގޮތުން، އެ އަންހެނުން ބަންދުކޮށްފައި ތިބި ފައްޅި އޭނާ ތަޅާލިއެވެ. އަލްމަންޞޫރު އެކަން ގަބޫލުކުރައްވައި އަސީރުންނާއެކު އެނބުރި ވަޑައިގެންނެވިއެވެ.
ޑރ. މުޙައްމަދު ޢަބްދުﷲ ޢިނާން، އޭނާގެ "ދައުލަތުލް އިސްލާމި ފިލް އަންދަލުސް" ފޮތުގައި ވިދާޅުވެފައިވެއެވެ: "އަލްމަންސޫރު އުޅުއްވީ ރަސޫލާ ﷺ ގެ މި ހަދީޡް ބަސްފުޅާ އެއްގޮތަށެވެ: 'ﷲގެ މަގުގައި ޖެހޭ ހިރަފުހާއި ނަރަކައިގެ ދުން އެއްތަނެއްގައި ނުޖެހޭނެއެވެ.' މިހެންވެ، ޙާޖިބު އަލްމަންޞޫރުގެ އާދައަކީ ކޮންމެ ހަނގުރާމައަކަށްފަހު އޭނާގެ ހެދުމުގައި ހުންނަ ހިރަފުސްތައް ފޮޅައި، ގުޅިއަކަށް އަޅައި ރައްކާކުރެއްވުމެވެ. އޭނާ އަވަހާރަވުމުގެ ކުރިން އަމުރުކުރެއްވީ، އޭނާ ވަޅުލާއިރު އެ ފުޅިވެސް އޭނާއާއެކު ވަޅުލުމަށެވެ. އެއީ ޤިޔާމަތް ދުވަހު ނަސާރާއިންނާ ދެކޮޅަށް އޭނާ ކުރެއްވި ޖިހާދަށް އެ ހިރަފުސްތައް ހެކިދިނުމަށްޓަކައެވެ.
"އިބްނުލް އަޘީރު" ވިދާޅުވެފައިވެއެވެ: "އަލްމަންޞޫރު ބިން އަބީ އާމިރަކީ ޢިލްމުވެރިއެކެވެ. ޢިލްމުވެރިންދެކެ ލޯބިވާ، އަދި ގިނައިން އެބޭފުޅުންނާއެކު އިށީނދެވަޑައިގެން ޢިލްމީ ބަހުސްތައް ކުރައްވާ ބޭފުޅެކެވެ. ގިނަ ޢިލްމުވެރިން އޭނާގެ ހެޔޮ ސިފަތައް ބަޔާންކޮށް ފޮތްތައް ލިޔެފައިވެއެވެ. އޭނާއަކީ ރަނގަޅު ޢަޤީދާއެއްގެ ވެރި، ހެޔޮ އުޅުމެއްގެ ވެރި، ޢަދުލުވެރި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގެ ދުވަސްވަރަކީ އޭގެ އުފާވެރިކަމާއި، ރައްޔިތުންނަށް ލިބިފައި އޮތް އަމާންކަމުގެ ސަބަބުން އަބަދުވެސް ޢީދެއް ފަދަ ދުވަސްތަކެއް ކަމަށް ލިޔުއްވައެވެ.
އަލްމަންޞޫރު އޭނާގެ ދުޝްމަނުންނާ ދެކޮޅަށް 25 އަހަރު ވަންދެން މަޑުޖެހުމެއް ނެތި ހަނގުރާމަކުރެއްވި އެވެ. އޭނާގެ އެދުމަކީ ގަނޑުވަރުގެ އެނދުދާންކޮޅުގައި މަރުގެންނެވުމުގެ ބަދަލުގައި، ޝަހީދެއްގެ ގޮތުގައި ޖިހާދުގެ މައިދާނުގައި މަރުގެންނެވުމެވެ. މާތްﷲ އޭނާގެ ދުޢާ އިޖާބަކުރެއްވިއެވެ.
މުޙައްމަދު ބިން އަބީ އާމިރު (ނުވަތަ ޙާޖިބު އަލްމަންޞޫރު) ޝަހީދުވީ ފަރަންސޭސިވިލާތުގެ ބިންތައް ފަތަހަކުރަން ދިޔަ މަގުމަތީގައެވެ. އޭރު އޭނާގެ ޢުމުރަކީ 60 އަހަރެވެ.
އޭނާގެ ޢުމުރުގެ ދެބައިކުޅަ އެއްބަސްވުރެ ގިނަ ބައި ހޭދަކުރެއްވީ ޖިހާދާއި ފަތަޙަތަކުގައެވެ. އަލްމަންސޫރު އަވަހާރަވީ 27 ރަމަޟާން 392 ހ. ގައެވެ.
މާތްﷲ ޙާޖިބު އަލްމަންޞޫރަށް ރަޙްމަތްލައްވައި، އިސްލާމްދީނަށާއި މުސްލިމުންނަށް އޭނާ ކޮށްދެއްވި ޚިދުމަތުގެ އެންމެ ހެޔޮ ޖަޒާ ދެއްވާށިއެވެ.




