ކީރިތި ޤުރްއާނުގެ މުޢުޖިޒާތްތަކާއި، ޢަރަބި ބަހުގެ ބަލާޣާތުތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، އަޒްހަރު ޔުނިވަރސިޓީގެ ރައީސް ޑރ. ސަލާމާ ދާވޫދު، ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ﴿وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ﴾ ގައިވާ ބަލާޣާތުގެ ރިވެތިކަން ބަޔާންކޮށްދެއްވައިފިއެވެ.
وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍۢ وَدُسُرٍۢ ١٣
އަދި ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ. (54:13)
މިއާޔަތުގެ ސީދާ ތަރުޖަމާއަކީ: އަދި ފިލާތަކަކާއި، މޮހޮރުތައް މަތީގައި، ތިމަންރަސްކަލާނގެ އެކަލޭގެފާނު އުފުއްލެވީމެވެ.
"ބަލާޣަތުލް ޤުރްއާނި ވައްސުންނަތި" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ސަލާމާ ދާވޫދު ވިދާޅުވީ، ނޫޙުގެފާނުގެ ނައުކޮޅާ ބެހޭ މި އާޔަތަކީ ޢަރަބި ބަހުގެ "ކިނާޔާ" ނުވަތަ އިޝާރާތުން ދޭހަކޮށްދިނުމު ގެ ފުރިހަމަ މިސާލެއް ކަމަށެވެ. "އަލްވާޙް" (ألواح) އަކީ ލަކުޑި ފިލާތަކެއް ކަމަށާއި، "ދުސުރު" (دسر) އަކީ ދަގަނޑު މޮހޮރުތައް ކަމަށް ވިދާޅުވެ، މި ދެ ސިފަ އެއްކުރުމުން ދޭހަވަނީ އެއީ ނަވެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިތަނުގައި ނަވެއްކަމަށް ސީދާކޮށް ގެންނެވުމުގެ ބަދަލުގައި، އެއަށް ނިސްބަތްވާ ސިފަތައް ގެންނަވައިގެން އެ އެއްޗެއް ދޭހަކޮށްދިނުމަކީ ޤުރްއާނުގެ ބަޔާނުގެ ފުރިހަމަކަން ކަމަށް ޑރ. ސަލާމާ ވިދާޅުވިއެވެ.
ޑރ. ސަލާމާ ދާވޫދު އިތުރަށް ވިދާޅުވީ، މައުޞޫފެއް ނުވަތަ ނަންވާ އެއްޗެއް ގެ ވާހަކަ ބަޔާން ނުކޮށް ހަމައެކަނި އޭގެ ސިފަތައް ގެނެސްގެން އެ އެއްޗެއް ދޭހަކޮށްދިނުމަކީ ޢަރަބި ބަހުގެ ބަލާاޣާތުގެ ތެރޭގައި ހިމެނޭ ވަރަށް ފުން ޢިލްމީ ހުނަރެއް ކަމަށެވެ.
އަދި ޤަރީނާތަކަށް ނުވަތަ ވަށައިގެންވާ ކަންކަމަށް ބަލައިގެން ވާހަކަ ދެއްކުމުގައި އެކި މާނަތައް ނެގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިސާލަކަށް، "މީސްތަކުންގެ ކަރުތައް ގުދުކުރުވާ މީހާ" މި ޢިބާރާތުން ރަސްކަލެއްގެ މާނަ ނެގުނު ނަމަވެސް، އެހެން ޤަރީނާތަކަކުން އެހެން މާނައެއް މިސާލަކަށް ބޯކޮށާ މީހާ ފަދަ މާނަތައް ނެގިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ބަލާޣާތުގެ އުސްލޫބުތައް ޢަރަބި ޅެންތަކުން ވެސް ފެންނަ ކަމަށާއި، އިމްރުލް ޤައިސް ފަދަ ޝާޢިރުންގެ ޅެންތަކުގައި ވެސް މިފަދަ "ކިނާޔާ" ބޭނުންކޮށްފައިވާ ކަމަށް ޑރ. ސަލާމާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ކީރިތި ޤުރްއާނުގައި މި އުސްލޫބު އައިސްފައިވަނީ އެންމެ މަތީ ދަރަޖައިގައި، ލަފްޒުތައް މަދު، އެހެންމަަވެސް މާނަ ފުން ކޮށް ތައުބީރުކޮށްދެއްވުމަށެވެ.
ޑރ. ސަލާމާ ދާވޫދު ވިދާޅުވީ، ޢަރަބި ބަހުގެ މި މާނައިގެ ފުންކަމާއި މުއްސަނދިކަމަކީ ޤުރްއާނުގެ މުޢުޖިޒާތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މިފަދަ ބަލާޣާތީ ނުކުތާތައް ދެނެގަތުމަކީ ލާޒިމު ކަމެއް ކަމަށެވެ.




