ލަންޑަންގެ އުތުރުން ބެޑްފޯޑް ކައިރީގައި ދެ ރޭލު މުޑިއަރައިގެން އެކްސިޑެންޓުވެ، ރޭލުގެ ޑްރައިވަރަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ. އީސްޓް މިޑްލަންޑްސް ރޭލްވޭގެ ދެ ރޭލު މުޑިއެރި މި ހާދިސާ ހިނގާފައިވަނީ ހަވީރު 5:15 ހާއިރު، އެ ރޭލުތައް ލަންޑަންގެ ސެއިންޓް ޕެންކްރަސް ސްޓޭޝަނަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައެވެ.
މި އެކްސިޑެންޓުގައި 11 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އިތުރު 22 މީހަކަށް ބޮޑެތި ޒަޚަމްތައް ލިބި، 56 މީހަކަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް އެމްބިއުލާންސް ޚިދުމަތުން ހާމަކޮށްފައިވެއެވެ. މަރުވި މީހާއަކީ ރޭލުގެ ޑްރައިވަރުކަން ރޭލްވޭ ޔޫނިއަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެއް ރޭލުގެ ކުރީކޮޅު ވަނީ އަނެއް ރޭލުގެ ފަހަތު ބަޔާ ތާށިވެ ފިތިފައި ހުއްޓެވެ.
ރޭލުގައި ތިބި ފަސިންޖަރުން ސިފަކުރި ގޮތުގައި، އެކްސިޑެންޓު ހިނގި ވަގުތު އިހުސާސްވެގެން އައީ ވަރަށް ކުއްލި އަދި ބާރުގަދަ ޖެހުމެކެވެ. މި ހާދިސާގައި ބައެއް މީހުންގެ ތަންތަން ބިންދައިގެން ދިޔަ ކަމަށްވެސް ފަސިންޖަރުން ކިޔައިދިނެވެ. އަދި މި ހާދިސާއާ ގުޅިގެން ސެއިންޓް ޕެންކްރަސް ސްޓޭޝަނުން ކުރާ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން މެދުކަނޑާލާފައިވެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއެރ ސްޓާމަރް ވަނީ މި ހާދިސާގައި މަރުވި ފަރާތުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި، އަނިޔާވި ފަރާތްތަކަށް ހެޔޮ އެދިވަޑައިގެންފައެވެ. މިހާރު އެ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތަކާއި ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާ ޓީމުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.






