މާރުކޭޓް ކޮމްޕްލެކްސްގެ މަޝްރޫޢަށް ސިޓީ ކައުންސިލުން ހުރަސްއަޅާ: ރައީސްގެ ކަންބޮޑުވުން

މާލޭގައި ސަރުކާރުން އިމާރާތްކުރަން ނިންމާފައިވާ ޒަމާނީ މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް ބޭނުންވާ ބިން ހުސްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ދެކޮޅު ހަދަމުންދާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުގެ ޕޮޑްކާސްޓެއް ކަމަށްވާ "ދަ ޕަލްސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޝްރޫޢަށް ބޭނުންވާ ފައިސާ ހަމަޖެހި، ކޮންޓްރެކްޓަރުން ކަނޑައެޅިފައިވާތާ ހަތަރު މަސް ދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް އެކި އުޒުރުތައް ދައްކައި، ސިޓީ ކައުންސިލުން ބިން ހަވާލުކުރަން ދެކޮޅު ހަދަމުން ދިއުމުގެ ސަބަބުން މަސައްކަތް ފެށުން އޮތީ ލަސްވެފައެވެ.

"ކައުންސިލުން އެ ބިން ހަވާލެއް ނުކުރޭ. އެކި އުޒުރާއި ބަހަނާ ދައްކާ އެއްގޮތަކަށްވެސް އެކަން ވާނެ ގޮތެއް ނުދެއްކި. ސަރުކާރުން މިކަމަށް ޙައްލެއް ގެނެސް މިކަން ކުރާނަން،" ރައީސް ވިދާޅުވިއެވެ.

އައު މާރުކޭޓް ކޮމްޕްލެކްސްއަކީ ސްޓޭޓް އޮފް ދި އަރޓް ފެސިލިޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ މާލޭގެ މަސްވެރިންނަށާއި، ވިޔަފާރިވެރިންނަށް އެންމެ މުހިންމު އެއް މަޝްރޫޢެވެ. އެގޮތުން މިހާރު މާލޭގައި ވަކިވަކިން ހިންގަމުން އަންނަ މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓް އެއް އިމާރާތަކަށް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެވެ.

މާލޭގައި މިހާރު ހިންގަމުން އަންނަ ހުރިހާ މާރުކޭޓުތައް އެއް އިމާރާތަކަށް ބަދަލުކުރާނެއެވެ. މަސް މާރުކޭޓް، ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓްވެސް ހިންގާނީ އެ އިމާރާތުގައެވެ.

މި މަޝްރޫޢު އަވަސްކުރުމުގެ ގޮތުން، މިހާރު އެތަނުގައި ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް ވަގުތީ ގޮތުން އެހެން އިންތިޒާމުތަކެއް ހަމަޖައްސައި، ވީ އެންމެ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް ރައީސް ޔަގީންކޮށްދެއްވިއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ދިހަވަނަ ދުވަހަށް މި މަސައްކަތް މުޅިން ނިންމައި ޚިދުމަތަށް ހުޅުވާލުމެވެ.

ޖުމްލަ 126.34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި ހަ ފަންގިފިލާގެ އިމާރާތުގައި 455 ކިއޮސްކް ހުންނާނެއެވެ. 95،000 އަކަފޫޓަށްވުރެ ބޮޑު މި އިމާރާތާއެކު މާލޭގެ ބާޒާރުމަތީގެ މަލަމަތި މުޅިން ބަދަލުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ހިއްސާ ކުރައްވާ!