ފުޓުބޯޅަ ތަރިއަކާ ބެހޭ ގޮތުން ދެއްކި ވާހަކައިން ޕްރެޒެންޓަރު ސަސްޕެންޑް ކޮށްފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ފެނިގެންދިޔަ އިންސާނީ ވާހަކައެއް، ފަރަންސޭސިވިލާތުގެ މީޑިއާގައި ބޮޑު މައްސަލައަކަށް ބަދަލުވެއްޖެއެވެ. "ޓީމް އޮފް ޑްރީމްސް" ޕްރޮގްރާމްގެ ހުށަހެޅުންތެރިޔާ ފްރާންސް ބެރޯން، ބެލްޖިއަމްގެ ކުޅުންތެރިޔާ ޖެރެމީ ޑޮކޫ އޭނާގެ ފުރަތަމަ ދަރިފުޅު ލިބޭ ވަގުތު އާއިލާ ކައިރީގައި ހުރުމަށްޓަކައި ޤައުމީ ޓީމުގެ ކޭމްޕް ދޫކޮށް ދިއުމުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

 ފްރާންސް ބެރޯން ބުނި ގޮތުގައި، ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި ޤައުމީ ޓީމު ތަމްސީލުކުރުން ވާންވާނީ އެންމެ އިސްކަންދޭން ޖެހޭ ކަމަށެވެ. އަދި ދަރިއަކު ލިބޭ ވަގުތު އާއިލާ ކައިރީގައި ހުރުމަށް ޑޮކޫ ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށް ވެސް ބުންޏެވެ.

މި މޭރުމުން ފްރާންސް ބެރޯން ދެއްކި ވާހަކަތަކުގައި އިންސާނީ ޝުއޫރަށް އިހުތިރާމު ކުޑަކޮށް ވާހަކަ ދެއްކުމުން، އާންމުންގެ ފަރާތުން ބޮޑު ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، ވޯލްޑް ކަޕްގައި ކުޅުންތެރިން ބައިވެރިވުމަކީ މުހިންމު ކަމެއް ނަމަވެސް، ދަރިއަކު ލިބުމަކީ އިންސާނީ ހަޔާތުގައި ދެވަނަ ފަހަރަށް ނުލިބޭނެ ވަރަށް ޚާއްސަ ވަގުތެކެވެ.

މިކަމާ ގުޅިގެން ފާޅުވި ނުރުހުންތަކާއެކު، އެ ޕްރޮގްރާމް ވަގުތުން މެދުކަނޑާލައި، އެ ހުށަހެޅުންތެރިޔާ ސަސްޕެންޑް ކޮށްފައި ވެއެވެ.

މި މައްސަލަ ރައްދުވާ ކުޅުންތެރިޔާ ޖެރެމީ ޑޮކޫ ބުނެފައިވަނީ، ޓީމު ދޫކޮށް ދިއުމަކީ އޭނާއަށް ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް، ބައްޕައެއްގެ ހައިސިއްޔަތުން އެ ވަގުތު އާއިލާ ކައިރީގައި ހުރުމަކީ އޭނާގެ ހަޔާތުގައި އެންމެ އިސްކަންދޭންޖެހޭ ކަން ކަމުގައި ޤަބޫލުކުރި ކަމަށެވެ. ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް އޭނާގެ މި ނިންމުމަށް އިހުތިރާމުކޮށްފައިވެއެވެ.

މި ހާދިސާއާ ޚިލާފަށް، ނޯވޭގެ ޑިފެންޑަރ ލިއޯ އޮސްޓީގާޑް ވަނީ މުޅިން ތަފާތު ގޮތަކަށް އަމަލުކޮށްފައެވެ. އޭނާ ޓީމުގެ ކޭމްޕް ދޫކޮށް ނުގޮސް، ދަރިފުޅު ލިބުނު ވަގުތު އޭނާގެ އަނބިމީހާއާ ވީޑިއޯ ކޯލް މެދުވެރިކޮށް ގުޅައިގެން އެ ވަގުތު އުފަލުގައި ބައިވެރިވެފައި ވެއެވެ. އޭނާގެ ނިންމުމަށް ވެސް ގިނަ ބަޔަކު ތައުރީފު ކުރިއެވެ.

ހިއްސާ ކުރައްވާ!