މިޞްރުގެ ބައިނަލްއަޤްވާމީ ސްކޫލްތަކުގައި "ޤައުމިއްޔަތު" މާއްދާތަކުން ގިނަ އަދަދެއްގެ ދަރިވަރުން ފެއިލްވެ މައްސަލަ ހޫނުވެއްޖެ

މިޞްރުގެ ބައިނަލްއަޤްވާމީ ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާތަކުން ދަރިވަރުން ފެއިލްވާ ނިސްބަތް މަތިވުމާ ގުޅިގެން، ތަޢުލީމީ ދާއިރާގެ އޮފިޝަލުންނާއި، ތަޢުލީމީ ތަޖުރިބާކާރުންނާއި އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުސެއް ވަނީ ފެށިފައެވެ.

ސަރުކާރުން ވަނީ ޤައުމީ ވަންތަކަން ވަރުގަދަކުރުމާއި ތަޢުލީމީ ދާއިރާގައި ހަރުދަނާކަން އިތުރުކުރުމުގެ ގޮތުން، ޢަރަބި ބަހާއި، އިސްލާމީ ތަރުބިޔަތާއި، އިޖްތިމާޢީ ޢިލްމު ފަދަ މާއްދާތައް ކިޔަވައިދިނުމާއި ވަޒަންކުރުމުގެ އުޞޫލުތައް މިހާރަށްވުރެ ހަރުދަނާކޮށްފައެވެ. ނަމަވެސް، މި ބަދަލުތައް ތަންފީޒުކުރުމުގައި، ގިނަ ދުވަސްތަކެއް ވަންދެން ބޭރު ބަހުން ތަޢުލީމު ހާސިލުކުރި ދަރިވަރުންގެ ޤާބިލުކަމަށް ރިއާޔަތްކޮށްފައި ނުވާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ތަޢުލީމީ ވުޒާރާއިން ބުނި ގޮތުގައި މި ސްކޫލުތަކުގައި މި މާއދާތަކުން ކުދިން ފާސްކޮށްދީފައި ވަނީ މަކަރަކުން ކަމަށެވެ. އެ ވުޒާރާގެ ހޯދުންތަކުން އެނގުނު ގޮތުގައި ބައެއް ސްކޫލްތަކުގައި ގައުމިއްޔަތު މާއްދާތަކުން 100 އިންސައްތަ ދަރިވަރުން ފާސްވާ ކަމަށާއި، ނަމަވެސް އެ ސްކޫލްތަކުގެ ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ބެލިއިރު އެއްވެސް ޖަވާބެއް ލިޔެފައި ނެތް ކަމަށް ދައްކައެވެ. މިއީ މަކަރު ހަދާފައިވާކަމުގެ ހެއްކެއް ކަމަށް ވުޒާރާއިން ދެކެއެވެ.

މިސްރުގައި ޤާނޫނީ ގޮތުން އިސްލާމީ ތަރުބިޔަތުން ފާސްވާން 70 އިންސައްތަ ލިބުން ލާޒިމުކޮށްފައި ވަނީ ދަރިވަރުންގެ އަޚްލާޤާއި ގައުމީ އަގުތައް ވަރުގަދަކުރުމަށް ކަމަށް ބުނެއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އީރީން ސަޢީދު ވިދާޅުވީ، ދިގު މުއްދަތަކަށް އިނގިރޭސި ބަހުން ކިޔެވި ދަރިވަރުންނަށް ޢަރަބި ބަހުން މި މާއްދާތައް ދިރާސާކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި 70 އިންސައްތައިން ފާސްވާން ޖެހުމަކީވެސް ދަރިވަރުންނަށް އޮތް ބުރައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ތަޖުރިބާކާރު ތާމިރު ޝައުޤީ ވިދާޅުވި ގޮތުގައި، މި މައްސަލަ ދިމާވީ މާއްދާތައް ކިޔަވައިދިނުމުގައި ގެންގުޅުނު ފަރުވާކުޑަ ގޮތްތަކާއި، ކުއްލިއަކަށް ހަރުކަށި އުޞޫލުތައް ތަންފީޒުކުރުމުންނެވެ.

ގައުމިއްޔަތުގެ މާއދާތައް ކިޔަވައި ދޭން ސަރުކާރުން ބޭނުންވަނީ ޤައުމީ ވަންތަކަން ހިމާޔަތް ކުރަން ކަމަށާއި، ނަމަވެސް އެކަން ކުރުމުގައި ދަރިވަރުންނަށް ބުރައެއް ނުވާނެ ގޮތަކަށް އިންސާފުވެރި ނިޒާމެއް ޤާއިމުކުރުމަކީ މިހާރުގެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ހިއްސާ ކުރައްވާ!